"ދިވެހި އިގްތިސާދުގެ ލޭނާރަކީ މަސްވެރިކަމެވެ." މިއީ އަބަދު ވެސް ދިވެހި އިގްތިސޯދުގެ އެންމެ މުހިއްމު އެއް ސިނާއަތަކީ މަސްވެރިކަން ކަމުގައި އަންގައި ދިނުމެއް ބުނެ އުޅޭ ވެސް ވާހަކަ އެވެ. ނަމަވެސް ވޭތުވެދިޔަ އެތައް އަހަރުތަކުގައި މަސްވެރިން ތިބީ ހަމަ އެއް ޝަކުވާތަކެއްގެ މަތީގައެވެ. އެއީ އައިސް ނުލިބި ބާނާ މަސް ކިރުވާނުލެވި އެތައް ދުވަހަކު ތިބެން ޖެހޭތީ އެވެ. މަސް ވަގުތުން ކިރާލައިގެން ބޭނި މަހަށް ފައިސާ ނުލިބޭތީ އެވެ. ބާނާ މަހަށް ހަމަ އަގު ނުލިބޭތީ އެވެ. އެހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުން ފަދައިން މަސްވެރިންނަށް ޕެންޝަން، އިންޝުއަރެންސް، އަދި ކްރެޑިޓް ސްކީމްތައް ނޯންނާތީ އެވެ. ވައުދާ އެއް ގޮތަކަށް ކަންކަން ފުދިގެން ނުދާތީ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އެ ޝަކުވާތައް ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކުގަ އެވެ. މަސްވެރިކަމުން ނަފާ ހޯދުމަށް މަސްވެރިންގެ ޝަކުވާތަކާއި ހިޔާލުތައް ދެނެގަތުމަށް ގދ. ތިނަދޫގައި ބޭއްވި ފޯރަމެއްގައި އެ ސަރަހައްދުގެ މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް އޮއްސާލި އެވެ. އެ ދުވަހު ސަރުކާރުން ދިން ޔަގީން ކަމަކީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ގޮތް ހޯދައި ދޭނެ ކަމެވެ.
އެ ފޯރަމުން ލިބުނު ހިޔާލުތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ އިތުރުން ތަޖުރިބާކާރު ބޭފުޅުންގެ ހިޔާލުތަކަށް ރިއާޔަތްކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ފޮނުވާފަ އެވެ. ނަމަވެސް 80 މާއްދާގެ މައްޗަށް އެކުލެވޭ އެ ބިލުގައި މަސްވެރިން އެންމެ އާންމު ގޮތުގައި ކުރަމުން ގެންދާ ޝަކުވާތަކަށް ހައްލެއް ނުފެނުނެވެ. އޭގެ އިތުރަށް ކަންބޮޑުވުން ހުރި ބައެއް ކަންކަން ބައެއް މަސްވެރިން ދަނީ ބިލުން ފާހަގަ ކުރަމުންނެވެ.
ބިލުގައިވާ ކަންކަމުން މަހަށް ހަމަ އަގު ލިބޭނެތަ؟
މަސްވެރިންނަށް ރައީސް ސޯލިހާއި އެމްޑީޕީން ވެފައިވާ އެންމެ ބޮޑު ވައުދަކީ ވެސް މަހަށް ހަމަ އަގު ހޯދުމެވެ. އެކަން ކުރެވޭނެ ކަމަށް ލަފާކޮށް ބައެއް ކަންކަން ވެސް މަސްވެރިކަމުގެ ބިލުގައި ފާހަގަކުރި އެވެ. އެ ގޮތުން ބޭރުގެ ބޯޓު ފަހަރުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އައިސް މަސްވެރިންގެ އަތުން މަސް ގަތުމުގެ ފުރުސަތު ބިލުން ފަހި ކޮށްދެއެވެ. އަދި ފިޝަރީޒް މިނިސްޓްރީއަށް މަސް ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުމުގެ ބާރު ބިލުން ލިބިދެ އެވެ.
ނަމަވެސް ގާނޫނަކުން ފިޝަރީޒް މިނިސްޓްރީއަށް ލިބިދޭ ބާރުން މަސް ގަނެވޭނެ އަގު ކަނޑައަޅައިގެން އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް މަސްވެރި ޖަމިއްޔާތަކުގެ ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި ބޭރުގެ މަސް ބޯޓު ފަހަރުތައް ރާއްޖެ އައުމުގެ ފުރުސަތު ދީގެން ދިވެހި މަސްވެރިކަމުގެ ސިނާއަތް ފަހަތަށް ދާނެ ކަމަށް ބުނެ ބައެއް މަސްވެރިންނާއި އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެންބަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަނޑުގެ ސަރަހައްދު މިހާރު ވެސް ރަނގަޅަށް މޮނިޓާ ނުކުރެވޭއިރު ބޭރުގެ ބޯޓު ފަހަރުތައް ރާއްޖޭގެ ސަރަހައްދުތަކަށާއި ބަނދަރުތަކަށް ވަދެ މަސްވެރި އުޅަނދުތަކުން މަސް ގަންނަން ހުއްދަ ދިނުމުން ބޯޓު ފަހަރުތައް މޮނިޓާ ކުރެވޭނެތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ. އަދި އެ ކަމުގެ ސަބަބުން މަސްވެރިންނަށް އެއްވެސް ފައިދާއެއްވާނެތޯ ވެސް ޝިޔާމް ސުވާލު އުފެއްދެވި އެވެ.
