(26 އޯގަސްޓް 2019 އާ ގުޅޭ)
ޒައުލް އާއި ޝަފާ އެއްފަހަރާ މަންހާއަށް ބަލާލާފައި ހިނިތުންވެލިއެވެ. އަދި އަވަސް އަވަހަށް ސައިބޯން ދާން އެމީހުންނާއިއެކު އައުމަށް ބުންޏެވެ.
މުހިއްމު ބައްދަލުވުމެއްގައި ދާއިން އިންއިރު އޭނަ އިނީ އެބައްދަލުވުން ނުނިމިގެން ކަންތައްބޮޑުވެފައެވެ. މުޅި ދުވަސް އެކި މީޓިން ތަކުގައި އުޅެންޖެހުމުން ގެއަށް ވަދެލުމަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ހެނދުނު އޮތް މީޓިންނެއް ނިންމާފައި މެންދުރުފަހުގައި އޮތް މީޓީންއަކަށް ދާންޖެހުމުން ދާއިންގެ މޫޑު މުޅިން ހަރާބުވިއެވެ. އެއީ އޭނަ މަންހާ އާއި ބައްދަލުކުރަން ދާންޖެހޭ ވަގުތު ފަހަނައަޅާ ހިނގައިދާނެތީއެވެ. މީޓީންގައި އިންއިރު ހިތާ ހިތާ ދުޢާ ކޮއްލަ ކޮއްލާ އިނީ ހަވީރު ތިންގަނޑި ބައިވަންވާއިރަށް އެންމެ ލަސްވެގެންވެސް މީޓީން ނިމޭނެނަމައެވެ.
"ޝަފާ، މަންހާ ހަވީރު ބޭރަށް ނުކުންނާނެ، އޭނައަށް އެނގޭނެ ދާއިން އަންނާނެކަން.............އެގަޑިއަށް އަތިރިމައްޗަށް އޭނަ ދާނެ މިތަނުގަ މަޑުނުކޮށް، ޝަފާ ކޮއްދޭންވިކަމަކީ މަށަށް އެސިޓީތައް ދައްކަންވީ" ޒައުލް ގަހެއްގެ ހިޔަލުގައި ހުރި ގޮނޑިއެއްގައި އިށިންނަމުން ބުންޏެވެ.
"އޭރުން ކިހިނެއްވާނީ، މަންހާއަށް އެނގިއްޖެއްޔާ ވަރަށް ހިތްހަމަނުޖެހޭނެ، އެނގޭނެ އަހަރެންކަން އެ ސިޓީތަކުގެ ވާހަކަ ޒައުލް ކައިރީ ބުނީ" ޝަފާ ޖެހިލުންވާގޮތްވިއެވެ.
"މަންހާއަށް އެހީވާންވެސް އެނގޭނީ އޭނަގެ ފަރާތުން ކަމެއް އަހަރުންނަށް އެނގިގެންނު، ފަހަރެއްގަ އެސިޓީތަކަކީ އަހަރުމެންނަށް އޭގެން ފައިދާއެއް ކޮއްފާނެ އެއްޗަކަށް ވެދާނެ.........." ޒައުލް ބުނެލިއެވެ. އޭނަ ވާހަކަދެއްކީ މަޑުންނެވެ. ދުރުގައި އެލުވާފައި ހުރި އުނދޯލީގައި ފަންވަތެއް ހިފައިގެން އިން މަންހާއަށް އަޑުއިވިދާނެތީއެވެ.
"ޒާރާ..........ޒާރާ............ކޮބާ ނެހާ ތައްޔާރުކޮއްފިންތަ؟" އެޕާޓްމެންޓަށް ވަދެގެން އައި ދާއިން ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ.
"ދަރިފުޅާ މަންމަ އާއި ޒާރާ އާއިވެގެން ނެހާ މި ތައްޔާރު ކުރަނީ" ކޮޓަރިތެރެއިން ނުކުތް މޫމިނާ ބުނެލިއެވެ. ދާއިން ހަރަކާތް އަވަސްކޮއްލަމުން ފާހާނާއަށްވަދެ ފެންވަރާލައިގެން ނުކުމެ ތައްޔާރުވާން ފެށިއެވެ.
"މަންމަ ގެންދަންވީނު ދާއިން އާއިއެކު، މަންމަވެސް ވަރަށް ބޭނުން އެމަންޖެ ދެކިލަން" މޫމިނާ ނެހާ އުރާލައިގެން ހުރެ ތައްޔާރުވަމުންދިޔަ ދާއިންއަށް ބުނެލިއެވެ.
"މަންމާ، މިވަގުތަކު ނޫންދޯ، އެހެންފަހަރަކުން ގެންދާނަން، މަންމައަށްވެސް އެނގޭނެ މިއުޅެނީ މަންހާ އެކަކާވެސް ބައްދަލު ކުރަން ބޭނުންނުވެގެންކަން" ދާއިންގެ އަޑުގައިވެސް ވަނީ އަވަސްއަރުވާލުމެވެ. އޭނަ އިސްތަށިގަނޑުގައި ބުރުސްއަޅާލުމާއިއެކު ސެންޓުޖަހާލިއެވެ. އަދި މޫމިނާ އުރާލައިގެން ހުރި ނެހާ އުރާލަމުން ބޭރަށް ދިއުމަށް ހިނގައިގަތެވެ. ޒާރާ އެއްވެސް އެއްޗެއް ނުބުނެ މިމަންޒަރުތައް ބަލަން ހުރީއެވެ.
ނެހާގޮވައިގެން ދާއިން ދިޔައީ މަންހާ އާއި ބައްދަލު ކުރާށެވެ. ފަހަރެއްގައި ދަރިފުޅު ގޮވައިގެން ދިއުމުން މަންހާ އޭނަ އާއި ބައްދަލުކޮއްފާނެއޭ ހިތަށް އަރާފައެވެ. މަންހާ ސިއްރު ސިއްރުން ދުރުގައި ހުރެ ދާއިން އުރާލައިގެން ހުރި ނެހާއަށް ބަލާލިއެވެ. ހިތަށް އެވަގުތު އެލިބުނު ހިތްހަމަޖެހުން ބަޔާންކުރަންވެސް ދަތިވެގެންދިޔައެވެ. ދުވެފައި އައިސް ދާއިންގެ އަތުން ނެހާ އަތުލުމަށް މަންހާ ހިތަށްއެރިއެވެ. އެހެނަސް ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލެވުނެވެ.
"ޒައްލޭ...........ކީއްވެތަ މަން އަހަންނާ ބައްދަލު ކުރަން ބޭނުންނުވަނީ، ގައިމު ދަރިފުޅުވެސް ދެކިލަން ބޭނުންވާނެއެއްނު" ދާއިން ދެރަވެފައި އިނދެ ޒައުލް އާއި ވާހަކަދެއްކިއެވެ. ޒައުލް ނެހާ އުރާލާފައި އެކުއްޖާ އާއި ސަމާސާކޮއްލިއެވެ.
