ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(22 އޯގަސްޓު 2019 އާ ގުޅޭ)

"ދާރިއަން އެ ހުރީ، އޭނާ ވެސް މިކޮޅަށް އައިސްގެން އެބައުޅޭ" ހޭޒަލް ބުންޏެވެ. ލިއަމްއަށް ދާރިއަންއަކީ ހޭޒަލްގެ ރަޙުމަތްތެރިއެއްކަން އެނގެއެވެ. އެއަށްވުރެ އިތުރަށް އޮޅުންފިލުވުން މުހިންމުކަމަކަށް ލިއަމް ނުދެކެއެވެ. އޭނާ ހުއްދަ ދިނުމުން ހޭޒަލް ހިނގައިގަތީ ވެލިގަނޑު މަތީ އިށީނދެ މޫދަށް ނަޒަރު ހުއްޓާލައިގެން އިން ދާރިއަންގެ ގާތަށް ދިއުމަށެވެ.

ގާތަށް މީހަކު އަންނަހެން ހީވެ ދާރިއަންގެ ނަޒަރު އެ ދިމާއަށް ދަތުރުކޮށްލިއެވެ. ހިނިތުންވެލައިގެން ހުރެ އޭނާއާ ދިމާއަށް އައި ހޭޒަލް ފެނުނެވެ. ވަގުތުން އިންތަނުން ދާރިއަންއަށް ތެދުވެވުނެވެ. ލައިގެން ހުރި ސޯޓުގެ ފަހަތުގައި ހަރުލާފައި ހުރި ވެލިތައް ދެއަތުން ފޮޅާލިއިރު ވެސް އޭނާގެ ނަޒަރު ހުރީ ހޭޒަލްއަށް ހުއްޓިފައެވެ. އެ އަންހެކުއްޖާއަށް ދާރިއަން ވަރަށް ރަނގަޅަށް ބަލާލިއެވެ. އޭނާ ހުރީ ވެޓްސޫޓުގެ މަތިން ކަކުލަށްވުރެ މައްޗަށް ހުރި ސޯޓުބުރިއަކާއި ހުދުކުލައިގެ ތުނިތުނި ގަމީހެއް ލައިގެންނެވެ. މޫދަށް އެރެން އައިސްކަން އެ އުޅެނީ ދާރިއަން ނަގައިގަތީ އެހެންވެއެވެ. ލުއި ހިނިތުންވުމެއް ދާރިއަންގެ ތުންފަތަށް ވެރިވިއެވެ.

"ހޭއި... މިކޮޅަށްތަ ޢީދަށް އައީ؟" ހޭޒަލް އަހާލިއެވެ. ބަސްމަދު ދާރިއަން ހޫނއަކުން ފުއްދާލީއެވެ. ދެން ވެސް ވާހަކަދެއްކީ ހޭޒަލްއެވެ. ޢީދު ހުޅުޖެހިރޭ އެތަނުން ދާރިއަން ފެނުމުން ވާހަކަނުދައްކާ ދިޔައީ ކީއްވެތޯ އޭނާ އެއްސެވެ.

"ޢާއިލާއާއެއްކޮށް މިކޮޅަށް އައިސް މިއުޅެނީ، ހޭޒަލް ވެސް ހުރީ ފެމެލީއާއެއްކޮށެއްނު، ޗުއްޓީއަކީ ފެމެލީ ޓައިމް... ނޫންތަ؟... މާލެ ދެވުނީމަ ހޭޒަލްއަށް ގުޅަން ގަސްދުކޮށްގެން ހުރީ" ދާރިއަން ބުންޏެވެ.

