ބޭރު ކުޅިވަރު

އާސެނަލް ކުޅުންތެރިން ވިސްނަނީ ސެލްފީ ނެގުމާއި ހަށިގަނޑަށް ރީތިކުރަން: ކީން

Aug 2, 2015

އިނގިރޭސިވިލާތުގެ އާސެނަލްގެ ކުޅުންތެރިން ވިސްނަނީ ސެލްފީ ނެގުމާއި ހަށިގަނޑަށް ރީތުކުރަން ކަމަށް މަޝްހޫރު ކޯޗު ރޯއި ކީން ބުނެފި އެވެ.

އޭނާ ބުނީ 2004ގެ ފަހުން އާސެނަލް އަށް ޕްރެމިއާ ލީގު ކާމިޔާބު ނުރެވިފައިނުވާއިރު އޭގެފަހުން ކޮންމެ ސީޒަނެއްގައި ވެސް އެ ޓީމަށް ގެނެސްފައިވާ ކުޅުންތެރިންނަށް ބަލާއިރު އޭގެ ތެރެއިން ގިނަ ކުޅުންތެރިން ޗެލްސީ ޓީމަށް އަރާވަރަށްވުރެ ދަށް ކަމަށެވެ. އަދި  އަންނަ ހަފުތާގައި ފަށާ އާ ސީޒަނުގައި ވެސް އެންމެ ވަރުގަދަވާނީ ޗެލްސީ ކަމަށެވެ.

"އަހަންނަށް ޗެލްސީ ފެންނަނީ ބަލިނުކުރެވޭނެ ޓީމަކަށް. ފަހަތުން ފެށިގެން އެންމެ ވަރުގަދައީ އެމީހުން. ޖޯން ޓެރީ. އެމީހުންގެ ކީޕަރު (ތިބައޫޓް ކޯޓުއާ). އެޑެން ހަޒާޑް. ދެން އެމީހުންނަށް (އެވަޓަންގެ) ޖޯން ސްޓޯސް ގެނެވިއްޖެނަމަ އެންމެ ބަލިކުރަން އުނދަގޫވާނީ ވެސް އެމީހުން. ހާއްސަކޮށް އެމީހުންނަށް ޑިއެގޯ ކޯސްޓާ ފިޓްކޮށް ބެހެއްޓިއްޖެނަމަ އަދި އެމީހުން މިދިޔަ ސީޒަނުގައި ތަށި ހޯދަން ބޭނުންވެފައިތިބި ގޮތް މި ފަހަރު ވެސް ދައްކައފިނަމަ އެމީހުންގެ ލީގު ޗެމްޕިއަންކަން ހޯދާނީ،" ކީން ބުންޏެވެ.