"އަހަރެން ތިކަމުގަ ކީކޭ ބުނާނީ، މިކަހަލަ ކޭސްތަކަކީ ގިނަފަހަރަށް ސީދާ މިވެނިކަމެއް ވެގެންނޭ މިހެންމިވަނީ ބުނަން އުނދަގޫ ކަންތައްތައް، ދާއިންއަށްވެސް އެކަން އެނގޭނެ، އަހަރެން މިދާއިރާގައި އުޅޭތާވެސް މިހާރު ކިތަށް އަހަރުމިވަނީ، މަންހާ އާއި އަހަރެން ވާހަކަދައްކަން ވަރަށް މަސައްކަތް ކުރަން، ކުދިކުދި ކަންތައްތަކުގެ ވާހަކަ ދައްކާނެ އެކުން މާބޮޑަކަށް އޭނަގެ ސިކުނޑި އަހަންނަށް ހުޅުވައެއްނުލާ، އެހެންމީހުންނަށް އަންގަން ބޭނުންނުވާހެން ހީވަނީ...........އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް އެބަ ކުރަން، މިހާރު މިހުންނަނީ މަންހާއަށްޓަކައި އެއްކޮށް ހުސްވެގެން، ގިނަ ވަގުތު ހޭދަ މިކުރަނީ މިކޮޅުގަ...........ހިތްވަރު ކުރޭ ދާއިން، އިރާދަކުރެއްވިއްޔާ މަންހާ ރަނގަޅުވާނެ" ޒައުލް ނެހާ އުރާލައިގެން އިނދެ ވާހަކަދެއްކިއެވެ.
"މަންހާ، ދުރުގައި ތިހެން ބަލަން ނުހުރެ ނިކަން ދޭބަލަ އެދަރިފުޅު އުރާލަން، އަހަންނަށް އެނގޭ އެއީ މަންހާގެ ދަރިފުޅުކަން، ވަރަށް ވައްތަރު މަންހާ އާއި......." ފަހަތުން ޝަފާގެ އަޑުއިވުމާއިއެކު މަންހާއަށް އެނބުރިލެވުނެވެ. އަދި ދެފަރާތަށް ބޯހޫރުވާލަމުން ނޫނެކޭ ބުނެލާފައި އެތަނުން ގޮއްސިއެވެ. ޝަފާ ފުންނޭވާއެއްލަމުން ދެރަވެފައި މަންހާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނައަށް އެހެން ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ. ގައިމުވެސް އޭރުން މަންހާ ހޯދަމުންދިޔަ ކުޑަކުޑަ އުފާވެސް ދޫކޮއްލާފައި ދާކަށް ނުޖެހުނީހެވެ.
މަންހާ އެހެން ދިމާލަކުން ނުކުމެގެން ދިޔައީ އަތިރިމައްޗާ ދިމާލަށެވެ. ދާއިންއަށްވެސް އެހެން ދުވަސް ދުވަހު މަޑުކުރާހާ ގިނައިރަކު މިއަދު މަޑެއް ނުކުރެވުނެވެ. ސަބަބަކީ އިރުއޮއްސި އަނދިރިވާންވާއިރަށް ނެހާ ގޮވައިގެން ގެއަށް ވަންނަން ޖެހޭނެތީއެވެ. ދާއިން ދިއުމާއިއެކު ޒައުލް ޝަފާ ހުރި ދިމާލެއް ހޯދާލާފައި މަންހާ އާއި އޭނަ އާއި ނިދާ ކޮޓަރިއަށް އައުމަށް ބުންޏެވެ.
"ކޮބާ ތިބުނާ ސިޓީތަކަކީ" ޝަފާ ފެނުމާއިއެކު ޒައުލް އެހިއެވެ.
"އަލަމާރީގަ........ޒައުލް، މަންހާއަށް އެނގިއްޖެއްޔާ......" ޝަފާ ކަންބޮޑުވެފައި އަހާލިއެވެ.
"އެކަން އަހަންނަށް ދޫކޮއްލާ، އޭނަ އައުމުގެ ކުރިން އެސިޓީތައް ފެނެތޯ ހިނގާ" ޒައުލް ޝަފާއާއިއެކު ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ. ޝަފާ އަލަމާރި ހުޅުވާލާފައި މަންހާގެ ހެދުންތައް ލާފައިވާބައި ހޯދަންފެށިއެވެ. ޒައުލް ދޮރުމަތީ މަޑުކޮއްލައިގެން ހުރީ ކޮޓަރީގެ ބޭރުވެސް ފެންނާނޭފަދަ ގޮތަކަށެވެ. ސިޓީތައް ހޯދުން މާއުނދަގޫ ކަމަކަށް ނުވިއެވެ.
"ޒައުލް......" ޝަފާ ސިޓީތައްލާފައިވާ އާދައިގެ ހުދު ސިޓީއުރަތަކެއް ޒައުލްއަށް ދައްކާލިއެވެ.
"މިތާ މަޑުކުރޭ އަހަރެން މިސިޓީތައް ބަލާލަންދެން" ޒައުލް ދޮރުކައިރީގައި ޝަފާ މަޑުކުރުމަށް ބުނަމުން އޭނަގެ އަތުގައި ހުރި ސިޓީއުރަ ތަކުގައި ހިފިއެވެ.
ސިޓީއުރަތައް ހުރީ ބަންދުނުކޮއްކަމަށްވާތީ އެތަނުން ސިޓީއުރައެއްގެ ތެރެއިން ފަތްޖަހާލެވިފައިވާ ގަނޑެއްނެގިއެވެ. އަދި އޭގައި ލިޔެފައިވާ އެއްޗެއް ޒައުލް ކިޔަންފެށިއެވެ. ރީތި ފަށުވި އިނގިރޭސި އިބާރާތްތަކުން ލިޔެފައިވާ ސިޓީއެކެވެ. ލިޔެފައިވަނީ ދާއިންއަށް އެޑްރެސްކޮއްފައެވެ. މަންހާ ދާއިންދެކެ ވަރަށް ލޯބިވާކަން އެސިޓީ ކިޔާލުމުން އެނގެއެވެ. ޒައުލްއަށް ކުއްލި ސިހުމެއް ލިބުނީ ސިޓީ ނިންމާލަމުން ޖަހާފައިވާ ނަމުންނެވެ. އެއީ މަންހާގެ ނަމެއްނޫނެވެ.
"އޭންޖެލް..........މަންހާ..........އޭންޖެލް........" ޒައުލްއަށް ލިބުނު ހައިރާންކާއިއެކު ބުނެލެވުނެވެ.
"ޒައުލް، އަވަސް ކޮއްބަލަ، ތިހުރިހާ ސިޓީއެއް ކިޔާނެހާ ވަގުތެއް ނެތޭ، މިހާރު މަންހާ އަންނަން އުޅޭނެ" ޝަފާ ޒައުލްއަށް ބަލާލަމުން ބުނެލިއެވެ. އޭނައަށްވެސް ހައިރާކަންވެރިވީ ޒައުލްގެ މޫނުމަތިން ހާސްކަންފެނުމުންނެވެ.
"ކިހިނެއްވީ؟ އަނެއްކާ މަންހާ އެހެންކަމެއް ކުރަނީތަ" ޝަފާއަށް އަހާލެވުނެވެ.
"ނޫން..........މިސިޓީތައް ބަހައްޓާނީ މަގޭ އަތުގަ، އަހަރެން ވަކިން މަންހާ އާއި ބައްދަލު ކުރާނަން، އޯ މައި ގޯޑް........ހީވެސް ނުކުރަން މަންހާއަށް ވެދާނެއޭ..........ދާއިންވެސް ދޯ..........ޕިސް ޕިސް ޕިސް" ޒައުލްއަށް އޭނަގެ ބޮލުގައި އަތްހާކާލެވުމާއިއެކު ހިފަހައްޓާލެވުނެވެ.
"ކިހިނެއްތަވީ؟ އަހަރެން ކައިރީވެސް ބުނެބަލަ" ޝަފާ އައިސް ޒައުލްގެ ކައިރިއަށް ހުއްޓެމުން ދެވަނަ ފަހަރަށް އެހިއެވެ.
"އެތަށް އަހަރުތަކެއްގެ ބޮޑު ސިއްރެއް މިރޭ މިފަޅާއެރީ، ކިތަށް އަހަރުކަންވެސް ބުނަން އަހަންނަށް ދަތި، ދާއިންއަށް މިކަން އެނގުނީމަ ވާނީ ކިހިނެއްކަމެއްވެސް ނޭގެ" ޒައުލްއަށް އަދިވެސް ހުރެވުނީ ލިބުނު ގަބޫލުކުރަންދަތިވި ޝޮކުގެ ތެރޭގައެވެ. އެސިޓީތަކަކީ ދޮގެއްނޫންކަން ޒައުލްއަށް އެނގެއެވެ. އޭނަ ސިޓީތަށް އެއްކޮއްލާފައި އަތުގެ ތެރެއަށް ލައިގެން ޝަފާ އާއިއެކު އެކޮޓަރިން ނުކުތެވެ.
ރޭގަނޑުގެ ކެއުމުގައި މިރޭ މަންހާ ބައިވެރިއެއްނުވިއެވެ. ނެހާ ފެނުމުން އޭނަގެ ހިތުގައިވާ މައިވަންތަކަމުގެ ލޯބި އުތުރިއަރަމުން ދިއުމާއިއެކުއެވެ. ނެހާ ދެކޭހިތްވަނީއެވެ. އެނބުރި އެދަރިފުޅުގެ ގާތަށް ދާން ބޭނުންވަނީއެވެ. އެކަމަކު ދަރިފުޅުގެ ކައިރިއަށް ހިނގައްޖެނަމަ ދާއިން އޭނަ ހިފަހައްޓާނެއެވެ. ހުދު އޭނައަށްވެސް މިފަދަ ދެވަނަ ހިތްވަރެއްނުލިބޭނެކަން ޔަގީނެވެ.
ކައިގެން އައި ޒައުލް ޝަފާގެ ކައިރީ އޭނަ މިދަނީ މަންހާ އާއި ކުޑަކޮށް ވާހަކަދައްކާލަން ކަމުގައި ބުންޏެވެ. މިހެން ބުނެ ޝަފާގެ އަތުން ސިޓީތައް ނަގައިގެން ޒައުލް އައިސް މަންހާ ޖައްސާލައިގެން އޮތް ޖޯލިފަތީގައި އިށީނެވެ.
"ކިހިނެއްވެފަ ތިއޮތީ، ކީއްވެ ދާއިން ނެހާ ގޮވައިގެން އައީމަ ދެކިލަން ނުނިކުތީ" ޒައުލް ޖޯލީގައި ހަމަޖެހިލަމުން ސުވާލުތައް ކުރަންފެށިއެވެ.
"ކަމެއްނުވޭ މިތާ މަޑުކޮއްލައިގެން އޮތީ........." މަންހާ ޒައުލްއަށް އަވަސް ނަޒަރެއްދެމުން ބުނެލިއެވެ. އަދި މައްޗަށް ކުރިންވެސް ބަލަހައްޓައިގެން އޮތްގޮތަށް އޮތީ ހަނދާ ދިމާލަށް ބަލަންށެވެ.
"އަހަންނަށް ނޭގެ މިވާހަކަ ފަށާނީ ކިހިނެއްކަމެއް، އަހަންނަށް މިކަން އެނގިގެން ނުވާނެކަންވެސް އެނގޭ، އެކަމަކު މިހާރު އަހަންނަށް ކަމެއް ޔަގީންވެއްޖެ............." ޒައުލް އަތުގައި ހުރި ސިޓީތަކަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ޒައުލްގެ ވާހަކައިން މަންހާ ތެދުވެ ޖޯލީގައި އިށީނދެ ހަމަޖެހިލަމުން އޭނަ ދައްކަން އުޅޭ ވާހަކައަށް ސަމާލުކަން ދިނެވެ.
"މީގެ ވާހަކަ ދައްކަން މިއުޅެނީ" ޒައުލް އަތުގައި ހުރި ސިޓީއުރަތައް ދައްކާލަމުން ބުނެލިއެވެ. މަންހާއަށް ލިބުނު ސިހުމާއިއެކު ކުއްލިއަކަށް ޒައުލްގެ އަތުން އެސިޓީއުރަތައް އަތުލަން އުޅުނެވެ. ޒައުލް އޭނަގެ އަތް ގަޔާދުރަށް ދަމާލަމުން އަނެއްއަތުން މަންހާގެ އަތުގައި ހިފެހެއްޓިއެވެ.
"އަލަމާރީގަ ހުންނާނީ ތިސިޓީއުރަތައް، ޝަފާ ދޯ ބުނީ، ޒައުލް..........ތީ އަހަރެންގެ އެއްޗެއް........." މަންހާގެ އަތުގައި ޒައުލް ހިފެހެއްޓުމުން ބުނެލިއެވެ. އަދި ޖޯލިން ތެދުވަން އުޅުނެވެ.
"މިރޭ މަންހާ ޖެހޭނީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދޭން، އަހަންނަށް އޭންޖެލްގެ ނަމަކީ އާނަމެއްނޫން، ދާއިން އަހަރެން ކައިރީ އޭންޖަލް ފޮނުވާ ސިޓީތަކުގެ ވާހަކަ ކިޔައިދޭ، އަދި އަހަންނަށް ދައްކަންވެސް ދެއްކި އެސިޓީތަ، މިއަދު މަންހާއަށް ޖެހޭނީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދޭން............ކީއްވެ މަންހާ މިތަނަށް ތިއައީ، ދާއިން އާއި ވަކިވާކަށް ބޭނުމެއްނުވޭ، ދާއިންދެކެ އިންތިހާއަށް ލޯބިވޭ، ދަރިފުޅު ކައިރީ ހުންނަންވެސް ބޭނުންވޭ.........ދެން ކޮބާތަ މަންހާއަށް ކުރިމަތިވާ ހުރަސްތަކަކީ، އާއިލާގެ ކައިރިއަށްވެސް ދާކަށް ބޭނުމެއްނުވޭ.........ދުނިޔޭގައި އިންސާނާ ހުންނާނެ ދުވަހަކީ އެކަކަށްވެސް އެނގޭނެ ކަމެއްނޫން، އެކަމަކު މަންހާ ވިސްނާލަބަލަ، މިއެއްނޫނެއްނު ހަޔާތުގެ ދުވަސްތައް ވޭތުކުރަންވީ ތަނަކީ.............އަހަރެން އަބަދުވެސް މަންހާ އާއިއެކު ހުންނާނަން، އަހަރެން އެކަމަށް ވައުދުވަން.........އިޓްސް އަ ޕްރޮމިސް މަންހާ................އެއްފަހަރުވެސް އަހަންނަށް ކިޔާދީބަލަ...........ކީއްވެކަން އަހަރެން މިވާހަކަ ދާއިންއަށް ސިއްރުކުރަންވީ...." ޒައުލް މަންހާގެ އަތުގައި ހިފައިގެން އިނދެ ބުންޏެވެ.
