(21 އޯގަސްޓް 2019 އާ ގުޅޭ)
ޒައުލްއަށް ޝަފާގެ ލާނެތް ހިނިތުންވުން ފެނުމުން ހީލާފައި ބޮލުގެ ފުއްކިބައިގައި އަތްހާކާލިއެވެ. އަދި މަންހާ ހުރިތަނަކަށް ދިއުމަށް އޭނަވެސް ހިނގައިގަތީއެވެ.
މެންދުރުފަހު ތިނެއްޖަހަން އުޅެނިކޮށް މަންހާގެ އާއިލާގެ ހުރިހާ މެންބަރުން ގުރައިދޫގައި ބަލިމީހުން ބައިތިއްބާ މަރުކަޒަށް އައިސްތިއްބެވެ. އެތަނުގެ ގޯތިތެރޭގައި މަންހާގެ އިންތިޒާރުގައި އެމީހުން އެތަށް އިރަކު ތިއްބެވެ. އެހެންނަމަވެސް މަންހާއެއް އެމީހުންނާ ބައްދަލުކުރާކަށް ނުނިކުތެވެ. ޒައުލް އާއި ޝަފާ މާވަރަށް ކިޔަންފެށުމުން އޭނަ ފެށީ ރޯށެވެ. ދެން އެމީހުންނަށްވެސް އިތުރަށް މަޖުބޫރު ކުރާކަށް ނުކެރުނެވެ. އަދި މަންހާ އެކަކާވެސް ބައްދަލު ކުރަން ބޭނުންނުވާ ވާހަކަ އާއިލާއަށް އެންގިއެވެ. މަންހާ ގަބޫލު ނުވާހާ ހިނދަކު އޭނަ ހުރި ހިސާބަށް ގެންދިއުމީ ވާނެކަމެއްނޫންކަމެވެ.
"ޑޮކްޓަރ، އަޅުގަނޑު މީ މަންހާގެ މަންމަ، ހަމަ އެންމެ ފަހަރަކު މަންހާ ދެކިލަން އަޅުގަނޑު ބޭނުން، މަންހާ ގާތު އޭނަގެ މަންމަ އޭނަ ބަލާ އައިސް ހުރި ވާހަކަ ބުނެދީބަލަ..........." ވަސީމާ ކުރިއަށް ނުކުމެ ޑޮކްޓަރ ޝަފާގެ ކުރިމަތީ ދެއަތްޖޯޑު ކުރަމުން ވާހަކަދެއްކިއެވެ.
"އަޅުގަނޑަށް ކުރެވޭނެ ކަމެއްނެތް، މަންހާގެ ހާލު ފަހަރެއްގަ ގޯސްވެދާނެ އޭނަ ނުރުހޭ ކަންތައްތައް ކުރުވަން އަޅުގަނޑުމެން މަސައްކަތް ކުރަންފަށައިފިނަމަ، އެހެންވެ ތަކުރާރުކޮށް މި އިލްތިމާސް ކުރައްވަނީ ތިބޭފުޅުންނަށް، އަޅުގަނޑަށްވެސް ވިސްނޭ ދަރިއަކު މިތަނުގައި ހުރުމަށް އެއްވެސް މަޔަކު ނޭދޭނެކަން، އެކަމަކު އެހަށް އަޅުގަނޑުމެންނަށް މަންހާ ހަމައަކަށް އަޅުވާ އޭނައަށް ފަރުވާދިނުމަށް ފުރުޞަތުދެއްވާ..........މި މާހައުލަށް ހޭނެންވެސް ދުވަސްކޮޅެއް ނަގާނެ، މަންހާ ކުޑަކޮށް ރަނގަޅުވެލާއިރަށް ތިބޭފުޅުންނަށް އަޅުގަނޑުމެން އަންގާނަން، އަޅުގަނޑަށް ފެންނަނީ ދެން ގެއަށް ދުރުވަން" ޝަފާ ވަސީމާ އަށާއި އާއިލާގެ ހުރިހާ މެންބަރުންނާހެން ވާހަކަދެއްކީ އެއްކޮށެވެ.
ނާއުއްމީދުވެގެން ސަޢީދު އާއި އޭނަގެ އާއިލާ އެނބުރި މާލެދިޔައީއެވެ. ވަސީމާ ރޯތަން ފެނުމުން ޖޫންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށްވެސް ނުހިފެއްޓުނެވެ. އޭނަ ހަނދާންވަމުން ދިޔައީ މަންހާ އާއި ދާއިންގެ ކައިވެންޏަށް ވަސީމާ ގަބޫލު ނުވެގެން މަންހާ އުޅުނު ގޮތެވެ. ޖޫންގެ ކައިރީ އެތަށް ފަހަރަކު މަންހާ ދާއިންދެކެ ލޯބިވާވަރުވަނީ ބުނެދީފައެވެ. އަދި މިހާރު މަންހާ އެހުރީ އޭނަ އެންމެ ލޯބިވާ މީހާ އާއި ކައިވެނިކޮށް ދިރިއުޅުމުގައި ދާއިން އާއިއެކު ދެވޭނެ އެންމެ މަތީ ހަރުފަތަށް ދެވިފައެވެ. ވީއިރު މިފަދަ ގޮތެއް މަންހާއަށް ދިމާވާންވީ ސަބަބެއް އޭނައަކަށްވެސް ނުވިސްނުނެވެ.
ދާއިން އިށީނދެ އިން ސީޓާއި ޖެހިގެން އިން ކުރީ ސީޓުގައި ހަރުކޮށްފައި އިން ބޭބީ ކެރިއޭޖްގެ ތެރޭގައި ދަރިފުޅު ނެހާ އޮތެވެ. އޭނަ ބޭނުންވީ ދަރިފުޅާއިއެކު އެކަނި ވަގުތުކޮޅެއް ހޭދަކޮއްލާށެވެ. ކާރުގައި ދުއްވަމުން ދިޔައީ ވަކި މަންޒިލެއްނެތިއެވެ. ސިކުނޑީގައިވަނީ މަންހާގެ ހިޔާލެވެ. ކާރު ޕާކުކުރާ ޒޯނެއްގައި މަޑުކޮއްލަމުން ޒައުލްއަށް ގުޅިއެވެ.
"ހެލޯ.......ޒައުލް، އަހަރެން ކިހާ ވަރަކަށްތަ މިގުޅަނީ، އެޓްލީސްޓް ވެގެން އުޅޭގޮތެއް ބުނެދީބަލަ.........ހަމަރަނގަޅަށް އެނގޭނެ އަހަރެން މަންހާގެ ކަންތަކުގަ މިހުންނަނީ ނުލާހިކު ކަންބޮޑުވެފަކަން.........އަހަންނާ މަންހާ އާއި ބައްދަލު ކުރެވޭނޭ ގޮތް ހަދާދީބަލަ..........ޕްލީޒް ޒައުލް، އާދޭސްކޮށްފަ މިބުނަނީ............" އެއްފަހަރާ ނޭވާއަކަށްވެސް ނުހުއްޓި ދާއިން ވާހަކަދެއްކިއެވެ.
"ދާއިން ހަމަޖެހިބަލަ، އަހަރެންވެސް ބޭނުންވަނީ ދާއިން މަންހާ އާއި ބައްދަލު ކުރާށޭ، އެކަމަކު ބުނަން، އޭނަ އެކަކާވެސް ބައްދަލު ކުރާކަށް ބޭނުމެއްނުވޭ، އަހަންނަށްވެސް މަންހާއަށް މަޖުބޫރެއް ނުކުރެވޭނެ ދާއިން އާއި ބައްދަލު ކުރާށޭ ކިޔާ............." ޒައުލް ބުނެލިއެވެ.