"ރާއްޖޭގެ ސަރަހައްދަން ވަންނަން ބޭނުންވެފައި ލޯ އަޅާލަ އަޅާލަ ތިބޭ ބޯޓު ފަހަރު ތިބޭ ކަން އެންމެން ދަނޭ. މަސް ގަންނަން ވަންނަ އެ ބޭރުގެ ބޯޓު ފަހަރުތައް ވަންނަ އިރަށް މަސް ބާނަން ދާ އަޅާފާނެ، ނުކުންނަ އިރަށް ދާ އަޅާފާނެ، ވަންނާނީ ކަނޑު ކަހާލާފައި، ނުކުންނާނީ ކަނޑު ކަހާލާފައި،" ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއު ގަބޫލު ކުރާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ކަނޑު މަހުގެ އަގު އޮތް މިންވަރަށް ބަލާއިރު، ކަނޑުގެ ސަރަހައްދަށް ވަދެ ބޭރުގެ ބޯޓު ފަހަރުތަކަށް މަސް ވިއްކައިގެން މަހުގެ އަގު އިތުރެއް ނުވާނެ އެވެ. އަދި ބޮޑު އަގުގައި ގަނެފިނަމަ ދިވެހި ކުންފުނިތަކަށް ވެދާނެ ގޮތަކާ މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
"މިސާލަކަށް ބޭރުގެ ބޯޓުފަހަރު މި ގޮތަށް އައިސް ވަދެ، އަގު ބޮޑުކޮށް މަސް ގަންނަން ފެށީމަ، ބޭރުގެ ބޯޓުތަކުން މަސް ގަންނަ އަގުތަކުގައި މިފްކޯއަށް މަސް ގަނެވޭނެތޯ އެއީ ވިސްނާލަން ޖެހޭ ކަމެއް. ނުގަނެވޭނެނަމަ މަސްވެރިން މިފްކޯއަކަށް މަހެއް ނުވިއްކާނެ، އެ ހިސާބުން މިފްކޯއަށް ވާނެ ގޮތަކާ މެދު ވެސް ވިސްނަން ޖެހޭ،" ޝާފިއު ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ބޮޑު އަގެއް ލިބޭނެ ގޮތް ހެދުމަށް، ބިލު ދިރާސާ ކުރާ އިގްތިސާދީ ކޮމިޓީއަށް ޝާފިއު ހުށަހެޅި ހިޔާލަކީ ދޮށީގެ މަސްވެރިކަން ކޮށްގެން ބާނާ އެއްވެސް މަހެއް ރޯ މަހުގެ ގޮތުގައި ބޭރު ނުކުރުމެވެ. އެއީ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީ ވެސް އެ ކަމުގެ އެއް ހައްލުގެ ގޮތުގައި ފާހަގަކުރާ އެއް ކަމެކެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި މަހަށް ބޮޑު އަގެއް ލިބޭނެ ގޮތަކީ ރޯ މަސް ބޭރު ކުރުން ހުއްޓާލުން. އަޅުގަނޑުމެން ބައެއް ގައުމުތަކަށް ރޯ މަސް ބޭރުކުރީމަ އެ ގައުމުތަކުން އެބަ ރޯ މަސް ބަންދުކޮށްގެން ދުނިޔޭގެ ބާޒާރުގައި އަގު އިތުރުކޮށްގެން އެބަ ވިއްކާ. އެކަމަކު އަޅުގަނޑުމެން ރޯ މަސް ބޭރުކުރުން ހުއްޓާލީމަ އަޅުގަނޑުމެންގެ މަސް ބަންދުކޮށްގެން ދުނިޔޭގެ ބާޒާރުގައި ވިއްކަން ވާނީ އަޅުގަނޑުމެން އެކަނި." ޝާފިއު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ބާވަތްތަކެއް މަނާ ކުރާތީ ކަންބޮޑުވުން
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ހަތް ބާވަތެއްގެ މަސްވެރިކަން ކުރުން މަނާވެ އެވެ. އެއީ ބޮޑުދަލުގެ މަސްވެރިކަމާއި، އޮޔާދާ ދަލުގެ މަސްވެރިކަމާއި، ދަމާ ދަލުގެ މަސްވެރިކަމާއި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި، އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން ކުރާ މަސްވެރިކަމާއި، ބަޑި ޖަހައިގެން ކުރާ މަސްވެރިކަމުގެ އިތުރުން، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެފަދަ އެހެން ކެމިކަލެއް ބޭނުންކޮށްގެން ކުރާ މަސްވެރިކަމެވެ.
