ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(25 އޯގަސްޓް 2019 އާ ގުޅޭ)

މިނިވަންކަމުގެ ހަނި ފުރުޞަތެއް އެ ހިތަށް ލިބުނަސް ކަންތައް ވެދާނެ ގޮތަކާމެދު ދާރިއަން ހާސްވެ ކަންބޮޑުވެއެވެ. އަމިއްލަ ބާރު ނުހިނގާނޭ ހިސާބަކަށް ވިސްނުން ދިޔަކަ އޭނާ ނުދޭނެއެވެ. އެހެންވިޔަސް އޭނާގެ ބެލުންތައް ތިރިއެއް ނުކުރެވުނެވެ. ދުރުގައި ތިބި ހޭޒަލްއާއި ލިއަމްގެ ހަރަކާތްތަކަށް ގަސްދަކާނުލައި ބެލެނީއެވެ.

ދާރިއަންނަށް އޭނާގެ ޢާއިލާއާއެކު އެއްގަމަށް އަރަން ޖެހުމުން ހިތް ނޭދުނަސް އެކަމާ ދެކޮޅެއް ނުހެދިއެވެ. އޭރު ވެސް ހޭޒަލްމެންގެ ޢާއިލާ އެނބުރި ދާން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ނުފެނެއެވެ. ފަހު ފަހަރަށް ކަހަލަ ގޮތަކަށް ބަލާލަން އެނބުރި ލާފައި ދާރިއަން އޭނާގެ އައިފޯނު ނެގިއެވެ. ކެމެރާ ސެޓުކޮށްލައި ތެމިފޯވެފައި ހުރި ހޭޒަލްއަށް ފޯކަސް ކޮށްލިއެވެ. އެނބުރި ދިޔައީ ސިއްރުން ހޭޒަލްގެ ފޮޓޯއެއް ނަގައިގެންނެވެ. އެކަން ދެނަހުރި އެކަކުވެސް އެހިސާބަކު ނެތެވެ.

ދާރިއަންގެ ޢާއިލާ ތިބެނީ ރަށުގައި ހުރި ގެސްޓުހައުސްއެއްގައެވެ. އެނބުރި އެތަނަށް އާދެވުމުން ޒުކަން ދެއްކީ ހުކުރު ދުވަހުގެ މެންދުރުފަހު ލާންޗު އަންނާނޭކަމެވެ. ހުކުރު ނަމާދަށްފަހު ކައިގެން ފުރަންވީ ކަމެވެ. ވަގުތުން އައިކުގެ ޚިޔާލު ތަފާތުވިއެވެ. އޭނާ ބޭނުންވަނީ ޢީދު ބަންދު އެއްކޮށް އެ ރަށުގައި މަޑުކުރާށެވެ. ދާރިއަންއަށް ބަލާލީ އޭނާއާ އެއްބައިވާށޭ އާދޭސްކުރާ ފަދައިންނެވެ. ނަމަވެސް ދާރިއަން ދެފަރާތަށް ބޯހޫރާލީއެވެ. ހުކުރު ދުވަހު ފުރަންޖެހެނީ ކީއްވެކަން ދާރިއަން ވިސްނައިދިނެވެ. އޮފީހުގެ ބޮޑު ބައްދަލުވުމެއް އާދިއްތަ ދުވަހު އޮންނައިރު އެކަމަށް ޒުކަން ތައްޔާރުވާން ބޭނުންވަނީ ކަމެވެ. އެކަމުގައި ދާރިއަންގެ އެހީ ވެސް ޒުކަންއަށް ބޭނުންވާނޭކަމެވެ. އައިކު ޖެހިލީ އޭނާގެ މަންމަގެ ގާތަށެވެ. ވަގުތުން އިބާ ޝަހާދަތްއިނގި ދައްކާލައި ލޯ ބޮޑުކޮށްލައި އަބުއިގޮތް ދައްކާލިއެވެ. އައިކު މޫނު ހަދާލުމާއެކު އެންމެނާ ދުރަށް ހިނގައިގަތެވެ. ދަރިފުޅުގެ ޅަގޮތްގަނޑު ފެނި އިބާ ދެފާރަތަށް ބޯހޫރާލީއެވެ.

* * * * *

މުހުސިނާއާއި ޝަމާޢިލްގެ ޢާއިލާ އެނބުރި ސަންޝައިންވިލާއަށް ވަންއިރު ހަވީރު ފަހެއް ޖަހައިފިއެވެ. ޒައިދަންގެ ކޮނޑުމަތީ ނިދިފައި އޮތް ޒަފްރާ ގޮވައިގެން އޭނާއާއި ރަފާ އަވަސްވެލީ ކޮޓަރިއަށް ދާށެވެ. މުހުސިނާއާއި ގޭގެ ދެންތިބި ދޮށީ އަންހެނުންވެގެން ގެންދިޔަ ސަމާނުތައް ގެނެސް ބަދިގެއަށްވައްދާ އެތަކެތި ރަމަތަކުރުމުގައި އުޅުނެވެ. ހުރިހާ ކުދީން ދިޔައީ ފެންވަރައި ރީތިވެގެން ނުކުންނާށެވެ.