"މަންހާ އަހަންނާ ދަރިފުޅާ ދުރަށްދާން ބޭނުންވަނީ ކީއްވެ ކަމެއް އަހަންނަކަށް ނޭގެ، އެކަމަކު އަހަރެން ބޭނުމެއްނޫން މަންހާ އާއި ވަކިވާކަށް، މައްސަލައެއްނެތް މަންހާ އަހަންނާ ބައްދަލު ނުކުރިޔަސް، އަހަރެން އޭނަ އާއި ބައްދަލު ކުރަން ގޮސްފާނަމޭ...........ޒައުލް ގަޑިއެއް ބުނެބަލަ" ދާއިން ކެތްތެރިކަން ކުޑަގޮތަކަށް ބުނެލިއެވެ.
"އާދޭ ދުވާލު ދާއިންއަށް ފަސޭހަ ގަޑިއެއްގަ" ޒައުލް ވަރަށް ފަސޭހައިން ބުނެލިއެވެ. އޭނަ ދެކުނުގޮތުގައި މަންހާގެ ހިޔާލު ބަދަލުވިޔަސް ބަދަލުވާނީ ދާއިންގެ ފަރާތުންނެވެ. ވީމާ އެދެމީހުން ގިނަ ގިނައިން ބައްދަލު ކުރުވުމަކީ މަންހާގެ ނިންމުން ބަދަލު ކުރުމަށް އިތުރަށް ލިބޭ ބާރެއްކަމުގައި ވާނެތީއެވެ.
"ޒައުލް، އަހަރެންގެ މަންމަވެސް އެބައާދޭ، އަހަންނަށް ނޭގެ މިކަން ކިޔާދޭނެ ގޮތެއްވެސް، ޕްލީޒް ޒައުލް، އަހަންނަށް މިކަމުގަ އެހީވެދީ.........ޒައުލް ހުރިއްޔާ އަހަންނަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބޭނެ.........އަދި ބުނަންތަ..............މިހާރު އެއްވެސް ކަމެއް ކުރާހިތެއްނުވޭ، އޮފީހަށް ނުކުންނަ ހިތެއްނުވޭ، ޒާރާ އާއި ވާހަކަދައްކާ ހިތެއްނުވޭ، ދެންނޭގެ، އަހަންނަށް އެއްގޮތަކަށްވެސް ޒާރާ ނެހާ ގެންގުޅޭ ގޮތެއް ހިތްހަމައެއްނުޖެހޭ.............އެކަމަކު އަހަންނަށް އެނގޭ ޒާރާވެސް ވަރަށް ލޯބިންކަން ނެހާ ގެންގުޅެނީ..........." ދާއިންގެ މާޔޫސްކަން ޒައުލްއަށް ވިސްނުނެވެ.
"ދާއިން......ނިކަން މީހާ ހަމަޖެހިބަލަ...........އިރާދަކުރެއްވިއްޔާ މަޑުމަޑުން ހުރިހާކަމެއްވެސް ވާނީ ރަނގަޅޭ، އަހަރެން ދާނަން މަންމަމެން އަންނަ ދުވަހު، އޭރުން ދާއިން މާގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެއެއްނު ދޯ، އެކަމަކު ބުނަން، އަހަރެން ހަމަ ހައިރާންވެއްޖެ ދާއިން ތިހެން އުޅޭތީ، މީގެ ކުރިންވެސް ހަމަ މިފަދަ ކޭސްއެއްނު ޒާރާއަކީވެސް، އޭރު ދާއިންގެ އަމިއްލަ ނަފްސު ކޮންޓްރޯލުކޮށް ހުރިހާ ކަމަކާ ކުރިމަތިލީ ވަރަށް ހިތްވަރާއިއެކު.........ދެން މިހާރު ކިހިނެއްތިއުޅެނީ" ޒައުލް ފާހަގަ ކޮއްލިއެވެ.
"ތިއޭ މައްސަލައަކީ.........އަހަރެންގެ ހިތަށް މިވާގޮތެއް މީގެ ކުރިން ދުވަހަކުވެސް ނުވެޔޭ، އަހަރެންގެ ބޮލުގަ ރިއްސާވަރު އެނގޭނީ ހެއްދެވި ފަރާތަށް..............އައި މިސް ހާ ޓޫ މަޗް ޒައުލް......" ދާއިން ހުންގާނު ބުރުގައި ހިފަހައްޓާލައިގެން އިން އަތުގައި ނިތްޖައްސާލަމުން ބުނެލިއެވެ.
މަންހާގެ ކޮންމެ ދުވަހެއްގެ ހާލަކީވެސް ހަމައެއް ހާލެކެވެ. ދާއިން އާއި ނެހާގެ މަތިން ހަނދާންކޮއްކޮއްފައި ނުރޯ ދުވަހެއް ނުދެއެވެ. ގުރައިދޫގައި ހުންނަތާ ދެހަފްތާއެއްވެގެން ދިޔައިރުވެސް މިކަން ބަދަލެއް ނުވެއެވެ. އޭގެ އިތުރުން އޭނަ އެކަކާވެސް ބައްދަލު ކުރާކަހަލަ ހިޔާލެއް ނުކުރެއެވެ. އަމިއްލަ ހާލައިގެން އުޅެމުންދިޔައެވެ. ކޮންމެ ދުވަހަކު ހެން ދާއިން މަންހާ އާއި ބައްދަލުވެވޭތޯ އާދެއެވެ. ބައެއްދުވަސް ދުވަހު ދާއިން އެތަނުގެ ގޯތިތެރެއަށް ވަދެގެން އަންނަތަން ފެނުމާއިއެކު މަންހާ ދުވެފިލައެވެ. ދާއިން ގޮވަގޮވާ ހުއްޓަ މަޑުކުރުމެއްނެތިއެވެ. ޒައުލް އާއި ޝަފާ ނަސޭޙަތްތެރިވަމުން ދިޔައީ މަންހާ އާއި ވާހަކަދެއްކުމަށެވެ. އެހެންނަމަވެސް ވާހަކައެއްދެއްކޭނީ މަންހާ އެންމެ ހިނދުކޮޅަކަށްވެސް އޭނަގެ ކައިރީ މަޑުކޮއްލައިގެން ނޫންހެއްޔެވެ. މިކަމާހެދި ދާއިންގެ ދެލޯ ކޮންމެ ރެއަކުމެ މަންހާގެ ހަނދާނުގައި ރޮމުންދިޔައެވެ. އޭނައަށް މަންހާއަށް ދޭންވާ ސަމާލުކަން ނުދެވި ދަރިފުޅަށްވެސް އަޅާނުވެނީތީ އެކަމާ އަމިއްލަ ނަފްސު ކުއްވެރި ކުރަމުންނެވެ.
