ބޭރު ކުޅިވަރު

ޗެކް ކީޕަރަކަށް ވީގޮތް އޭނާގެ ދުލުން

Aug 2, 2015

ފުޓްބޯޅަ ކުޅެން ފެށިއިރު އޭނާއަކީ ގޯލްކީޕަރެއް ނޫން ކަމަށާއި އޭނާ ކުޅުނީ ވިންގަށް ކަމަށް އާސެނަލްގެ ކީޕަރު ޕީޓަރ ޗެކް ބުނެފި އެވެ.

ޗެލްސީގައި ކާމިޔާބު 11 އަހަރު ހޭދަކުރުމަށްފަހު 11 މިލިއަން ޕައުންޑަށް އާސެނަލް އަށް ބަދަލުވި ކުޅަދާނަ ގޯލްކީޕަރު މިހެން ބުނީ ކުލަބު ބަދަލު ކުރިފަހުން ކުޅޭ ފުރަތަމަ މެޗުގައި ކުރީގެ ޓީމާ ދެކޮޅަށް ނުކުންނަން ޖެހިފައިވަނިކޮށެވެ. އެއީ އިނގިރޭސި އާ ސީޒަން ފެށުމުގެ ކުރިން މިރޭ ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގަ އެވެ. އޭނާ ވަނީ ޗެލްސީގައި ޕްރެމިއާ ލީގު ހަތަރު ފަހަރު، އެފްއޭކަޕް ހަތަރު ފަހަރު އަދި ލީގު ކަޕް ތިން ފަހަރު ހޯދައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

"އެއްދުވަހަކު އަހަރުމެންގެ ކީޕަރު މެޗަށް ނައީ. ދެން އަހަރުމެންގެ ނެތް ކީޕަރެއް ކުޅޭކަށް. ކޮންމެވެސް މީހަކު ޖެހިއްޖެ ކީޕަރަށް ކުޅެން. އެކަމަކު އެކަކު ވެސް އެއްބަހެއްނުވި. ދެން ކޯޗު އަހަރެން ނަގާފައި ބުނީ ތިމަންނަ ދެކުނީމޭ ދެތިން ދުވަހަކު އަހަރެން ކީޕަރަށް ކުޅުނުތަން. އަދި އަހަރެން ރަނގަޅަށް ކުޅުނޭ. އެހެންވެ މިއަދު ގޯލަށް ކުޅެދޭށޭ،" ޗެކް ބުންޏެވެ.

އޭނާ ބުނީ ކޯޗު އެގޮތަށް އެދުމުން އެ މެޗުގައި އެކަނި ގޯލަށް ކުޅެދޭން އޭނާ އެއްބަސްވިކަމަށެވެ.

"ޖެހިގެން އައި ދުވަހު އަހަރެން ޕްރެކްޓިހަށް އައީމަ ގޯލްކީޕަރު ކޯޗު އަހަރެން ގެންގޮސް ބުނީ އަހަރެން ހުންނަންޖެހޭނީ އޭނާއާއެކުގައޭ. ދެން އަހަރެން ދެއްކި ވާހަކަ އަހަރެންގެ ކޯޗު އަޑުއަހާކަށް ވެސް ބޭނުމެއްނުވި. އޭގެ ފަހުން އެއް އަހަރު އަހަރެން ކުޅެން ޖެހުނު ގޯލްކީޕަރަކަށާއި ބައެއް މެޗުތަކުގައި އެހެން މަގާމުތަކަށް. އެކަމަކު އެކަން ކޯޗު ނިންމަނީ އަހަރުމެން ކުޅެންޖެހޭ ޓީމެއްގެ ގޮތުން. އެހެން ހުއްޓާ އަހަރެންގެ ފައިބިނދުނީ. އޭގެ ސަބަބުން ތަދުވެ، ވަރަށް ގިނަ ދުވަހު ނުކުޅެ ހުންނަންޖެހުނު. އެހިސާބުން ފަހުން ދެން ކީޕަރަކަށް ބަދަލުވީ،" މިހާރު ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު އޭނާގެ ވާހަކަ ކިޔައިދިނެވެ.