ހަބަރު

އުކުޅަހު ކޮންވެންޝަން ސެންޓަރުގެ ހަވާލުކޮށްފި

އަމީން ކޮންސްޓަރްކަޝަން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ މިދިޔަ މަހުގެ ފަހުކޮޅު ހަވާލު ކުރި އއ. އުކުޅަސް ކޮންވެންޝަން ސެންޓަރުގެ މަސައްކަތް މަސް ދުވަހުން ނިންމައި އެ އަތޮޅު ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ.

އުކުޅަހު ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންވެންޝަން ސެންޓަރު ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ޝަކުއަތު އިބްރާހިމެެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މަޝްރޫއަކީ މިހާތަނަށް އެންމެ ބާރު ސްޕީޑްގައި ނިމިގެން ދިޔަ މަޝްރޫއު ކަމަށެވެ. އަދި އެ ކޮންވެންޝަން ސެންޓަރަކީ އުކުޅަހުގެ މުސްތަގުބަލުގައި ވަރަށް ގިނަ މުހިއްމު ބޭނުންތަކެއް ކުރެވިގެންދާ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބާރު ސްޕީޓުގައި އެއްވެސް ދަތި ކަމެއް ނެތި މިހާ ފުރިހަމަކޮށް މިފަދަ މަޝްރޫއުތައް ނިމިގެން ދިއުމަކީ ލޯކަލް ކޮންޓްރެކްޓަރުންގެ ގާބިލު ކަން އެނގިގެން ދިޔަ ކަމެއް، އަދި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ސްޕީޑް ހަލުވި ކަން މި މަޝްރޫއިން ފާހަގަވެގެން ދިޔަ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ހަތަރު ސަތޭކަ މީހުންގެ ޖަގައިގެ އެ ކޮންވެންޝަން ސެންޓަރަށް 20.8 މިލިއަން ރުފިޔާ ހޭދަ ކުރި އެވެ. އޭގެ ތެރެއިން 14.8 މިލިއަން ރުފިޔާއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިން ފައިސާ އެވެ.

އެ ސެންޓަރުގައި މަލްޓި ޕާޕަސް ހޯލަކާއި މީޓިން ރޫމަކާއި ވީއައިޕީ މީޓީން ރޫމަކާއި ދެ ކްލާސް ރޫމާއި އިދާރީ އޮފީހަކާއި ވެއިޓިން އޭރިއާއެއްގެ އިތުރަށް އަށް ފާހަނާ ހިމެނެ އެވެ. އަދި ކެފެޓީރިއާ ސަރަހައްދެއް ވެސް ހިމަނައިފައި ވެއެވެ.