މޫމިނާ މާލެ އައިއިރު އޭނަ އާއިއެކު މާކިންގެ ދެމަފިރިންވެސް އައެވެ. ދަރިފުޅު މެލޭޝިޔާގައި ބަހައްޓާފައެވެ. މޫމިނާއަށް ޒައުލްގެ ހާލު އޭނައަށް ސުވާލު ކުރުމެއްނެތި ނަގައިގަނެވުނެވެ. މަންހާއަށްވީ ކިހިނެއްތޯ ސުވާލު ކުރުމުން އެކަކަށްވެސް މޫމިނާ ހިތްހަމަޖެހޭވަރުގެ ޖަވާބެއް ނުދެވުނެވެ. ދާއިން އާއިއެކު ދެދުވަހަކު މަންހާ ދެކިލަން މޫމިނާވެސް ދިޔައެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. މާކިންގެ ދެމަފިރިންނަށް ގޭތެރޭގައި މޫމިނާ ފުރަން އުޅެނިކޮށް ހިނގާ ދިޔަ ކަންތަކާއި އަދި މަންހާގެ އުޅުމާއި ބެހޭގޮތުން މޫމިނާ ވަނީ ވަރަށް ގިނައެއްޗެހި އޮޅުން ފިލުވާދީފައެވެ. ހުދު އެމީހުންވެސް މަންހާ އެހެން ފިރިހެނަކާއި ގުޅުމެއް ހިންގަފާނެކަމާއިމެދު ދެކޮޅުހެދިއެވެ. މާކިން ދާއިން އާއިވަކިން ބައްދަލުކޮށް ވެގެން އުޅޭ ގޮތާއިމެދު ވާހަކަދެއްކިއެވެ. އޭނަ ދާއިންއަށްވެސް ކުށެއްކުރެވިއްޖެކަން ބުނެދިނެވެ. އާއިލާގެ ހުރިހާ އެންމެންވެސް މަންހާދެކެ ލޯބިވާވަރާއި މަންހާއަށް އިތުބާރު ކުރާވަރު ދާއިންއަށް އެނގިގެންދިޔައެވެ. އަމިއްލަ ނަފްސު އިތުރަށް ލަދުގަނެ ކުއްވެރިކުރެވުނީ ދާއިންއަށް މަންހާ އާއިމެދު ފަޅި ސިކުންތަކަށްވިޔަސް ޝައްކުކުރެވުނީތީއެވެ.
ޒައުލް އާއި ޝަފާގެ ގުޅުން އެދެމީހުންނަށް ނޭގުނަސް ގާތްވަމުންދިޔައެވެ. ދެމީހުންގެ ހިތުގައިވެސް ޖަހަނީ އެއްވިންދެކެވެ. އެތަކެއް އަހަރުތަކެއް ކުރީގައި ވަކިވެފައިވާ ދެލޯބިވެރިންނެވެ. އެހެންނަމަވެސް އަދިވެސް ދެހިތުގައިވެސް އެކަކު އަނެކަކަށްޓަކައި ލޯބިވެއެވެ. އެކަން ހާމަ ކުރަން ދެމީހުންވެސް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ދެމީހުންގެ ވާހަކަތަކުން އެކަން އެނގެމުންދިޔައެވެ. ޒައުލްއަށްވެސް ޝަފާގެ ވާހަކަތަކުން އަދިވެސް އޭނަ ޒައުލްދެކެ ލޯބިވާކަން އެނގެއެވެ. ހަމައެގޮތަށް ޒައުލްގެ ހިތާވެސް ޝަފާވަނީ ކުޅެލާފައެވެ. ޒައުލްގެ ދިރިއުޅުމަށް ބައިވެރިއަކުވަނީ ބޭނުންވެފައެވެ. އެބައިވެރިއަކީ ޝަފާކަމުގައި ހިޔާރުކުރަން އޭނަގެ ހިތްބުނަމުންދާ ކަހަލައެވެ. ހަމައެގޮތަށް ޒައުލްއަކީ ބޭވަފާތެރިއެއްކަން ޝަފާއަށް އެނގޭއިރުވެސް ޒައުލްއަށް ހިތުގައި ދެވިފައިވާ މަގާމަށް ބަދަލެއް ނާދެއެވެ. އަދިވެސް އެއަތުގެތެރޭގައި ވުމަށް އޭނަގެ ހިތްއެދެއެވެ. ޝަފާއަށް ލޯބި ދަސްކޮއްދިނީ ޒައުލްއެވެ. ވީއިރު ޒައުލްގެ މަތިން ހަނދާންނައްތާލާނީ އޭނަ ކިހިނެއްހެއްޔެވެ. ދާނުގެ މީރުކަން ކައިވެނީގެ ބޭރުން ލިބިގަތުމަކީ ހަރާމް ކަމަކަށްވާއިރު، އެކަމަށްވެސް ޝަފާވަނީ އިޖާބަދީފައެވެ. ޒައުލްއަށްޓަކައެވެ. އެހަނދާންތަކާއިއެކު މިއަދާ ހަމައަށްވެސް އޭނަ ދިރިއުޅެމުން އައީއެވެ. ތަޤްދީރު ޝަފާގެ ގެއްލިފައިވާ ލޯބި އަނބުރާ އޭނަގެ ކައިރިއަށް ގެނެސްދީފިއެވެ. މިއަދު ޒައުލް އައިސް އެހުރީ ހުދު އޭނަ އަމިއްލައަށެވެ. އެދެމީހުންގެ ގުޅުމަށް މެދުވެރިއަކަށްވީ މަންހާއެވެ. ޖޯލިފަތީގައި ގިނައިރުތަކެއްވަންދެން ޝަފާ އާއި ޒައުލް ވާހަކަދައްކަން ތިބެއެވެ. ބައެއް ރޭ ރޭ ޒައުލް ރަށުގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއް ހިފައިގެން އެތަނުގައި މާލެ ނުގޮސް މަޑުކުރެއެވެ. އެފަދަ ރޭ ރޭ ޒައުލް ޝަފާ އާއި ވަކިވެގެން އަންނަނީ ވަރަށް ދަންވާފަހުންނެވެ. މިދެމީހުންގެ ގުޅުން މަންހާއަށްވެސް ފާހަގަކުރެވުނެވެ. ޒައުލްއަކީ ރަނގަޅު މީހެއްކަން މަންހާއަށް އެނގެއެވެ. އޭނައަށްވެސް ޝަފާ އާއި ޒައުލްގެ ގުޅުން ވަރަށް ކަމުދިޔައެވެ. އެހެންނަމަވެސް އެކަމާ އެއްވެސް އެއްޗެއް ނުބުނެއެވެ.
ދާއިން ގުރައިދޫއަށް ދިއުމަށް ލޯންޗުގައި އިނެވެ. ޒާރާ ކުރާނެ މާބޮޑުކަމެއް ނެތިގެން ގޭތެރޭ ފޫހިވެގެން އުޅުނެވެ. ނެހާވެސް އެވަގުތު އޮތީ ނިދާފައެވެ. ޒާރާ އޭނަގެ ފައިވާނާ ބޫޓުތައް ލާފައި ހުރި ބައި ރީތި ކުރަންފެށީ ކޮންމެވެސް ކަމެއް ކުރުމުގެ ގޮތުންނެވެ. އޭނަ އެތަނުން ބައުވެފައިވާ ދެތިން ފައިވާން ނަގާ އެއްފަރާތްކޮއްލީ ގޭގައި ގެންގުޅޭ އިމީއަށް ދޭންކަމަށެވެ. ކުއްލިއަކަށް އޭނަ ހަނދާންވީ މަންހާގެ އަލަމާރިން ފެނުނު ވަރަށް ރީތި ބޫޓެއްގެ މަތިންނެވެ. އަވަސް މުސްތަޤްބަލެއްގައި މަންހާ އެގެއަށް ނާންނާނެކަން އެނގޭތީ ޒާރާ ބޭނުންވީ އެބޫޓު އޭނަ އަރާލަން ނަގާށެވެ. އެހެންވެ ދާއިން މަންހާގެ އެޕާޓްމެންޓަށް ނުވަނުމަށް ބުނެފައިވިޔަސް ޒާރާ ގޭގައި ހުރި ތަޅުތަނޑިތައް ލާފައިވާ ފޮށިން މަންހާގެ އެޕާޓްމެންޓުގެ ޑަބަލް ތަޅުދަނޑި ފަތި ނެގިއެވެ. އަދި އަސުރު ނަމާދަށް މޫމިނާ ކޮޓަރިއަށްވަތް ގަޑީގައި މަންހާގެ އެޕާޓްމެންޓަށް ވަނުމަށް ދިޔައެވެ. މާކިންމެންގެ ދެމަފިރިން އުޅެނީ އެހެން ބައެއްގައި ކަމުން އެދެމަފިރިންގެ އެއްވެސް ހިލަމެއްނުވެއެވެ.