ކަރުނުން ފުރިގެން ދިޔަ ދެލޯ ޒައުލްއަށް ފޮރުވާލުމަށް މަންހާ އިސްޖަހާލިއެވެ. އެހެންނަމަވެސް އެދެލޮލުން މަންހާގެ އުނގަށް ވެއްޓިގެން ދިޔަ ކަރުނަތިކި ޒައުލްއަށް ފެނުނެވެ.
"މަންހާ ރުއިމަކުން މިއަދު އަހަރެން ފަހަތަށް ޖެހޭނެކަމަށް ހީނުކުރާތި، އަހަރެންގެ މިސުވާލުތަކަށް ޖަވާބެއް މަންހާއަށް ޖެހޭނީ ދޭން......." ޒައުލް ހިތްހަރުކަން ދައްކާލަމުން ބުނެލިއެވެ. އެއާއިއެކު މަންހާއަށް އަދިވަކިން ބޮޑަށް ރޮވުނެވެ. ޒައުލްއަށް ހިތްހަރު މީހަކަށް ވެގެން އިންނާކަށް ނުކެރުނެވެ. ޖެހިގެން އިން ޖޯލީގައި ސިޓީއުރަތައް ބަހައްޓާލާފައި އަނެއްއަތުން މަންހާގެ ކޮނޑުގައި ހިފާގެނެސް ގާތްކޮއްލައިފިއެވެ. އަދި އޯގާތެރިކަމާއިއެކު މަންހާއަށް އަނެއްކާވެސް ވިސްނާދޭން ފެށިއެވެ. އެކިއެކި ސުވާލުތައް ކުރަންފެށިއެވެ. އިރުގަނޑަކު މަންހާ ރުއިމަށްފަހު އަމިއްލައަށް ދެލޯ ފޮހެލިއެވެ. އަދި ކުރެހިފައިވާ އަޑަކުން ޒައުލް އާއި ވާހަކަދެއްކިއެވެ. އޭނަގެ ސްކޫލް ދައުރުގެ ރަޙުމަތްތެރިންނަށް ނޫނީ ނޭގޭ، އޭނަގެ ހަޔާތުގެ ވާހަކަތައް ޒައުލްއަށް ކިޔާދޭންފެށިއެވެ. ޒައުލް މަޑުމަޑުން މަންހާގެ ކޮނޑުން ދޫކޮއްލުމުން މަންހާ އޭނައާއި ދުރަށް ޖެހިލާ ނޭފަތް އެތެރެއަށް ދަމާލިއެވެ. ޒައުލްއަށް ހުރިހާ ވާހަކައެއް ކިޔާދެމުންދިޔައިރު އޭނަގެ ލޮލުން ފައިބައިގެންދާ ކަރުނައަށް ނިމުމެއްނުވާކަހަލައެވެ. އެއްވަރަކަށް ދެލޯ ފޮހެމުން ދިޔައިރުވެސް މަންހާގެ ކޯތާފަތް ތެމެމުންދިޔައެވެ. މަންހާގެ ވާހަކަތައް އަޑުއަހަން އިން ޒައުލްގެ އަނގަ ހުޅުވިގެން ދިޔައީ ލިބުނު ހައިރާންކަމުންނެވެ. ގަބޫލުކުރަން ދަތިވިޔަސް ތެދުއެތަށް ކަމެއްގެ ވާހަކަ މަންހާ ކިޔާދިނުމުންނެވެ. ދާއިންދެކެ މަންހާ އެހާ ލޯބިވާކަމަށް އޭނަ ހިއެއްނުކުރެއެވެ. އަދި އެއީ ޒަމާންވި ބަދަލެއްނުވި ލޯތްބެއްކަން އެނގުމުން އޭނަ އަޖައިބުވެފައި އިނެވެ. ބުނާނެ އެއްވެސް އެއްޗެއް އޭނަގެ ދުލަށް އެވަގުތަކު ނައެވެ. ދެން އެނގުނީ ޒާރާގެ މަކަރުވެރި ކަމާއި މަންހާގެ މައްޗަށް އޭނަ އަނިޔާވެރިވި ގޮތުގެވާހަކައެވެ. ދާއިން އޭނައަށްވުރެ ޒާރާދެކެ ލޯބިވާކަމެވެ. އެދެމީހުންގެ ދިރިއުޅުމުން ދުރަށް ދިއުން ނޫންގޮތެއް މަންހާއަށް ނެތްކަމުގައި އޭނަ ވިސްނިވިސްނުމެވެ. ދާއިންދެކެވާ ލޯތްބައްޓަކައި އޭނަ ކޮންމެފަދަ ގުރުބާނީއެއްވާންޖެހުނަސް ވާނެކަމެވެ. ވިޝާލްގެ ހަގީގަތްވެސް ޒައުލްއަށް އެނގުނީ އަދިކިރިޔާއެވެ. މަންހާ އާއި ވިޝާލްގެ މެދުގައި ހިނގި އެބޮޑޫ ހާދިސާގެ ހަގީގަތްވެސް ޒައުލްއަށް އެނގިގެންދިޔައެވެ. އޭނައަށް އަޑުއިވެމުންދިޔަ ވާހަކަތަކުން އިށީނދެގެން އިނުމަށްވެސް އޭނައަށް ދަތިވިއެވެ. އެހިނދު ޖޯލިން ތެދުވެ މަންހާގެ ކުރިމަތީގައި ހުރެ ދެކޮޅަށް ހިނގަމުންދިޔައެވެ. ކަނުލާ މަންހާގެ ވާހަކަތައް އަޑުއަހަމުންނެވެ. ދޭތެރެއަކުން އޭނަގެ އަމިއްލަ ސުވާލެއް ކޮއްލަނީ އިތުރަށް އޮޅުން ފިލުވަން ބޭނުންވާ ކަމަކާއި ގުޅިގެންނެވެ. މަންހާގެ އާއިލާގެ ތެރޭ ހިނގި ހަމަނުޖެހުންވެސް ޒައުލްއަށް މަންހާ ކިޔާދިނެވެ. މިއަދު އޭނަގެ މަންމަ ބުނިގޮތަށް ހުރިހާކަމެއްވެ ނިމެނީކަމުގައި ބުންޏެވެ. ވީއިރު އެމަންމަ އާއި ކުރިމަތިލާކަށް ނުކެރޭނެކަމުގައި ބުނަމުންނެވެ. އަދި ދާއިންގެ ދަރިއަކު މިނުދިޔައަށް އުފަންކުރެވުނު ވަގުތަކީ މުޅިދުނިޔެވެސް އޭނައަށް މިލްކުވިފަދަ އުފާވެރި އިޙްސާސްއެއް ކުރެވިގެންދިޔަ ވަގުތަކަށް ވީކަމެވެ.
