ނައުޝާގެ ހެލްތު ކޮލަމް

ނުނިދަނީއެއް ނޫން، ނިދި ނާންނަނީ!

ނިންޖަކީ އެއާ ނުލާ އިންސާނާއަށް ނޫޅެވޭނެ އެއްޗެކެވެ. ހަމަ ނިދި ލިބުމަކީ ދުވަހުގެ މަސައްކަތްތައް ރަނގަޅަށް ކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ވެސް ބޭނުންވާ އެއްޗެކެވެ. ނަމަވެސް ނިދަން އުޅޭ ވަގުތުގައި ނިދިނައުމަކީ ގިނަ ބަަޔަކަށް ދިމާވާ މައްސަލެއެކެވެ. އޭގޮތުން ނިދާ ގަޑިޖެހުމުން ނިދަން އޮށޯތަސް ނުނިދުމާއި ނިދުނަސް އަވަސް އަވަހަށް ހޭލެވުމާއި ނިދި ހަމަ ނުވަނީސް ހޭލެވި ދެން ނިދަން އުނދަގޫވުން ފަދަ ގިނަ މައްސަލަތައް ކުރިމަތިވެއެވެ. މިފަދަ މައްސަލަތައް ދިމާވާނަމަ ވަރުބަލިކަން އިހްސާސްވުމަށާއި ދުވަހުގެ މަސައްކަތްތައް ފުރިހަމައަށް ނުކުރެވުން ގާތެވެ.

ނިދިނައުން ނުވަތަ އިންސޮމްނިއާގެ އަލާމާތްތައް

  • ނިދަން އުނދަގޫވުން އަދި ނިދިން ގިނަ ގިނައިން ހޭލެވުން
  • ދުވާލުގެ ވަގުތުގައި ވަރުބަލިކަމާއި ނިދިއައުން އިހްސާސް ކުރެވުން
  • ކަންތައްތައް ހަދާން ނެތުން
  • ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް އުނދަގޫވުން
  • ކަންތައްކަތާމެދު ފަސޭހައިން ރުޅިއައުން / ހިތްހަމަ ނުޖެހުން
  • ހާސްވުން
  • ކަންކަމަށް ހުންނަ ޝައުގުވެރިކަން ކުޑަވުން
  • ނިދިނައުމާ ދޭތެރޭ މާބޮޑަށް ވިސްނުން

ނިދިނައުމުގެ ސަބަބުން ފެންނަ ގިނަ އަލާމާތްތަކުގެ ތެރެއިން ފާހަގަ ކޮށްލަން ޖެހޭ އެއްކަމަކީ ނިދުމަށް އުނދަގޫވާ ފަރާތްތަކުން އެކަމާމެދު ފިކުރުކުރާ ކުރުމެވެ. ނުނިދޭތާ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން ނިދަން އޮށޯންނައިރު ނުނިދިގެން އެތައް ގަޑިއިރެއް އޮންނަޖެހޭނެ ކަމަށް ވިސްނާ އެކަމާމެދު ފިކުރުކޮށް ހާސްވުމުގެ ސަބަބުން އިތުރަށް ނިދިއައުމާ ދުރުވެގެން ދެއެވެ.

ނިދިނައުން މެދުވެރި ކުރުވާ ސަބަބުތައް

ނިދިނައުން މެދުވެރިކުރުވާ ގިނަ ސަަބަބުތަކެއް ފާހަގަ ކުރެވިފައިވެ އެވެ. އޭގޮތުން ޝޯޓް ޓާމް އިންސޮމްނިއާ ނުވަތަ ތިން މަހަށްވުރެ ކުރު މުއްދަތަކައް ނިދިނައުމުގެ މައްސަލަ ދިމާވުމަށް މެދުވެރި ކުރުވާ ކަމަށް ބެލެވިފައިވާ އާންމު ސަބަބުތަކެއް ވެއެވެ.

  • ދިރުއުޅުމުގައި ދިމާވާ ތިމާ ހާސްވެ ކަންބޮޑުވުމަށް މެދުވެރި ކުރުވާ ކަންތައްތައް
  • ނިދާ މާހައުލަށް އަންނަ ބަދަލުތައް (ފިނި ހޫނުމިން، އަލި، އަޑު)
  • ބައްޔެއް ނުވަތަ އޮޕަރޭޝަންއެއްގެ ސަބަބުން ހަށިގަނޑުގެ ތަނެއްގައި ތަދެއް ހުރުން
  • ކޮފީ އަދި ބައެއް ބޭސް ބޭނުން ކުރުން ހުއްޓާލުން
  • ނައިޓް ޝިފްޓް މަސައްކަތް ކުރާ ފަރާތްތައް

މިއާ ހިލާފަށް ތިން މަހަށް ވުރެން ގިނަ މުއްދަތަކަށް ނިދިނައުމުގެ މައްސަލަ މެދުވެރިވާނަމަ މިއަށް ކިޔާ އުޅެނީ ލޯންގް ޓާމް އިންސޮމްނިއާ އެވެ. ލޯންގް ޓާމް އިންސޮމްނިއާ މެދުވެރިވުމަށް މަގުފަހިކުރުވަފާނެ ސަބަބުތައް ވެސް ހުރެ އެވެ.

