ހަބަރު

ބައިނަލްއަގްވާމީ ހަތަރު މުއާހަދާއެއްގައި ސޮއިކުރަން މަޖިލީހުގެ ލަފައަކަށް އެދިއްޖެ

ބައިނަލްއަގްވާމީ ހަތަރު މުއާހަދާއެއްގައި ރާއްޖެއިން ސޮއިކުރަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުށަހަޅުއްވައިފި އެވެ.

އެ ހަތަރު މުއާހަދާގައި ރާއްޖެއިން ސޮއިކުރުމަށް ރައީސް ސޯލިހް ނިންމެވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އެ ހަތަރު މުއާހަދާގައި ރާއްޖެއިން ސޮއިކުރުމަށް ވަޒީރުން ލަފާ ދެއްވާފައިވާތީ އެވެ.

ސޮއިކުރަން ކެބިނެޓުން ނިންމި މުއާހަދާތައް

  • ޔުނައިޓެޑް ނޭޝަންސް އާމްސް ޓްރޭޑް ޓްރީޓީ
  • ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓާ މިއުނިކޭޝަންސް ޕްރޮސީޖާ
  • ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއާ ވެޕަންސް
  • އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރޮސީޖާ

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، "ޔުނައިޓެޑް ނޭޝަންސް އާމްސް ޓްރޭޑް ޓްރީޓީ" މުއާހަދާއާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާގައި، ކެބިނެޓުން ވަނީ ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ސުލްހައަށް ބައިނަލްއަގްވާމީ ފޯރަމްތަކުގައި އަޑުއުފުލާ ގައުމެއްކަން ފާހަގަ ކޮށްފަ އެވެ. އަދި ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި މި މުއާހަދާ ފާސްކުރުމަށް ނެރުނު ގަރާރަށް ތާއީދުކޮށް ވޯޓުދީފައިވާކަން ފާހަގަކުރި އެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓާ މިއުނިޝަންސް" މުއާހަދާއާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގައި ވާޒީރުން ފާހަގަކުރެއްވީ ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި މި މުއާހަދާ ޕްރޮމޯޓް ކުރުމަށް ފާސްކޮށްފައިވާ ގަރާރަށް ތާއީދުކޮށް ވޯޓުދީފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ކްލަސްޓާ މިއުނިޝަންސް ނެތް ގައުމަކަށް ވެފައި، ޑިސްއާމަމަންޓް އެންޑް ނޮން-ޕްރޮލިފަރޭޝަން ގެ ކަންކަމަށް ބައިނަލްއަގްވާމީ މައިދާނުގައި އަބަދުވެސް ތާއިދުކުރަމުންދާ ގައުމަކަށްވާތީ އެ މުއާހަދާގައި ސޮއިކުރުމަށް ފާހަގަކޮށްފަ އެވެ.

"ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއާ ވެޕަންސް" މުއާހަދާގައި ރާއްޖެއިން ސޮއިކުރުމާ ބެހޭ ގޮތުން ވަޒީރުން ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ މިދަފަ މުއާހަދާއެއް އޮތުމަކީ މުޅި އިންސާނިއްޔަތުގެ ލާބަޔާ މަންފާއާ ގުޅުންހުރި ކަމެއްކަ ކަމަށެވެ. އަދި ރާއްޖެއަކީ ނިއުކްލިއާ ހަތިޔާރު ނެތް ގައުމަކަށްވާތީ އެ މުއާހަދާގައި ސޮއިކުރަން ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުން ވިދާޅުވި އެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރޮސީޖާ (އޯ.ޕީ.ސީ.އާރު.ސީ)" މުއާހަދާއާ ބެހޭ ގޮތުން ވަޒީރުން ކުރެއްވި މަޝްވަރާގައި ރާއްޖެއަކީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ބައިނަލްއަގްވާމީ މައިދާނުގައި ވަރަށް އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމަކަށްވެފައި ރާއްޖެއަކީ ސީއާރުސީގެ މެމްބަރު ގައުމަކަށް ވާތީ، މުއާހަދާގައި ސޮއިކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ވަޒީރުން ފާހަގަކުރެއްވި އެވެ.