ކާނާ

އޭރު ދޮލަނގު މިހާރު ޕްލެޓާ!

އޭރު ސައެއް ބޯލަން ވިޔަސް ދޮލަނގެއްގެ ފުރާ އެކި ކަހަލަ ބާވަތްތަކެވެ. ދޮންކޭލާއި ބިސްކޯދާއި ކުދިގުޅައާއި ތެއްލި ކޭލާއި ކާޖާ އެވެ. މިހުރިހާ އެއްޗެއް ދޮލަނގުގައި ރީތިކޮށް އަތުރާ ލާ ކަޅު ސައިތައްޓަކާއެކު ހަވީރު ކުދިބޮޑު އެއްމެން އެއްކޮށް ސައި ބޯލެވެ އެވެ. ހާއްސަ ދުވަސްތަކުގައި އަދި ދޮލަނގު ވަކިން ހާއްސަކޮށްލަ އެވެ. މާލޫދެއް ކިޔަވާ ދުވަހެއް ނުވަތަ އީދު ދުވަހުގެ ހެނދުނު ސައި ދޮލަނގުގައި ހިމެނޭ ބާވަތްތައް ވަރަށް ހާއްސަ އެވެ.

ދޮލަނގެއް ބޭނުން ނުކުރިޔަސް ދޮލަނގުގެ އެ ކޮންސެޕްްޓް އަދިވެސް އެބައޮތެވެ. ތަފާތަކީ ބޭނުންކުރާ ބަހެވެ. މާބަލް އިން ހަދާފައި ހުންނަ ބޯޑާއި ފިލާއިން ހަދާފައި ހުންނަ އެކި ކަހަލަ ބޯޑްތަކުގައި އެމީހަކު ބޭނުންވާ ކޮންމެ ރަހައެއްގެ ކާބޯތަކެތި އަތުރާލުން މި އަންނަނީ ޓްރެންޑަކަށް ވެގެންނެވެ. ކުލައާއި ގުޅޭތަކެތި އެއްތަނެއްގައި އަތުރާލަނީ އެވެ. އަދި ކޮންމެވެސް ޕްލެޓާ އެއްގެ ނަން ދެނީ އެވެ. ފުރުޓް ޕްލެޓާ އާއި ޗޮކްލެޓް ޕްލެޓާ ނުވަތަ މީޓް ޕްލެޓާ އާއި ޗީޒް ބޯޑެވެ.

ސިއްހަތަށް ފައިދާ ހުންނަ ކާނާ އަށް ލޯބިކުރާ މީހުންނަށް ވެސް ހެލްތީ ޕްލެޓާ އެކެވެ. ތާޒާ ތަރުކާރީ އާއި އެކި ކަހަލަ ޑިޕްތަކާއެކު ހެލްތީފުޑް ޕްލެޓާ އެއް ފުދެއެވެ.

ކުޑަމިނުން ދަތުރުދާއިރު ތައްޔާރުކޮށްލާ މަޖާކޮޅާއި މަސްދަތުރު ދާ އިރު ގެންދާ މަސްކާށި ވެސް ހުންނަންވަނީ މިގޮތަށް ޕްލެޓާއަކަށް އަތުރާލާފަ އެވެ. ކެޔޮފަތެއްގައި މިތަކެތި މިހެން އަތުރާލާއިގެން ފޮޓޯއެއް ފެންނައިރު ވެސް ކުޅުދިޔާ ވެއެވެ. މިގޮތަށް އަތުރާލުމުގެ އެއް ބޭނުމަކީ އިންސްޓަގްރާމް ފީޑަށް ބޭނުންވާ ފޮޓޯ ވެސް ކޮންމެހެން ހޯދާށެވެ. އެވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އަނެއްކަމީ އެއްމެން އެއްކޮށް ކާލާ މަޖާ ކޮށްލުމަށެވެ. އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހި ކުރުމަށް ކާނާ ވަރު އެއްޗެއް ނެތެވެ. ކެފޭތަކުން ވެސް މިގޮތް ހަމަޖައްސާލަނީ ގިނަ މީހުން ގެންދާށެވެ. ރައްޓެހި ގްރޫޕްތަކުން ވެސް އެއްމެން ދިމާވެލާ ކާލަން ވެސް މި ގޮތް ކަމުދަނީ އެވެ. ޖީބަށްވެސް ލުއިވަނީ އެވެ. ޕްލެޓާތައް މި ފަހަކަށް އައިސް މަގުބޫލު ކަން ހޯދާފައިވާ އިރު މިގޮތަށް ތަފާތު ޕްލެޓާ ތައްޔާރުކޮށް ޑެލިވަރީ ކުރާ މީހުން ވެސް އެބަތިބިއެވެ. ވިޔަފާރީގެ ފުރުސަތަކަށް ވެސް އެކަން ވީއެވެ.

ދޮލަނގެއް ނެތަސް ދޮލަނގު ކޮންސެޕްޓްގެ މި ކަހަލަ ކޮންމެވެސް ޕްލެޓާ އަކީ ފަހުގެ ޓްރެންޑެވެ.