ހަބަރު

ރައީސް ޔާމީން ދޫކޮށްފައި ނުދާނަން: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށާއި، އެމަނިކުފާނު ދޫކުރައްވައި އެހެން ޕާޓީއަކަށް ވަޑައިނުގަންނަވާނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ އިތުރުން ޕީއެންސީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީތަކުން އިސްތިއުފާ ދެއްވައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރަން ނިންމާފައިވާކަން ވަނީ ހާމަވެފަ އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ފަލާހް މިއަދު އަވަސް އަށް ވިދާޅުވީ އޭނާގެ އިތުރުން ވިލިމާލެދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެންމެ އަރިސްކޮށް އުޅުއްވި އަބްދުއްރަހީމް ވެސް ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ފަލާހް ވިދާޅުވި އެވެ.

"އަދުރޭ މިވަގުތު ހުންނެވީ މެލޭޝިއާގައި. އަންނަ ހަފްތާގައި އެނބުރި ވަޑައިގެން ޖޭޕީއާ ގުޅި ވަޑައިގަންނަވާނެ،" ފަލާހް ވިދާޅުވި އެވެ.

ނަމަވެސް، އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އެ ޓްވީޓުގައި އަދުރޭ ވިދާޅުވީ ސިޔާސީ މަސައްކަތް ފެށީ ރައީސް ޔާމީންއާއެކު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ އެ ގޮތުގައި ކަމަށެވެ.

"ރައީސް ޔާމީން ދޫކޮށްފައި ދާނެ ދުވަހެއް އިރާދަ ކުރެއްވިއްޔާ ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

ޖޭޕީއާ އަލަށް ގުޅިވަޑައިގަންނަވާ "މުހިންމު މެންބަރުންތަކެއް" ސޮއި ކުރުމުގެ ރަސްމިއްޔާތު މިރޭ 9.00 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ. އެ ރަސްމިޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށްވެސް ޕީޕީއެމްގެ ބައެއް މެމްބަރުން ޖޭޕާއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރި އެވެ.

ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ޖޭޕީއާ ގުޅުމުގެ ފުރުސަތު ދޭތީ އެ ޕާޓީއަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.