"އޯ މަންހާ......ކީއްވެތަ ދާއިންއަށް މިހުރިހާ ވާހަކައެއް ކިޔާނުދިނީ، އޭނަ އޭންޖަލްއަކީ ކާކުކަން އެނގެން ވަރަށް ބޭނުންވެފަހުރީ، އަހަންނަށް ޔަގީން އޭނަ ޒާރާއަށްވުރެވެސް މަންހާ ބޭނުންވާކަން އަދި ތީ އޭންޖަލްކަން އެނގިއްޖެއްޔާ އޭނަ އުފަލުން ކުރާނެކަމެއްވެސް ބުނަން އަހަންނަށް އުނދަގޫ..........މަންހާ ތިހުރިހާ ވާހަކައެއް ދާއިންއަށް ކިޔާދިންނަމަ އޭނަ އަޑުއަހާނެ......." ޒައުލް މަންހާގެ ކުރިމަތީ ހުއްޓިހުރެ ބުނެލިއެވެ.
"ޒައުލް، އަހަންނާ ވިޝާލް އާއި ދެމެދު ކަމެއް ނުހިނގާކަމަށް ދާއިން ގަބޫލެއް ނުކުރޭ، އޭނަ އަހަންނަށް ބަލާލިގޮތުންވެސް އެދުވަހު އެކަން ޔަގީންވި، ދާއިން އަހަރެން ކައިރިން އެއްވެސް ސުވާލެއްވެސް ކުރަން ބޭނުންނުވި.........ދާއިންއަށް އެހެންމީހެއްދެކެ ލޯތްބެއް ނުވެވޭނެ، އަހަންނަށް ލޯބި އެނގުނު ދުވަހުން ފެށިގެން ދާއިންދެކެ ލޯބިވީގޮތަށް، ދާއިންއަށްވެސް އެލޯބިވެވުނީ ޒާރާދެކެ........ދާއިންއަށް ޒާރާ ދޫކޮއްލަން މަޖުބޫރުވާފަދަ ކަމެއް އަހަރެން ދުވަހަކުވެސް ނުކުރާނަން..........މިވާހަކަ އަހަރެން ދައްކާނީ ކާކުކައިރީ، އަހަރެން ދާއިންގެ އަންބެއްގެ ގޮތުގައި ކިތަންމެ ދުވަހަކުވެސް މިގޮތަށް އުޅެދާނަން، އެކަމަކު އެނބުރި އެމީހުންގެ ކައިރީ އުޅޭކަށް އަހަނެއްނުދާނަން........." މަންހާ ދެއަތުން ލޯފޮހެމުން ބުންޏެވެ.
"ދާއިންވެސް ދޯ..........." ޒައުލްއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. ޒައުލްއަށް މަންހާގެ ވާހަކަތައް އަޑުއަހާފަ ދާއިން ވަރަށް ބޮޑަށް ކުއްވެރިކުރެވުނެވެ. މަންހާއަށް ދޭންވާ ލޯތްބާއި އަޅާލުން ނުދެވޭނެކަން އެނގޭއިރު ދާއިން މަންހާ އާއި ކައިވެނި ކުރީ ކީއްކުރަން ބާއޭ ޒައުލްގެ ހިތުގައި ސުވާލުއުފެދުނެވެ. މަންހާއަށް ލިބުނު އަނިޔާއެއްވިއްޔާ ލިބިފައިވަނީ އޭނަގެ ހިތަށެވެ. މީހަކަށް އެހިތްނުފެނުނު ކަމުގައިވިޔަސް ޒައުލްއަށް އެހިތް ޒަހަމްވެފައިވާވަރު އިޙްސާސްކުރެވިގެންދިޔައެވެ. މިރޭން މިރެއަށް ދާއިން މެންގެއަށް ގޮސް ޒާރާގެ ކަންތައްހުރިގޮތް އެންމެނަށް ކިޔާދިނުމަށް ޒައުލް ހިތަށްއެރިއެވެ. އެހެންނަމަވެސް ރުޅިއަކީ މީހާއަށް އެއްވެސް ފައިދާއެއް ކުރުވާނެ އެއްޗަކަށް ނުވާތީ ޒައުލް އޭނަގެ ވިސްނުމުގެ ބާރުބޭނުން ކުރީ ދާއިން އާއި މަންހާ އެކަކުއަނެކަކަށް ދިމާވާނެ ގޮތެއް ރޭވުމުގައެވެ. ދެމީހުންވެސް އެވަނީ އޮޅުންގަނޑެއްގެ ތެރޭގައިކަން ޒައުލްއަށް އެނގެއެވެ. އެކަމަކު މިވަގުތު ދާޢިން މަންހާދެކެ ލޯބިވެޔޭ ބުންޏަސް އޭނަ ގަބޫލެއްނުކުރާނެއެވެ. މިވީހާ ދުވަހު ދާއިންގެ ދުލުން ނުބުނި ބަހެއް ޒައުލް ބުނެގެން ގަބޫލުކުރާނެހެއްޔެވެ. ޒައުލް ޖޯލީގައި އިށީނދެ މަންހާ ގާތްކޮއްލަމުން އޭނަގެ ގައިގާ ފިރުމާލިއެވެ.
"ދެން ނުރޮއެ........" ޒައުލް މަޑުމަޑުން ބުނެލިއެވެ.
"ޒައުލް..........މިއަދު އަހަރެންގެ ކައިރީ ހުރި އާއިލާއަކީ ތީ، ޒައުލް އާއި ޝަފާ.......އަހަރެން ތިދެމީހުންނަށް ވަރަށް އިތުބާރުކުރަން...........މިހުރިހާކަމެއް އަހަރެން ކިޔާދިނަސް ދާއިންއަށް މީގެން އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއްނޫން.........ޕްލީޒް.......އާދޭސްކޮއްފަ މިބުނަނީ........އަހަންނަށް ދާއިންގެ ހަމްދަރުދީއެއް ބޭނުމެއްނުވޭ، ޕްލީޒް ޒައުލް ބުނޭ މިކަން ސިއްރުކޮއްދޭނަމޭ............" ގިސްލެވިފައިވާ އަޑަކުން މަންހާ ބުންޏެވެ. ޒައުލް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނަ މަންހާގެ ބޮލުގައި ބޮސްދެމުން ކުރިއަށްވުރެވެސް ކައިރިކޮއްލާފައި ފިރުމަމުންދިޔައެވެ. ނުރޮއެ ދެން ހުއްޓާލާށޭ ބުނާފަދައިންނެވެ. އޭނައަށް މަންހާގެ އެ އެދުން ފުރިހަމަކޮއްދެވޭކަށްނެތެވެ. އެހެނީ މިހުރިހާކަމެއް ސިއްރުކޮއްފިނަމަ އަބަދުގެ އަބަދަށް ދާއިން އާއި މަންހާ ދުރުކޮއްލެވުނީއެވެ. އެހެންވާކަށް ހުދު އޭނަވެސް ބޭނުމެއްނޫނެވެ. ކޮންމެ ދުވަހަކު ލޯތްބައްޓަކައި އެތަށްމަރަކުން މަރުވާކަށް އޭނައަށް މަންހާ ދޫކޮށެއްނުލެވޭނެއެވެ.
އެރޭ އެއްގޮތަކަށްވެސް މަންހާއަށް ނިދަން އުޅެއުޅެ ނިދޭގޮތެއްނުވިއެވެ. ޒައުލް ކަންތައް ކުރާނެގޮތެއްނޭގޭތީއެވެ. ޝަފާވެސް ނިދަން އައީ ވަރަށް ލަސްވިފަހުންނެވެ. އޭނަ އެނދުގައި އޮށޮތްގޮތަށް ފުންނިންޖެއްގެ ތެރެއަށް ގެނބިގެންދާކަށް ގިނައިރެއް ނުނެގިއެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި މަންހާ އޮތީއެވެ. ފަތިސް ނަމާދު ބަންގީގެ އަޑުވެސް އިވުނީ އެހެންއޮއްވައެވެ.
