ޕްލެނެޓް މާސް އަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނަކަށް ހެދުމުގެ މަސައްކަތް ޖައްވީ ހޯދުންތައް ދިރާސާ ކުރާ އޯގަނައިޒޭޝަންްތަކާއި ކުންފުނިތަކާއި ގައުމުތައް ކުރަމުންދެ އެވެ. އެ މަސައްކަތަށް އާ ބޮޅެއް އިތުރުވެގެން އުޅޭތާ މިހާރު އަހަރުތަކެެއް ވެދާނެ އެވެ. އެއީ ހަނދުގައި ވެސް އިންސާނުންނަށް އެކަށީގެންވާ މާހައުލެއް އުފެއްދިދާނެތީ ކުރާ މަސައްކަތެވެ. މިއީ އިންސާނުން ހަނދަށް ފޮނުވުމަށް ކުރަން ޖެހޭ ހޭދައަށްވުރެ ދެ ގުނަ ބޮޑު ހޭދައެއް ކުރަން ޖެހޭ މަސައްކަތެވެ. މިކަން އެންމެ ފުޅާ ދާއިރާއެއްގެ ގޮތުގައި ކުރަނީ އިނގިރޭސިވިލާތުންނެވެ.
ހަނދަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްތޯ ބަލަން މިހާރު އިނގިރޭސިވިލާތުގެ ސައިންސްވެރިން ވަނީ ހަނދަށް ބެކްޓީރިއާ ފޮނުވަން ނިންމާފަ އެވެ. މި ބެކްޓީރިއާތައް މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ވަނީ ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަން (އައިސްއެސްއެސް) އަށް ގެންގޮސް ގުދަން ކޮށްފަ އެވެ. މި ބެކްޓީރިއާތައް ހަނދަށް ފޮނުވަނީ ހަނދުގައި ހުންނަ ހިލަ ތަކުން މިނަރަލް ހޯދުމުގެ މަސައްކަތް ކުރާށެވެ. އަދި ގްރެވިޓީ ނުހުންނަ ތަނެއްގައި ބެކްޓީރިއާ ހަރަކާތްތެރިވާ ގޮތް ބަލައި ދިރާސާކޮށް، ގްރެވިޓީ ނެތި އިންސާނުންނަށް ހަނދުގައި ދިރި އުޅެވޭނެ ގޮތް ދެނެގަތުމަށެވެ.
ސައިންސްވެރިން ހަނދަށް ފޮނުވަނީ ހަތަރު ވައްތަރެއްގެ ބެކްޓީރިއާ އެވެ. އޭގެ އެއް ވައްތަރަކީ ބިމު އަޑީގައި ހުންނަ ހިލަ ތަކުގައި ދިރިއުޅޭ ބެކްޓީރިއާ އެވެ. ހަނދުގައި ގިނަ އަދަދަކަށް ހިލަ އެކުލެވިގެން ވެއެވެ. އަނެއް ވައްތަރަކީ ހިލަތައް، ވެއްުޔަށް ބަދަލު ކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ބެކްޓީރިއާ އެކެވެ. މި ބެކްޓީރިއާ ފޮނުވުމުގެ ބޭނުމަކީ ހަނދުގައި ހުންނަ ހިލަތައް ވެއްޔަށް ބަދަލު ކުރުމެވެ.
ދެން ފޮނުވާ ދެ ވައްތަރުގެ ބެކްޓީރިއާގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެެވެ. ނަމަވެސް ބެލެވޭ ގޮތުގައި ދެން ފޮނުވަނީ ފެނުގެ އަސަރު ނުހުންނަ ތަންތަނުގައި އުޅޭ ބެކްޓީރިއާގެ ބާވަތެކެވެ.
"އަޅުގަނޑުމެން ބަލަން ބޭނުން ވަނީ މި ބެކްޓީރިއާތައް ޖައްވުގައި ހަރަކާތްތެރިވާ ގޮތް، އެކަމުގެ ސަބަބުން އިންސާނުން އާބާދު ކުރަން ކުރާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބޭނެ" އިނގިރޭސިވިލާތުގެ ސެންޓާ ފޯ އެސްޓްރޯބަޔޮލޮޖީ ޔުނިވާސިޓީ އޮފް އެޑިންބާގްގައި މަސައްކަތް ކުރާ ޕްރޮފެސާ ޗާލެސް ކޮކްކެލް ނާސާގެ ބަޔާނަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
ބެކްޓީރިއާތައް ހަނދުގައި ހަރަކާތްރިވަމުން ދާއިރު، ސައިންސްވެރިން ގެންދާނީ ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަންގައި ތިބެގެން، ބެކްޓީރިއާތަކަށް ހިލަތަކުން ބޭރު ކުރެވޭ އަޔަން އާއި ކެލްސިއަމް އަދި މެގްނީޒިއަމްގް އަދަދު ބަލަމުންނެވެ. އެކަން ކުރަނީ ބެކްޓީރިއާ ދުއްވާލާ ހިލަތަކުގައި ހާއްސަ ޑިވައިސެއް ހައްޔަރު ކޮށްގެންނެވެ.
ހަނދުގައި މީގެ އެތަކެއް އަހަރު ކުރިން މިނަރަލްގެ ބާވަތްތައް ހިމެނޭ ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އަދި އެ މިނަރަލްތައް ހިމެނެނީ ހިލަތަކުގައި ކަމަށް ވެސް އެ ދިރާސާއިން އެނގުނެވެ. އަދި ހަނދުގެ ހިލަތަކުގައިވާ މިނަރަލްސްތަކަކީ ދިރުމެއް ނުވަތަ އޭލިއަނުން ކަމަށް ސައިންސެވެރިން ބަލައިގެންފައެއް ނުވެއެވެ.
ހަނދަށް ބެކްޓީރިއާ ފޮނުވުމުގައި ކަންބޮޑުވުމެއް އެބަ އޮތެވެ. އެއީ ހަނދަކީ ދިރޭ އެއްވެސް އެއްޗަކަށް އެކަށީގެންވާ މާހައުލެއް ކަމަށް އަދި އެއްވެސް ދިރާސާއަކުން ދައްކާފައި ނުވުމެވެ. ހަނދަށް ދިޔަ ނާސާގެ އެސްޓްރޮނޯޓުން ބުނެފައިވާ ގޮތުގައި ހަނދަކީ ވިހަ އެކެވެ. އަދި ހަނދަށް ގިނަ އަދަދެއްގެ ބިން ހެލުމާއި ވެލީގެ ތޫފާންތައް އާދެ އެވެ.
އެކަމަކުވެސް ހަނދުގަ އާއި މާސްގައި އިންސާނުން އާބަދު ކުރަން މަސައްކަތް ކުރާ ގައުމުތަކުންނާއި އަމިއްލަ ފަރާތްތަކުން ދަނީ އެކަން ކާމިޔާބު ކުރާނެ ކަމަށް ހުއްޓާ ނުލައި ބުނަމުންނެވެ. އެ މީހުން އެތަކެއް ބިލިއަން ޑޮލަރު ހޭދަ ކޮށްލަނީ ކާމިޔާބު ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް އެކްސްޕެރިމެންޓް ތަކަށެވެ.