ކާނާ

ހަފާ ހަފާ ފޫހިވުމެއްނެތް ދިވެހި ރަހަ!

ލުއި ކާނާގެ ގޮތުގައި ކާލަން ދިވެހި ރަހައިގެ ކާނާ ވަރެއް ނެތެވެ. ދިވެހިރަހަތައް ހިމެނޭ މުރަނަކޮށް ހުންނަ މި ތަކެތި ކިތަންމެ ވަރަކަށް ވެސް ހަފާލެވިދާނެ އެވެ. ސައިގަޑީގެ އިތުރުން ފިލްމެއް ބަލާއިރު ނުވަތަ އޮފީހުގައި މަސައްކަތް ކުރާއިރު ވެސް މީގެން އެއްޗެއް ހަފާލާން ކަމުދެ އެވެ.

ބާޒަރުގައި ތަފާތު އެކި ބާވަތުގެ ދިވެހި އުފެއްދުންތަކަށް އަބަދުވެސް ޑިމާންޑް އޮވެ އެވެ. ކުރިން ނުފެންނަ އާ ބަވަތްތަށް ވެސް މި އަންނަނީ އިތުރުވަމުންނެވެ. ކައިރި ރަށްރަށުން ގެނެސް ދިވެހި އުފެއްދުންތަކުގެ އިތުރުން މާލޭގައި ހަދާ މި ފަދަ ތަކެތި ފިހާރައިގެ ހަރުން ޖާގަ ހޯދައެވެ. ފިހާރައިގެ އިތުރުން އޮންލައިންކޮށް ވެސް ވިއްކަ އެވެ.

މަގުބޫލުކަން ހޯދަމުން އައިސްފައިވާ އެކައްޗަކީ ރިހާކުރު ގުޅައެވެ. ލޮނު މިރުހާއި ފުށާއި ހަނޑޫފުށާއި ރިހާކުރުން ހަދާފައިވާ ހުންނަ ކުދި ކުދި ގުޅަތަކެކެވެ. ރަހަ ހެޔޮވަރު ކޮށްލަނީ ފިޔާ، ހިކަނދިފަތާއި، ލޮނުމެދު ލައިގެނެވެ.

ދެކުނުގެ އަތޮޅުތަކުން ހަދާ ކުދި ގުޅައާއި މި ރިހާކުރު ގުޅަ ތަފާތެވެ. ރިހާކުުރު ގުޅައިގެ ފުއްގަނޑު އެތޭރެގައި މަހެއް ނުހުރެއެވެ. ކުދިކުދިކޮށް ހުންނަ މި ގުޅަ ހިނގަނީ ހެޔޮވަރު ވަރަކަށް ކުޅިކަމަކައި މުރަނަކަމެއް ހުންނާތީ އެވެ. ދިވެހި އުފެއްދުންތަކަށް ދިވެހި ރަހަތަކަށް ލޯބިކުރާ މީހުންނަށް މި ގުޅަ ވަރަށް ކަމުދާނެ އެވެ.

މި ފަހުން ރިހާކުރު ގުޅައިގެ މަގުބޫލުކަން އިތުރުވެ ކަންމަތީ ފިހާރަތަކުގެ ދިވެހި ލުއިކާނާ ވިއްކާ ހަރުތަކަށް ރިހާކުރު ގުޅައިގެ ބްރޭންޑްތައް އައިސްފައި ވެއެވެ. ޒަމާނީ ޓުވިސްޓަކާއެކު ދެން ހިނގަނީ ރިހާކުރު ޗިޕްސް އެވެ. ދިވެހި ކާޖާގެ މުޅިން އާ ބާވަތެކެވެ. މި ޗިޕްސް ހޯދަން ސުޕަމާކެޓަކަށް ވަދެލާއިރު ރިހާކުރު ޗިޕްސްގެ ބްރޭންޑްތައް ފެނެ އެވެ.

އާއްމުގޮތެއްގައި މި ފަދަ ކާޖާ ހެދުމުގެ މަސައްކަތް ގިނައިން ރަށްރަށުގައި ކުރިއަސް މާލޭގައި ވެސް އާމްދަނީ ހޯދަން މި މަސައްކަތް ކުރާ މީހުން އެބަތިއްބެވެ. ރިހާކުރު ގުޅަ ނުވަތަ ރިހާކުރު ޗިޕްސް އާއި މިކަހަލަ ދިވެހި އާ އުފެއްދުންތައް ސުފުރާއަށް ގެނެސް ރަހަ ބަލާލަންވީ އާއިލާއި ރައްޓެހިންނާއި އެކުއެވެ.