ހަބަރު

އޭޑީބީގެ ރައީސް ސްޓެލްކޯއަށް ޒިޔާރަތްކޮށްފި

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކެހީކޯ ނަކާއޯ ސްޓެލްކޯ އަށް ޒިޔާރަތްކޮށް އެ ތަނުގެ މަަސައްކަތްތައް ބައްލަވައިލައިފި އެވެ.

ސްޓެލްކޯ އިން ބުނީ، މިއަދު ހެނދުނު އޭޑީބީގެ ރައީސް ސްޓެލްކޯ އަށް ވަޑައިގަނެ އޭޑީބީއާ ސްޓެލްކޯއާ ގުޅިގެން ކުރިއަށް ގެންދިއަ ޕްރޮޖެކްޓުތައް ބައްލަވާލާފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ކުރިއަށް އޮތް ތަނުގައި ކުރަން ނިންމާފައިވާ ޕްރޮޖެކްޓުތައް އޭޑީބީގެ ރައީސްއާ ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ނިމޭ އިރު 50 ޕަސެންޓު ސޯލާ ޕެނަލްތައް އިތުރުކުރުމާއި ހުރިހާ ރަށެއްގައި
ގާއިމްކޮށްފަވާ ސްޓެލްކޯ ސިސްޓަމްތައް އެއް ވިއުގައާ ގުޅާލުން ހިމެނެ އެވެ.

އަދި ވޭސްޓް ހީޓް ބޭނުންކޮށްގެން ފެން އުފެއްދުމުގެ މަޝްރޫއާއި އުފައްދާ ހަކަތަ ސްޓޯ ކުރާ ނިޒާމުގެ މަޝްރޫއު ވެސް ވަނީ ހިއްސާކޮށްފަ އެވެ.

މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އޭޑީބީން އެއްބާރަލުން ދޭނެ ކަމަށް އޭޑީބީގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

1988 އިން ފެށިގެން އޭޑީބީ އިން އަންނަނީ ސްޓެލްކޯގެ ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.