ލައިފްސްޓައިލް

އަނބިމީހާ ބުނާ ގޮތް ހެދުމަކީ ދަށުވުންތަ؟ ނުހެދުމަކީ ގައްޑާވުންތަ؟

Aug 2, 2015
2

ބައެއް ފިރިން ދެކޭ ގޮތުގައި އަނބިމީހާއާއި އެއްކޮށް ގިނަ ވަގުތު ހޭދަކޮށް އޭނާ ބުނާ އިރަށް ބުނާ ކަމެއް ކޮށް ދިނުމަކީ އަނބިމީހާގެ ދަށުވުން ކަހަލަ ކަމެކެވެ. އެމީހުންގެ އެކުވެރިން ކުރިމަތީގައި އެމީހުންގެ "އަގު" ވެއްޓޭ ކަހަލަ ކަމެކެވެ.

މިއީ އޭނާ ގަސްތުގައި ވިސްނާ ވިސްނުމެއް ހެއްޔެވެ؟ އެހެންނޫނީ އޭނާ އާއި އެއްކޮށް އުޅޭ މީހުން ކިޔައިދީ ދަސްކޮށްދޭ އެއްޗެއް ހެއްޔެވެ؟

ކޮންމެ ގޮތެއް ވިޔަސް މުޖުތަމައުގައި ގިނަ ފިރިހެނުންގެ ބޮލުގައި މި ވިސްނުން ވަނީ ވަރަށް ބޮޑަށް ހަރުލާފައެވެ. ރައްޓެހިންގެ ކުރިމަތީގައި އިނދެގެން އުޅޭ އަނބިމީހާ ގުޅާފައި ގެއަށް އަންނަން އެދުމުން ތިމާ އަންހެނުން ދަށުވުމާއި އެމީހުންގެ ކުރިމަތީގައި އަގުވެއްޓޭ ކަމަށް ހީކުރެވި ގެއަށް އައުމަށް އުޒުރުވެރިވެއެވެ. ހިތުން އެއީ މީހާ ރައްޓެހިން ކުރިމަތީގައި މޮޅުވަނީ އެވެ. އާންމު ބަހުންނަމަ "ގައްޑާ" ވެލީ އެވެ.

އެފަދަ ކަންކަމަށް ހިތްވަރުދީ އުޅޭނީ ދުވަހަކުވެސް ޒަވާޖީ ހަޔާތެއް ފަށަން ބޭނުންނުވާ ބައެކެވެ. އެހެން ނޫނީ މީހަކާއި އިނދެގެން ހުރި މީހެއް ކަމުގައިވާނަމަ ކައިވެންޏާއި ދޭތެރޭ ހިތްހަމަނުޖެހި، އަވަހަށް ސިންގަލް ވާން ބޭނުން، ނޫނީ 'ސައިޑްކިކެއް' ބޭނުންވާ މީހުންނެވެ. މިކަހަލަ މީހުންނަކީ  ހަގީގީ އެކުވެރިންނެއް ނޫނެވެ. ވިސްނުންތެރި އަހުލާގު ރަނގަޅު އެކުވެރިއެއްނަމަ އޭނާ އެކުރަނީ މާ "އޮބި" ކަމެއް ކަމަށް ނުދެކޭނެ އެވެ.

ދެރަކަމަކީ ކުރެވެނީ ގޯސްކަމެއްކަން ރިއަލައިޒްވާއިރު އަނބިމީހާ، މުދާކޮޅު ހިފައިގެން ފިލައި ރައްކާވާކެމެވެ. އެހެން ކަމުން ވަގުތު ފާއިތުވުމުގެ ކުރިން ތިމާ ކޮށްލަން ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ.

1- އެކުގައި އުޅޭ އެކުވެރިންނާއި ދޭތެރޭ ރަނގަޅަށް ވިސްނާލަބަލާށެވެ. އެއީ ކޮންކަހަލަ ބައެއް ހެއްޔެވެ؟ އެމީހުންގެ ކިތައް ބިޓުން އެބަތިބި ހެއްޔެވެ؟ އިނދެގެން އުޅޭނަމަ އުޅެނީ އުފަލުގައި ހެއްޔެވެ؟ އެއީ ތިމާއަށް ނަސޭހަތެއް ދެވޭވަރުގެ ބައެއް ހެއްޔެވެ؟ މިހުރިހާ ސުވާލުތަކަކަށް ވަރަށް މައިންޑް ކްލިއާ ކޮށްގެން ޖަވާބު ހޯދާށެވެ

2- އެހެން މީހުންގެ ބަސް އަޑުއަހައި އެއަށް އަމަލުކުރަނީ ތިމާގެ އަމިއްލަ ނަފްސަށް ކޮންކަހަލަ އިތުބާރެއް ނެތިގެން ހެއްޔެވެ؟ ބުނާހާ ގޮތަކަށް ކަންތައްތައް ކުރުމުން އެމީހުން ދެކޭނީ ތީ އެމީހުންގެ "ޕަޕެޓެއް" ހެންނެވެ. އިނގިލިކޮޅުގައި ފަށެއް އެލުވާފައި އޮންނަހެން ކުޅެލަން އެހާމެ ފަސޭހަ ބުދެއް ހެންނެވެ. ތިމާގެ އަމިއްލަ ވިސްނުމެއް ވެސް ބަހައްޓާށެވެ. މީހަކު ކިތައްމެ ވަރަކަށް ދެކޮޅު ހެދިކަމުގައިވިޔަސް ތިމާގެ މައިންޑް ފޯކަސް ކޮށްފައި ބެހެއްޓޭތޯ ބަލާށެވެ. އޭރުން ކިތައްމެ ގާތް އެކުވެރިންވެސް އެމީހަކަށް ކަމޭހިތާނެ އެވެ.