ދާރިއަން މާގިނަ ވާހަކައެއް ނުދެއްކިއެވެ. އެހެންނަމަވެސް އޭނާ ފެނިގެން ހޭޒަލް އިސްނަގައި އޭނާގެ ގާތަށް އައީތީ ހުރީ އުފަލުންނެވެ. ދާރިއަންއަކީ އެކަހަލަ ޒުވާނެކެވެ. ޚާއްޞަކޮށް ހޭޒަލްގެ ކުރިމަތީގައި ވަކިން ބަސްމަދުވެ ހިތުގައި އުފެދޭ ކޮންމެ ޝުޢޫރެއް ދުލާ ހަމައަށް ގެނައުން ފަސޭހައެއް ނުވެއެވެ. ހޭޒަލްއަށް ދާރިއަން ކަމުދަނީ އެހެންވެއެވެ. އޭނާގެ ރަޙުމަތްތެރިންގެ ތެރޭގައި ދާރިއަން ފަދަ ތަފާތު ރަޙުމަތްތެރިއަކު ނެތެވެ. ދާރިއަންއާއި ހޭޒަލްއާ ދެމެދު އޮންނަ ރަޙުމަތްތެރިކަން އެމީހުން އެހެންމީހުންނާއެކު އޮންނަ ރަޙުމަތްތެރިކަމާ ތަފާތެވެ. ދާރިއަން ވެސް ހޭޒަލް ވެސް އެކަކު އަނެކަކު ގާތުގައި ޒާތީ ދިރިއުޅުމުގެ ވާހަކައެއް ދުވަހަކު ވެސް ޚިއްޞާއެއް ނުކުރެއެވެ. ހިތުގައި އޮންނަ ޖަޒުބާތުތަކާއި ދިރިއުޅުމާމެދު ކުރާ އުންމީދުތަކުގެ ވާހަކައެއް ޚިއްޞާއެއްނުކުރެއެވެ. އެހެންވިޔަސް އެ ދެމީހުން ދައްކާނޭ ވާހަކަ ހުރެއެވެ. ހޭޒަލްއުޅެނީ މީހަކާ އިނދެގެންކަން ދާރިއަންއަށް އެނގެއެވެ. އަދި އެ މީހަކީ ލިއަމްކަން ވެސް ދާރިއަންނަށް އެނގެއެވެ. އެ ދެމަފިރިން އެކުގައި ކިތަންމެ ފަހަރަކު ދާރިއަންނަށް ފެނިފައި ވެސް އެބަހުއްޓެވެ. އެ ދެމީހުންނަށް އެ ރަޙުމަތްތެރިކަމަކީ ގާތް ގުޅުމެއްގެ ގޮތުގައި ޤަބޫލުނުކުރެވުނަސް އެހެންމީހުންނަށް އެ ދެމީހުންގެ ދެމެދުގައި ގާތްކަމެއް އޮތްކަމަށް ނުފެންނާނެކަން ޔަގީނެވެ. ދާރިއަން އުޅެނީ އެހާ ވެސް ބަލައިގެން ހޭޒަލްއާ ދުރުންނެވެ. އޭނާއަކީ ފިރިހެނަކަށްވާއިރު އަންހެންކުއްޖަކާ ރަޙުމަތްތެރިކަން ބޭއްވުމުގައި ފުރަތަމަ ފަހަރަށް އެފަދަ ގުޅުމަކުން ނުކުމެދާނެ ނަތިޖާއަކާމެދު އޭނާ ވިސްނަން މަޖުބޫރުވީ ހޭޒަލްއާ ބައްދަލުވުމުންނެވެ. ހޭޒަލްގެ އުފާވެރިކަން ދާރިއަންނަށް މުހިންމެވެ. ހޭޒަލްގެ ދިރިއުޅުމުގެ ވާހަކަ ނުދެއްކިޔަސް އޭނާގެ ދިރިއުޅުން އުފާވެރިކަން ދާރިއަންނަށް އެނގި ޔަގީންވެއެވެ.

މާގިނައިރަކު ހޭޒަލްއާ ވާހަކަދައްކާކަށް ދާރިއަން ނުހުއްޓެވެ. އޭނާގެ ބޭބެ، އައިކު މޫދުން އަރައިގެން އަންނަތަން ފެނުމުން ދަނީއޭ ބުނެލިއެވެ. ހޭޒަލް ވެސް ބާއީއޭކިޔާ އަތްތިލައިން ކުޑަ އިޝާރާތެއްކޮށްލައި އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ހޭޒަލްއަށް އިރުކޮޅަކު ބަލަން ހުރެފައި ސޯޓުގެ ދެ ޖީބަށް އަތްތިލަ ކޮއްޕާލައި ދިމާކުރިމަތިން ކަހަލަ ގޮތަށް އަންނަ އައިކަށް ދާރިއަންގެ ނަޒަރު ހުއްޓާލިއެވެ.

"ޑޭޑް ކޮބާ" ދެއަތުން އައިކުގެ ތެތްއިސްތަށިގަނޑުގައި އަތްފުނާ އަޅައި ފަހަތަށްވާހެން އޮމާން ކުރަމުން އަހާލިއެވެ. ދާރިއަން އިޝާރާތްކޮއްލީ އޭނާގެ މައިންބަފައިން ތިބި ދިމާއަށެވެ.

