ފަނޑިޔާރު ދީދީ ސުލޫކީ މައްސަލަ

ޖޭއެސްސީގެ ތަހުގީގު ބާތިލް، އެހެންވެ ނިންމުން ވެސް ބާތިލް ވާނެ: ދީދީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގު ހިންގީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ކަމަށާއި އެހެންވެ އޭގެ މައްޗަށް އަންނަ ކޮންމެ ނިންމުމެއް ބާތިލް ވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ޑީޑީއާ ގުޅޭ ގިނަ ތުހުމަތުތަކަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގީ ކޮމެޓީއިން ބަލާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެއީ ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތިންނެވެ.

އެ އަޑުއެހުމަށްފަހު ޑީޑީ ދިފާއުގައި ޖަވާބުން ލިޔުމެއް ދެއްވި އެވެ. އެ ޖަވާބަށް ބެލުމަށް ޖޭއެސްސީގެ ތަހުގީގު ކޮމެޓީއިން ނިންމީ ފަނޑިޔާރު ވަކި ކުރަން ލަފާ ދިނުމަށެވެ. ތަހުގީގު ކޮމެޓީގެ އެ ރިޕޯޓަށް ޖަވާބުދޭން ފަނޑިޔާރު ޑީޑީއަށް ފުރުސަތު ދިނުމުން ލިޔުމުން 50 އަށް ވުރެ ސަފުހާގެ ބަޔާނެއް ދެއްވި އެވެ. އޭނާ ވަނީ ތަހުގީގާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފާހަގަކުރައްވައިފަ އެވެ.

ޖުމްލަ 11 ނުކުތާއެއްގެ މައްޗަށް ބިނާކޮށް ޑީޑީގެ ބަޔާނުގައި ވިދާޅުވީ ކޮމިޓީން ކުރި ތަހުގީގު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ފުލުހުން ދިފައިވާ ފަސް ލިޔުމެއްގެ މައްޗަށް ކަމަށްވާއިރު، އެ ލިޔުންތައް ދިރާސާކޮށް އެކަށީގެންވާ މިންވަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި ލިޔުމުން އެދިގެން ވެސް ޖިނާއީ ތަހުގީގަކާ ގުޅޭ މައްސަލައެއްކަމަށް ބުނެ އެ ލިޔުންތައް ޑީޑީއާ ހިއްސާކޮށްފައިނުވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފުލުހުން ހިއްސާކުރި ރިޕޯޓުގައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގެ ތަހުގީގަށް ފުލުހުން ހައްޔަރު ކުރި ދެ މީހަކު ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭ މީހަކު "ސަސްޕެކްޓް 1" މުއާމަލާތް ކުރަމުން އައިއިރު އެ ދެ މީހުންގެ މައުލޫމާތު އޭނާ ޑީޑީއަށް މެސެޖުކޮށްފައިވާ ކަމަށެވެ. އެވަގުތު އެ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ޑީޑީ އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅުތަކާއި ރަށްތަކުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނަތްތެރިވެ ފައިސާ ލޯންޑަކުރި މައްސަލާގައި މިހާތަނަސް ހޯދިފައިވާ ހެކީގައި ފަނޑިޔާރެއްގެ މަގާމެއްގައި ހުންނަވައި އެކި ފަހަރު މަތިން ޑީޑީ ފައިސާ ނެންގެވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޑީޑީ ވިދާޅުވީ އޭނާއާ ދެކޮޅަށް ތުހުމަތުތައް ކުރާކަމަށް ބުނާ ދެ މީހުންގެ އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައިނުވުމުން، އެ މީހުންނާއި ސުވާލުކޮށް ތުހުމަތުތަކުން ބަރީއަވުމުގެ ފުރުސަތު އޭނާއަށް ދެވިފައިނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި "ސަސްޕެކްޓް 1" ކަމަށް ބުނާ މީހާއަށް ފައިސާ ހޯދަން ޑީޑީ މެސެޖުތަކެއް ކުރެއްވިކަމަށް ބުނާއިރު، މިހާރުގެ ސޮފްޓްވެއާތަކުން މެސެޖުތައް ކުރެވޭއިރު، އެ މެސެޖުތަކުގެ ސައްހަކަން ކަށަވަރުކޮށް އެކަމަށް ޖަވާބުދާރީވުމުގެ ފުރުސަތުވެސް އޭނާއަށް ޖޭއެސްސީން ދީފައިނުވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑީޑީއާމެދު ކުރެވެނީ ޖިނާއީ ތުހުމަތުތަކެއް އެކުލެވޭއިރު، އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސެއް ޖޭއެސްސީއަށް ލިބިގެންނުވާކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"... ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތަހުގީގު ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ބާތިލު އިޖުރާއަތަކުން ހިންގާފައިވާ ބާތިލް ތަހުގީގަކުން ނިންމާފައިވާ ބާތިލް ނިންމުމެއްކަމަށް ދެކެމެވެ،" ތަހުގީގުގައި ހުރި މައްސަލަތަކަށް ރިއާޔަތްކުރައްވައި ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ދެއްވި ބަޔާން އާންމުކޮށްފައިވާއިރު، އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމާމެދު ގޮތެއް ނިންމުމަށް މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާގައި ވަނީ ތާވަލްކޮށްފަ އެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ފަނޑިޔާރު ދީދީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ތަހުގީގީ ރިޕޯޓްގައިވާ ކަންކަމަށް ބެލުމަށްފަހު ތައުުދީބީ ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާށެވެ.

ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް އޮންނަ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު ވަކި ކުރަން ފެންނަ ނަމަ އެ މައްސަލައެއް މަޖިލީހަށް ފޮނުވުމެވެ. ފަނޑިޔާރަކު މަގާމުން ވަކި ވާނީ އެކަމެއް މަޖިލީހުން ފާސްކޮށްފިނަމަ އެވެ.

މިހާތަނަށް މިގޮތަށް ވަކި ކޮށްފައިވަނީ އެންމެ ފަނޑިޔާރެކެވެ. މިހާރު ކުރިއަށްދާ 19 މަޖިލީހުގަ އެވެ. ވަކިކޮށްފައި ވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދެވެ.