އެންމެ ސެކްސީ ސިފައަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ހެދުން އަޅާފައި ހުންނަ ގޮތެއް ނޫނެވެ. ކުރާ ސަމާސާ އާއި ދެން އެވާ މަޖަލެވެ.
ދިރާސާތަކުން އެނގިފައިވާ ގޮތުން އެންމެ ސެކްސީ ސިފައަކީ ނުވަތަ ދެ ހިތެއް އެއް ދިމާލަކަށް ދަމައިގަތުމުގެ ބާރު އެންމެ ގަދަ ސިފައަކީ ސަމާސާކުރުމުގެ މިޒާޖެވެ.
ލޯބީގެ ދިވެހި ލަވަ ބަލާ މީހުން މި ވާހަކަ ނިކަން ފަސޭހައިން ގަބޫލުކުރާނެ އެވެ. މިކަމަށް ހެކިވާ ނިކަން އަސަރުގަދަ ލޯބީގެ ލަވައެއް އަބްދުލް ހަންނާނު މޫސާ ދީދީ އާއި ޝިފާ ތައުފީގު ވެސް ރިކޯޑްކޮށްފައި އޮންނާނެ އެވެ.
އެ ލަވަ އަށް ކިޔަނީ ކީކޭކަން އެނގޭ ހެއްޔެވެ؟
"ސަމާސާ ސަމާސާތަކުން ހިތް އޮޔާލާ"
ސަމާސާގެ އޮއިގައި ދެ ހިތް ޖެހި ލޯތްބަށް ބަންޑުންވާ ގޮތުގެ ވާހަކަ ކިޔައިދޭ ކުރީގެ ލަވައެކެވެ. މިފަދަ ކުރީގެ ދިވެހި ލަވަތަކީ އޭގާއި ލޯބީގެ ސަމާސާ ވަރަށް ގިނަ އަދި ވަރަށް ބޮޑު ލަވަތަކެވެ. އެހެންވީމަ ސައިންސްވެރިން ދިރާސާތަކެއްކޮށް އެންމެ ސެކްސީ ސިފައަކީ ސަމާސާކުރުންކަން ދެނެގަތުމުގެ މާ ކުރިން ދިވެހިން މި އޮތީ މި ސަމާސާއެއްގެ ޖާދޫ ނިކަން ރަނގަޅަށް ހޯދައިގަނެފައެއް ނޫން ހެއްޔެވެ؟
ދިވެހި އެހެން ލަވައެއްގައި ބުނަނީ "ދުށީމޭ ނިދީގާ ސަމާސާކުރާތީ" މިހެންނެވެ. ހަމަ އެކަކު އަނެކަކަށް ހިތްބަންޑުންވެގެން ދުރުގައި ނޫޅެވިގެން އިހްސާސްތައް އުތުރުއަރައި ބަންޑުންވަމުންދާ ލޯބީގެ ލަވައެކެވެ.
މީގެ އިތުރަށް ވެސް މިފަދަ ބައިވަރު ލަވަ އެބަހުއްޓެވެ. މިސާލަކަށް ނިއުމާ މުހައްމަދު އާއި ގިއާސް އެކްޓްކޮށްފައިވާ "ކޮއްލީ ނަގާފާ ސަމާސާ" އެވެ.
"ކޮށްލީ ނަގާފާ ސަމާސާ، ސިއްރުން ހިތޭ ދޯ ޖަވާބު ދީ"
އޭގައި ބުނަނީ މިހެންނެވެ.
އެހެންވީމަ، ސަމާސާ އަކީ ލޯބީގެ އެންމެ ބާރުގަދަ ހަތިޔާރޭ ބުނުމުން މި ވާހަކަ ގަބޫލުކުރާށެވެ. "ދޮންމަންޖެ" އޭ ކިޔުނު އަލްބަމަކަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ރިކޯޑްކޮށްފައިވާ ލަވައެއްގައި ވެސް ބުނަނީ "ހާދަހާ ވޭ ކުރާހިތް ސަމާސާ" އޭ އެވެ.