އައިކުއަކީ ދާރިއަންގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެއެވެ. ޒުކަންއާއި އިބާގެ ދެ ކުދީންނެވެ. އެ ދެ ޒުވާނުންގެ މެދުގައި ވަނީ އެއް އަހަރުގެ ފަރަގެވެ. އައިކުއަށް އަށާވީހެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ސައުވީހުގައި ދާރިއަންއަށް ހަތާވީސް ފުރިއްޖެއެވެ. އެ ދެބެންގެ ސިފަ އެމީހުންގެ ބައްޕަ ޒުކަންއާ ވަރަށް އެއްގޮތެވެ. އެހެންވިޔަސް އައިކުއާއި ދާރިއަންގެ ޠަބީޢަތް މުޅިން ތަފާތެވެ. އަންހެންކުދީންގެ މެދުގައި އައިކު ނުހަނު މަޤުބޫލެވެ. އެހެންނަމަވެސް ދާރިއަންއަކީ އެފަދަ ކަންކަމަށް ތަރުހީބުދޭ ޒުވާނެއްނޫނެވެ. އައިކުއާ ޚިލާފަށް ދާރިއަން ފެންނާނީ ވަރަށް މަޑަމައިތިރި މީހެއްގެ ގޮތުގައެވެ. ގޭތެރޭގައި ވެސް ބޭކާރު އަނގައެއްނުތަޅާނެއެވެ. ދުވަހަކުވެސް ހިނިތުންވާތަނެއް ނުފެންނާނެއެވެ. އަބަދުވެސް ހީވާނީ ކޮންމެވެސް ފިކުރެއްގައި ހުންނަ ހެނެވެ. ނޫނީ ކަމަކާ ހިތްހަމަނުޖެހިފައި ހުރީ ހެންނެވެ. އަންހެންކުދީންނަށް އިސްނަގާ ދާރިއަންނާ ވާހަކަދައްކަން ނުކެރޭ ސަބަބަކަށް އެކަން ވެއެވެ. އޭނާ ރުޅިއައިސްފައި ހުންނަނީއޭ ހީވެފައެވެ. އަނގައިން ބުނާތަނުން ލަދުގަންނަވާލަފާނޭ ހީވަނީއެވެ. އެއާ ޚިލާފަށް އައިކު ގެއިން ބޭރުގައި ގިނަ އަންހެންކުދީންނާއެކު ފެނެއެވެ. އޭނާ އެއްވެސް ކަމެއް ސިއްރުކުރާކަށް މަސައްކަތެއް ވެސް ނުކުރެއެވެ. މީހުންނާ ނިކަން ފަސޭހައިން ގުޅުން ބަދަހިކުރެއެވެ. ރައްޓެހިން އެހާ ގިނައެވެ. އެއްކަމެއްގައި ގިނަ ދުވަހު ދެމިއެއް ނުހުރެއެވެ. އެނބުރޭ ވަހުތާނެކޭ އެއްގޮތަށް ނިކަން އަވަހަށް ޚިޔާލު ބަދަލުވެ ކަންކަމަށް ހުންނަ ޝައުގު ގެއްލެއެވެ. އެހެންވެ އަނެއްކާ ވެސް ޝައުގުވެރިކަން އުފެދޭ ދިމާއަކަށް އޭނާ ސަމާލުވެލަނީއެވެ. އެހެންވިޔަސް އައިކުއަކީ މައިންބަފައިންގެ ބަސް ޤަބޫލުކުރާ ޒުވާނެކެވެ. ޚާއްޞަކޮށް އައިކުއާއި ދާރިއަންގެ ގުޅުން އެމީހުންގެ ބައްޕައާ ވަރަށް ގާތެވެ. އެ ދެކުދީންނަކީ ފެނާއި ތެލާހާ ތަފާތު ދެކުދީންކަން ޒުކަން ވެސް ދަނެއެވެ. ދެބެންނާމެދު އެއްބީދައަކުން ކަންތައްކޮށްގެން ނަތީޖާ އެއްގޮތަކަށް ނުނިކުންނާނޭކަން އޭނާއަށް އެނގެއެވެ. ޒުކަންގެ މަސައްކަތުގައި ދާރިއަން ބައިވެރިވެ ވިޔަފާރި ފުޅާ ކުރުމަށް އޭނާ ބުރަކޮށް މަސައްކަތް ކުރެއެވެ. ނަމަވެސް އައިކު ވިޔަފާރިއަށް ޝައުގުވެރިއެއްނުވިއެވެ. މިވަގުތު އޭނާގެ ޝައުގުވެރިކަން ހުރީ ފޮޓޯނެގުމަށެވެ. އެހެންވެ ފްރީލާންސްކޮށް ފޮޓޯނެގުމުގެ މަސައްކަތް އޭނާ ކުރެއެވެ. މަސައްކަތެއް ނެތިފައި ދެއަތް އުރާލައިގެން އައިކު ދުވަހަކުވެސް ނުހުރެއެވެ. އައިކުގެ އެ ސިފަ ޒުކަންއަށް ކަމުދެއެވެ.

ދާރިއަންއަށް ވުރެ އައިކު އެއްއަހަރު ބޮޑު ނަމަވެސް ބަލާބެލުމަށް އައިކު ހީވާނި ދާރިއަންގެ ކޮއްކޮ ހެނެވެ. އުޅޭ އުޅުމުން ވެސް މެއެވެ. އިސްކޮޅުން ދާރިއަންއާ ދާދި އެއްވަރެކެވެ. އައިކުގެ ހަފޫޓާއި ތިންއިންޗި ބައި ހުންނައިރު ދާރިއަންގެ ހުންނަނީ ހަފޫޓު ފަސްއިންޗިއެވެ. ދެބެން ވެސް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކަސްރަތުކުރެއެވެ. އައިކު ބަރާބަރަށް ޖިމަށް ދާނެއެވެ. އެހެންނަމަވެސް ދާރިއަންގެ ކަސްރަތުކުރާ ސާމާނު ހުންނަނީ އޭނާގެ ކޮޓަރީގައެވެ. މަދުފަހަރަކު ނޫނީ އޭނާ ޖިމަށް ނުދާނެއެވެ. ކަސްރަތުކުރާ ވަގުތަކީ ދާރިއަން ވަރަށް ގިނަ ކަންކަމާ ވިސްނާ ފިކުރުކުރާ ޙާއްޞަކަމެއްދޭ އަމިއްލަ ވަގުތެކެވެ. ޖިމްއަށް ދިއުމުން ގިނަބައެއްގެ ތެރޭ އެފަދަ ހިތްހަމަޖެހުމެއް ދާރިއަންއަށް ނުލިބެނީއެވެ. ބޮލުގެ އިސްތަށިގަނޑު ފަންވެފައި ހުންނަނީ ކުރުކޮށް ކޮށާފައެވެ. ވަކިން ކަންފަތް ކައިރިން ދެފަރާތުން ކުރުކޮށް ނިތްމަތިން ބޯކޮށެވެ. ތުނބުޅި މަތިމަސް ބަހައްޓާފައެވެ. ދާރިއަންއަށްވުރެ އައިކުގެ އިސްތަށިގަނޑު ބަހައްޓާފައި ހުންނަނީ ދިގުކޮށެވެ. ކަނދުރާ ފޮރުވޭވަރަށެވެ.