އެޕާޓްމެންޓުގެ މައިދޮރުން ވަންއިރު އެތަނުގައި ފުދޭވަރަކަށް ހިރަފުހުގެ އަސަރު އެކުލެވިފައިވިއެވެ. ހުރިހާ ފަރުނީޗަރެއްގައި ބޮޑެތި ފޮތިގަނޑުތަށް އަޅާ ނިވާކުރެވިފައިވެއެވެ. ޒާރާ އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ދިނުމެއްނެތި ސިއްރު ސިއްރުން ދޮރު ލައްޕާލިއެވެ. އަދި ދިގޮތަށްގޮސް ވަނީ މަންހާގެ ނިދާކޮޓަރީގައި ހުންނަ އަލަމާރި ހަދާފައިވާ ކުޑަކޮޓަރިއަށެވެ. ބޮޑާ ހިނިތުންވުމަކާއިއެކު އަވަސް އަވަހަށް އެކިދޮރުފަތްތަށް ހުޅުވަންފެށިއެވެ. ޒާރާ އެ އެޕާޓްމެންޓަށްވަނީ ހަމައެކަނި އޭނައަށް ރީތިވި ބޫޓު ނަގަން ގަސްދުކޮއްގެންނެވެ. އެހެންނަމަވެސް އެތަނަށް ވަދެވުމުން ޒާރާ ބޭނުންވާ އެތަށް އެއްޗެއް ފެނިގެންދިޔައެވެ. އެވަރުން އޭނަ ހުއްޓައެއް ނުލިއެވެ. މުޅި އަލަމާރީގެ އެކިބައިތަށް އެފުއްމިފުށަށް ޖެހިއެވެ. އެހެން އުޅެނިކޮށް އޭނައަށް އެންމެ އަޖައިބު ކުރުވަނިވި އެއްޗަކަށްފެނުނީ ބޭކާރު ސިޓީ އުރަތަކެއް އަޅާފައިވާ ފޮއްޓެވެ. އޮރެންޖުކުލައިގެ ދިގު ސިޓީއުރައެއްގައި ކަޅުކުލައިގެ ތިކިތަކެއްހެން ބޮޑު ފިނިފެންމަލެއް ކުރަހާފައިވެއެވެ. ޒާރާ އެތަނުން ސިޓީއުރައެއް ބަލާލުމަށްފަހު އަނބުރާ އެފޮށީގެތެރެއަށް ސިޓީއުރަލިއެވެ. އޭގެން ކުޑަފޮއްޓެއް ފެނި އޭގެ ބޭރު ކިޔާލިއިރު ހީވަނީ އެއީ ކޮންމެވެސް ކަހަލަ ސެންޓެއްހެންނެވެ. އެހެންވެ ޒަރާ ތިރީގައި ބޮޑު ފޮށި ބަހައްޓާފައި އޭގެތެރެއިން ފެނުނު ހުދުކުލައިގެ ކުޑަފޮށި ނަގާ ހުޅުވާލިއެވެ. އޭނައަށް ހީވީ ހަމަރަނގަޅަށެވެ. އޭގައި އޮތީ ކުޑަ ސެންޓުފުޅިއެކެވެ. ވަގުތުން ޒާރާ އޭނަގެ އަތަށް ޖަހާލީ ވަސްބަލާލަންވެގެންނެވެ.
"ޔަގީން މީ ދާން ދީފަކަން، އެހެންނޫނީ މިހާ އެތެރޭގަ ފޮރުވާފައެއް ނުބާއްވާނެ..........." ޒަރާ ބުނެލިއެވެ. އޭނައަށް ހީވީ އެއީ ދާއިން މަންހާއަށް ދީފައިވާ ހަދިޔާއެއްކަމުގައެވެ. ނޭފަތާ އަތްކައިރިކޮއްލުމާއިއެކު ދުވި މީރުވަހުން އެތަށް އިރަކު ޒާރާއަށް ވަސްބަލަން ހުރެވުނެވެ. އޭނައަށް ހަމައެއްގޮތަކަށްވެސް އެސެންޓުފުޅި އެފޮށީގެ ތެރެއަށް ލާފައި ދާކަށް ނުކެރުނެވެ. އެއަށްވުރެ އޭގެން ދުވި މީރުވަހުން ޒާރާވަނީ އެސެންޓުފުޅު ވަރަށް ބޭނުންވެފައެވެ. ފޮއްޓަށް ލާން އުޅެފަވެސް ދެފަރާތަށް ބޯހޫރުވާލާފައި ތިރީގައި ސެންޓުފުޅި ބަހައްޓަމުން އަލަމާރީގެ އެންމެ މަތީ ވަތްގަނޑަކުން ނެގި ފޮށި މަތިޖަހާލާފައި ސިޓީއުރަތަކާއި ސެންޓުފުޅީގެ ފޮއްޓާއިއެކު އެހުރި ތަނަށް ލައިފިއެވެ. އަދި ވަރަށް ހިނިއައިސްފައި ހުރެ އެތަނުން ނެގި މަންހާގެ ބޫޓުތަކަކާއި ފައިވާނާ އެސެންޓު ފުޅި ހިފައިގެން ނުކުންނަން ހިނގައިގަތެވެ. ދަމުން ރީތިވާ މޭޒުމަތީގައި ހުރި ތަނޑިއަޅުވާ އެތީގައި އަޅުވާލާފައިވާ އެސްޖެހި އުޅައެއްވެސް ނެގިއެވެ.
ކުރިން ހުރިގޮތަށް ހުރިހާ އެއްޗެއް ބެހެއްޓުމަށްފަހު ޒާރާ އައިސް އޭނަގެ އެޕާޓްމެންޓަށްވަނީ ވަރަށް ސިއްރުންނެވެ. އޭރު ނަމާދުކޮއްލައިގެން ނުކުމެ ސިޓިން ރޫމު ސޯފާގައި މޫމިނާ އިނެވެ.
"ޒާރާ ކޮންތާކުން" މޫމިނާ ވަގުތުން އަހާލިއެވެ. މަންހާއަށް އެހެންވުމުގައި ޒާރާގެ އަތެއްވާހެން މޫމިނާއަށްވެސް ވަނީ ޝައްކުކުރެވެން ފަށާފައެވެ. ނަމަވެސް ޒާރާއަކީވެސް އޭނަގެ ޅީދަރިއެއްކަމަށްވާތީ ޔަގީން ނުވާކަމެއްގެ އިލްޒާމް އަޅުވަން ބޭނުންނުވަނީއެވެ. މޫމިނާ ޒާރާގެ ހަރަކާތްތަކަށް މިހާރު ވަރަށް ސަމާލުވެއެވެ.