ބިލުގައި މަނާކޮށްފައިވާ ބަޑި ބޭނުން ކޮށްގެން ކުރާ މަސްވެރި ކަމަކީ ދިވެހި ޒުވާނުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރާ މަސްވެރިކަމެވެ. އަދި ރިސޯޓުތަކުން އަންނަ އޯޑަރުތަކަށް މަސް ސަޕްލައި ކުރުމުގައި ބަޑި ބޭނުން ކޮށްގެން ވެސް މަސްވެރިކަން ކޮށް އުޅެ އެވެ.
"އަޅުގަނޑުމެން ނަނު ބޭނުން ކޮށްގެން ފަރުމަސް ބާނަން ވެއްޖެނަމަ ވަރަށް ގިނައިރު ނަގާ. އޭގެ ބަދަލުގައި ޑައިވިން ފުޅިއެއް އަޅައިގެން ގޮސް މަސް މަރާ ބަޑިއެއް ހިފައިގެން އަޅުގަނޑުމެން ހަމަ ބޭނުންވާ އަދަދަކަށް މަސް ނެގޭ. އެހެންވެ ވަރަށް ގިނަ ޒުވާނުން ބޭނުންވޭ އެ ކަން މަނާ ނުކުރަން،" ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް ޝާފިއު ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި ހުޅުވާލައިގެން ބޭނުން މީހަކަށް ކުރެވޭ ގޮތަށް ބަޑި ބޭނުންކޮށްގެން ކުރާ މަސްވެރިކަން ބާއްވަން ސަރުކާރަށް ފެންނަނަމަ، ވަކި އުސޫލުތަކެއްގެ ތެރެއިން ލައިސަންސްއެއް ދޫކޮށްގެން ނަމަވެސް އެ ކަން މުޅިން މަނާ ނުކުރުމަކީ އޭނާއަށް ފެންނަ ގޮތުގައި އެންމެ ރަނގަޅު ގޮތެވެ.
"ސްޕިއާ ފިޝިންގެ ނަމުގައި ލައިސަންސްއެއް ދޫކޮށްގެން ނަމަވެސް އެ ކަމަށް ހުއްދަ ދިނުމަކީ ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް. މަސްވެރިކަމަށް އޭގެ ސަބަބުން އަސަރު ނުކުރާ ކަމަށްވާނަމަ އެ ރިވިއުކުރުމަކީ ޒުވާނުން ވަރަށް ބޭނުންވާ ކަމެއް."
މީގެ އިތުރުން ގިނަ މަސްވެރިން ހަމައެކަނި ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމާއި ކަނޑުގެ މަހުގެ މަސްވެރިކަމަށް ބަރޯސާވެ ތިބެން ޖެހޭތީ މަސްވެރިކަން ރަނގަޅު ނޫން ދުވަސްވަރުގައި ތިބެނީ ތަދު ހާލެއްގަ އެވެ. މަޖިލިސް ކޮމިޓީއަށް ހިޔާލު ހުށަހެޅި ބައެއް މަސްވެރިން ވަނީ މިހާރު ބޭނުން މަނާ ކުރެވިފައިވާ ބައެއް ބާވަތްތައް ވަކި ދުވަސްވަރަކަށް ހުއްދަ ކުރެވޭ ގޮތަށް ވެސް ހެދުމަށް އެދިފަ އެވެ.
"އަޅުގަނޑުމެންނަށް މި ދުވަސްވަރަކީ އެންމެ ތަދު ދުވަސްވަރު. ސަބަބަކީ ހަމައެކަނި ކަނޑު މަހަށް ބަރޯސާވާތީވެ. އީޔޫއަށް މަސް ބޭރުކުރުމުގައި މައްސަލަ ނާންނަނަމަ އަޅުގަނޑަށް ފެނޭ ކޮންމެ ވެސް ވަރަކަށް މިޔަރު ބޭނުން ވެސް ހުއްދަ ކުރަން. އަޅުގަނޑުމެންގެ މަސްވެރިކަމަށް އެއިން އަސަރުތަކެއް ނުކުރާނަމަ އެ ކަން ވެސް އެބަ ޖެހޭ ކުރަން. އޭރުން އެ މިޔަރުން ކާބޯ ހެދޭނެ. ފައިސާ ހޯދޭނެ. ބިލުތައް ދައްކާލެވޭނެ." ޝާފިއު ވިދާޅުވި އެވެ.