ކޮޓަރީގައި ހުރި އަލަމާރި ކުރިމަތީ ހޭޒަލް މަޑުކޮށްލައިގެން ހުރީ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާށެވެ. އޭރު ފާޚާނާގައި ހުރެގެން ލިއަމް ވާހަކަދައްކާ އަޑުއިވެއެވެ. އޮފީސް ހުޅުވުމުގެ އެއްދުވަސް ކުރީން ފުރަން ޖެހޭނެކަމަށް އޭނާ ބުންޏެވެ. އާދިއްތަ ދުވަހު ސަރުކާރު ހުޅުވެންވާއިރަށް ނިންމަންޖެހޭ މުހިންމު ކަމެއް އެބައޮތޭ ބުނަމުންނެވެ. ލޯގަނޑު ކުރިމަތީ ހުރި ހޭޒަލްއަށް އެ އަޑު އިވި ތުންކޮޅު އޫކޮށްލިއެވެ. ހޭޒަލް އަނގައިން ނުބުންޏެވެ. ލިއަމް އޭނާއަށް ގޮވާލީ ދެއްކި ވާހަކަ އަޑުނީވުނީހޭ ހިތާއެވެ. ހަށިފުރާލީ ނޭވާއާއެކު ހޭޒަލްގެ މޫނުގައިވި ފޫހިކަމުގެ އަސަރު ފިލުވާލިއެވެ. އަދި އައިސް ފާޚާނާ ދޮރުމަތީ ހުއްޓިލިއެވެ.

"ކީއްވެ ކުރިން ނުބުނީ؟ އަހަރެން ހީކުރީ މަންމަމެންނާއެކީ ސަޓާޑޭގަކަމަށް ދާނީ" އާދައިގެ ގޮތަކަށް ހޭޒަލް އަހާލިއެވެ.

"ބޭބީ... ޗުއްޓީގަ ހުއްޓަސް މަސައްކަތް މަދެއްނުވޭ، އެނިވާސަރީ ޕްލޭންގަ އުޅެން ހަދައިގެން ހަނދާންނެތިފަ ހުރީ، މިއަދު އޮފީހުން އައްޔަ އެގުޅީ، ސަންޑޭ ނުކުންނަންވާއިރަށް އެކަން ކޮންމެހެން ވެސް ނިންމަންޖެހޭ" ތުވާލި ހިފައިގެން ގައި ހިއްކަން ހުރެ ލިއަމް ވާހަކަދެއްކިއެވެ.

"އޯކޭ... ދެން ދާނީ ދޯ... މަންމަމެން ގާތު ބުނެފަބާއްވާތި، ޓިކެޓު ވެސް ބަދަލުކުރަން ޖެހޭނެއެއްނު" ހޭޒަލް ފަރުވާކުޑަ ގޮތަކަށް ބުންޏެވެ. އަދި އޭނާ ފާޚާނާ ދޮރުމަތިން ދުރަށް ހިނގައިގަތެވެ. އެވަގުތު ލިއަމް ގޮވާލައި ކޮންތާކަށްތޯ ދަނީ އަހާލިއެވެ.

"ފެންފުޅި ހުސްވެފަހުރީމަ، ބަދިގެއަށް... ލިއަމް ރެޑީވޭ" ހޭޒަލް މިހެންބުނެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. އޭރު އެނދު ކައިރީ ހުރި ފެންހުސްކުރި ފުޅި އަތުގައި އޮތެވެ. އެ ހިފައިގެން އޭނާ އައިސްވަނީ ބަދިގެއަށެވެ. އެތަނުން ދިމާވީ މުހުސިނާއާއެވެ. އޭނާނޫން އިތުރު މީހަކެއްގެ ހިލަން ވެސް އެހިސާބުން ނުވެއެވެ. އެންމެންތަ ކޮޓަރިތަކުގައި ބުނަން އެނގެނީ އެހެންވެއެވެ.