"އެތިބަ ކުދީން ސަލާމްބުނި، ޚާއްޞަކޮށް އެހެރަ އޮރެންޖު ޓީޝާޓުލީ ކުއްޖާ... ސަޅި ދޯ އޭނަ... ނަންބަރު ވެސް ދީފި، ބްރޯއަށް ދީފާނަން" ހިނިއައިސްފައި ހުރެ އައިކު ބުންޏެވެ. ދާރިއަންގެ ނަޒަރު އައިކުއާ ސީދާވީއިރު އެ ބެލުމުގައިވަނީ ސީރިއަސްކަމެވެ. އައިކު ބާރަށް ހީނގަތީއެވެ. ދާރިއަންގެ ގޮތް އޭނާއަށް އެނގޭއިރު ވެސް އެފަދަ ސަމާސާތައް އޭނާ ކުރާލެއް މަދެއްނޫނެވެ.

"އަސްލުވެސް މިރަށް ވަރަށް ސަޅި، ކިހިނެއް މިރަށަށް އަންނަން އައިޑިއާ ލިބުނީ" އައިކު އެއްސެވެ. ހއ.ކެލާއަށް އައީ ޢީދު ޗުއްޓީއަށް ރަށަކަށްދާން ބޭނުންވެ އެވާހަކަ ޒުކަން ގާތު އައިކު ދައްކަނިކޮށް ދާރިއަން ދިން ޚިޔާލާއެކުއެވެ. ދުވަހަކުވެސް އަދި ނުދާ ރަށެއްވީމަ އައިކު ވެސް ބޭނުންވީ އަޖުމަ ބަލާލާށެވެ. ނަމަވެސް ދާރިއަން އެ ރަށަށް އަޔަސް ކުޅިވަރުތަކުގައި ބައިވެރިވާތަނެއް ނުފެނެއެވެ. އެކަމާ އައިކު ޝަކުވާކުރެއެވެ. އޭނާ ބޭނުންވަނީ އޭނާ ދާ ކޮންމެ ދިމާއަކަށް ދާރިއަން ގޮވައިގެން ދާށެވެ. ޚާއްޞަކޮށް ރަށުތެރޭގައި ޢީދަށް ޖަމާވެފައިވާ ޒުވާން އަންހެންކުދީންގެ ސަމާލުކަން ހޯދުމަށެވެ.

* * * * *

ލިއަމްގެ ސަމާލުކަން ދެވިފައި ހުރީ ފޯނަށެވެ. ހޭޒަލް އައިސް ރަފާގެ ގާތުގައި ކުނާ މަތީ އިށީނެވެ. ތިން އަހަރުގެ ޒަފްރާ މޫދަށް އެރޭ ހެދުން ރަފާ ލައްވަނީއެވެ. އޭނާއަށް ހޭޒަލް އެހީތެރިވެދިނެވެ. އަނެއްކާ ވެސް އެހެން އިނދެފައި އެނބުރި ލިއަމްގެ ޚަބަރެއް ހޭޒަލް ބަލާލިއެވެ. މިހާރު އޭނާ ހުރީ ފޯނު ކަންފަތުގައި ޖަހާލައިގެން ކޮންމެވެސް މީހަކާ ވާހަކަދައްކާށެވެ. ރަފާއަށް އެކަން ފާހަގަވެ ސުވާލުކޮށްލިއެވެ.

"ހީވަނީ އޮފީހުން ގުޅައިގެންހެން އެ އުޅެނީ، ދެރަވޭ މި ޗުއްޓީ ނިމޭތީ... މާލެ ދެވުނީމަ ދެން އަނެއްކާ ވެސް ލިއަމް ވަރަށް ބިޒީވާނެ، މިކަހަލަ ޗުއްޓީއަކަށް އަޔަސް އޭނާއަށް އޮފީހާ ދުރަކަށް ނުދެވޭނެ، އެމީހުން ވެސް ކީއްތަވާނީ އޭނާ ޗުއްޓީގަ ހުރިއްޔޭ ކިޔާ އުނދަގޫނުކޮށް ބަހައްޓާނެނަމަ" ހޭޒަލް ބުންޏެވެ.

