ޓްރާންސްޕޯޓް އޮތޯރިޓީ

ބޮޑު އަގުގައި ޓެކްސީ ކުރާނަމަ ލައިސަންސް ބާތިލްކުރަނީ

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގާ ޑްރައިވަރުންގެ ލައިސަންސް ބާތިލްކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ ބޮޑު އަގު ޓެކްސީ ދުއްވާ ފަރާތްތަކުން ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އަދި އަހަރަކު ތިން ފަހަރަށްވުރެ އިތުރަށް ބޮޑު އަގުގައި ޓެކްސީ ކޮށްފި ނަމަ އެ ފަރާތްތަކުގެ ޓެކްސީ ކުރުމުގެ ލައިސަންސް ބާތިލްކުރެވޭނެ ކަމަށެވެ.

ޓްރާންސްޕޯޓުން ވަނީ މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ހިދުމަތް ދޭން އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެއަށް 60 ރުފިޔާ އަދި ހުޅުމާލޭން ހުޅުލެ އަށް 60 ރުފިޔާގެ އިތުރުން މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި 25 ރުފިޔާ އެވެ.

މި އަގުތަކާއި ހިލާފަށް އިތުރަށް ފައިސާ ނެގި ހަ ޓެކްސީ ޑްރައިވަރަކު ފުލުހުން ވަނީ މި މަހު ޖޫރިމަނާ ވެސް ކޮށްފަ އެވެ.