"މި...........މި..........ޓެރެސްގަ ބަހައްޓާލި އެއްޗެހި ހިފައިގެން މިއައީ.........." މިހެން ބުނެ ޒާރާ އަވަސް އަވަހަށް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.
އިރުއޮއްސުނު ފަހުން ދާއިން މާލެ އައީ އެހެންދުވަސް ދުވަހެކޭ އެއްގޮތަށް ކަރުއެލުވާލައިގެން ހުރެއެވެ. މަންހާ އާއި ވާހަކަދައްކަން ކުރާ މަސައްކަތްވަނީ ބޭކާރެވެ. ހަމައެންމެ ފަހަރަކު މަންހާ އޭނަ ދައްކާ ވާހަކަ އަޑުއަހާލާނެ ނަމައޭ ދާއިންގެ ހިތަށް އަރަމުންދިޔައެވެ. ދާއިން ގެއަށް އައިއިރު އަށެއްޖަހައިފިއެވެ. ކޮޓަރިއަށް ވަނުމާއިއެކު ދާއިން އެހާ ލަސްވީ ކީއްވެތޯ ޒާރާ ސުވާލުކުރަން ފެށިއެވެ. ފަރުވާކުޑަގޮތަކަށް ދާއިން ޖަވާބުދިނީ ޒާރާގެ ދޫހިމޭން ކުރުމަށެވެ. ކަންނެތްގޮތަކަށް އައިސް އެނދުގެ ހުރަހަށް ދާއިން ވެއްޓިގަތެވެ. އަދި ނިތުގައި އަތްބާއްވާލަމުން ދެލޯ މަރާލިއެވެ.
"މަންމަ އެހި ދާން ކޮބާހޯ.........މިރޭވެސް ނުކަނީތަ؟ ކީއްވެތަ ދާއިން ތިހެން ތިއުޅެނީ، މަންހާ ރަނގަޅުވާން އަހަރުމެން ހުރިހާ އެންމެވެސް ބޭނުންވާނެއެއްނު، މަށަށް މިހާރު ހީވާކަހަލަ ދާއިން އަހަރެންދެކެ ލޯބިނުވާހެން" ޒާރާ އައިސް ދާއިންގެ ގާތުގައި އިށީނދެ ވާހަކަދައްކަމުން ދިޔައެވެ. ދާއިން އެއްވެސް ބަހެއްބުނެނުލާ އޮތްގޮތަށް އޮތީއެވެ.
ދާއިން ކާން ނުނިކުތުމުން އެންމެ ފަހުން ޒާރާ ކާމޭޒުދޮށަށް ނުކުތެވެ. އޭރު ހުރިހާ މެންބަރުން ކާމޭޒު ދޮށުގައި ދާއިންގެ އިންތިޒާރުގައި ތިއްބެވެ. ޒާރާ މޫމިނާއަށް ދާއިން ކާންބޭނުންނުވާކަމުގައި ބުންޏެވެ. އެގޮތް މޫމިނާއަށް ކަމަކު ނުދިޔައެވެ. އޭނަ ދާއިންގެ ކޮޓަރިއަށްވަދެ ދާއިން ނެރުނެވެ. މޫމިނާ ކީވަރުން ކުޑައެތިކޮޅެއް ދާއިން ކާލިއެވެ. އެންމެން ދާއިންއަށް ނަސޭޙަތްތެރިވަމުން ދިޔައީ ކެތްތެރިވުމަށެވެ. ގޭގައިވެސް ދާއިންގެ އަޅާލުމާއި ސަމާލުކަން ދޭންޖެހޭ އަންބަކާއި ދަރިއަކު ހުރި ކަމުގައި ބުނަމުންނެވެ.
ނިދަން އޮށޯތުމުގެ ކުރިން ޒާރާ ފާހާނާއަށްވަދެ ގައިދޮވެލައިގެން ނުކުމެ މަންހާގެ ކޮޓަރިން ގެނައި ސެންޓުފުޅިން ކަރުދޮށަށް ޖަހާލިއެވެ. އަދި ދެއަތުގެ ކުޑަހުޅާ ދިމާލަށްވެސް ޖަހާލިއެވެ. ނައިޓީގައި ހުރި ޒާރާ އެނދުގައި އޮށޯވެ ދާއިންއަށް ގޮވާލިއެވެ. އޭރު ދާއިން ހުރީ ކޮޓަރި ބެލްކަނީގައެވެ. އެއީ މަންހާ ދިޔައީއްސުރެން ދާއިންގެ އާދައެވެ. ޒާރާއަށް ނިދޭއިރުވެސް ދާއިން އެނދަށް ނާންނާނެއެވެ. ނޫނީ އަންނަގޮތަށް އަވަހަށް ދެލޯމަރާ ޒާރާއަށް ފުރަގަސްދޭނެއެވެ. ޒާރާ ދެވަނަ ފަހަރަށްވެސް ދާއިންއަށް ގޮވާލިއެވެ. ޚަބަރެއް ނުވުމުން ޒާރާ އެނދުން ތެދުވިއެވެ. ނައިޓީގައި ހުރެ ބެލްކަންޏަށް ޒާރާ ނުކުތެވެ.
"ދާން........ޕްލީޒް........އަހަރެން ދާންއަށްވަކި ބޭނުމެއްނުވާނެތަ..........އައި ލަވް ޔޫ........" ޒާރާ ދާއިންގެ ފަހަތުން އައިސް ބައްދާލަމުން ލޯތްބާއިއެކު ވާހަކަދެއްކިއެވެ. ދާއިންއަށް ކުއްލި ސިހުމެއްލިބިގެންދިޔައެވެ. ޒާރާ އައިސް އޭނަގެ ގައިގާ ބައްދާލުމާއިއެކު އޭނަގެ ނޭފަތުގައި އެޖެހުނު ވަހަކީ އެތަކެއް އަހަރުވަންދެން އޭނަ ހޯދަމުން އައިވަހެކެވެ. ކުއްލިއަކަށް ޒާރާ އާއި ދިމާލަށް އެނބުރިލަމުން ޒާރާގެ އަތުގައި ހިފާ ގެނެސް ނޭފަތާ ކައިރިކޮއްލިއެވެ. ޒާރާ ހީކުރީ ދާއިންއަށް އޭނަ މަންހާގެ އެޕާޓްމެންޓަށް ވަތްކަން އެނގުނީކަމަށެވެ. އަވަސް އަވަހަށް އަތްދަމައިގަންނަމުން ކޮޓަރި ތެރެއަށް ވަންނަން އުޅުނެވެ.
"ޒާ.........." ދާއިންގެ އަޑުގައި ހުރި ފަރުވާކުޑަގޮތް ކެނޑިގެންދިޔައެވެ.
"ދެން އާދޭ ނިދަން" ޒާރާ ބުނެލިއެވެ.
"ކީއްވެ ކުރިން ތި ސެންޓު ނުޖަހަނީ.........ތީ ޒާރާގެ ސެންޓުފުޅިއެއްތަ" ދާއިން ސުވާލުކުރިއެވެ.