ބިލަށް އިތުރު ކަންކަން ގެންނަން ޖެހޭ
ރާއްޖެއަކީ ދުނިޔޭގައި އެންމެ ގަދައަށް މަސްވެރިކަން ކުރާ އެއް ގައުމަށްވާއިރު، ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް އެންމެ މުހިއްމު އެއް ކަމަކީ މަސްވެރިކަމުގެ ސިނާއަތާ ގުޅުން ހުރި ކަންކަން ދިރާސާ ކުރެވޭނެ ގޮތްތަކެއް އޮތުމެވެ. އެ ގޮތުން ޕޯލް އެންޑް ލައިން ރިސާޗު ސެންޓަރެއް ރާއްޖޭގައި ނެތުމަކީ ކަންބޮޑުވާ ކަމެކެވެ. ބިލުން އެފަދަ ކަންކަމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެ އެވެ.
"އަޅުގަނޑުމެން މަސްވެރިން ފަރުތަކަށް އެތައް ފަހަރެއްގެ މަތިން ކޮންމެ ދުވަހަކު ނަގިލި އެބަ އުކާ. އެއިން ކޮންމެ ނަގިއްޔަކީ އެތަނެއް ޓަނު. އަޅުގަނޑުމެން އެބަ ޖެހޭ ސޭވް އެންކަރިން ނިޒާމެއް ގާއިމުކޮށް، ފަޅުތަކުގެ ދިރުން ވެސް އިތުރަށް ދިރާސާކުރަން. ޑައިވިން ކޮށްގެން އަލި ކުރުމަކީ އެންވެރިކަމަށް ލިބޭ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ދިރާސާ ކުރެވެން ޖެހޭ. ޒުވާނުން މަސްވެރިކަމަށް ނެރުމަށް ވެސް ބޭނުންވޭ އެބަ ރިސާޗު އެންޑް ޓްރޭނިން ސެންޓަރެއް،" ޝާފިއު ވިދާޅުވި އެވެ.
އެންވެރިކަން ކުރުމަށް ބައެއް ސަރަހައްދުތައް ހިމާޔަތް ކޮށް ބައެއް ދުވަސްވަރުގައި އެންވެރިކަން ރަނގަޅު ސަރަހައްދުތަކުގައި ލައިޓު ބޭނުން ކޮށްގެން ޑައިވިން ކުރުން މަނާކުރެވޭ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ކަމެއް ކަމުގައި ޝާފިއު ފާހަގަކުރައްވަ އެވެ.
އަންހެނުން، ނސިނާއަތުގައި ބާރުވެރި ކުރުމުގެ ގޮތުންނާއި މަސްވެރިން ބާނާ މަސްތަކުން އުފައްދާ ދިވެހި އުފެއްދުންތައް އުފައްދާ އާންމު ރައްޔިތުން އިތުރަށް ބާރުވެރި ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.
ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާޕާސަން އަލީ ޔާސިރު ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުން ވެލިއު އެޑްކޮށްގެން ވިއްކާ ވަޅޯ މަހާއި މަހުގެ އެހެން ބާވަތްތަކުގެ ވިޔަފާރީ މާކެޓު ކުރުމުގައި ދަތިތަކެއް ހުންނައިރު ސަރުކާރުގެ ފަރާތުން މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް މާލީ އެހީތެރިކަމެއް ގާނޫނެއް މެދުވެރިކޮށް ގެންނަން އެދެ އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި މިފްކޯއިން އެފަދަ ވިޔަފާރިތައް ކުރުން ހުއްޓާލައި ހަމައެކަނި އެކްސްޕޯޓް ބާޒާރަށް އެ ކުންފުނި އަމާޒު ކުރަން ޖެހެ އެވެ.
"މިފްކޯއިން މި ގަންނަ ކުދި މަސް ގަތުން އެބަ ޖެހޭ އެއްކޮށް ހުއްޓާލަން. މިފްކޯއިން ވަންނާކަށް ނުޖެހޭނެ ދިވެހިން މި ކުރާ މަސްވެރިކަމުގެ ތެރެއަށް. ދުވާލެއްގެ މައްޗަށް މިހާރު ވެސް ހަތަރު ޓަނާއި ފަސް ޓަނާ ދޭތެރޭ މިފްކޯއިން ގަންނަ މަސް ކައްކާފައި ވަޅޯ ކޮށްފައި ޕެކްކޮށްފައި ވެލިއު އެޑްކޮށްފައި އެބަ ވިއްކާ ރާއްޖޭގެ އެކި ސަރަހައްދުތަކަށް. އަޅުގަނޑުމެން އާންމު ރައްޔިތުން މިފްކޯ ފަދަ ކުންފުނިތަކާ ވާދައެއް ނުކުރެވޭ." ޝާފިއު ވިދާޅުވި އެވެ.