"ލިއަމްގެ ވަޒީފާގެ ގޮތުން ދޯ އެހެން އެވަނީ... އޭނާއަކީ އެމީހުންނަށް ވަރަށް މުހިންމު މީހެއްވީމަ ކޮންމެހެން ވެސް ލަފާ ނުހޯދާ ނުވާނެކަންކަމުގަކަމަށްވާނީ އެ ގުޅަނީ... މިފަހަރު އެހެން ދަތުރުތަކާ ޚިލާފަށް ފޯނުގައި ލިއަމް ހުންނަތަން ވަރަށް ނުފެނޭ، ޒެއްލު!... އޭގެ ފަހުން ތިމީހުން ޓްރައިއެއްނުކުރަންތަ؟ އަސްލު ބޭބީއެއް އޮތުމަކީ ވެސް ފޫހިފިލާ ކަމެއް... ޒެއްލު މާބޮޑަށް އެކަނިވަނީހެން ހީވޭ" ރަފާ ބުންޏެވެ.

"އެހެންވަކި ޕްލޭނެއް ނުކުރަން، އަހަރެންނަށް ހީވަނީ ލިއަމް އަދި ރެޑީއެއްނޫންހެން... އެފަހަރު ވެސް އެއީ ރެޑީވެގެން ވީކަމެއްނޫން، އެހެންވެކަންނޭނގެ އެހެން އެވީ... އަހަރެންނަށް ވެސް ހުރީ ނޭނގިފަ، އޭގެ ފަހުން އަދި އެކަހަލަ އީޝާރާތެއްނުވޭ، އެކަމަކު މިހާރު ވަރަށް ސަމާލުވަން އެންމެ ދުވަހެއް މިސްވިޔަސް" ހޭޒަލް ބުންޏެވެ.

ހޭޒަލްއާއި ލިއަމް ކައިވެނިކުރިތާ ދެއަހަރުވީ ފަހުން އޭނާ ބަލިވެއިނެވެ. އެހެންނަމަވެސް ލިބުނު ކުއްޖާ ބައިގެންދިޔައީއެވެ. އެކަމާ ހޭޒަލް ވަރަށް ދެރަވިއެވެ. ދަރިފުޅު ބައިގެން ދިޔައީ ބަނޑުބޮޑުކަން ނޭނގި ހުރެފައި އެނގުނުތާ ހަފްތާއެއްގެ ތެރޭގައެވެ. އޭރު ހޭޒަލް އުޅެނީ އަމިއްލަ ކުންފުންޏެއްގެ ވަޒީފާގައެވެ. އެތަނުގެ އިވެންޓުތައް މެނޭޖުކުރުމާއި މާކެޓިންގެ ބައިގަ އެންމެ އިސްކޮށެވެ. އެހެންވެ ވަޒީފާގައި އޭނާގެ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް އައީ ހޭދަކުރަމުންނެވެ. ބަނޑުބޮޑުކަން ނޭނގުނީ ވެސް ބުރަކޮށް އުޅެން ޖެހިފައި ވުމުންނެވެ. އެހެންވިޔަސް އެނގުމާއެކު އޭނާ ވަގުތުން "މެޑިކަލް ލީވް" އެއް ނެގިއެވެ. އެހެންވިޔަސް ދަރިފުޅު ހަރެއްނުލިއެވެ. އެކަމާ ހޭޒަލް ހިތާމަކުރާކަން އެނގޭތީ ލިއަމްގެ ފުށުން ޖަޒުބާތުގެ އަސަރެއް ފާޅުކުރާތީ އޭނާއަކަށް ނުފެނެއެވެ. އެހެންވިޔަސް ލިއަމް ދެރަވާނޭކަން ހޭޒަލްއަށް އިޙްސާސް ކުރެވުނެވެ. ހޭޒަލްގެ ހާލު ގޯސްވެދާނޭތީ އެވަގުތު ހޭޒަލްގެ ހިތްވަރުކަމުގައި ލިއަމްވީކަން އޭނާ ދެނަހުއްޓެވެ. ވަޒީފާ މަތިން ފޫހިވެ އެކަމުން އަރައިގަންނަން ދުވަސްކޮޅެއް ހޭޒަލްއަށް ބޭނުންވިއެވެ. ވަޒީފާއިން ވަކިވީ އަމިއްލައަށެވެ. ލިއަމްގެ އެއްވެސް ނުފޫޒެއް ހޭޒަލްގެ އެފަދަ ކަންކަމަކަށް ނޯވެއެވެ. އޭނާ ގެންގުޅޭ ރައްޓެހިންނާއި އޭނާ ވާހަކަދައްކަނީ ކޮންކޮންބަޔަކާކަމެއް ނޫނީ ޝޯޝަލް މީޑިއާގައި ވަގުތު ހޭދަކުރަނީ ކިހާވަރަކަށްކަމެއް، މިފަދަ ކަންކަމަށް ލިއަމް ބަސްކިޔައެއް ނުހަދައެވެ. ހޭޒަލް ދާން ބޭނުންތަކަށް ދިއުމުގެ ހުއްދަ އޮވެއެވެ. އޭނާ ދާން ބޭނުންވާތަނަކަށް ލިއަމް އޭނާ ގެންގޮސްދެއެވެ. ވަޒީފާއިން ހޭޒަލް ވަކިވުމުން ވެސް ލިއަމް އޭނާގެ ނިންމުމަށް އިޙްތިރާމުކުރިއެވެ. ހޭޒަލް ވަޒީފާއަށް ނުދިޔަޔަސް އޭނާއަށް އުފާވެރި ދިރިއުޅުމެއް ހޯދާދީ ހުރިހާ ޚަރަދެއް ބަލަހައްޓައިދެވޭނެކަމުގެ ޔަގީންކަން ލިއަމް އަބަދުވެސް ދެއެވެ.

