ހަބަރު

އިލްމުވެރިން ދައްކާ ދަލީލުގައި ފަނޑިޔާރުންގެ ވާހަކައެއް ނެތް: މައުމޫން

އަންހެނުންނަށް ފަނޑިޔާރުކަން ކުރަން ހުރަހެއް ނެތް ކަމަށާއި އިލްމުވެރިން ދައްކާ ދެ ދަލީލުގައި އޮތީ ދެމަފިރިންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ވާހަކަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމުމާ ގުޅިގެން ބައެއް އިލްމުވެރިން އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ބުނެ ދައްކަވަމުން ގެންދާ ވާހަަކަތަކައް ރައްދު ދެއްވާ ނެރުއްވި ހަތް ސަފްހާގެ ދިގު ބަޔާނެއްގައި އެވެ.

ރައީސް މައުމޫނު ނެރުއްވި ބަޔާނުގައި ބުނީ އަންހެނުންނަށް ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ނޫން ކަމެއް ކަމަށް ބުނެ ބައެއް އިލްމުވެރިން ދައްކާ ދަލީލަކީ އައްނިސާ ސޫރަތުގެ އާޔަތަކާއި ބަގަރާ ސޫރަތުގެ އާޔަތަކާއި ރަސޫލާގެ ހަދީތެއް ކަމަށެވެ.

އައްނިސާ ސޫރަތުގައި މާތްﷲ ވަހީކުރައްވާފައި ބަސްފުޅުގައި ވަނީ ފިރިހެނުންނަކީ އަންހެނުންގެ ރައްކާތެރިކަން ބަލަހައްޓަން ޖެހޭ ބައެއް ކަމަށާއި އެއީ މާތްﷲ މާތްކުރައްވާ އިތުުރުކުރައްވާފަައިވާ ކަމެއް ކަމަށެވެ.

އަދި ބަގަރާ ސޫރަތުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގައި ވަނީ ވަރިކޮށްއިވާ އަންހެނަކު ތިން ގުރޫއު ވަންދެން އިންތިޒާރުކުރަން ޖެހޭ ކަމަށް ކަމަށާއި އެކަނބަލުން ﷲ އަށް އީމާންވާ ކަމުގައިވާނަމަ ބަލިވެ އިނުން ފަދަ ހާލަތްތަކުގައި ވަންހަނާ ނުކުރާނެ ކަަމަށެވެ. އަދި ޝަރުއީ ހަމަތަކުން އަންހެން މީހާގެ މައްޗަށް ވާޒިބުވާ ކަންކަން ހައްގުވެގެންވާ ކަމަށާއި ފިރިހެނުންނަށް އަންހެނުންނަށް ދަރަޖައެއް ލިބިގެންވާ ކަމަށެވެ.

ފިރިހެނުންނަށް އަނބިންގެ މައްޗަށް ދަރަޖައެއް ލިިބިފައިވުމަކީ އަންހެން މީހާގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ފިރިހެނުން އުފުލަން ޖެހޭ މަސްއޫލިއްޔަތެއް އޮތުމުން ފިރިންނަށް ހައްގާއި ގަދަރާއި އީމާންތެރިކަން ދިނުމުގެ ވާހަކަށް ކަމަށެވެ.

އެހެންކަމުން މި ދެ އާޔަތުގައި ބަޔާންކޮށްފައިވާ ހުކުމް ތަކަކީ ދެމަފިރިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ވާހަކަށް ކަމަށާއި ފަނޑިޔާރުކަން ކުރުމާ ބެހޭ އެއްވެސް ވާހަކައެއް މި ދެ އާޔަތުގައި ނެތް ކަމަށް ރައީސް މައުމޫނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރަށް އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިލްމުވެރިން ދައްކާ ރަސޫލާގެ ހަދީތް ރިވާ ކުރައްވާފަައިވާ ރާވީއަކީ އިތުބާރު ކުރެވޭ ރާވީއެއް ނޫން ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށެވެ. އެ ހަދީތުގައި ބުނެފައިވަނީ އަންހެނަކާ ކަމެއް ހަވާލުކޮށްފި ނަމަ އެ ކަމެއް ކާމިޔާބު ނުވާނެ ކަމަށެވެ. ނަމަވެސް މި ހަދީތާ ބެހޭ ގޮތުން ބައެއް އިލްމުވެރިން ވިދާޅުވަނީ މިއީ ރަސޫލާ ހަދީތް ކުރި ބަސްފުޅެއް ކަމުގެ ހެތްކެއް ނެތް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި މި ހަދީތް ނެގޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ބަޔާނުގައި ބުނެފަވެ އެވެ.