ދާއިންއަށް ރޭގަވީ ކިހިނެއްކަމެއްނޭގެއެވެ. މަންހާ ދުރަށްދިޔައީސުރެން އޭނަ އާއި ޒާރާ އާއި ދެމެދުއޮތް ގާތްކަންވެސް ދުރުވެފައިވެއެވެ. އެހެންނަމަވެސް ރޭގައި ދާޢިންއަށް ހަމަހޭވެރިކަންވީއިރު އޭނަ އޮތީ ޒާރާ އާއި ދުރުނުވެވޭހާ ގާތްވެވިފައެވެ. ޒާރާގެ ބީހުންތަކަށް ނޫނެކޭ ބުނެވޭވަރަށްވުރެ އޭނަގެ ހަށިގަނޑުވަނީ ޒާރާއަށް މަރުޙަބާ ކިޔާފައެވެ. އަރާމުނިންޖަކުން ނިދާލެވުނީ ކަމެއް ނޫނީ ވަރުބަލިކަމުގައި ނިދުނީކަމެއް އޭނައަކަށް ނޭގުނެވެ. ހިލަމެއްވީ ހެނދުނު ޒާރާ އަނެއްކާވެސް އޭނަ އާއި ގާތްވެލައި ބާރަށް ބައްދާލުމުންނެވެ.
ހެނދުނު މަންހާ ޝަފާއަށް ގޮވާލީ އޭނަގެ ފޯނުގެ އެލާމުވޭވެ ކެނޑުނުއިރުވެސް ޝަފާއަށް ނުހޭލެވުނީމައެވެ. މަންހާ ޝަފާގެ ކޮނޑުގައި ހިފާ ތަޅުވާލުމައިއެކު ފުއްމައިގެން ތެދުވެ އެނދުގައި އިށިންނަމުން ގަޑިން ކިހާއިރެއްވީތޯ ސުވާލުކުރިއެވެ. މަންހާ ހައިރާންވެފައި ގަޑިންވީއިރެއް ޝަފާއަށް އޮޅުންފިލުވާދިނެވެ.
"އޯނޯ، ސައިބޮއެގެން ކިރިޔާ ދެން ރެޑީވެވޭނީ" ޝަފާ ތެދުވެ އެކޮޓަރީގައި ހުރި ތުވާލުއަޅުވާ ހަރުގަނޑުން ތުވާލި ނަގައިގެން ފާހާނާއަށް ވަންނަން ދަމުން ބުނެލިއެވެ.
"މިއަދު ކަމެއް އޮތީތަ؟" މަންހާއަށް ހާސްވެފައި އަހާލެވުނެވެ. އޭނައަށް ހީވީ ޒައުލް އައި ޝަފާ ދާއިންގެ ގާތު ހުރިހާ ވާހަކައެއް ބުނަން ނިންމީކަމަށެވެ. ޝަފާ ހޫންލައްވާލަމުން ފާހާނާގެ ދޮރު ލައްޕާ ތަޅުލައިފިއެވެ. މަންހާ ކޮޓަރިން ބޭރަށް ނުނިކުމެ އިނީ ޝަފާ ފާހާނާއިން ނުކުންނާނެ އިރަކަށެވެ. ޝަފާގެ ގާތުން މިއަދަށް އޭނަ އާއި ޒައުލް ރާވާފައިވާ ހުރިހާ ކަމެއް އޮޅުންފިލުވަން ބޭނުންވެގެންނެވެ.
"ޒާރާ، ތިސެންޓުން އަހަންނަށް އެހާ މީރުވަހެއްނުދުވާ، ދެން ބޭނުންނުކުރައްޗޭ" ދާއިންގެ އަތުގެތެރެއަށްވަދެ އޮތް ޒާރާއަށް ދާއިން ބުނެލިއެވެ. އޭނައަށް ޒާރާގެ މުޅިހަށިގަނޑުންވެސް ދުވަނީ އޭންޖަލްގެ ސިޓީތަކުން ދުވާ މީރުވަހެވެ. އެވަސް އޭނައަށް އުނދަގޫކުރަނީ ކީއްވެކަމެއް ނޭގެއެވެ. އޭނަގެ ޒަމީރު ޒާރާއަކީ އޭންޖަލްކަމުގައި ގަބޫލެއްނުކުރެއެވެ. އެހެނީ އެސިޓީތަކަކީ މިއަދު ދާއިންއަށް ލިބެންފެށި ސިޓީތަކެއްނޫނެވެ.
"އެކަމަކު ރޭގަ ދާއިން އަހަރެންގެ ގައިން ވަސްބަލާވަރުން ހީވަނީ އެހެންފަދަ ކަމެއްހެން، ހިއެއްނުވޭ ނުބައިވަސް ދުވާތި އުޅުނުހެނެއް.........." ޒާރާ ދެލޯމަރާލައިގެން އޮވެ ބުނެލިއެވެ.
"މިހާރު މިބުނީނު، ކޮންއިރަކު ޒާރާ ގަތް ސެންޓުފުޅިއެއްތަ......އަހަރެން ނުދެނަހުރިން ޒާރާ ސެންޓުގަންނަން ދިޔަކަމެއް" ދާއިން ބުނެލިއެވެ.
"މިފަހަކަށް އައިސް ދާއިންއަށް އަހަރެން ކުރާކަންތައްތަކަށް ސަމާލުކަމެއްދެވޭތަ..........ދެން މިހާ ހެނދުނާ މޫޑު ގޯސްނުވެބަލަ...........ރޭގަ ދާއިން ހާދަ ލޯބިންނޭ އުޅުނީ، އަހަރެން ވަރަށް އުފާވި......." ޒާރާ ލޯހުޅުވާލާފައި ދާއިންއަށް ބަލާލިއެވެ. އެއްއަތް ބޯދަށަށް ލައްވާލައިގެން އުއްޑުން އޮތް ދާއިންގެ ނަޒަރު އޮތީ ސީލިންގަށް ހުއްޓާލައިގެންނެވެ. ޒާރާ މަޑުމަޑުން ދާއިންއަށް ސަމާސާ ކުރަންފެށިއެވެ. ދާއިންގެ މޭގާ ކުދި ކުދި ބޮސްދިނުންތައް ދޭންފެށިއެވެ.
"ޒާރާ.........މިގަޑިއަކު ނޫން.........." ދާއިން ޒާރާ ދުރުކޮއްލަމުން ބުނެލިއެވެ.
"މިގަޑި ކިހިނެއްތަވީ، ނެހާވެސް އެއޮތީ ނިދާފަ، ދާން އޮފީހަށް ދާގަޑިވެސް އަދިކައިރިއެއްނުވޭ" ޒާރާ އަނެއްކާވެސް އައިސް ދާއިންގެ ގައިގާ ތަތްވެގަންނަމުން ބުނެލިއެވެ.