ވަޒީފާއިން ވަކިވެ ގޭގައި ހުންނަން ފެށުމުން ކުރީކޮޅު ހޭޒަލް ވަރަށް ފޫހިވިއެވެ. ލިއަމްއަކީ އޭނާގެ މަސައްކަތް ހުންނަ ގޮތުން ވަރަށް ގިނަ ވަގުތު އޮފީހުގައި އުޅޭ މީހެކެވެ. ހެނދުނު ދާ މީހާ އިރުއޮއްސޭއިރު އަތުވެދާނެއެވެ. އަނެއްކޮޅުން ރޭގަނޑު އޭނާ އޮފީހަށް ނުކުންނާނެއެވެ. ހޭޒަލްކަމެއް ރާވައި ކުރީބައިގަ ލިއަމް ގާތު ބުނަންޖެހެނީ އެހެންވެއެވެ. ހޭޒަލްއަށް ޓަކައި ލިއަމް ވަގުތު ހުސްކޮށްދެއެވެ.

ހޭޒަލްއަކީ ވަރަށް މިނިވަން ދިރިއުޅުމެއް އުޅުނު އަންހެންކުއްޖެވެ. އޭނާގެ މަންމަ ސާއިރާއަކީ ވެސް އެފަދަ އަންހެނެކެވެ. އޭނާގެ އުމުރުން އަށް އަހަރުގައި ހުޒާމް ނުކުމެގެން ދިޔައީ ސާއިރާ ވަރިކޮށް ކުދީން ވެސް ސާއިރާގެ ގާތުގައި ބައިތިއްބާއެވެ. އޭރު ހުޒާމްއަށް ދެ ކުދީން ސައިރާއަށް ލިބިފައި ތިއްބެވެ. ދޮށްޓަށް ހުރީ އާތިޝްއެވެ. އޭނާއަށް މިހާރު ތިރީސް އަހަރެވެ. އުޅެނީ ރަނގަޅު އުޅެވޭ ޢާއިލާއެއްގެ ކުއްޖަކާ ކައިވެނި ކޮށްގެންނެވެ. ދަރިއަކު ވެސް ހުރެއެވެ. ދެން ހުރީ ހޭޒަލްއެވެ. ދެ ކުދީން ވެސް މީހުނާ އިނދެގެން އުޅެން ޚިޔާރުކުރީ ގެއިން ބޭރުގައެވެ. ހުޒާމް ނުކުމެގެން ދިޔަފަހުން އެނބުރި އެ ޢާއިލާ ފެންނަ ހިސާބަކަށް ނާދެއެވެ. އެހެންނަމަވެސް ދަރީން ކިޔަވާ ނިމެންދެން ސާއިރާގެ އެކައުންޓަށް ޚަރަދުގެ ފައިސާ ބަރާބަރަށް ފޮނުވައެވެ. ހުޒާމް ވެސް މިހާރު ދިރިއުޅެނީ ރާއްޖޭން ބޭރުގައެވެ. ބެންކޮކު އަންހެނަކާ އިނދެގެން ދިރިއުޅުން މެލޭޝިއާއަށް ބަދަލުކުރީއެވެ. އާތިޝްއާއި ހޭޒަލް ނޫން އިތުރު ދަރީން ހުޒާމްގެ މިހާރު އެބަތިއްބެވެ.

ސާއިރާއާއި ރިޒްވާން ކައިވެނިކުރީ ހޭޒަލްގެ އުމުރުން ސާދަ އަހަރުގައެވެ. ރިޒްވާނަކީ ދަރީން ނުލިބޭ މީހެކެވެ. އޭނާގެ މުއްސަނދި ދިރިއުޅުން ޚިއްޞާ ކުރާނޭ ބައިވެރިޔަކު ނެތިފައި ހުރި މީހެކެވެ. ޢާއިލާގައި ހުރި މުސްކުޅި ބައްޕަ ނިޔާވީ ސާއިރާއާ ކައިވެނި ކުރިފަހުންނެވެ. އެ މުސްކުޅި ބައްޕައަށް ސާއިރާގެ ޢާއިލާގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބުނެވެ. ވަކިވެގެންދިޔައީ ރިޒްވާނުގެ ހޮވުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެއެވެ. ސާއިރާއާ އޭނާގެ ދެކުދީން ވެސް ރިޒްވާން ބަލައިގަތީ ނުހަނު ލޯބިންނެވެ. ސާއިރާގެ މިހާރުގެ މިނިވަން ދިރިއުޅުން ފެށުނީ ދެނެވެ. ރިޒްވާނާއެކު ދުނިޔޭގެ އެކިތަންތަނަށް ދަތުރުކުރުމަކީ މިހާރު ސާއިރާގެ ދިރިއުޅުމެވެ. މާލޭގައި މަޑުކޮށްލަނީ މަދު ދުވަސްކޮޅަކަށެވެ. އެހެން ހުންނަ ދުވަސްކޮޅަކު ވިއްޔާ ދަރީންނާއެކު ވަގުތު ހޭދަކުރެއެވެ. އާތިޝްއާއި ހޭޒަލް ވެސް ރިޒްވާނު ބަލައިގަތެވެ. އެހެންނަމަވެސް އާތިޝްއާ ޚިލާފަށް ހޭޒަލްގެ ދުލުން ދުވަހަކުވެސް ރިޒްވާނަށް ބައްޕައެއް ނުކިޔައެވެ. އޭނާ ރިޒްވާނަށް އެއްވެސް ނަމެއް ނުދެއެވެ. އެހެންވިޔަސް ހޭޒަލް ބޮޑުވަމުން އައިއިރު ބައްޕަގެ މަޤާމު ކިތަންމެ ފަހަރަކު ރިޒްވާން ފުރައިދިނެވެ. ހޭޒަލްއަށް ކަމެއް ބޭނުންވެއްޖެނަމަ ރިޒްވާން ކޮންމެ ގޮތަކުން ވެސް އެކަމެއް ކޮށްދެވޭތޯ ބަލާނެއެވެ.

ލިއަމްއަކީ ސާއިރާ ވަރަށް ރުހޭ ޒުވާނެކެވެ. އޭނާގެ ދަރިފުޅުދެކެ ލިއަމް ލޯބިވާކަން ސާއިރާއަށް ޔަގީންވެއެވެ. ކައިވެންޏަށްފަހު ގަސްދަކާނުލާ ވިޔަސް ހޭޒަލްގެ އަމިއްލަ ދިރިއުޅުން މަޑުމަޑުން ބަދަލުވިއެވެ. ހުސްހަށި ބަޔަށްހުރިއިރުގެ ވަށްޓަފާޅިތައް ނެތެމުންދިޔައެވެ. ހެދުން އެޅުމުން ފެށިގެން ގާތުގައި ގެންގުޅޭ ރައްޓެހިންނަށް ދަންދެން ބަދަލުވިއެވެ. ކުރިން ގެންގުޅުނު ފިރިހެން ރަޙުމަތްތެރީންތަކާއި ދުރުވެ އަބަދު ކޮފީތަކަށް ދިއުން ހުއްޓާލިއެވެ. ކުރުކުރު ސޯޓުބުރިތަކާއި ހެނދުންކޮޅުތައް ލުން ހުއްޓާލިއެވެ. ސްކީނީ ޖީންސާއި ގަމީސްކޮޅާއި ތަފާތު ބްލައުޒުތަކަށް ބަދަލުކޮށްލީއެވެ. ކުރުއަތްކޮޅުތައް ދިގުކޮށްލީއެވެ. ގާތުގައި ގެންގުޅެން ޚިޔާރު ކުރީ ހަރުދަނާ ރަޙުމަތްތެރީންނެވެ. މީހުންނާ އިނދެގެން ތިބި ރަޙުމަތްތެރީންނެވެ. ދިރިއުޅުމުގެ ވާހަކަތަކުގައި އެމީހުން ވެސް ޚިއްޞާ ކުރެވޭ ކަހަލަ ރަޙުމަތްތެރީންނެވެ. ޚިޔާލަކަށް އެދެވޭނީ ވެސް އޭރުންތާއެވެ. ލިއަމްއަށް ހޭޒަލްގެ މިބަދަލު ވެސް ކަމުދިޔައެވެ. އެހެންވިޔަސް ގޭތެރޭގައި ލިއަމްއަށް ފެންނަ ހިސާބުގައި އެހާ ނިވާކަން ބޮޑެތި ހެދުންތައް ލައިގެން ނޫޅުމަށް އޭނާ އެދުނެވެ. އޭނާ ހޭޒަލް ދުށުމަށް ބޭނުންވަނީ އެފަދައިންނެވެ. އޭނާ ވަކިން އެޕާޓްމެންޓެއް ހިފައިގެން އުޅެނީ އެ މިނިވަންކަން ހޭޒަލްއަށް ވެސް ދިނުމަށްކަމަށް ބުނެއެވެ. ރައްޓެހިވެގެން އުޅުނު ދުވަސްވަރުނެތް އެތައް މިނިވަންކަމެއް ކައިވެންޏަށް ފަހު ދެމީހުންނަށް ލިބުނެވެ.

ހޭޒަލްގެ ޚިޔާލުތައް ހާވިޔާވީ ގާތުން މުހިސިނާ ގޮވާލުމުންނެވެ. ހޭޒަލް ބަލާލުމުން އަތުގައި އޮތް ޖޫސްތަށި މުހުސިނާ ދިއްކޮށްލިއެވެ. ހޭޒަލް ހެނދުނު ސައިބުއީ މާމަދުން ކަމަށްބުނެ މުހުސިނާ ޝަކުވާކޮށްލިއެވެ. އެހެންވެ މެންދުރު ކެއުމުގެ ކުރީން ކައިބޮއެ ހަދަން ގެނެސްފައި ހުރި އެއްޗެހިން ޖޫސްތަށްޓެއް މުހުސިނާ ގެނައީއެވެ. ގާތުގައި އިން ރަފާ ތެދުވީ ޒަފްރާ މޫދުކައިރިއަށް ދާން އުޅޭވަރުންނެވެ. ތިމާގެ ކުދީންނާއެކު ކުޅިވަރުކުޅެން ޒައިދަން ހުއްޓެވެ. ލިއަމް ފޯނުގައި މާގިނައިރުވެއްޖެހެން ހީވެ ހޭޒަލް ވެސް އިންތަނުން ތެދުވިއެވެ. ލިއަމް ކޮބާތޯ ބަލާލިއިރު ޒައިދަންމެންނާ އެއްބައިވެ ވޮލީ ކުޅެނީއެވެ.

* * * * *

ދުރުގައި ތިބި ޢާއިލާއަށް ދާރިއަންގެ ނަޒަރު ހުއްޓިފައިވިއެވެ. މެންދުރުގެ ކެއުމަށް ހުރީ ސްޕެގެޓީއެވެ. އޭގެ ތަށްޓެއް ދާރިއަންނަށް ގެނެސްދިނީ އިބާއެވެ. ދަރިފުޅުގެ ސަމާލުކަން ހުރި ދިމާއަށް އޭނާގެ ނަޒަރު ވެސް އަމާޒުވިއެވެ. މާލެއިން ޢީދަށް އައިސް އުޅޭ ބައެއްކަމަށް އިބާ ލަފާކޮށްލާ ދާރިއަންއަށް ދޯ ދިނެވެ. މަންމަގެ ވާހަކައަށް ބޯޖަހާލުން ފިޔަވައި ދާރިއަން އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. ކާން ގެނެސްދިން ތަށި ވައަތަށް ހެޔޮވަރުކޮއްލާ އޭނާ ކާންފެށީއެވެ. އިބާ އެނބުރި ދިއުމުން އަނެއްކާ ވެސް ދާރިއަންގެ ލޯ އެމީހަކަށް އަމާޒުވެއްޖެއެވެ.

ހޭޒަލް ކޮނޑަށް ލައިގެން ލިއަމް ދުވެފައި މޫދަށް ދިޔައެވެ. އަނބިމީހާއާ ލޯބީގެ ސަމާސާތައް ކުރަމުންދިޔައެވެ. ހޭޒަލް ލައިގެން ހުރި ތުނި ގަމީސްކޮޅު އެ ހަށިގަނޑުގައި ތަތްލާފައި ހުއްޓެވެ. އެ ހުރިހާ މަންޒަރަކަށް ފަރުވާތެރިކަމާއެކު ބަލަން އިން ދާއިރަން އޭނާގެ ލޮލުގައިވީ ނަންބަރު އައިނު ރަނގަޅުކޮށްލިއެވެ. ދޭތެރެއަކުން ތިރީތުންފަތުގައި އޭނާއަށް ދަތްއަޅާލެވެއެވެ. ސިކުނޑީގަ އެނބުރޭ ޚިޔާލުތަކާ ހެދިއެވެ. އަމިއްލަ ނަފްސުދެކެ އޭނާ ބިރުގަނެއެވެ. އަމިއްލަ ހިތަށް އަޑުލައި އެ ހިތް އަބަދުމެ ކިޔަމަންކުރެއެވެ. މިނިވަންކަމުގެ ހަނި ފުރުޞަތެއް އެ ހިތަށް ލިބުނަސް ކަންތައް ވެދާނެ ގޮތަކާމެދު ދާރިއަން ހާސްވެ ކަންބޮޑުވެއެވެ. އަމިއްލަ ބާރު ނުހިނގާނޭ ހިސާބަކަށް ވިސްނުން ދިޔަކަ އޭނާ ނުދޭނެއެވެ. އެހެންވިޔަސް އޭނާގެ ބެލުންތައް ތިރިއެއް ނުކުރެވުނެވެ. ދުރުގައި ތިބި ހޭޒަލްއާއި ލިއަމްގެ ހަރަކާތްތަކަށް ގަސްދަކާނުލައި ބެލެނީއެވެ.

(ނުނިމޭ)