ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އަލުން އެކުލަވައިލުމުގެ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަނެ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވަން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލު ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނެއް އަލުން އެކުލަވާލުމަށާއި އަދުލުގެ ބިލެއް ހުށަހަޅަން ސަރުކާރުން ނިންމީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ބައްޓަންކުރެވިފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް އޭގެ އެންމެ ފުޅާ މިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީ އެވެ.
ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހައްގުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ކުއްޖާގެ މަސްލަހަތަށް އިސްކަން ދިނުމާއި، އަޅާލުމާއި ހިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުން ހިމެނެ އެވެ.
އޭގެ އިތުރުން މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ހައްގާއި، ދުޅަހެޔޮ ސިއްހަތާއި ސިއްހީ ފަރުވާ ލިބުމުގެ ހައްގާއި އުނގެނުމުގެ ހައްގާއި، ލާއިންސާނީ އަދަބު ނުދިނުމާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމު ނުކުރުގެ ހައްގުތައް ހިމެނެ އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި އެ ބިލުގެ ދަށުން މަނާ ކުރެ އެވެ. އަދި 18 އަހަރު ނުވާ ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން ވެސް އެ ބިލުން މަނާކުރެ އެވެ.
ބިލުގައިވާ ގޮތުން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ފެށޭ އުމުރަަކީ 15 އަހަރެވެ. އެ ގޮތުން 15 އަހަރުގެ ދަށުގެ ކުދިންނަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާ ނުއުފުލޭނެ ކަމަށް ބިލުގައިވެ އެވެ. އެ އުމުރު ކަނޑައެޅީ އިސްލާމީ ގައުމުތަކުގައި އެ ކަމަށް ކަނޑައަޅާފައިވާ ރިއާޔަތްކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ގޮތުން ކުޑަކުދިންގެ އަދުލުގެ ބިލުގައިވާ ގޮތުން، ކުޑަކުދިން ކުރާ ޖިނާއި ކުށުގެ މައްސަލަތައް ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނޑައެޅި، މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކެއް އަތޮޅުތެރޭގައި ގާއިމު ކުރަން ޖެހޭނެ އެވެ.
އޭގެ އިތުރުން ކުޑަކުދިންނާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ޖެންޑާ މިނިސްޓްރީއަށް ލަފާ ދިނުމުގެ ގޮތުން ކައުންސިލެއް އުފެއްދުމަށް ވެސް ބިލުގައިވެ އެވެ. އަދި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކުރުމުގެ ގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއެއް އުފައްދަން ޖެހޭނެ ކަމަށް އޮތެވެ.
ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނު ތަންފީޒު ކުރެވޭ މިންވަރު ބަލައި މޮނިޓާ ކުރުމަށްޓަކައި މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އެމްބަޑްސްމަނެއް އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އެ އޮމްބަޑްސްމަންގެ އޮފީހަކީ ހިއުމަން ރައިޓްސް ކޮމިޝަންގައި ގާއިމުކުރެވޭނެ އިދާރާއެއް ކަމުގައި ބިލުގައި ބުނެ އެވެ.