އިރުއޮއްސުމެގެ އަނދިރިކަން ދުނިޔެ މައްޗަށް ވެރިވެފައި އޮތެވެ. ހުސްފުޅިތަކަށް ފެންއަޅަން ހޭޒަލް ފެށީ މުހުސިނާ އެކަމަށް އެދުމުންނެވެ. މަޣުރިބު ނަމާދަށް ގޮވީމަ ނަމާދަށް އަރަން މުހުސިނާ ހަނދާންކޮށްދިނެވެ. ހޭޒަލް ނަމާދަށް އަރަމުން ލިއަމް ވެސް ނަމާދަށް ފޮނުވަން މުހުސިނާ އެދުނެވެ. ހޭޒަލް އެ ހުރިހާ ކަމަކަށް ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. އަނގައިންނެއް ނުބުނެއެވެ. އޭނާ ފެންއަޅާ ނުނިމެނީސް މުހުސިނާ ކުރަން ހުރި މަސައްކަތް ނިންމާލާފައި ހިނގައްޖެއެވެ. ފުޅިތަކަށް ފެންއަޅައި އައިސްއަލަމާރިއަށް ލެވޭވަރަށް ފުޅިތައް ލުމަށްފަހު ދެންހުރި ފުޅިތައް މޭޒުމަތީ ބަހައްޓާފައި ހޭޒަލް ނުކުތީއެވެ. ބަދިގެ ފަރާތުގައި ހުރި ޖޯލިފަތީގައި އޭނާ މަޑުކޮށްލީ ވަކި ބޭނުމަކުނޫނެވެ. ނަމަވެސް އެވަގުތު އެނބުރި ކޮޓަރިއަށް ދާން ބޭނުންނުވެގެންނެވެ.

"ޝިޓް... ޒެއްލުތަ؟... މިތަން އަނދިރިއެއްވެސް ނޫންތަ؟... ކީއްވެފަ މިތާ ތިއިނީ؟" ތެތްއިސްތަށިގަނޑު އަތުން ވިހުރުވަމުން އައި ވީރާއަށް ޖޯލިފަތީގައި މީހަކު އިންކަން އެނގުނީ ފަހުންނެވެ. އޭނާ ހިސާބަކަށް ސިހުނީއެވެ. އެތަނުގައި އިނީ ހޭޒަލްކަން އެނގުމުން ނަފްސު ހަމައަކަށް އެޅިއްޖެއެވެ. މަޑުމަޑުން އައިސް ހޭޒަލްއާ ޖެހިގެން އެއްޖޯލި ދޫކޮށް ވީރާ އިށީނެވެ.

"ތުއްތޭއާ ފައިޓެއް ހިންގާލީތަ؟" ހޭޒަލް އިން ގޮތުން ވީރާ ލަފާކޮށްލިއެވެ.

"ބަންގި ގޮވަންދެން މަޑުކޮށްލީ" ހޭޒަލް ބުންޏެވެ.

"ނަސީބަކުން އަހަރެން ޗުއްޓީ ދުވަސްކޮޅު، އެހެންނޫނީ މަންމަ ބޮލުގަ ކޮށާވަރުން ނޭވާވެސް ނުލެވޭނެ" ވީރާ ބުނެލީ ބޮޑު ބުރައަކުން ރެކެވުނީތީ އެކަމާ ހިތްހަމަޖެހިފައި އިން މީހަކު ފަދައިންނެވެ. ހޭޒަލް ކުޑަކޮށް ހީނލީއެވެ.

ވީރާ އިތުރު ވާހަކައެއް ނުދައްކާ އޭނާގެ ފޯނާ ކުޅެން އިނެވެ. ޖޯލީގައި ހޭޒަލްގެ ހަށިގަނޑު ދަމާލީ ނިއުޅާލާފައި އޮތް އޭނާގެ ދިގު އިސްތަށިގަނޑު އެއްފަރާތުން ކުރިމައްޗަށް ގެނެސް ހިފަހައްޓާލައިގެން އިނދެއެވެ. ޚިޔާލީ ދުނިޔެއްގައި އިން ހޭޒަލްގެ އަތުގައި ވީރާ ކޮއްޓާލީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭނާ އަންގާލީ ބަންގި ގޮވާކަމެވެ. ހޭޒަލްއަށް ހައިރާންކަމެއް ލިބުނީ ދުރުން އިވެމުންދިޔަ ބަންގީގެ އަޑު އޭނާއަށް ކުރިން ނީވުނީތީއެވެ. އޭނާއަށް އޮވެވުނީ އެހާ ވެސް ފުންޚިޔާލެއްގައިކަން އަމިއްލަ ނަފްސަށް ޔަގީންނުކުރެވުނީ ދެނެވެ.

ކޮޓަރިއަށް އައިސް ހޭޒަލް ނަމާދަށް ތައްޔާރުވަމުން ލިއަމް ގާތުގައި ނަމާދަށް ދާން އެދުނެވެ. އާނއެކާ ބުނެފައި އޭނާ އެނދުގައި އޮތީއެވެ. ޓިކްޓޮކް ބެލުމަކީ މިފަހަކަށް އައިސް އޭނާ އެންމެ ގިނައިން ކުރާ ކަންތަކެވެ. އެނދު ހުރަހަށް ބަންޑުން ފޯނު ހިފައިގެން ލިއަމް އޮތެވެ. ހޭޒަލް މުއްސަލަމަތީ ހުއްޓެމުން ވެސް ލިއަމްއަށް ގޮވާލައި ނަމާދަށް ދާން ބުނެލިއެވެ. މިފަހަރު ވެސް އޭނާ އާނއެކޭ ބުނެލިއެވެ. އިރުކޮޅަކު ލިއަމްއަށް ބަލަން ހުރެފައި ހޭޒަލް އެދުނީ އޭނާ ނަމާދުން ފައިބަންދެން ފޯނުގެ އަޑުމަޑުކޮށްލުމަށެވެ. އެއާއެކު ސައިޑްޓޭބަލް މަތީ އޮތް އެއަރޕޮޑް ނަގައި ލިއަމްގެ ކަންފަތައް އެ ހެޔޮވަރުކޮށްލިއެވެ.

