ކަޝްމީރުގެ މައްސަލަ

ރާހުލް ގާންދީ ކަޝްމީރަށް ވަޑައިގަންނަވަނީ

އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ކަޝްމީރަށް ވަޑައިގަތުމުގެ ދަތުރު ފައްޓަވައިފި އެވެ.

ރާހުލް ގާންދީ ކަޝްމީރަށް މި ވަޑައިގަންނަވަނީ ކަޝްމީރަށް އެތެރެވެވޭނެ އަދި ކަޝްމީރުގެ އެތެރޭގެ ހުރިހާ މަގެއްހެން ސިފައިން ބަންދުކޮށްފައި ވަނިކޮށެވެ. ރާހުލް ގާންދީގެ އިތުރުން ކޮންގްރެސް ޕާޓީގެ އިސް އެހެން ފަރާތްތަކުން ވެސް ކަޝްމީރަށް ދަތުރު ކުރައްވާނެ އެވެ.

ކޮންގްރެސް ޕާޓީގެ މިދަތުރުގެ ބޭނުމެއް އަދި އެގިފައެއް ނުވެ އެވެ. ރާހުލް ގާންދީ ކަޝްމީރަށް ވަޑައިގަންނަވާނީ ހެލިކެޕްޓަރެއްގަ އެވެ. މި ދަތުރުފުޅާ ގުޅުވައިގެން ކަޝްމީރުގެ ކަންތައް ބަލަހައްޓާ ސަލަމާތީ އޮފީހުން ބުނީ، ކަޝްމީރުގެ ހަމަނުޖެހުންތައް ގޯސްކުރަން މަސައްކަތް ކޮށްފިނަމަ އެ މައްސަލަ ބަލާނެ ކަމަށާއި، އަދި ވަނުން މަނާ ތަނަކަށް ނުވަތަ ސަރަހައްދަކަށް ވަދެފިނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ބުނީ، ރާހުލް ގާންދީ ކަޝްމީރަށް ވަޑައިގަންނަވަނީ އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުމަށް ކަމަށެވެ. މި ބައްދަލުވުމުގައި ސަރުކާރާއި ދެކޮޅު ގިނަ އިދިކޮޅު ޕާޓީތަކުން ބައިވެރިވާނެ އެވެ. ނަމަވެސް ކަޝްމީރުގައ ބައްދަލުވުން ބާއްވާ ސަބަބު އެ ނޫހުން ވެސް ބުނެފަ އެއް ނުވެ އެވެ.

ކަޝްމީރުގައި އިންޑިއާގެ ވެރިކަން ކުރަމުންދާ ބީޖޭޕީ އާ ދެކޮޅަށް މުޒާހަރާ ކުރި މުސްލިިމް އިދިކޮޅު ސިޔާސީ ލީޑަރުން ވަނީ ސިއްރު ތަނެއްގައި ބަންދުކޮށްފަ އެވެ. އެމީހުން ބީޖޭޕީ އާ ދެކޮޅަށް މުޒާހަރާކުރީ ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތަށް އުވާލުމުންނެވެ. އިމްތިޔާޒުތަށް އުވާލުމުން ކަޝްމީރުގެ އާންމު ހާލަތު ގޯސްވެ މިހާރު ވަނީ، ކާފިއު ހިންގާ މުވާސަލާތީ ހިދުމަތްތަށް ލިމިޓްކޮށް، ކަޝްމީރުގެ މަގުތަށް ބަންދުކޮށްފަ އެވެ.