ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރު ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ތަހުގީގީ ރިޕޯޓްގައިވާ ކަންކަމަށް ބެލުމަށްފަހު ތައުުދީބީ ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާށެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް އޮންނަ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު ވަކި ކުރަން ފެންނަ ނަމަ އެ މައްސަލައެއް މަޖިލީހަށް ފޮނުވުމެވެ. ފަނޑިޔާރަކު މަގާމުން ވަކި ވާނީ އެކަމެއް މަޖިލީހުން ފާސްކޮށްފިނަމަ އެވެ.
މިހާތަނަށް މިގޮތަށް ވަކި ކޮށްފައިވަނީ އެންމެ ފަނޑިޔާރެކެވެ. އެއީ މިހާރު ކުރިއަށްދާ ނަވާރަވަނަ މަޖިލީހުގަ އެވެ. ވަކިކޮށްފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދެވެ.
ފަނޑިޔާރު ދީދީއާ ގުޅޭ ގިނަ ތުހުމަތުތަކަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގީ ކޮމެޓީއިން ބަލާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެއީ ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތިންނެވެ. ނަމަވެސް ހުޅުވާލައިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ދީދީ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ޖަވާބު ދެއްވީ އޭގެ ފަހުން ލިޔުމުންނެވެ.
ލިޔުމުން ޖަވާބު ދެއްވުމަށްފަހު ފަނޑިޔާރު ދީދީ، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ މެލޭޝިއާއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައިނުގަންނަވަ އެވެ. އަދި އޭނާ ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކުރުމަށް ވެސް އަމިއްލައަށް އެދިވަޑައިގެންފަ އެވެ.
ތަހުގީގީ ކޮމެޓީއިން ޖޭއެސްސީއިން އެންމެ ފުރަތަމަ ރިޕޯޓް ހުށަހެޅުމުން އެ ރިޕޯޓް ބަލައިގަނެ، ރިޕޯޓަށް ޖަވާބުދާރީވުމަށް ފަނޑިޔާރު ދީދީއަށް 30 ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތުގައި ފަނޑިޔާރު ދީދީ ޖަވާބުދާރީވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ޖަވާބަށް ރިއާޔަތް ކުރުމަށް ވެސް ރިޕޯޓްގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް މިއަދުގެ ޖޭއެސްސީ ބައްދަލުވުމުގައި ނިންމި އެވެ.
އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ. އަދި މިރޭ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފަނޑިޔާރު ދީދީ މަގާމުން ވަކި ކުރަން ނިންމާފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ޖޭއެސްސީއިން ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތުގައި ފަނޑިޔާރު ދީދީ ވެސް ކުރިން މަސައްކަތް ކުރެއްވި އަދި އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ ކުރިމަތިލައްވާފަ އެވެ.
އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އާ ދެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫން އައްޔަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ފަނޑިޔާރުންގެ ނަން ރައީސް ސޯލިހު ޖޭއެސްސީގެ ލަފާއަކަށް ފޮނުވިއިރު އެ ދެ ނަމަށް ވެސް ޖޭއެސްސީއިން ރުހުން ދިނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން ވެސް ވަނީ ދެ ނަމަށް ރުހުން ދީފަ އެވެ.