އިޝާ ނަމާދުކޮށް ހޭޒަލް ނިންމި އިރު ފޯނާ ކުޅެން އޮތް ލިއަމްއަށް އޮތީ ނިދިފައެވެ. އޭނާ ނަމާދު ހެދުން ބާލައި މުއްސަލައާއެކު ނަގައި އަލަމާރިތެރެއަށް ލިއެވެ. ލިއަމްގެ ގާތަށް އަރައި އޭނާގެ ފުރަގަހުން ގާތްވެލައިގެން ހޭޒަލް އޮށޯވެލިއެވެ. ލިއަމް ޖަހާފައި ހުރި ބޮޑީސްޕްރޭ ވަސް އޭނާގެ ކަނދުރާދޮށުން ދުވަދުވާ ހުއްޓެވެ. މަޑުމަޑުން ހޭޒަލްގެ ތުންފަތް ޖައްސާލައި ބޮސްދިނުމަށްފަހު އޭނާ ވެސް ލޯ މަރާލީއެވެ. އެއާއެކު އޭނާއަށް ވެސް ގިނައިރެއްނުވެ ނިދުނީއެވެ.

ހޭޒަލްއަށް ހޭލެވުނީ އޭނާގެ ހަށިގަނޑުގައި މީހަކު ބީހޭތީއެވެ. މެރިފައިވާ ދެ ލޯ ހުޅުވާނުލީ ގާތުގައި އޮންނާނީ ލިއަމްކަން އެނގޭތީއެވެ. އެ ބީހުމަކަށް ހޭޒަލްގެ ހަށިގަނޑުގެ ޚިއްސުތައް ހޭލައި ނާރުތަކަށް އެނގުންވެ ލޯލިތައް ކޮޅަށް ޖެހެއެވެ. އެފަދަ ޖާދޫއެއް އެ ބީހުމުން ހޭޒަލްއަށް ކުރުވައެވެ. މަސްތުކަމުގެ އަސަރު ވެރިވެ އެދުންވެރިކަމުގެ އާހެއް ހޭޒަލްގެ އަނގައިން ނުކުތެވެ. އެކަމުގެ ސަބަބުން ލިއަމްގެ ލޭ އިތުރަށް ހޫނުވެ ހަށިގަނޑުގެ ވިންދު އަވަސްވިއެވެ.

"ވޭކްއަޕް ބޭބީ..." މަސްތީ ގޮތަކަށް ސިއްރުން ހޭޒަލްގެ ކަންފަތް ދޮށުގައި ލިއަމް ބުނެލިއެވެ. އެއާއެކު މަޑުމަޑުން އެ ދިގު އެސްފިޔަތައް ދުރުވެލައި ހޭޒަލްގެ ލޯ ލިއަމްއަށް އަމާޒުވެއްޖެއެވެ. އެއާއެކު ވާރޭގެ މިއުޒިކީ އަޑު ކަންފަތުގައި ޖެހުނެވެ.

"އައި ވޯންޓް ޔޫ" ހޭޒަލްގެ ނިތްކުރީގައި ނިތްޖައްސާލައިގެން އޮވެ ލިއަމް ބުނެލީ އޭނާގެ ހަށިގަނޑު ހޭޒަލްއަށް ބޭނުންވެފައިވާ މިންވަރު އަންގައިދެމުންނެވެ. ލުއި ހިނިތުންވުމެއް ހޭޒަލްގެ ތުންފަތުގައި ދުވެލިއެވެ. ނިދީގައި ހޭޒަލްވަނިކޮށް އެފަދައިން އޭނާ ހޭލައްވާލުމަކީ ލިއަމްގެ އާދެއެކެވެ. އެކަމަކު އެއީ ހޭޒަލްގެ ހިތް އުފާވާކަމެކެވެ. އޭނާގެ ފިރިމީހާ އޭނާއަށް ބޭނުންވާވަރު އިޙްސާސްކޮށްދޭ އިޝާރާތަކެވެ. ލިއަމްއަށް އޭނާގެ މުހިންމުކަން އަމިއްލަ ނަފްސަށް ވެސް ޤަބޫލުކުރެވޭ ވަގުތެކެވެ. އެހެންވުމުގެ ސަބަބުން ހޭޒަލްއަށް އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ޔަގީންކަން އިތުރުވެއެވެ. އުންމީދުކުރި ދުވަހަކަށްވުރެ ކުރީން މާލެދާން ޖެހޭތީ ހޭޒަލްއަށް ލިބުނު ނުތަނަވަސްކަން ވެސް ފިލައި ހިނގައްޖެއެވެ.

