މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަށްވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި އަހަރަށް ލަފާކޮށް މިދިޔަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ސަރުކާރުން ވަނީ އިތުރު 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ސަރުކާރުން ހުށަހެޅި ގޮތަށް އެ ބަޖެޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ އާމްދަނީގެ ގޮތުގައި ހިމަނާފައި ވަނީ ސައުދީ ސަރުކާރުން ދިން 618.8 މިލިއަން ރުފިޔާއާއި އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ ބަޖެޓާއެކު މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ފަސް ބިލިއަން ރުފިޔާއަށް އަރާނެ އެވެ. ކުރިން ފާސްކުރީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ސަޕްލިމަންޓަރީ ބަޖެޓުގެ މައިގަނޑު ބައިތައް
- ހަޔާ އެޑިއުކޭޝަން: 300 މިލިއަން
- ހެލްތް: 309 މިލިއަން
- ޕްލޭނިން: 15.8 މިލިއަން
- އެޑިއުކޭޝަން: 94.5 މިލިއަން
- ފިނޭންސް: 925.9 މިލިއަން
ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓްގައި ދަރިވަރުންގެ ސްކޮލާޝިޕާއި ލޯން ސްކީމަށް 300 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް 81 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުން 294.5 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު، މިދިޔަ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލުގައި ފެށި މަޝްރޫއުތައް ކުރިއަށް ގެންދަން 150 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މި އަހަރު ފާސްކުރި ގާނޫނުތަކުން އުފެދުނު އާ މުއައްސަސާތަކުގެ ބަޖެޓަށް 18.7 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ކަނޑައަޅާފަ އެވެ. މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް 350 މިލިއަން ރުފިޔާއާއި ސަރުކާރު ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 189.4 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ވައިގެ ދަތުރުފަތުރު އަގު ހެޔޮކުރަން އައިލެންޑް އޭވިއޭޝަނަށް ދޭ 35 މިލިއަން ރުފިޔާ އާއި ކަރަންޓް އަގުހެޔޮ ކުރަން ސަރުކާރުގެ ކުންފުނިތަކަށް ދޭ 24.4 މިލިއަން ރުފިޔާ ވެސް ބަޖެޓްގައި ހިމެނެ އެވެ.
ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބެއް ކަމުގައި ސަރުކާރުން ބުނެފައި ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގެ އިތުރުން އަލަށް އުފެދުނު ގާނޫނުތަކުގެ ދަށުން ދައުލަތުން ކުރަންޖެހޭ ހަރަދުތައް ލަފާ ކުރެވުނު ވަރަށް ވުރެ އިތުރުވުމާ ގުޅިގެން ކަމަށެވެ.