"ކިހިނެއްވީ، ކަމުނުދަނީތަ.........އަހަރެންވެސް ދާއިންދެކެ ލޯބެވެޔޭ، މިހާރު މިހެން އުޅޭތާ ކިތަށްރޭވެއްޖެ، ހިތަށްއެރީ މިރޭ ސެންޓު ބަދަލުކޮއްލަންވީއޭ..........އޭރުން ދާއިންއަށްވެސް ބަދަލެއް އައިސްދާނެއޭ............" ޒާރާ ދެރަވެލާފައި ބުނެލިއެވެ. ދާއިން ހުރީ މަންހާގެ ސަބަބުން އޭންޖެލް ސިޓީތައްމަތިން ހަނދާންނެތިފައެވެ. ކުއްލިއަކަށް އެކަން ހަނދާން އެކޮއްދިނީ ޒާރާއެވެ. އެއީ ހަމަ އޭންޖެލްގެ ވަހެވެ. އެވަސްމަތިން އޭނަ ހަނދާނެއްނުނެތޭނެއެވެ.
"ޒާ.........އާރ ޔޫ މައި އޭންޖެލް............" ދާއިން ހައިރާންކަމާއިއެކު އަހާލީ ކަމެއް ޔަގީން ކުރާކަހަލަ ގޮތަކަށެވެ.
"އޮފްކޯޒް ބޭބީ.........އައިއެމް އޯލްވޭސް ޔޯ އޭންޖެލް، އެންޑް ޔޫއަރ މައި އެންޖެލް............އައި އަންޑަރސްޓޭންޑް ހައު ޔޫ ފީލް...........އެކަމަކު އަހަރެންވެސް ދާއިންދެކެ ލޯބިވާކަން ދާއިން ހަނދާންނައްތާ ނުލައްޗޭ" ޒާރާ މިހެން ބުނީ ދާއިން ބުނިއެއްޗެއްގެ މާނަ އެނގިގެނެއްނޫނެވެ.
ވާނުވާނޭގި ހައިރާންކަމެއްގެ ތެރޭގައި ހުރެ ދާއިން ޒާރާ އާއިއެކު ކޮޓަރިތެރެއަށްވަދެ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ލައްޕާތަޅުލިއެވެ. އަދި އެނދުގައި ޒާރާ އާއިއެކު އޮށޯތެވެ. ދާއިންއަށް އެއްގޮތަކަށްވެސް މިވަނީ ކިހިނެއްކަން ވިސްނައިގަންނާކަށް ނޭގުނެވެ. އޭންޖަލްއަކީ ހަމަ ޒާރާ ބާއޭ އޭނަގެ ހިތުގައި ސުވާލު އުފެދެނީއެވެ. އެކަމަކު އެދުވާ ހިތްގައިމު މީރުވަހަކީ އޭންޖަލްގެ ސިޓީތަކުން ދުވާ މީރުވަހެވެ. ދާއިންގެ ހިތުގައި އެސިޓީތަކަށް ޚާއްޞަ މަގާމެއްދެވިފައިވަނިކޮށް އެމީރުވަސް އެދުވީ ޒާރާގެ ހަށިގަނޑުންނެވެ. އޭނައަށް އެކަން އެނގުނީ ކިހިނެއްބާއެވެ. ޒާރާއަށް ފުރަގަސްދެމުން އެނދުގެ އެއްފަރާތަކަށް ދާއިން އެނބުރިލިއެވެ.
"ދާން........މިރޭވެސް ނިދަނީ އަހަންނަށް ފުރަގަސްދީގެން އޮވެތަ، އާދެބަލަ މިކޮޅަށް، އެހެންނޫނީ މިރޭ ދާން ނިދިއަކަ ނުދޭނަން" ޒާރާ ކުރުއަތްމައްޗަށް ތެދުވެލަމުން ބުނެލިއެވެ. އަދި ދާއިންގެ އަތުގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލަން އުޅުނެވެ.
"މަންހާ ނިދާފަތަ؟" އެނދުގައި އޮތް ޝަފާ އަހާލިއެވެ. އަލިމަޑުބޮތްކެއް އެކޮޓަރީގައި ނެތުމުގެ ސަބަބުން އެމީހުން ނިދަނީ ހޮޅިބުރި ނިވާލައިގެން ތިބެއެވެ. ނަމަވެސް ކޮޓަރީގައި ހުންނަ ޖާލިގަނޑުން ބޭރުގައި ދިއްލާފައި ހުންނަ ލައިޓުތަކުގެ އަލި ކޮންމެވެސް ވަރަކަށް އެޅިފައިހުރެއެވެ.
"އު ހޫން......" އުއްޑުން ނިތުގައި އަތްބާއްވާލައިގެން އެއްފައި ތިލާގައި އަނެއްފައި ތިލަ އަޅުވާލައިގެން އޮތް މަންހާ ބުނެލިއެވެ.
"އަހަންނަށް ޒައުލްދެކެ ލޯބިވުމަކީ ކުރެވޭ މޮޔަކަމެއްތަ؟" ޝަފާ އޭނަގެ ހިތުގައިވާ އެއްޗެއް ބޭރުކުރިއެވެ. މަންހާ އެއްވެސް އެއްޗެއް ނުބުނެ އޮތީ އޭނައަށް ޝަފާ ބުނިއެއްޗެއް އަޑުނީވޭ ފަދަގޮތަކަށެވެ. ދެވަނަ ފަހަރަށް ޝަފާ ސުވާލު ތަކުރާރުކޮއްލަމުން އެއްޗެއް ނުބުނެ މަންހާ އޮތީ ކީއްވެތޯ ސުވާލުކުރިއެވެ.
"އަހަރެން ކަހަލަ މީހަކު ތިފަދަ ސުވާލަކަށް ޖަވާބުދޭން އެންމެ ރަނގަޅުބާއޭ މިހިތަށް އަރަނީ، އަހަރެން މިހިރީ ޝަފާއަށް މަޝްވަރާއެއްދެވޭފަދަ ހާލެއްގަތަ" މަންހާ އޮތްގޮތަށް އޮވެ ބުނެލިއެވެ.
"އަހަންނަށް އެނގޭ މަންހާގެ އެއްވެސް ކުށެއްނެއްކަން، އެކަމަކު ކީއްވެތަ މަންހާ ހުރިހާ ވާހަކައެއް އަހަރުމެންނާ ޚިއްޞާ ނުކުރަން ތިއުޅެނީ، ކާކަށްތަ މިހިރަ މޭޒުކައިރީ ކޮންމެ ރެއަކު އިނދެ ތި ސިޓީ ލިޔަނީ.......މަންހާ ލޯބިވާ މީހަކު ހުންނަނީތަ ދާއިން ނޫން، ގައިމު ޒައުލްގެ ވާހަކައިން އަހަންނަށް އެނގުނު ގޮތުގަ މަންހާ އެންމެ ލޯބިވަނީ ދާއިންދެކެ، އެހެންނޫންނަމަ ދެއަންބަށް ދާއިން އާއި ކައިވެންޏެއް ނުކުރީސް އަދި ދަރިއަކު ލިބޭ ހިސާބަށް ގުޅުމެއްވެސް ކުރިއަކަށް ނުގެންދާނެ........ދެން ކީއްވެ މިތަނަށް މަންހާ ތިއައީ، މަންހާ އަދިވެސް ރޯކަން އަހަންނަށް އެނގޭ، އާއިލާ މީހުންނާ ވާހަކަދައްކަން ބޭނުންނުވިޔަސް، ދާއިން އާއި ވާހަކަދައްކަންވާނެއެއްނު، އޭނަ ކޮންމެ ދުވަހަކު އެބައާދޭ މަންހާ ދެކިލަން، އެތަށް އިރަކު މިތަނުގައި އުޅެފަ އެދަނީ..........." ޝަފާ ބުނެލިއެވެ.