"ގަޑިން ކިހާއިރެއްވެގެން އެއުޅެނީ... ކޮންއިރަކު ވާރޭވެހެންފެށީ" ނަފްސު ހަމައަކަށް އެޅުމުން ލިއަމްއާ ދުރަށް ޖެހިލައި ހޭޒަލް އަހާލިއެވެ.

"ދިހައެއް ޖަހަނީ... އަހަންނަށް ހޭލެވުނުއިރު ވެސް ވާރޭވެހޭ" ލިއަމްގެ އަތުގައި އޮތް ޓިޝޫތައް އެނދުކައިރިއަށް ވައްޓާލަމުން ބުނެލިއެވެ. އަދި އެނދުގައި ހަމަޖެހިލައި ހޭޒަލްއަށް ބަލާލިއެވެ. ވަރަށް ބަނޑުހައިވެއްޖެކަމާއި ކާއެއްޗެއް ދިނުމަށް ލިއަމް އެދުނެވެ.

ލިއަމްއާއެކު ހޭޒަލް ކޮޓަރިން ނުކުތްއިރު ސިޓިންރޫމުގައި ދެ ގުރޫޕު ހަދައި ކޮންމެ ބަޔަކު ވަކިން ތާސްކުޅެނީއެވެ. ލިއަމް ފެނުމުން ޒައިދަން ގޮވާލިއެވެ. އަބަދުކޮޓަރީގައި ނޯވެ އެމީހުންނާއެކު ތާސްގަނޑެއް ޖަހާލަން އައުމަށް އޭނާ ބުންޏެވެ. ސިޓިންރޫމު ސޯފާއާ ދިމާއަށް ލިއަމް ދާން ފެށުމުން ހޭޒަލް އޭނާ ހުއްޓުވިއެވެ. ބަނޑުހައިވެގެން އުޅުނު މީހާ ނުކަނީތޯ ހޭޒަލް އެއްސެވެ. ލިއަމް އެދުނީ އޭނާއަށް ކާއެއްޗެހި ތައްޔާރުކޮށްދީގެން ތަށި ސިޓިންރޫމަށް ގެނެސް ދިނުމަށެވެ. ސިޓިންރޫމުގައި ނަގާ ފޯރި ފެނިފައި އެތަން ދޫކޮށްލާފައި ދާން ލިއަމް ބޭނުންނުވީއެވެ.

* * * * *

ޖެހިގެން އައިދުވަހު ވެސް ކެރި ކަނޑައިގެން ނުދެއެވެ. އެހެންވިޔަސް ސަކަރާތްބޮޑުވެފައި ތިބުމުގެ ސަބަބުން ވާރެއާ ތެމެން އެންމެން ނުކުތެވެ. އެނބުރި މާލެ ދިއުމުގެ ކުރީން ކަނޑޫފާ ބަލާލަން މުހުސިނާ ހުރީ ބޭނުންވެފައެވެ. ވެހޭ ވާރޭގައި އެންމެން ގުރޫޕު ހަދާފައި ދިޔައީ ކަނޑޫފާބަލާށެވެ.

ހުކުރު ދުވަހު ލިއަމް ފުރަން ހަމަޖެއްސިއިރު ހޭޒަލްއަށް މުހުސިނާމެންނާއެކު މަޑުކުރުކުރުމުގެ ފުރުޞަތު އޭނާ ދިނެވެ. ހޮނިހިރު ދުވަހު ހަވީރު މުހުސިނާމެން އަންނައިރު އެމީހުންނާއެކު ހޭޒަލް އައުމަކުން މައްސަލައެއްނެތޭ ލިއަމް ބުންޏަސް އެގޮތް ހޭޒަލްއަށް ކަމުނުދިޔައީއެވެ. ލިއަމްނެތި އެތަނެއްގައި އޭނާ ހުންނަން ބޭނުންނުވީއެވެ. މުހުސިނާ ކުދިކިއެއްކަމަކު ލިއަމްއަށް އޭނާގެ އޮފީސް ކިހާ މުހިންމުކަން އެނގޭތީ ދެކޮޅު ހެދެން ނެތީއެވެ. އެންމެން ވެސް ލިއަމްގެ އެ ނިންމުމާމެދު ފާޑުކިޔެވެ. އެހެންމީހުންނަށްވުރެ ދެދުވަސް ފަހުން އައިސްފައި ޗުއްޓީ ނުނިމެނީސް އެންމެނަށްވުރެ ކުރީން ފުރާތީއެވެ. އެންމެން ވެސް އެދެމުންދިޔައީ ހޭޒަލްގެ ގާތުން ލިއަމް ހުއްޓުވުމަށެވެ. އެންމެން އެއްކޮށް އެނބުރި ދާނީކަމުގައި ބުނަމުންނެވެ. އެކަމުގައި ހޭޒަލް ހަނުހުރީ އޮފީހާ ގުޅޭ ކަންކަމުގައި ލިއަމްގެ ޚިޔާލު ބަދަލުނުކުރެވޭނެކަން އެނގޭތީއެވެ. މިވީހާތަނަށް ލިއަމްގެ އޮފީސް ކަންކަމާ ގުޅުވައި ފާޑުކިޔައި ހޭޒަލް ހުރަސްއަޅާފައެއް ނުވެއެވެ. އޭނާ ވެސް އޮފީހެއްގައި މަސައްކަތްކުރި ދުވަސްވަރު އޮފީސް މުހިންމުވީވަރު އެނގެއެވެ. އަނެއްކޮޅުން ލިއަމްއަކީ ފުލުހެއްގެ މަޤާމު ފުރަމުންދާ މީހެކެވެ. އޭނާއަށް އޭނާގެ މަސައްކަތް މުހިންމުވާނެކަން ހޭޒަލް ދަނެއެވެ. މަންމަމެން އެދުނަސް ލިއަމް ގާތު މަޑުކުރުމުގެ ވާހަކަ ހޭޒަލް ނުދެއްކީ މި ހުރިހާ ކަމަކަށް ވިސްނާފައެވެ. އަމިއްލަ ހިތުގެ ޖަޒުބާތުތައް ފޮރުވާލީ ވެސް އެހެންވެއެވެ.