  • ގަވައިދުން ވަކި ގަޑިތަކެއްގައި ނުނިދުމާއި ނުހޭލުން
  • ޑިޕްރެޝަން، އެންޒައިޓީ ފަދަ ނަފްސާނީ ސިއްހީ މައްސަލަތައް
  • ބައްޔެއްގެ ސަބަބުން ނޭވާލާން އުނދަގޫވުން، ހާސްވެ ކަންބޮޑުވުން، ރިހުން ހުރުން
  • ޕާކިންސަންސް އަދި އަލްޒައިމާޒް ޑިސީސް ފަދަ ނާރުގެ ބަލިތައް

އަދި މިނޫންވެސް އެހެނިހެން ސިއްހީ މައްސަލަ ތަކުގެ ސަބަބުން ނިދިނައުމަށް މެދުވެރިވެދާނެ އެވެ. އަދި ބައެއް ފަހަރު ވަކި ސަބަބެއް ނެތިވެސް ނިދިނައުމަށް މެދުވެރި ކުރުވައިފާނެ އެވެ.

ނިދިނައުމަކީ އެހެން ސިއްހީ މައްސަލައެއްގެ އަލާމާތަކަށް ވުން ވަރަށް އެކަށީގެން ވެއެވެ. އެފަދަ ހާލެއްތަކުގައި ނިދިނާންނަ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ސިއްހީ މައްސަލަތަކަށް ފުރަތަމަ ފަރުވާއެއް ހޯދުން މުހިންމުވާނެ އެވެ. ވީމާ ނިދި އައުމަށް އުނދަގޫތަކެއް ވާކަން ފާހަގަ ކުރެވޭނަމަ އެކަމާމެދު ލަފާއެއް ހޯދުމަށް ޑޮކްޓަރަކާ ވާހަކަ ދެއްކުން ވަރަށް މުހިންމުވާނެ އެވެ. ނިދި އައުމަށް އެހީތެރި ވުމަށް ބޭހެއް ދޭން ޖެހިއްޖެ ހާލަތެއްގައި ޑޮކްޓަރުން ބޭހެއް ދޭނެ އެވެ. އަދި ބޭސް ބޭނުންކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ހަ،މަ ނިދި ލިބުމަށް އެހީތެރިވެދޭނެ އެވެ.

ބޭސް ބޭނުން ކުރުމުގެ އިތުރުން ނުވަތަ ބޭސް ބޭނުން ކުރުމުގެ ކުރިން ދިރިއުޅުމަށް ބައެއް ބަދަލުތަކެއް ގެނައުމަށްފަހު ހަމަ ނިދި ލިބޭތޯ ބެލިދާނެ އެެވެ. އޭގެތެރޭގައި ތިރީގައި މިވާކަންކަން ހިމެނިދާނެ އެވެ.

  • ކެފެއިން އެކުލެވޭ ބުއިންތަކާ ރޭގަނޑު ދުރުވުން
  • ސިނގެރެޓް އަދި ދުންފަތް ބޭނުން ކުރާ ފަރާތެއްނަމަ ނިދުމުގެ ދެތިން ގަޑިއިރު ކުރިން އެފަދަ ތަކެތި ބޭނުން ނުކުރުން
  • ގަވައިދުން ކަސްރަތު ކުރުން
  • ނިދަން ކައިރިކޮށް ގިނައިން ނުކެއުން
  • ރޭގަނޑު ކެއުން އެންމެ މަދުވެގެން ނިދުމުގެ ތިންގަޑި އިރު ކުރިން ކެއުން
  • ނިދާ މާހައުލު އަލި މަޑުކޮށް، އަޑު މަޑުކޮށް އަދި ފިނިހޫނުމިން ހެޔޮވަރުވަރެއްގައި ބެހެއްޓުން
  • ނިދަން އޮށޮވެފައި އެކި ކަންކަމާމެދު ފިކުރުކުރުމާ ދުރުހެލިވުމަށް މަސައްކަތް ކުރުން
  • ނިދިއައުމުން ނޫނީ ނު އޮށޯތުން
  • އެނދަކީ ނިދުމަށް ހާއްސަތަނަކަށް ހެދުން
  • ނިދަން އޮށޯތުމަށްފަހު ވިހި މިނިޓް ތެރޭގައި ނުނިދިއްޖެނަމަ ތެދުވެ އެހެން ކަމެއް ކުރުމަށްފަހު ނިދިއައުމުން އޮށޯތުން
  • ކޮންމެ ދުވަހަކުވެސް އެއް ވަގުތެއްގައި ތެދުވަން އާދަކުރުން
  • ދުވާލު ވަގުތުގައި ނުނިދުން