އެހެންވީމަ ސަމާސާ އާއި ލޯތްބާ ގުޅުމެއް ނެތް ކަމަށް ނިންމޭކަށް ހަމަ ނެތެވެ. އަލީ ރަމީޒާ ހަމައިން ޖެހޭނީ އެ ވާހަކަ ގަބޫލުކުރާށެވެ.
ކޮންމެއަކަސް މިއީ ލޯބިން މީހަކު އަނެކާ އަށް ހިތްކިޔާފާނެ ފަސް ގޮތުގެ ތެރެއިން ފުރަތަމަ ގޮތެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ސަމާސާ ބޮޑަށް ކަމުދަނީ އަންހެންވެރިންނަށެވެ. ސަމާސާކޮށް މަޖާކޮށް އުޅޭ ފިރިހެނުންނަށް އަންހެން ކުދިންގެ ހިތް ނިކަން ފަސޭހައިން ވެއްޓޭނެ އެވެ.
މިއީ ދިރާސާތަކުން އަދި ދިވެހި ލޯބީގެ ލަވަތަކުން ވެސް ސާބިތުކޮށްފައިވާ ކަމެކެވެ. ހެއްވާލެވޭ ވަރުގެ ފިރިހެނަކާ ޖެހިއްޖެ ނަމަ އަންހެނަކު ހަލާކުވާނެ އެވެ. އަދި ކޮށްލާ ސަމާސާއަކަށް މަޖާވާ އަންހެނަކާ ދިމާވެއްޖެ ނަމަ އެ ދެ މީހަކު އެކުގައި ގޮސް ލޯބީގެ އާލާމަކަށް ގެއްލުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ.
އެގޮތަކީ އަމިއްލަ އަށް މީހަކު ދެކެ ހިތާވުމެވެ. ނުވަތަ މީހަކަށް ހިތްކިޔުމެވެ. ހިތްކިޔައިގެން އުޅޭކަން ނުވަތަ އެ މީހަކު ދެކެ ލައިކްވާކަން އެންގުމެވެ.
މިއީ ވެސް ދިރާސާތަކުން އަދި ދިވެހި ލަވަތަކުން ސާބިތުކޮށްފައިވާ ކަމެކެވެ. މިއީ "ގަދަ އަށް ޖައްސައިގެން ނޫނީ ބިޓެއް ނުލިބޭނެއޭ" ބުނާ ވާހަކައިގެ ތެރެއިން އުފެދިގެން އަންނަ ލޯބީގެ ކުރިއެކެވެ.
މުހައްމަދު ޖުމައްޔިލް އައީ މަރިޔަމް މަޖުދާ ލީޑް ރޯލުކުޅެފައިވާ ލޯބީގެ އަސަރުގަދަ ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ބެލީމެއް ނޫން ހެއްޔެވެ؟ "ރޯލީމޭ" އޭ ކިޔުނު ނިކަން ހިތްގައިމު ލަވައެއް އޭގައި އޮންނާނެ އެވެ.
މިއީ މި ބުނާ ހިތްބަންޑުން ވެދާނެ ދެ ވަނަ ގޮތް ނިކަން ރަނގަޅަށް ތަމްސީލުކޮށްދީފައިވާ ލަވައެކެވެ. މި މުޅި ފިލްމަކީ ވެސް އޭގެ ހެއްކެކެވެ. ލޯބިވެގެން އުޅޭކަން ދެއްކީމަ ނުވަތަ އަންގައިދޭން ކުރާ ކަންތަކަކީ އަނެކާގެ ހިތް ތިބާއާ ދިމާލަށް ލެނބުމުގެ ފުރުސަތުބޮށްދޭ ކަންކަމެވެ.
އަދި މިހެން އުފެދޭ ލޯބި ނުވަތަ ހާސިލުކުރެވޭ ލޯބި ނިކަން ވަރުގަދައޭ ވެސް މީހުން ބުނެ އުޅެ އެވެ. "އެންމެ ފަހު ވިންދާ ޖެހެން ދެން" އާއި އޭގެ ފޭނުން މި ވާހަކަ އަށް ހެކިވާނެ އެވެ.