"ޕްލީޒް.........އަހަރެން ބުނީމަ ދެން........." ދާއިން ބުނާ އެއްވެސް އެއްޗެއް އަޑުއަހަން ޒާރާ ބޭނުމެއްނުވިއެވެ. އެންމެފަހުން ދާއިން އެނދުން ފޭބީ ޒާރާގެ ކަންތައްތައް މާމައްޗަށް ހިނގައިދާނެތީއެވެ. ދާއިން އަވަސް ފިޔަވަޅުގައި ގޮސްވަނީ ފާހާނާއަށެވެ.
"ޝަފާ، ކޮންކަމެއް މިއަދު އޮވެގެން ތިހާ އަވަސް އަރުވާލަފަ ތިއުޅެނީ" ފާހާނާއިން ނުކުމެ ތައްޔާރުވާން އުޅުނު ޝަފާގެ ގާތުގައި މަންހާ އަހާލިއެވެ.
"މިއަދު އެބައާދޭ މާލެން އޮފިޝަލުން ތަކެއް، ޑޮކްޓަރުންވެސް ތިބޭނެ އެމީހުންގެ ތެރޭ، އަންނަނީ ބައެއް ޕޭޝަންޓުންގެ ކަންތައްތައް ބަލާލުމަށް، އެމީހުން މިކޮޅުގައި ހަފްތާއެއްވަރުކޮއްފަ ދާނީ، މިކޮޅުގެ ސީނިއަރ ޓީމްގައި އަހަރެން އުޅޭއިރު ޖެހޭނެއެއްނު އެންމެ ކުރިން އެމީހުންނަށް މަރުޙަބާ ކިޔާ މީހުންގެ ތެރޭގައި ހުންނަން.........ނަސީބެއް މަންހާ އަހަންނަށް ގޮވިކަން..........." ޝަފާ އަވަސް އަރުވާލާފައި ވާހަކަދެއްކިއެވެ. މަންހާގެ ނުތަނަވަސްކަން ވެރިވެފައިވާ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެންނަންފެށިއެވެ. އޭނަ އިތުރު ސުވާލެއް ކުރާކަށް ގަސްދެއް ނުކުރިއެވެ. ޝަފާ ތައްޔާރުވެ ނިމެންދެން އޭނަގެ އެނދުގައި އިށީނދެލައިގެން އިނެވެ. އަދި ޝަފާ ތައްޔާރުވެ ނިމުމާއިއެކު ދެމީހުންވެގެން ސައިބޯން ދިޔައެވެ.
ޒާރާއަށް ދުވަސް ފެށިގެން ދިޔައީ އުފާވެރި ދުވަހެއްގެ ގޮތުގައި ކަމަށްވިޔަސް ދާއިންގެ މޫނުމަތިން އުފާލާ ހިތްހަމަޖެހުމުގެ އަސަރުތަކެއް ފާޅެއްނުވެއެވެ. އޭނަ އެހެންދުވަސް ދުވަހަށްވުރެ ކުރިން މިއަދު އޮފީހަށްވެސް އަތުވެއްޖެއެވެ. ދާއިން އޮފީހަށް ވަދެގެން ދިއުމާއިއެކު ކާއިލް އައިސް އޭނަގެ ކެބިންގެ ދޮރުގައި ޓަކިޖަހާލިއެވެ.
"ވަދޭ.........." އެތެރޭގައި އިން ދާއިން މިހެން ބުނެލި އަޑު ކާއިލްއަށް އިވުނެވެ.
"މީ ދާއިންއަށްވީ" ކާއިލް އޭނަގެ އަތުގައި އޮތް ދައުވަތު ކާޑު ދާއިންއަށް ދިއްކޮއްލިއެވެ.
"މީ ކޮންކަމެއް........." ދާއިން ހައިރާންވެފައި ކާއިލް އާއި ސުވާލުކޮއްލިއެވެ.
"އަޅުގަނޑުގެ ކައިވެނި ޕާޓީއަށް އައުމުމުގެ ދަޢުވަތު......" ކާއިލް ހިނިއައިސްފައި ހުރެ ބުނެލިއެވެ.
"އެހެންތަ.......މަރުޙަބާ.........." ދާއިން ގޮނޑިން ތެދުވެ ކާއިލް އާއި ސަލާމްކޮއްލަން އަތްދިއްކޮއްލިއެވެ. ކާއިލް ދާއިންގެ އަތުގައި ހިފާ ސަލާމްކޮއްލުމަށްހު އެތަނުން ނުކުންނަން އުޅެފަ މަޑުކޮއްލަމުން ދާއިންއަށް ބަލާލިއެވެ.
"އެލީ......ބުނި މަންހާ އިނީ ގުރައިދޫގަ ކަމަށް، އޭނަ އެކި މީހުންނާ ގުޅައިގެންވެސް މަންހާ އާއި ބައްދަލުވެވޭގޮތް ނުވެގެން އުޅެނީ..........އެކަންވާނެ ގޮތެއް އޮންނާނެތޯ އަހާލަދިނުމަށް އެލީ އެދިފަވަނީ..........." ދާއިންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމަކާ ބެހޭގޮތުން އަހަންޖެހުނީމަ ކާއިލް ހުރީ ނުކެރިފައެވެ. އެހެންނަމަވެސް އެހީ އަލީޝާ އާއި މަންހާ އަކީ ސްކޫލު ދައުރުންފެށިގެން ރަޙުމަތްތެރިންނަށްވެފައި އަލީޝާ އޭނަގެ ގާތުން ވަރަށް ގިނަފަހަރު މަތިން އެކަމަށް އެދުނީމައެވެ. ވާން އުޅޭ އަނބިމީހާ ބުނާ ކަންތައްތައް ކޮއްދެން އޭނަވެސް ބޭނުންވާތީއެވެ.
"މަންހާ އާއި ބައްދަލު ކުރުމުގެ ހުއްދައެއް އަދި އެކަކަށްވެސް ނުދޭ، އެލީ ގާތު ބުނޭ އެހެން" ދާއިންގެ އަޑުގައި ހުރި ސީރިއަސް ކަމާއިއެކު ކާއިލް އިތުރަށް މަންހާގެ ވާހަކަ ނުދައްކާ ނުކުމެގެން ހިނގައްޖެއެވެ.
ދުވަސްތައް ދިގުވެފައި ދާއިންއަށްވެއެވެ. ކީއްވެކަމެއްނޭގެއެވެ. އޭނައަށް ޒާރާ އާއި މާގާތްވެގެން އުޅެން އުނދަގޫވިއެވެ. އެކަން ނާންގާވޭތޯ ވަރަށް މަސައްކަތް ކުރިކަމުގައިވިޔަސް ޒާރާއަށް ފާހަގަވިއެވެ. އަދި އެކަމުގެ ޝަކުވާ ކުރަންފެށިއެވެ. ދާއިން ގޭތެރޭގައި އިންނަ ވަގުތު ތަކުގައިވެސް ގިނައިން އިންނަނީ ނެހާ ގޮވައިގެންނެވެ.