3- ރައްޓެހިންނަކީ ގޯސް ނަސޭހަތްދޭ ބައެއްނަމަ އެމީހުން ތިމާގެ އުފަލަކާއި ދޭތެރޭ ނުވިސްނާކަން އެނގި ކުޑަކޮށް އެއްފަރާތަކަށް ޖެހިލެވޭތޯ ބަލާށެވެ. މާނަކީ އެމީހުންނާއި ގުޅުން ކަނޑާލާށެކޭއެއް ނޫނެވެ. ތިމާގެ ހަޔާތުގައި ކޮންމެވެސް ކަހަލަ ޕޮޒިޓިވް އިންފްލުއެންސެއް އަންނަ ކަހަލަ މީހުންނާއި އެއްކޮށް ވަގުތު ހޭދަ ކުރާށެވެ.

4- ހަޔާތުގެ މައްސަލަތަކެއް އެކުވެރިންނާއި ވީހާވެސް މަދުން ޝެއާ ކުރެވޭތޯ ބަލާށެވެ. ދިރިއުޅުމުގެ ދަތިތަކެއް އިނދެގެން އުޅޭމީހާ ނޫން އެހެންމީހަކަށް އެންގުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އިނުމަށްފަހު ތިމާގެ އަނބިމީހާއަކީ ތިމާގެ ހުރިހާ ސިއްރުތަކެއް ފޮރުވައިދޭ ކުރިމަތިވާ އަޑިގަނޑުން އުސްގަނޑުތަކަށް އަރުވައިދޭން އެހީވާން ހުންނަ ހިތްވަރެއް ކަމުގައި ގަބޫލުކުރަން ޖެހޭނެ އެވެ.

5- އެކުވެރިންނާއިއެކު ވަގުތު ހޭދަކުރާއިރު އަނބިމީހާ ގޮވައިގެން ދާށެވެ. އޭރުން އެމީހުންނަށް އަނބިމީހާ ދަސްވެ، އަނބިމީހާއާ ވެސް އެކުވެރިވާނެ އެވެ. ދިމާވާ ކޮންމެ ފަހަރަކު ގުޅުން ބަދަހިވެ ތިމާއަށް ގޯސްކޮށް ކަމެއް ކުރެވޭނަމަ އެއްކަލަ އެކުވެރިން ތިމާއަށް ވިސްނައިދީ ރަނގަޅު މަގަށް އެޅުވޭތޯ އެހީވެދޭނެ އެވެ.

6- އިނުމުގެ ކުރިން އިނދެގެން އަނބިމީހާއާއި އެއްކޮށް ވަގުތު ހޭދަކުރަންޖެހޭނެ ކަން ހަނދާންކުރާށެވެ. ސީދާ ނިދާގަޑިއަށް ގެއަށްގޮސް އޭނާ އާއި އެއްކޮށް "އެނދެއް ޝެއާކުރުމަކަށް" ކައިވެންޏެކޭ ނުކިޔާނެ އެވެ.

7- ތިމާއަށް ވެސް ކުށް ކުރެވޭކަން ގަބޫލު ކުރާށެވެ. އަނބީމީހާ ދެތިން ފަހަރު އެއްވާހަކައެއް ދައްކާނީ ގައިމުވެސް ތިމާއަށް އެކުރެވޭ އެހެން ނޫނީ ބުނެވޭ ބަހަކުން އޭނާއަށް އަސަރުކޮށްގެނެވެ. ނޫނީ ކުރާތީ އެވެ. އެކަން ގަބޫލުނުކޮށް އެއްވެސް ކަމެއް ހައްލެއް ނުވާނެ އެވެ.

އިނދެގެން އުޅޭ މީހާއަކީ އާއިލާ ފިޔަވައި ހަޔާތުގައި އަންނާނެ އެންމެ މުހިއްމަ މީހާއެވެ. މުހިއްމު ނޫންނަމަ ނުއެއް އިންނާނެ އެވެ. އެހެންނޫނީ ތިބޭނީ ބިޓުންގެ ގޮތުގަ އެވެ. ހަމައެކަނި ދެމީހުންގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރުމަކީ އަނބިމީހާގެ ކަމެއް ކަމުގައި ގަބޫލު ކުރާނަމަ އެކައިވެންޏެއްގެ ކައުންޓްޑައުން މިހާރުއްސުރެ ގުނަން ފަށާށެވެ.