ހަބަރު

އަޒްމިރަލްދާއާއި ޝުޖޫނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވި ދެން ނަންފުޅު، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ސުޖޫނަށް ރުހުން ދިނުމަށް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ދެ އަންހެން ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސަށް ލަފާ ދެއްވުމުން އެމަނިކުފާނު މިއަދު ވަނީ މަޖިލީހަށް އެ ދެ ނަންފުޅު ފޮނުވާފަ އެވެ. އަދި މަޖިލީހުގެ މިރޭގެ ޖަލްސާގައި މައްސަލަ އެޖެންޑާކޮށް، ނަންތައް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި އެވެ.

ޖުޑިޝަރީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އަޒްމިރަލްދާއާއި ޝުޖޫނަށް ރުހުން ދިނުމަށް ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރަން މަޖިލީހަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު، ރައީސް ސޯލިހް ތަސްދީގު ކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ރައީސް ނިންމެވުމުން، ދީނީ އިލްމުވެރިންގެ މެދުގައި ވަނީ އެ މައްސަލާގައި ދެބަސްވުން އުފެދިފަ އެވެ. އެ ގޮތުން ބައެއް އިލްމުވެރިން ގެންދަނީ އެއީ ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ރައީސްގެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލަމުންނެވެ.