ހަބަރު

އެއްބަސްވުންތަކުގެ މާލީ ބަދަލުގެ ބުރަ ދައުލަތުން އުފުލަން ޖެހޭތީ ގަރާރެއް

ދައުލަތުން އެކި ފަރާތްތަކާއެކު ގާއިމުކުރާ އެއްބަސްވުންތަކުގެ ދަަށުން އަދާ ކުރަން ޖެހޭ މާލީ އިލްތިޒާމްތަކާ މެދު ގެންގުޅޭ އުސޫލުތައް މުރާޖާކޮށް، އެފަދަ އެއްބަސްވުމެއް ބާތިލުކުރާ ހާލަތްތަކުގައި އެ ފަރާތްތަކާ ބަދަލު ދިނުމުގައި ދައުލަތަށް ބުރަ ނުވާނެ އުސޫލެއް ގާއިމުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގަރާރުގައި ވަނީ، ދައުލަތުގެ ނަމުގައި އެކި ފަރާތްތަކާއެކު އެކުލަވައިލެވޭ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި އެކި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އެއްބަސްވުންތައް ބާތިލުވާ ހާލަތްތަކުގައި ގެއްލުންވާ ފަރާތްތަކަށް ބަދަލު ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމު ކުރެވިފައި ނެތް ކަމަށެވެ.

އެފަދަ އުސޫލެއް ނެތުމުގެ ސަބަބުން އެއްބަސްވުންތައް ބާތިލު ކުރުމަށާއި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން އެކި ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ޖެހޭ އަދަދު، އެ ފަރާތްތަކަށް ލިބެން ޖެހޭ އަދަދަށްވުރެ އެތައް ގުނައެއް އިތުރުވެ ނުހައްގު މަންފާއަށް ހުޅުވިގެންދާ ކަމަށް ހިސާންގެ ގަރާރުގައިވެ އެވެ.

އެއްބަސްވުންތައް ބާތިލުކުރަން ޖެހޭ ހާލަތްތަކުގައި ދައުލަތުގެ ފަރާތުން ބޮޑު އަދަދުތަކުން ބަދަލު ދޭން ޖެހިފައިވާތީ، އެ އެއްބަސްވުންތަކުގެ އުސޫލުތަކާއި އެއްބަސްވުންތައް ބާތިލު ކުރުމުން ބަދަލު ދޭން ޖެހިއްޖެނަމަ އަމަލު ކުރަން ޖެހޭ އުސޫލުތައް ހަރުދަނާ ކުރުމުގެ ގޮތުން ހަތަރު ކަމެއް ކުރުމަށް ހިސާންގެ ގަރާރުގައި ގޮވާލާފައިވެ އެވެ.

އެ ގޮތުން ފުރަތަމަ ކަމަކީ، މިނިސްޓްރީތަކުންނާއި ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުން އެކި ފަރާތްތަކާ ވެވޭ އެއްބަސްވުމުގައި ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހޭ ހާލަތުގައި ބަދަލުގެ ގޮތުގައި ދޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅިގެން ބަޔާން ކުރުމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ގަރާރެއްގައި ވަނީ، އެފަދަ އެއްބަސްވުންތަކުގެ ދަށުން އެކި ފަރާތްތަކަށް ޖޫރިމަނާއާއި ގެއްލުމުގެ ބަދަލު ދޭން ޖެހޭ ހާލަތްތަކުގައި ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާއިންނާއި ވަސީލަތްތަކުން ދެވޭނެ އެންމެ މަތީ މިންވަރު ގާނޫނަކުން ކަނޑައެޅިގެން ބަޔާން ކުރުމަށް އެ ގަރާރުގައިވެ އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ވަނީ، އެފަދަ އެއްބަސްވުންތަކުގެ ސަބަބުން ދައުލަތުން އަދާ ކުރަން ޖެހޭ އިލްތިމާޒެއް އަދާނުކޮށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން ނުވަތަ ބޭއިންސާފުން އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ބަދަލު ދޭން ޖެހިއްޖެނަމަ، އެކަމުގަައި ޒިންމާވާން ޖެހޭ ދައުލަތުގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންގެ މައްޗަށް ދައުވާކޮށް، ދައުލަތުން ހަރަދު ކުރަން ޖެހުނު ޒިންމާއަށް އެ މުވައްޒަފުން ޒިންމާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.

އަދި ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރަން ޖެހިދާނެ ކަމަށް ލަފާ ކުރެވޭ ތަފުސީލުތައް ބަލައި އެ މައުލޫމާތު މަޖިލީހަށް ހުށަހެޅުމެއް ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.

ދައުލަތުގެ ނަމުގައި އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތައް އުވާލުމުން ނުވަތަ އެއްބަސްވުމަކާ ހިލާފްވުމުން އެ ކަންކަމަށް މާލީ ބަދަލުތަކެއް ދޭން ޖެހުމަކީ އާ ކަމެއް ނޫނެވެ. އަދި ކުރީ ސަރުކާރުން ބާތިލު ކުރި އެއްބަސްވުންތަކާ ގުޅިގެން ދެން އަންނަ ސަރުކާރަކުން އެ ބުރަ އުފުލަން ޖެހޭ ފަހަރު ވެސް އައިސްފައިވެ އެވެ. ބޭރުގެ އެކި ފަރާތްތަކާއި ރާއްޖޭގެ އަމިއްލަ ކުންފުނިތަކާ އެކު ހަދާ އެއްބަސްވުންތަކުގެ މައްސަލަތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލު ދޭން ޖެހިފައިވެ އެވެ.