ހަބަރު

ކައުންސިލް އިންތިހާބު އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިބާހު އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބާއްވަން އިލްކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ނިންމާފައިވާ ކަމަށާއި، އެ އިންތިހާބު ބާއްވާނެ ސީދާ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށްވުރެ ކައުންސިލް އިންތިހާބުގައި އޮޅުން ބޮޅުން ބޮޑުވާނެތީ އެ އިންތިހާބު ކުރީގެ އިންތިހާބުތަކާއި ތަފާތުކޮށް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެއްފޮއްޓަކަށް ލެވޭ އެންމެ ގިނަ އަދަދަކީ 700 ކަމުގައި ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ސަބަބުން 178 ވޯޓް ފޮށި އިތުރުވެގެންދާއިރު، އޮފިޝަލުންގެ އަދަދުވެސް 7000 އަށް އިތުރުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން 65 މިލިއަނާއި، 70 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝުން ތައްޔާރުވަމުން އަންނަ އިރު، މޮނިޓަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް ފޯނާއި، އައިޕެޑާއި ވޯޓާސް ލިސްޓްފަދަ ދަތެކި އިންތިހާބު އޮންނަ މަރުކަޒަށް ވެއްދޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް އީސީން ދަނީ ތައްޔާރުވަމުންނެވެ.