ހަބަރު

އަދާލަތުގެ ރައުޔުވެސް އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް

Aug 25, 2019
9

ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ އަންހެން ބޭފުޅުންގެ ނަން ހުށަހެޅުއްވުމާއެކު ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް، ފަނޑިޔާރުކަމަށް އަންހެނުން އައްޔަނުކުރުމާމެދު ދީނީ އިލްމުވެރިންގެ ރައުޔުތަކަށްބަލައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ބުރަވަނީ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަންކުރުމަކީ ހުއްދަނޫން ކަމެއްކަމަށް ބުނާ ރައުޔުއަށްކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ އަންހެން ބޭފުޅުންގެ ނަން ހުށަހެޅުއްވުމާއެކު ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި އިސްލާމީ ފިގުހުވެރިންނާއި އިސްލާމީ ގައުއުމުތަކުގެ އެކިއެކި މުއައްސަސާތަކުން ނެރެފައިވާ ރަސްމީ އަދި އިލްމީ ރައުޔުތަކަށް ބަލާއިރު މައިގަނޑު ތިން ރައުޔެއް ގެންގުޅޭ ކަމަށެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ތިން ރައުޔު

  • ފަނޑިޔާރުކަމަށް އަންހެނަކު އައްޔަންކުރުމަކީ ހުއްދަނޫން ކަމެއްކަން
  • ހައްދާއި ގިސާސްގެ މައްސަލަތަކުގައި ފަނޑިޔާރުކަމަށް އަންހެނަކު އައްޔަންކުރެވޭނެކަން
  • ފަނޑިޔާރުކަމަށް އަންހެނަކު އައްޔަންކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއްކަން

"މި ރައުޔުތަކަށްބަލައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރާޖިހުކުރަނީ ފަނޑިޔާކަމަށް އަންހެނަކު އައްޔަންކުރުމަކީ ހުއްދަނޫން ކަމެއްކަމަށް ބުނާ ރައުޔު،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، ޝަރުއީ މައްސަލަތަކުގައި އުފެދޭ ހިލާފުތަކުގައި އެއްބަޔަކު އަނެއްބަޔަކަން އިހްތިރާމް ކުރަންޖެހޭކަމަށް އަދާލަތުން ފާހަގަކޮށްފައިވެ އެވެ.

އަދި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވެފައިވާ މިފަދަ މައްސަލަތަކުގައި، އެމީހަކަށް ބުރަވެވޭ ރައުޔު އެއީ އެމައްސަލައިގައި އޮތް ހަމައެކަނި ރައުޔުކަމުގައި ދެކި، އެއާ ހިލާފު ރައުޔަކަށް ތާއީދުކުރާ ފަރާތަކީ ދީނުގައި ނުވަތަ އަގީދާގައި އުނި ފަރާތެއްކަމަށް، ނުވަތަ މަގުފުރެދިފައިވާ ފަރާތެއްކަމަށް، ނުވަތަ އިސްލާމީ ޝަރީއަތަށް ގޮންޖަހާ ފަރާތެއްކަމަށް، ނުވަތަ އިސްލާމީ ޝަރީއަތަށް ކާފަރުވެފައިވާ ފަރާތެއްކަމަށް ބުނެވޭނެ އެއްވެސް ހަމައެއްނެތް ކަމަށް އަދާލަތުން އިތުރަށް ބުނެފައިވެ އެވެ.

"އިސްލާމީ ޝަރީއަތުގައި އިލްމުވެރިންގެ މެދުގައި ހިލާފުއުފެދިފައިވާ މައްސަލަތަކުގައި ހިޔާލު ތަފާތުވާ ހާލަތްތަކުގައި އަމަލުކުރުން އޮތްގޮތަކީ އަނެކާގެ ރައުޔަށް އިހްތިރާމް ކުރުމާއި، އިހްލާސްތެރިކަމާއެކު، ކީރިތި ގުރުއާނާއި، ސައްހަ ހަދީސާއި، އިލްމުވެރިންގެ އިޖްމާއާއި، ގިޔާސް އާއި، ދެންވެސް ހުރި ޝަރުއީ މަސްދަރުތަކުން ނަގުލުވާ ދަލީލްތަކުގެ މައްޗަށް ބިނާކޮށް ހައްގަށް ވާސިލުވުމަށް މަސައްކަތްކުރުމެވެ،" އެ ބަޔާނުގައި ބުންޏެވެ.

އަދި އިހްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާއަށް އިހްތިޔާރުކުރެވުނީ އެކަމުގައި އޮތް ގޯސް ރައުޔުކަމުގައި ވީނަމަވެސް ފާފަވެރި ނުވާނެކަމަށް އަދާލަތުން ބުނެފައިވެ އެވެ.

"އެހެން ކަމުން މިފަދަ މައްސަލަތަކުގައި އަފްރާދުންގެ މެދުގައި ނަފްރަތުއުފެދި މުޖްތަމަޢު ބައިބައިވެ ޝަރުއީގޮތުން މައްސަލައިގެ ކަންކަން އޮތްގޮތް އޮޅޭގޮތަށް ވާހަކަ ދައްކައި ހަބަރު ފެތުރުމުން އެންމެހައި އަފްރާދުންނާއި، ވަކީން ހާއްސަކޮށް ޝަރުއީ އިލްމަށް ނިސްބަތްވާ ބޭފުޅުން ދުރުހެލިވާންޖެހެ އެވެ."

ސުޕްރީމް ކޯޓަށް ރައީސް ސޯލިހު ނޮމިނޭޓް ކުރައްވާފައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު އާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫން އެވެ.

ޑރ. އަޒްމިރަލްޑާ ޒާހިރު ހައިކޯޓުން 2016 ގައި އިސްތިއުފާދެއްވި އިރު، އެކަމަނާއަކީ ހައިކޯޓުގެ ބެންޗުގައި މިހާތަނަށް އިންނެވި ހަމަ އެކަނި އަންހެންބޭފުޅާއެވެ. އަދި ސުޖޫން 2014 ގައި ސިވިލް ކޯޓުން އިސްތިއުފާދެއްވި އިރު، އޭނާ އަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެކައުންސިލަށްވެސް ހޮވިވަޑައިގެންފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކުވެސް ވަނީ ސުޕްރީމް ކޯޓަށް ކުރިމަތިލައްވައިފަ އެވެ.

އެ ހަ ބޭފުޅުންނާ އިންޓަވިއުކުރުމުގެ ކަންކަން މިރޭ 7.00 އިން ފެށިގެން ކުރިއަށް ގެންދިއުމުގެ އިތުރުން، އެ އިންޓަވިއުތައް ރެކޯޑް ކުރުމަށްވެސް އެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.