މުހުސިނާގެ ޢާއިލާގެ ހިތްހެޔޮކަން ހޭޒަލްއަށް ވެސް ފާހަގަކުރެވުނެވެ. އެ ގޭ ކުދީން ހޭޒަލްމެން ފެނުމުން ބީރައްޓެހިގޮތެއް ނުބަހައްޓައެވެ. ޢަމަލުތައް ބެހެއްޓިގޮތުން ހީވީ އަބަދުފެނިދެނެވި އުޅޭ ގާތް ބައެއްހެންނެވެ. ޢީދުގެ ދުވަސްތައް ނިންމާ ފުރަން ގެއިން ނުކުތް އިރު އަލުން ކެލައަށް އަންނަ ހިތް ހުރީ ޖެހިފައެވެ. ލިއަމްގެ މައިންބަފައިންނާއެކު ކުރި ފުރަތަމަ ދަތުރަށްވިޔަސް މި ދަތުރު ހޭޒަލްއަށް ވަރަށް ޚާއްޞައެވެ. ލިއަމްގެ ބިޒީ ޝެޑިއުލްގެ ތެރެއިން އެނިވާސަރީއާ ދިމާކޮށް އޭނާއާއެކު ތަންކޮޅެއް ގިނަވަގުތު ހޭދަކުރަމަށް ހޭޒަލްއަށް ފުރުޞަތު ލިބުނީތީއެވެ. ކެލައަށް އައި މަގުމަތީ ބާރަށަށް ދެވި ކިޔަންވަންއުޅުނު ދުވަސްވަރުގެ އެންމެގާތް ރަޙުމަތްތެރިޔާއާ ހީނަރުވެފައި އޮތް ގުޅުން ބަދަހިވުމުންނެވެ.

* * * * *

މާލެ އައިސް ފަނަބުރިއަށް ނަގާފައި ހުރި މ.ރޯމާގޭ ހަވަނަ ފަންގިލާގައި ލިއަމް ހިފާފައި ހުންނަ ދެ ކޮޓަރީގެ އެޕާޓްމެންޓަށް އޭގެ ދެމަފިރިން ވަނެވެ. ގޭތެރެއަށް ވަދެވުމާއެކު ދޮރުކައިރި ތަޅުން މައްޗަށް ހޭޒަލްގެ ކޮނޑުގައިވި ދަބަސް ދޫކޮށްލިއެވެ. ދޮރުގެ އެއްފަރާތަށް ވާހެން ލިއަމް ހިފަހައްޓައިގެން ހުރި ފޮށި ޖައްސާލިއެވެ. އެމީހުންނަށް އާދެވުނީ ހަވީރެވެ. ގޭތެރެއަށް ނަޒަރު ހިންގާލުމާއެކު ހޭޒަލް ހިނިތުންވެލިއެވެ. އެނބުރި އޭނާގެ ދިރިއުޅުން ގުޅިފައިވާ މާޙައުލަށް އާދެވިއްޖެކަން އިޙްސާސް ވުމުންނެވެ.

"ލިއަމް... މިރޭ ބޭރުން ދޯ ކާނީ" ގޭގައި ކާއެއްޗެއް ހެދުމުގެ މޫޑު ނެތިފައި ހުރި ހޭޒަލް ބުންޏެވެ. ލިއަމް ނިކަން އަވަހަށް އާނއެކޭ ބުންޏެވެ. އަދި އޭނާ ހިނގައިގަތީ ކޮޓަރިއަށެވެ.