އެއީ ދެކެވޭ ވާހަކަ އެވެ. ނުވަތަ ތަޅާލެވޭ އަނގައެކެވެ. އެކަމަކު އަދި ކޮންމެ އަނގައެއް ތަޅާލައިގެން ލޯތްބެއް ފައްކާނުކުރެވިދާނެ އެވެ.
ނަމަވެސް ދިރާސާތަކުން އެނގިފައިވާ ގޮތުން އިމޯޝަނަލް ނުވަތަ ޕާސަނަލް ވާހަކަތައް ހިއްސާކުރުމަކީ ނިކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ނިކަން ވަރުގަދަ ގުޅުމެއް އުފައްދަފާނެ ކަމެކެވެ. ތަޖުރިބާކާރުން ބުނަނީ މިގޮތަށް ބަދަލުކުރެވޭ ވާހަކަތަކެއްގެ ސަބަބުން ދެ ހިތެއް ލޯބިން ބަނދެލެވިގެންދާން މާ ގިނަ ވަގުތެއް ވެސް ނުނަގާނެ ކަމަށެވެ.
އެއަށް ކިޔައި އުޅެނީ ކުއްލިއަކަށް އުފެދޭ ލޯތްބެވެ. ކުއްލިއަކަށް ހިތްޖެހުމެވެ.
މިސާލަކަށް ވަކި ތަރުތީބަކުން ހުރިހައި ކަމެއް ކޮށް އުޅޭ މީހެކެވެ. ހުރިހާ ކަމެއްގައި ވެސް ވަކި ގޮތެއް ހިފަހައްޓައިގެން ހުންނަ މީހެކެވެ. މިއީ ކައިވެންޏަށް އެންމެ ފައްކާ ވައްތަރުގެ ލޯތްބެވެ.
މިސާލަކަށް ވަފާތެރި، އިހްލާސްތެރި ހިތްހެޔޮ މީހަކާ ކައިވެނިކޮށްގެން އުޅެން ބޭނުން ނުވާނެ ހެއްޔެވެ؟
ދިރާސާތަކުން އެނގިފައިވާ ގޮތުން މީހުން ލޯބިވަނީ މީހުން ދެކެއެއް ނޫނެވެ. ސިފަތައް ދެކެ އެވެ. އަކި ވަކިން ހާއްސަކޮށް މީހެއްގެ ކިބައިގައި ހުންނަ ސިފައެއްގެ ސަބަބުން ނުވަތަ އެމީހަކު ކުރާ ކަމެއްގެ ސަބަބުން ތިމާ އަށް ކުރެވޭ އިހްސާސް މިއީ ވެސް ލޯބިން ހިތް ބަންޑުންވުމުގެ ފަހަތުގައި މުހިންމު ރޯލެއް ކުޅޭ ކަމެކެވެ.
މިއީ ލޯބީގެ ނިކަން ނުރައްކާތެރި ވައްތަރެއްކަން ވެސް ހަނދާނުގައި ބެހެއްޓުން މުހިންމެވެ. ސަބަބަކީ ލޯބިވާ މީހާ ތިމާ އަށް އަނިޔާކުރުމުން ނުވަތަ އެ މީހަކު އަމިއްލަ މީހާ އަށް އަނިޔާކޮށް ހެދިގަންނަ ގޮތަކުން ވެސް ދެ މީހުންގެ ދެމެދުގައި އޮންނަ ލޯބި އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ އެވެ.
ލޯބީގައި ދީވާނާވެ ގައިގައި ވަޅި އަޅާ ހިސާބަށް ދާ ވާހަކަ ލޯބީގެ ވާހަކަތަކުން ވެސް ކިޔައި އުޅެމެއް ނޫން ހެއްޔެވެ؟ވަރަށް ލޯބިވެޔޭ ކިޔާފައި އަތުގައި ވަޅި އެޅުމުން އެ މަންޒަރު ބަލަން ހުންނަ މީހާ އަށް ނަފްސާނީގޮތުން ކުރާ އަސަރު ވަރަށް ބޮޑުވެ އެވެ. ބައެއް ހާލަތްތަކުގައި އިތުރުވަނީ ދެ މީހުންގެ ދެމެދުގައި އޮންނަ ލޯތްބެވެ.