ބޭރު ކުޅިވަރު

ނަތީޖާއަށްވުރެ އެމެރީއަށް މުހިންމީ ޒުވާން ކުޅުންތެރިންގެ ހިތްވަރު

Aug 25, 2019

ލިވާޕޫލާ ދެކޮޅަށް ރޭ ކުޅުނު މެެޗުން ބަލިވި ނަމަވެސް، ނަތީޖާއަށް ވުރެ އާސެނަލްގެ ކޯޗު އުނާއީ އެމެރީގެ ތައުރީފް ޒުވާން ފޯވަޑް ނިކޮލަސް ޕެޕޭގެ އިތުރުން މިޑްފީލްޑަރު ޖޯ ވިލޮކް އަށް އަމާޒުކޮށްފި އެވެ.

ރޭގެ މެޗުން 3-1 ގެ ނަތީޖާއަކުން އާސެނަލްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދި ނަމަވެސް، މެޗުގެ ތެރެއިން ބައެއް ކަންކަން އާސެނަލްއާ ދެކޮޅަށް ދިޔަކަން އެމެރީ ފާހަގަކުރި އެވެ.

"ފުރަތަމަ ހާފުގައި މުޅި ޓީމު އެއްކޮށް ރަނގަޅު ކުޅުމެއް ދެއްކި. ޑިފެންސުން އެޓޭކަށް ރަނގަޅު ކުޅުމެއް ދައްކައި، ވަރަށް ރަނގަޅު ފުރުސަތުތަކެއްވެސް ތަނަވަސް ކުރެވުނު. އެކަމަކު ޕެނަލްޓީއާއެކު މުޅި މެޗު ބަދަލުވެގެން ދިޔަ،" ލިވަޕޫލްގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހް ކާމިޔާބުކުރި ހާދިސާއަށް އިޝާރާތް ކުރަމުން އެމެރީ ބުންޏެވެ.

އާސެނަލްގެ ޑިފެންސުން ކުރި މަސައްކަތުން ފުރަތަމަ ހާފުގައި ލިވަޕޫލަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ލިވަޕޫލަށް ލިބުނު ކޯނަރަކުން ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޖޮއެލް މަޓިޕް އެވެ. ދެވަނަ ހާފް ފެށުމާއެކު އާސެނަލްއާ އަލަށް ގުޅުނު ޑޭވިޑް ލުއީޒް ސަލާހަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއާއެކު ދެ ލަނޑުގެ ލީޑެއް ލިޕޫލުން ނެގި އެވެ. އަދި އެއަށްފަހު ސަލާހް ވަނީ ލުއީޒް ކައިރިން ނައްޓާފައި ގޮސް ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހާފަ އެވެ.

އާސެނަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލޫކަސް ޓޮރޭރާ އެވެ. ނަމަވެސް، މުޅި މެޗުގައި ވިލޮކްގެ އިތުރުން މި ސީޒަނުގައި ބޮޑު ފީއަކަށް އާސެނަލްއާ ގުޅުނު ޕެޕޭ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

"މެޗު 3-1 އިން ބަލިވުމުން ދެރަވޭ. އެކަމަކު ބައެއް ކުޅުންތެރިން ދެއްކި ކުޅުމުން ހިތްވަރު ލިބޭ. އެކަމުގެ ސަބަބުން މުސްތަގުބަލުގައި ޓީމަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމަށް އުއްމީދު ބޮޑު،" އެމެރީ ބުންޏެވެ.

އާސެނަލްއަށް ދެންވެސް އޮތީ އުނދަގޫ މެޗެކެވެ. އަންނަ އާދީއްތަ ދުވަހު އެމްރޭގެ ޓީމު ނުކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.