"ދާއިންގެ ދެވަނަ އަންބަކަށް އަހަރެންވީ އެއީ އެކަންވާން އޮތްގޮތްކަމަށްވާތީ، އެކަމާ އަހަރެން ޝަކުވާއެއްނުކުރަން.........ނުވެސް ކުރާނަން، އޭނަގެ ހަތަރުވަނަ އަނބިމީހާގެ މަގާމުގައި އިންނަން ޖެހުނު ކަމުގައި ވިޔަސް އަހަރެން އުފަލުން ގަބޫލުކުރާނަން، ލޯތްބަކީ އެކަހަލަ އެއްޗެއް، ގުރުބާންވިޔަސް އަނެކާއަށް އެކަން އެނގުން މުހިއްމެނޫން.......ޒައުލްއަކީ މާތްހިތެއްގެ ވެރިއެއް، އަހަންނަށް އޭނަގެ ކުރީގެ ދިރިއުޅުން ހުރިގޮތަކީ ކޮބާކަމެއް ނޭގޭ، އެކަމަކު އޭނަ ޝަފާއަށް ބަލާލާގޮތަށް މީގެ ކުރިން އެހެން އަންހެން ކުއްޖަކަށް ބަލާލިތަނެއް ނުދެކެން" މަންހާގެ އަޑުގައިވަނީ ވޭނީ އަސަރެއް އެކުލެވިފައެވެ.
"އަހަންނަށްވެސް އެނގުނު ޒައުލް ބަދަލުވެއްޖެކަން، ވަރަށް ބޮޑަށް ބަދަލުވެއްޖެކަން.........ލޯބި......ދެއަކުރުގެ ލަފްޒެއްކަމަކު މުޅި މީހާގެ ދިރިއުޅުން ބަދަލުކޮއްލާ ބާރުގަދަ ލަފްޒެއް............." ޝަފާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް މަންހާގެ ދެލޯ ކަރުނުން ފުރުނީއެވެ.
މުޅިން އާދުވަހަކަށް އިރުއަރައިގެން އަންނަ މަންޒަރު ބަލަން އަތިރީމަތީ އާމުކޮށް ލެނގިލައިގެން ހުންނަ ރުކުގައި މަންހާ ލެނގިލައިގެން ހުއްޓެވެ. މަޑުންމަޑުން އިރުގެ ރަންދޯދިތަށް ދުރަށް ފެތުރިފައިވާ ކަނޑުގެ އޮމާން ލޮނުގަނޑުގައި ޖެހުމާއިއެކު އުފެދިގެން އެދާ ތަފާތު ކުލަތަކުގެ ދަޅަތަކަށް ބަލަހައްޓައިގެންނެވެ. ސާފު ރީތި ހުދު ދޮންވެލި ގަނޑާއި ތެތްފިނިކަން ކެނޑެމުންގޮސް މަޑުވައިރޯޅިތަށް އުފެދެމުން ދިއުމާއިއެކު ރާޅުތައް ގޮނޑުދޮށާ ކޮއްލާފައި އެދާ ސަމާސާ ތަކެވެ. މިހުރިހާ ކަމަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ހިތަށް ވައްދައިދޭފަދަ ކަންކަމެވެ. ނަމަވެސް މަންހާގެ ހިތަށް ކުޑަ ފިނިކަމެއްވެސް ނުލިބެއެވެ.
ހެނދުނު ސައިބުއިމަށް ދިއުމުގެ ކުރިން މަންހާ ހޯދުމަށް އަތިރިމައްޗަށް މިފަހަރު ޒައުލް އާއިއެކު ޝަފާވެސް އަތުވެއްޖެއެވެ. ތަންކޮޅެއް ދުރުގައި މަންހާ ފެންނަ ހިސާބުގައި ޒައުލް މަޑުކޮއްލީ މަންހާގެ ހަރަކާތްތަށް ޝަފާއަށް ދައްކާލުމަށެވެ.
"މަންހާ އަބަދުވެސް ހުންނަނީ އެހާ މަޑުމއިތިރިކޮއްތަ" ޝަފާ އަހާލިއެވެ.
"އެއްވެސް އިރެއްގަ ނުދެކެން މާބޮޑަށް ސަކަރާތްޖަހާ އުޅޭތަނެއް، އެންމެ ފުރަތަމަ އަހަރެން މަންހާ ދެކުނީ ދާއިންގެ އޮފީހުން، އޭނަގެ ޕާރސަނަލް ސެކްރެޓަރީއެއްގެ މަގާމުގައި ހުރީ...........ދެން މިދެމީހުން ކައިވެނިކުރިކަން އެނގެނީ..............ދާއިންވެސް ކުއްލިއަކަށް ހުރެފަ މަންހާ އާއި ކައިވެނި ކުރަން ނިންމި ވާހަކަ ބުނީ، އެނގޭތަ.............މަންހާއަކީ ވަރަށް މޮޅަށް ކިޔަވައިގެންވެސް ހުރި ކުއްޖެކޭ..........ދާއިންއަށް ކައިވެންޏަށްފަހު ލިބެމުންއަންނަ ކުރިއެރުންތަކުގައި މަންހާގެ ވަރަށް ބޮޑުއަތެއްވޭ........." ޒައުލް އޭނައަށް އެނގޭމިންވަރަކުން މަންހާގެ ވާހަކަތައް ކިޔާދެމުންދިޔައެވެ. މީގެ ކުރިން އޭނަ ޝަފާއަށްވެސް ހުރިހާ ވާހަކައެއް ކިޔައެއްނުދެއެވެ.
"ކުއްލިއަކަށް މިހެންމިވީ ކީއްވެތަ........ޒައުލް، މަންހާ އަސްލު ވަރަށް ހިތާމަކުރޭ، ވަރަށް ރޮއެ އެކަމަކު އެހިޔަސް ކީއްވެކަން ނުބުނާނެ، އަހަރެން ވަރަށް ގިނަ ގޮތްގޮތުން އޭނަ އާއި ވާހަކަދެއްކޭ ތޯ ބަލައިފިން..............އަދިވެސް އޭނަގެ ހިތުގައިވާއެއްޗެއް އެހެންމީހަކަށް ހާމަ ކުރާކަށް ބޭނުމެއްނުވޭ، ބައެއްފަހަރު ހިތަށް އަރާ އެހުރިހާ ހިތްދަތިކަމެއް އޭނަގެ ހިތުގައި ފޮރުވާލައިގެން ހުންނަން ކެތްވޭބާއޭ............" ޝަފާ ބުނެލިއެވެ.
