ބޭރު ކުޅިވަރު

އަހަރެން ކުރިއަރައިފި: މޮރީނިއޯ

Aug 2, 2015

ކޯޗެއްގެ ގޮތުގައި އޭނާ އަންނަނީ ކުރިއަރަމުން ކަމަށާއި އުމުރުން 70 އަހަރު ވަންދެން ކޯޗުކޮށްދޭނެ ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އުމުރުން މިހާރު 52 އަހަރުގެ ޕޯޗުގަލްގެ ކޯޗު ބުނީ އޭނާގެ ކޯޗިން ކެރިއަރު ދެމިގެންދާނީ ސިއްހީ ހާލަތު ވެސް ތަންދޭނަމަ ކަމަށެވެ.

"މިވަގުތު އަހަރެންގެ ސިއްހަތު ބަރާބަރު. އަހަރެން ބޭނުންވޭ 70 އަހަރުވަންދެން ކޯޗުކޮށްދޭން. މުޅި އުމުރަކަށްނޫން. މިއީ [ކޯޗުކަމަކީ] ވަރަށް [އުމުރުން ދުވަސްވެ] ތަޖުރިބާ މުހިންމު ވަޒީފާއެއް. ކުޅުންތެރިންނަށް އާދޭ އެމީހުންގެ ތަޖުރިބާ އާއި ފިޒިކަލީގޮތުން ހަނގުރާމަ ކުރަންޖެހޭ ވަގުތު. އެކަމަކު ކޯޗުން ތަފާތު. އަހަރެން ދެކޭގޮތުގައި އަހަރެން މިހާރު މިހުރީ މީގެ 10 އަހަރު ކުރިން ހުރިވަރަށްވުރެ ރަނގަޅަށް. އަހަރެން އަންނަނީ ކުރިއަރަމުން. ހުރިތާ ހުރީއެއްނޫން،" މޮރީނިއޯ ބުންޏެވެ.

ތަފާތު ހަތަރު ގައުމެއްގެ ހަތަރު ކުލަބެއްގައި މިހާތަނަށް 18 ތަށި މޮރީނިއޯ ހޯދާފައިވާއިރު އޭނާ ބުނީ ތަށިހަރުގަނޑު އަދިވެސް ފުރިހަމަކުރަންޖެހޭ ކަމަށެވެ.

މޮރީނިއޯ ވަނީ އާސެނަލް އަތުން މޮޅުވެގެން މިހާރު އުފަލެއް ނުވާ ކަމަށާއި މިހެންވެ މިރޭ ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުން މޮޅުވި ނަމަވެސް އޭނާ އުފާފާޅު ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

"އަހަރެން ދޮގުހަދާކަށް ނެތިން. އަހަންނަކަށް ޑްރާމާއެއް ނުކުޅެވޭނެ. އަހަރެން އުފަލެއްނުވޭ އާސެނަލް އަތުން މޮޅުވެގެން މިހާރު. އަހަރެންނުވާ އުފަލެއް މެޗުން މޮޅުވިޔަސް ނުދެއްކޭނެ،" މޮރީނިއޯ ބުންޏެވެ.

އޭނާ މިހެން ބުނީ މި ދެ ޓީމު އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން އާސެނަލް އަށް މޮޅުވެވިފައިނުވާތީ އެވެ.

މިރޭގެ މެޗަކީ ހުސްވި ސީޒަނުގެ އެފްއޭކަޕް އާސެނަލް އުފުލާލިތާ 64 ދުވަހު ފަހުން އެ ޓީމު ކުޅޭ ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން އާސެނަލް ވަނީ ޓީމު ވަރުގަދަ ކުރުމަށް ޗެލްސީގެ ކުރީގެ ކީޕަރު ޕީޓަރ ޗެކް ގެނެސްފަ އެވެ. މިއާ ހިލާފަށް ޗެލްސީން ގެނެސްފައިވަނީ ކީޕަރު އަސްމީރު ބެގޮވިޗާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކޮލަމްބިއާގެ ފޯވަޑް ރަޑަމަލް ފަލްކާއޯ އެވެ.

މި މެޗަށް ނުކުންނައިރު ދެ ޓީމުގެ ކޯޗުންގެ ބަހުގެ ހަމަލާތައް ވެސް ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ކޯޗު މޮރީނިއޯ އެވެ.