ބޭރު ކުޅިވަރު

ބާސެލޯނާ ވަނީ ގަތަރަށް ވިއްކާލާފައި: ކުރީގެ ރައީސް

Aug 2, 2015

ސްޕޭނުގެ ބާސެލޯނާ ވަނީ ގަތަރަށް "ވިއްކާލާފައި" ކަމަށާއި އެކަން އެގޮތަށްވިޔަނުދޭނެ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބާސެލޯނާގެ ކުރީގެ ރައީސް ޔޯން ލަޕޯޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ބާސެލޯނާގެ މުހިންމު ޕާޓްނަރެއް ކަމަށްވާ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓާއެކު ކުލަބުން ބާއްވަމުން އަންނަ ގާތް ގުޅުމަށް ނިސްބަތްކޮށެވެ. ބާސެލޯނާގެ ޖާޒީގެ ރަސްމީ ސްޕޮންސަރަކީ ވެސް ގަތަރު އެއާވޭޒް އެވެ.

މިމަހުގެ މެދުތެރޭގައި ބޭއްވި ބާސެލޯނާގެ އިންތިހާބުގައި ނާކާމިޔާބުވި ލަޕޯޓާ ބުނީ ޗެމްޕިއަންސް ލީގު ފައިނަލްގައި ބާސެލޯނާ ނިސްބަތްވާ ކެޓަލަން ސިޓީގެ ރަތާއި ރީނދޫ ދިދަ ދަނޑަށް ވެއްދުމުން ޔޫއޭފާއިން އެކުލަބު ޖޫރިމަނާކުރިކުރުން ކުލަބުން އިސްތިއުނާފު ނުކުރުމަކީ ގޯހެއް ކަމަށެވެ.

މި މައްސަލާގައި ބާސެލޯނާ ޖޫރިމަނާ ކޮށްފައިވަނީ 30000 ޔޫރޯއިންނެވެ. ނަމަވެސް ކުލަބުގެ މިހާރުގެ ރައީސް ޖޯސެފް މާރިއޯ ބާޓޮމެއު ނިންމާފައިވަނީ އެ މައްސަލަ އިސްތިއުނާފު ނުކުރުމަށެވެ.

"އަހަރުމެން ދުލެއް ނުދޭނަން. ވަރަށް ގިނަ ސަބަބުތަކާހުރެ އަހަރެން މި މަސައްކަތް ހުއްޓާނުލައި ގެންދަން ބޭނުންވަނީ. މިހާރުގެ ރައީސް އަށް ގަތަރަށް ކުލަބު ވިއްކާނުލެވޭނެ. މިހާރު މި ކުލަބުގެ މޮޑެލް ކުޅިވަރުގެ މާނައިގައި ވެސް އަދި އިޖްތިމާއީ އަދި އިގްތިސާދީ މާނައިގަ ވެސް ކުރިއަށްދަނީ ދެމެހެއްޓެވިގޮތެއްގައެއްނޫން،" ލަޕޯޓާ ބުންޏެވެ.

ބާސެލޯނާ އަށް ރޮނާލްޑީނިއޯ އާއި ތިއޭރީ އޮންރީ ފަދަ ތަރިން ގެނައި ލަޕޯޓާ ބުނީ ކުލަބަކީ އެންމެ މީހެއްގެ އެއްޗެއްނޫން ކަމަށާއި ނަމަވެސް މިހާރު ބާސެލޯނާ މިސްރާބު ކުރަމުންދަނީ ވަކިބައެއްގެ ފައިދާއަށް އެކަނި ކަމަށެވެ.

ލަޕޯޓާ ވަނީ 2003 އިން 2010 އަށް އެކުލަބުގެ ރައީސްކަންކޮށްފަ އެވެ. އޭނާގެ ދައުރުގައި އެކުލަބުން ވަނީ ހަތަރު ފަހަރު ލީގު ކާމިޔާބުކޮށް، ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު މިދިޔަ ޖުލައި މަހު ލަޕޯޓާ ބަލިކޮށް ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ކުރިން ހުރީ ލަޕޯޓާއަށް ވުރެ ފަހުން ރައީސް ކަމަށް އައި ސަންދްރޯ ރޮސެލްގެ ނާއިބަކަށެވެ. އޭނާ އަށް ރައީސްކަން ވަގުތީގޮތުން ލިބުނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ރޮސެލް އިސްތިއުފާދިނުމުންނެވެ. އެއީ ބްރެޒިލްގެ ނޭމާ ގެނައުމުގައި އެކުލަބުން ކޮރަޕްޝަން ހިންގާފައިވާ ކަމަށްބުނެ ކުރިމަތިވި ފިއްތުންތަކުގެ ސަބަބުންނެވެ.

ބާޓޮމެއުގެ ރައީސްކަމުގައި ބާސެލޯނާ ވަނީ މިދިޔަ ސީޒަނުގެ ތިން ތަށި ވެސް ކާމިޔާބުކޮށް އެކުލަބުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ސީޒަން ހޭދަކޮށްފަ އެވެ.