ބާސެލޯނާ

ގްރީޒްމަންގެ ދެ ލަނޑުން މި ސީޒަނުގައި ބާސާއަށް ފުރަތަމަ މޮޅު

Aug 26, 2019

އާ ސީޒަނުގެ ފުރަތަމަ މެޗުން ބަލިވެ، ދެވަނަ މެޗާ ބާސެލޯނާ ކުރިމަތިލީ ލަޔަނަލް މެސީގެ އިތުރުން ލުއީޒް ސުއާރޭޒް ނެތި އެވެ. އެކަމުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތީ އުފެދިފަ އެވެ. ނަމަވެސް، މި ސީޒަނަށް އެތެލިޓިކޯ މެޑިރިޑުން 107 މިލިއަން ޕައުންޑަށް ގެނައި ފޯވަޑް އެންޓޮއިން ގްރީޒްމަންގެ ދެ ލަނޑުން، ރިއާލް ބެޓިސްގެ މައްޗަށް ބާސާ 5-2 ގެ ނަތީޖާއަކުން ކުރި ހޯދައިފި އެވެ.

ނަބީލް ފެކީރްގެ ގޯލުން 15 ވަނަ މިނެޓުގައި ބެޓިސް ކުރި ހޯދާފައިވަނިކޮށް ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދީ އަދި ލީޑު ނަގައިދިނީ ވެސް ސުއަރޭޒްގެ ނެތުމުން ސެންޓަ ފޯވާޑަކަށް ކުޅެމުން ދިޔަ ގްރީޒްމަން އެވެ.

މިދިޔަ ހަފްތާގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ބަލިވި ބާސާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކާލެސް ޕެރޭޒް އެވެ.

އޭގެ ފަހުން ޖޯޑީ އަލްބާ އާއި އާތޫރޯ ވިޑާލްގެ ލަނޑުތަކުން ބާސާ އިން ފަސް ލަނޑު ކާމިޔާބުކުރި ފަހުން، މެޗުގެ 79 މިނެއްޓުގައި ބެޓިސްގެ ލޮރެން މޮރޮން ގޯލެއް ޖަހައި އެ ޓީމަށް ތަފާތު ކުޑަކޮށްދިނެވެ.

ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ސަބަބުން ގްރީޒްމަންްއަށް ޕްރެޝަރު އޮތީ ބޮޑުވެފަ އެވެ. އަދި މި މެޗުގެ ފުރަތަމަ ކޮޅު މެޗުގެ ތެރެއަށް ގްރީޒްމަންއަށް ރަނގަޅަށް ނުވަދެވިގެން އުޅެނިކޮށް ބެޓިސް އިން ލީޑު ނެގި އެވެ.

ނަމަވެސް، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ގްރީޒްމަންގެ ފުރަތަމަ ލަނޑާއެކު މުޅި މެޗުގެ ރޫހު ބާސާގެ ކޮޅަށް އެނބުރިގެން ދިޔަ އެވެ.