ޕީޕީއެމް

"އަޅުގަނޑު މިހުރީ ސާބިތުކަމާއެކު ޕީޕީއެމްގައި" ހަލީލް

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީ ތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ގުޅުނު ކަމަށް ފެތުރިފައިވާ އަޑުތައް އޭނާ ދޮގު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީއާ ގުޅުނު ކަމަށް ބުނާ އަޑުތައް ދޮގު ކުރައްވާ ހަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާ ހުންނެވީ ސާބިތުކަމާއެކު ޕީޕީއެމްގައި ކަމަށެވެ.

ހަލީލް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ގުޅިފައިވާ ކަމުގެ އަޑުތަށް ފެތުރެން ފެށުނީ ރޭގެ ވަގުތެއްގައު އިދިކޮޅު ދެ ޕާޓީ ކަމަށްވާ ކޮންގްރެސް އާއި ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރި ގިނަ ބަޔަކު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމުންނެވެ.

"އަޅުގަނޑު މިހުރީ ސާބިތުކަމާއެކު ޕީޕީއެމްގަ، ޕީޕީއެމްގެ ހިންގުމާމެދު ކަންބޮޑުވުން އެބަހުރި، އާންމު މެމްބަރުންގެ ގާތަށް ދާން ޖެހޭ، އަޑު އަހަން ޖެހޭ" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، ޕީޕީއެމް ހިންގުމުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެ ކަންބޮޑުވުންތަށް ހިފައިގެން ޕާޓީގެ އާންމު މެމްބަރުންގެ ގާތަށް ގޮސް މެމްބަރުންގެ އަޑު އަހައި ޕާޓީ ހިންގުމުގެ ކަންތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. އަދި މިހާރުގެ ހަލާތަށް ބަލާއިރު ޕީޕީއެމް ވަރުގަދަ ކުރެވޭނީ ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ހަލީލް ކުރެއްވި ޓުވީޓު

ރޭ ޖޭޕީއަށް ސޮއިކުރި މެމްބަރުން ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމަށްވާ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާނު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަދި ކުރިން ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ފަލާހާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފު ވެސް ވަނީ ޖޭޕީއަށް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ވެސް ހިމެނެ އެވެ.