ހޭޒަލް ފެންވަރައިގެން ނުކުމެ އަސުރު ނަމާދުކޮށްލިއެވެ. ދެން އޭނާ އުޅުނީ ދަތުރުގައި ބޭނުންކުރި އެއްޗެހި ދޮންނާށެވެ. ލިއަމް ފޯނު ހިފައިގެން ސިޓިންރޫމު ސޯފާގައި އޮތެވެ. ހުޅުވާފައި ހުރި ޓީވީއިން އިނގިރޭސި ފިލްމެއް ދައްކަމުންދާތީ އޭގެ އަޑު އިވިއިވި ހުއްޓެވެ. އެންމެ ފަހުބައި ދޮންނަ މެޝިނަށް އަޅާފައި ހޭޒަލް އައިސް ސޯފާގައި އިށީނެވެ. އަތްގަނޑުގައި ބުރަކަށި ޖެހޭނޭހެން ސޯފާއަށް ދެފައި އަރުވާލައި ހޭޒަލް ހަމަޖެހިލިއެވެ. އަދި މެދުގައި ހުރި ކޮފީމޭޒުގެ މަތިން އޭނާގެ އައިފޯނު ނަގައި ބަލަން ފެށިއެވެ.

"ކޮންތާކުން ގެންނާނީ" ހޭޒަލް އަހާލީ ކާއެއްޗެހި ގެންނާނޭ ތަނަކާމެދު ލިއަމްގެ ޚިޔާލެވެ.

"ލޯބި ބުނެބަލަ... އަހަރެންނަށް އޯކޭ ކޮންމެތަނެއް ވެސް" ލިއަމް ބުންޏެވެ. ހޭޒަލް ފޯނު ހާވަހާވާފަ ކާއެއްޗެހި ޑެލިވާ ކޮށްދޭ އެކިތަންތަނުގެ ނަން ކިޔެވެ. އެތަންތަނުން ލިއަމްއަށް ކަމުދާނެހެން ހީވާ ކަހަލަ ކާއެއްޗެހީގެ ނަން ކިޔެވެ. ލިއަމްއަކީ ބަތްކާހިތްވާ މީހެއްނޫނެވެ. އޭނާއަށް ކަމުދަނީ ރޮށްޓެވެ. ރޮށިނެތިއްޔާ ކާނީ ނޫޑުލިސް ނުވަތަ ޕާސްތާއާއި ސްޕެގެޓީގަ ހަދާފައި ހުންނަ ކާނާއެވެ. ހަމައެއާއެކު އޭނާ ގެއިން ކޮފީއެއް ނުބޯނެއެވެ. މުޅިން ވެސް ކޮފީ ބޯނީ ގެއިން ބޭރުންނެވެ. ގޭގައި ކޮފީ މެޝިނެއް ހުއްޓެއްކަމަކުވެސް އެވެ. ކުރީކޮޅުގައި އެކަމާ ހޭޒަލްއަށް ވަރަށް ސުވާލުކުރެވެއެވެ. ކޮންމެ ފަހަރަކު ވެސް ލިއަމް ދެނީ ދޭ އެއްޖަވާބެކެވެ. އޭނާއަށް ކަމުދަނީ ބޭރުން ލިބެން ހުންނަ ކޮފީ ކަމެވެ. އެއީ ޤަބޫލުކުރެވޭ އުޒުރަކަށްނުވިޔަސް ހޭޒަލް އެ ސުވާލުކުރުން ހުއްޓާލީ ލިއަމް އެދެވޭ ޖަވާބެއް ނުދީގެންނެވެ. އަނެއްކޮޅުން އެކަމުގެ ސަބަބުން ހޭޒަލްއަށް ނޭދެވޭ އަސަރެއް ނުކުރެއެވެ. ވިއްޔާވީ ފަސޭހައެވެ. އިރުއިރުކޮޅަކުން ކޮފީ ގިރައިގެން ލިއަމްއަށް ގެނެސްދޭކަށް ނުޖެހޭ ވިއްޔާއެވެ.

އިރުއޮއްސުނު ފަހުން ލިއަމްގެ ފޯނަށް މުހުސިނާ ގުޅިއެވެ. މާލެ ދެވިއްޖެއްތޯ ބަލާށެވެ. ވާހަކަ ކުރުކޮށްލައި ލިއަމް ފޯނު ދިއްކޮށްލީ ހޭޒަލްއަށެވެ. އޭނާ މުހުސިނާގެ އެކިއެކި ސުވާލުތަކަށް ޖަވާބުދިނެވެ. އެވަގުތު ކުރަންހުރީ ކޮންކަމެއްކަން ވެސް މުހުސިނާ ގާތު ބުނި އަޑު ލިއަމްއަށް އިވުނެވެ. ފަހުން ގުޅާނަން ކަމަށްބުނެ މުހުސިނާ ފޯނުކޯލު ކަނޑާލުމުން ހޭޒަލް އެ ފޯނު ލިއަމްއަށް ދިއްކޮށްލިއެވެ.

"ޒެއްލު... އެންމެން އެބައުޅޭ ޑީވާސްގަ، އަހަރެން މާލޭގައޭ ބުނީމަ އެބަ މެސެޖުކުރޭ އަންނާށޭ... އޯކޭތަ ދިޔަޔަސް" ލިއަމް އަހާލިއެވެ. ހޭޒަލްއަށް ބަލާލެވުނީ ބުނާނޭ އެއްޗެއް ނޭނގިގެންނެވެ. އެބުނާ އެންމެންނަކީ ލިއަމްއާއެކު އޮފީހުގައި މަސައްކަތްކުރާ އޭނާގެ އެކުވެރީންނެވެ.

"ލޯބީ... އޯކޭތަ؟... ނުވާނެ ގިނައިރެއް، އަހަރެން އަންނައިރު އަންނާނީ ޒެއްލުއަށް މީރު ކާއެއްޗެއް ހިފައިގެން" ލިއަމް ބުންޏެވެ. އޭނާގެ ވާހަކަދެއްކުމުގައިވީ ހޭޒަލް ރުއްސުމުގެ ރާގެވެ.

"އަދި މި އައިސް ހަމަޖެހިލެވުނީ، އެކަމަކު ދެން ނުދާށެކޭ އަހަރެން ނުބުނާނެ ދޯ... ދޭ ދެން..." ހޭޒަލް ބުނެލިއެވެ. ނުރުހުންވުމުގެ ބޭނުމެއް އޮތްކަމަކަށް ހޭޒަލްއަކަށް ނުފެނުނެވެ. ބައެއް މީހުން އެމީހުންގެ ދިރިއުޅުމަށްވުރެ އޮފީހާއި ރަޙުމަތްތެރިންނަށް ދޭ އަހައްމިއްޔަތުކަން ބޮޑެވެ. ލިއަމްގެ ފަރާތުން ވެސް ދޭތެރެއަކުން އެކަން ޔަގީނާ ގާތަށް ހީވާ ފަހަރު ވެސް އާދެއެވެ. ނަމަވެސް އެފަދަ ވަގުތުތަކުގައި ހޭޒަލްގެ ކެތްތެރިކަން ވެސް އިމްތިހާނުވާތީ އޭނާ ޚިޔާރުކުރަނީ މަސްލަހަތު ތަންދޭ ގޮތެވެ. ކެތްތެރިވެ ފިރިމީހާގެ ކަންކަމަށް ހުރަސްނާޅާވޭތޯ ބަލައެވެ.

އިޝާ ނަމާދުކޮށްގެން ނުކުމެ ސިޓިންރޫމުގައި މަޑުކޮށްލި ހޭޒަލް ކަމެއްނެތިފައި ސޯފާގައި އިނެވެ. އޭރު ވެސް އަދި ލިއަމްއަށް ގެއަށް ނާދެވެއެވެ. ހޭޒަލްއަކީ ލިއަމް ބޭރަށް ދިއުމުން އިރުއިރުކޮޅާ ގުޅާ ކޮންތާކުތޯ ކޮންއިރަކުންތޯ އަންނާނީ އަހާ ކަހަލަ އަންހެނެއްނޫނެވެ. އެނބުރި ލިއަމް އަންނާނީ ގެއަށް އޭނާގެ ގާތަށްކަން އެނގޭވިއްޔާއެވެ. ދެމެދުގައި އޮތް އިތުބާރު އެކަހަލަ ވަހުމްތަކަށް ފުރުޞަތެއް ނުދެއެވެ. އަތުގައި އޮތް ފޯނުން ގެލެރީގައި ހުރި ފޮޓޯތައް ބަލަން އިނދެފައި ލިއަމްއާއެކު ކެލާގައި ނެގިފައިވާ ރީތި ފޮޓޯއެއް ލޯބީގެ ބަސްކޮޅަކާއެކު ހޭޒަލް އިންސްޓަގްރާމް ކޮށްލިއެވެ. ވަގުތުން އެ ފޮޓޯ ފޭސްބުކްއާއި ޓުވިޓާގެ އިތުރުން ޓަމްބްލާއަށް ޝެއާ ވެއްޖެއެވެ. ގިނައިރެއްނުވެ ރައްޓެހިންގެ ކޮމެންޓުތައް ފޭސްބުކްއަށް އަންނަންފެށިއެވެ. ވައިބާއަށް މެސެޖު އައީ ވެސް އެވަގުތެވެ. ހިނިތުންވެލި ހޭޒަލް މެސެޖު ކިޔާލުމާއެކު އެ މީހަކަށް ގުޅިއެވެ.

"އޯއި!.... އާނ!... މިއަދު ހަމަ މިއައީ... ހިނގާ ދިމާވާން، މާދަމާ ރޭ އޯކޭވާނެ، ލިއަމް ވެސް އެގަޑިއަށް އޮފީހަށް ދާނެހެން ހީވަނީ" ހޭޒަލް އިނީ ފޯނުން ވާހަކަދައްކާށެވެ.

(ނުނިމޭ)