ހަބަރު

އަންހެނުންގެ ކޮމިޓީގެ ރައީސާ ކައުންސިލްގައި ހިމަނަނީ

ރަށް ރަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސާ އެ ރަށެއްގެ ކައުންސިލްގައި ހިމަނަން ގާނޫނަށް އިސްލާހެއް ހުށަހަޅަން ވިސްނަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ބުނީ، އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން އެރަށެއްގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ރަށު ކައުންސިލްގައި ހިމަނާއި، އަންހެނުންގެ ކޮމިޓީގެ އިންތިހާބަކީ ވެސް އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބަކަށް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅަން ވިސްނާ ކަމަށެވެ.

އިސީން ބުނީ ކޮމިޝަނުން އަމަލު ކުރަންޖޭހޭ ގޮތަށް ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަން ވެސް ގާނޫނުގައި ހިމަނަށް ހުށަހަޅާނެ ކަަމަށާއި، ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން މަޖިލީހުން ވިސްނަމުންދާ މި ދަނޑިވަޅުގައި، އެ ކޮމިޝަނުން ބޭނުންވާ ބައެއް ކަންކަން ހިމެނުމަށް މަޖިލީހުގެ ކަމާއިގުޅެ ކޮމިޓީއާއި މަޝްވަރާ ކުރުމަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ކުރިޔަށް ހުރި އިންތިހާބު ތަކުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓް ލެވޭނެ އިންތިޒާމެއް ހަމަޖައްސަމުން ގެންދާ ކަމަށާއި، އަދި ވީލްޗެއާގައި ވޯޓްލާން ދާ ފަރާތްތަކަށް ހާއްސަ ބޫތެއް ބަހައްޓަން ވެސް ވިސްނާފައިވާ ކަމަށެވެ.