"ދާއިންގެ ދޮށީ އަންބީގެ އަތެއް މިކަމުގައި ވާހެން އަހަންނަށް ވަރަށް ހީވޭ، އެކަމަކު ދާޢިން ގަބޫލެއް ނުކުރާނެ، އަހަންނަށްވެސް ޔަގީނެއްނުވޭ، އެކަމަކު ޔަގީންކުރާނެ ގޮތެއްވެސް ނޭގެ............މަންހާ ވަރަށް ރަނގަޅުވާނެ ދާއިންގެ ދޮށީ އަންބަށް، ޒާރާ ކިޔާނީ، އަހަންނަށް ހީނުވަނީ ހަމަ ޒާރާ އެހާ ރަނގަޅުހެން މަންހާއަށް، އަހަރެން ވަރަށް ފަހުންވެސް އެގެއަށް ދިޔައިރު އެދެމީހުން އެކަކު އަނެކަކާ ވާހަކައެއް ނުދައްކާ........އާ.........ހަނދާންވެއްޖެ، ޝަފާ، އޭރު އަހަންނަށް ފާހަގަ ނުކުރެވުނީ، ހިތަކަށް ނާރާ އެކަމުގެ ނަތީޖާ ފެންނާނީ މިގޮތަށްކަމެއް، އަހަރެން ވަރަށް ރަނގަޅަށް ހަނދާންވޭ، އަހަރެން އެގެއަށް ދިޔައިރު މަންހާ އާއި ޒާރާ ކުރިން އުޅޭގޮތާއި ހިލާފަށް ވަރަށް ދުރުދުރުން އުޅެނީ، ޚާއްޞަކޮށް މަންހާ ޒާރާ އާއި ދުރުވާން މަސައްކަތްކުރާކަން ފާހަގަވި................މަންހާ އޭނަގެ އެންމެ ގާތް އެކުވެރިޔާ އާއިއެކު ކޮޓަރީގައި ތަޅުލައިގެން އުޅެނިކޮށް ދާއިންއަށް ވަދެވުނު ވާހަކައެއްވެސް ދެއްކި، މިކޮޅަށް މަންހާ އެންމެ ފުރަތަމަ ގެނައިއިރު ކޮރުޖަހަމުން ހިނގީ އެހެންވެ، މަންހާ ބުނަނީ ފާހާނާއަށް ވެއްޓުނީކަމުގަ...........އެއަށްވުރެ އިތުރަށް އޭނަ ކިއެއްނުދިން، ދާއިން ބުނީ އޭނައަށް ކޮޓަރިއަށް ވަދެވުނު އިރު މަންހާ އާއި އޭނަގެ ރަޙުމަތްތެރިޔާ އާއި އޮތީ ކާޕެޓުމަތީގައި ކަމަށް، މަންހާގެ ރަޙުމަތްތެރިޔާ ކަކޫ ޖަހާލައިގެން މަންހާ އާއި ދިމާލަށް ގުދުވެގެން އޮތްއިރު މަންހާގެ ފައިގެ ބޮޑުބައެއްވަނީ ހާމަވެފަކަމަށް...........އެކަމުގަވެސް ޒާރާ ވަރަށް ފޯރި އަރުވާލިކަމަށްވޭ، ކުރިންވެސް ދާއިން ކައިރީ ޒާރާ އެކަހަލަ ވާހަކަ ދައްކާކަމަށްވަނީ، މަންހާ އާއި އެބުނާ ފިރިހެން ކުއްޖަކާ ގުޅުމެއް އޮންނަ ވާހަކަ.........ޝަފާ، އަހަރެންމީ ދާއިންގެ އެންމެ ގާތް ރަޙުމަތްތެރިޔާ، އެކަމަކު އަހަރެންގެ ލޮލަށް އެމަންޒަރު ފެނުނަސް އަހަރެން އެކަން ގަބޫލެއް ނުކުރާނަން، އޭގެ ބަދަލުގައި އަހަރެން މަންހާ ކައިރިން އަހާ އޮޅުންފިލުވާނަން އެއީ ކިހިނެއްވީ ކަމެއްތޯ" ޒައުލް ހިތްހަމަނުޖެހޭގޮތް މޫނުމަތިން ދައްކާލަމުން ބުނެލިއެވެ.
"އެހެންވީމަ ތިބުނަނީ ދާއިން އެކަން ހިނގިގޮތް ނުބަލާ ޒާރާ ބުނިއެއްޗެއް ގަބޫލުކޮއްލައިގެން ހުރީއޭތަ، ފަހަރެއްގަ ޒާރާ އެބުނަނީ ތެދެއްކަމުގަވެސް ވުން އެކަށީގެންވޭ ދޯ، މިހެން ބުނީ އަހަންނަށް ވަރަށް ތަފާތުކަމެއް މަންހާގެ ފަރާތުން ފާހަގަ ކުރެވޭތީ..........." މިހެންބުނި އިރު ޝަފާގެ މޫނުމަތިންވެސް އެކަމާ އެއްބަސްވާކަމުގެ އަސަރު ފާޅުވޭވޭހުރި ކަހަލައެވެ.
"ކޮންކަމެއް؟ އޭނަ މީހަކާ ވާހަކަ ދައްކަނީތަ، ނޫނީ އަހަރެން ދިޔައީމަ މިތަނަށް މީހަކު އަންނަނީތަ" ޒައުލް ހާސްވެފައި އަހާލިއެވެ.
"ނޫން ނޫން ތިކަހަލަ ކަމެއްނޫން، ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން މޭޒުކައިރީ އިނދެ ސިޓީއެއް ލިޔޭ.........މިހާރު ދެތިން ހަތަރު ފަހަރަށް އަހަންނަށް ފެނިއްޖެ، ސުވާލުކުރީމަ މާބޮޑު އެއްޗެއް ނޫންކަމަށް ބުނެ ވާހަކަ އޮއްބާލަނީ، ދެން އަހަރެން ބެލީ މަންހާ ކޮންމެ ރެއަކުވެސް އެސިޓީއެއް ލިޔޭތޯ............ހީވީ ހަމަރަނގަޅަށް، ސިޓީ އުރައަކަށްލާފައި އެލަނީ ކޮންތާކަށްކަމެއް ނޭގެ، ޔަގީނުންވެސް ލަނީ އަލަމާރީގެ ކޮންމެވެސް ބަޔަކަށް..........އޭނަ ކާކަށް ލިޔާ ސިޓީތަކެއްބާއޭ އަހަރެން ހިތަށް އަރާ، އެކަމަކު މަންހާގެ ޕްރައިވެސީ ގެއްލޭފަދަ ކަމެއް ނުކުރަންވެގެން އެއިން އެއްވެސް ސިޓީއެއް ހޯދާކަށް މަސައްކަތެއް ނުކުރަން" ޝަފާ ދެއްކި ވާހަކައަކުން ޒައުލްގެ މޫނުމަތިންވެސް ސީރިއަސްކަން ފެނިގެންދިޔައެވެ.
"ކޮންއިރަކުން ތިދެމީހުން މިތަނަށް އައީ..........." ޒައުލް އާއި ޝަފާ އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުއްޓާ މަންހާ އެނބުރިލި ގޮތަކުން އެމީހުން ފެނުނީއެވެ. އަވަސް ފިޔަވަޅުގައި އެމީހުން ކައިރިއަށް އައިސް ވާހަކަދެއްކީ ޒައުލް ޝަފާ ގޮވައިގެން އެތަނަށް އައީމައެވެ. ޒައުލް އާއި ޝަފާ އެއްފަހަރާ މަންހާއަށް ބަލާލާފައި ހިނިތުންވެލިއެވެ. އަދި އަވަސް އަވަހަށް ސައިބޯން ދާން އެމީހުންނާއިއެކު އައުމަށް ބުންޏެވެ.
(ނުނިމޭ)