ހަބަރު

ސުޖޫން އާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީއަށް

ސުޕްރީމް ކޯޓަށް އައްޔަންކޮށް ދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫންގެ ނަންފުޅު ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ނިންމައިފި އެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރި ފަހުން ބޭއްވި ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި މިހާރު އަމަލު ކުރަމުންދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރައީސް ފޮނުއްވި ފަނޑިޔާރުންގެ ނަންތައް ދިރާސާކުރަން ވަގުތުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މަޖިލީހުގައި އެ ކަމަށް ބަހުސް ކުރާނީ ޖުޑިޝަރީ ކޮމިޓީން އެ ކަމާ ގުޅިގެން މަޖިލީހަށް ހުށަހަޅާ ކޮމިޓީ ރިޕޯޓަށެވެ.

ރައީސް ފޮނުއްވި ދެ އަންހެން ބޭފުޅުންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރަން މަޖިލީހަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު، ރައީސް ސޯލިހް ތަސްދީގު ކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ރައީސް ނިންމެވުމުން، ދީނީ އިލްމުވެރިންގެ މެދުގައި ވަނީ އެ މައްސަލާގައި ދެބަސްވުން އުފެދިފަ އެވެ. އެ ގޮތުން ބައެއް އިލްމުވެރިން ގެންދަނީ އެއީ ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ރައީސްގެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލަމުންނެވެ.

އެ މައްސަލާގައި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅުއްވި އެވެ. އެ ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވިދާޅުވީ އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން އެ މެންބަރުން ތާއީދު ކުރައްވާ ކަމަށެވެ.