މަންހާގެ ދުވަސްތައްވެސް ހަމައެހާމެ ދިގެވެ. ހަނދާނުގައި ފޮހެވުމެއްނެތި ހަރުލާފައިވާ އޭނަ އާއި ދާއިންގެ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި ގިނަވަގުތު އިނދެވެ. އަތިރިމަތީގައި ގިނަވަގުތު ހޭދަކުރުމަށް މަންހާ މިހާރު ލޯބިކުރެއެވެ. ޒައުލް އާއި ޝަފާ އުޅެންޖެހުނީ ހީވެސް ނުކުރާހާ ބިޒީކޮށެވެ. އެތަނަށް އައިސްގެން އުޅޭ މެހެމާނުންގެ ކަންތައްތައް ބެލެހެއްޓުގައި ޝަފާގެ ހުރިހާ ވަގުތެއް ހޭދަކުރިއެވެ. އެތަނުން ގިނަ ޑޮކްޓަރުންނަކީ ޒައުލްވެސް ދަންނަ ޑޮކްޓަރުންނެވެ. އެހެންވެ ޒައުލްއަށްވެސް ވަގުތުވާގޮތެއްނުވިއެވެ. ދާއިން ކޮންމެ ދުވަހަކު މަންހާގެ ދެކިލުމަށް އާދެއެވެ. އޭނަ ފޫއްސެއްވެސް ނުވޭބާއޭ މަންހާގެ ހިތަށްއަރައެވެ. ކޮންމެ ދުވަހަކު އެތަނަށް ދާއިން އެއަންނަނީ ކަނޑުހުރަސްކޮއްވިއްޔާއެވެ. މަންހާއަށްޓަކައެވެ. އެކަމަކު އޭނަގެ ކައިރީ ހުރިއިރު ދާއިން އެހާގާތްކޮށް މަންހާ އާއިމެދު ނުދެކެނީ ކީއްވެގެންބާއޭ ހިތަށްއެރިއެވެ. ދެންވެސް އެނބުރި ދާއިންގެ ގާތަށް ގޮސްފިނަމަ ދާއިންގެ އެއްވެސް ސަމާލުކަމެއް ނުލިބޭނެކަން އޭނައަށް ޔަގީންވަނީއެވެ.
ދާއިން މަންހާ ދެކުލުމަށް އައިސް އެމަރުކަޒުގެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ޖައްސާލައިގެން އިނެވެ. ޒައުލް އާއި ޝަފާ ވަރަށް ބުރަކޮށް އުޅޭކަން އޭނައަށް ފާހަގަކުރެވުނެވެ. ޒައުލް އައިސް އޭނަގެ ގާތުގައި މަޑުކޮއްލަމުން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އޮތްކަމުގައި ބުންޏެވެ. އެހެންނަމަވެސް މިހާރު ވަގުތު ނެތުމުގެ ސަބަބުން އެހެން ވަގުތަކުން ދާއިންގެ ގާތަށް ގޮސް އެވާހަކަތައް ކިޔާދޭނަންކަމުގައި ބުނެ ހިނގައްޖެއެވެ. ދާއިން އެކަނިމާއެކަނި އެޖޯލީފަތީގައި އެތަށްއިރަކު މަންހާއަށް އިންތިޒާރުކުރުމަށްފަހު އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އެމަރުކަޒުން ދާއިން ނުކުމެގެން ވަކިހިސާބަކަށް ދެވުނު ތަނާހެން އޭނަގެ ފަހަތުން މީހަކު ގޮވާލިހެން ހީވިއެވެ. ފަހަތަށް އެނބުރި ބަލާލިއިރު އޭނަގެ ޒަމާންވީ ރައްޓެއްސެކެވެ. ޒައުލް އާއިއެކު އަބަދުހެން ކަހަލަގޮތަކަށް ފެނިފެނި ދާއިން އާއިވެސް ރައްޓެހިވީއެވެ. ދާއިން ހުރިފިޔަވަޅުމަތީ މަޑުކޮއްލީ ފަހަތުން އަންނަ އެކުވެރިޔާ އައިސް އޭނަ އާއި އަރާ ހަމަވަންދެންނެވެ.
"ކިހިނެއްތަ" ދާއިން ސަލާމްކޮއްލަން އަތްދިއްކޮއްލަމުން އަހާލިއެވެ.
"ރަނގަޅު، ނޭގުނު ދޯ މީކާކުކަމެއް...........އެހެންވެދާނެ، ނުފެންނަތާ އެހާ ގިނަދުވަސްވެއްޖެވިއްޔަ ދޯ" އެކުވެރިޔާ ބުނެލިއެވެ.
"މާބޮޑަކަށް ނަމެއް ހަނދާނެއްނެތް އެކަމަކު ކާކުކަން އެނގިއްޖެ، ޒައުލްގެ ރަޙުމަތްތެރިއެއްނު ތީ" ދާއިން ހިނިތުންވެލަމުން ބުނެލިއެވެ.
"ނަމަކީ ރިޝްވާން، ހާދަ އެހެންކަހަލަ ތަނަކުންނޭ މިދިމާވީ، އަހާލާހިތްވޭ މަރުކަޒަށް އައީ ކީއްކުރަންތޯ.......އެތަނުން އަޅުގަނޑުވެސް ނުކުންނަނިކޮށް ފެނުނީ ދާއިން ނުކުމެގެން ދާތަން، މިހާރު މިދަނީ ލޯންޗު އޮތްދިމާލަށް ދާންވެގެން، ހިނގާ ދަމާ" ރިޝްވާން ރަހުމަތްތެރި ރާގެއްގައި ވާހަކަދެއްކިއެވެ.
"މީ.....އަޅުގަނޑުގެ އަންހެނުން ގާތަށް އައިސްފަ މިދަނީ.........." ދާއިން އިސްޖަހާލައިގެން ހުރެ ހިނގައިގަންނަމުން ބުނެލިއެވެ.
"އެހެންތަ، ޒާރާ މިތަނަށް ގެނައިތަ، އޭރު ޒައުލްގެ ފަރާތުން އެނގުނު ޒާރާ ބަލިވެކަން އުޅެނީ، މާބޮޑުވަރުވީ ދޯ.........ހާދަ ދެރައޭ........އައެމް ސޮރީ.........." ރިޝްވާން މިހެންބުނެ ދެފަރާތަށް ބޯހޫރުވާލިއެވެ.
"ނޫން، ޒާރާއެއް ނޫން، އަޅުގަނޑުގެ ދެވަނަ އަނބި...........މަންހާ............" ދާއިން މިހެންބުނެލިއިރުވެސް އޭނަ ހިނގަމުންދިޔައީ އިސްޖަހާލައިގެން ހުރެއެވެ. ރިޝްވާން އާއި އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް ހިއްޞާކުރަން ބޭނުންނުވެ ހުރެ ޙިއްޞާކުރަން ޖެހޭތީ ކަންނޭގެއެވެ.
"މަންހާ އޭ.............ދާއިންގެ އަންބިމީހާތަ އެއީ، މަންހާ ހުންނަނީ ދޮންކޮށް ވަރަށް ހިކިކޮށް ދިގުކޮއްތަ، ވަރަށް ރީތި ދިގު އިސްތަށިގަނޑެއް އޮވޭތަ............." ރިޝްވާންއަށް އޭނަ ދަންނަ މީހެއްގެ ނަން ދާއިން ބުނިހެން ހީވެގެން ސިފަކިޔާދިނެވެ.
"އާން އާން............އެއީ މަންހާ..........މިތަނަށް ނުގެނެސް ނުވެގެން ގެނައީ.........ރިޝްވާން މިކޮޅަށް އައިސް ތިއުޅެނީ، ކަމެއް އޮތީތަ" ދާއިންއަށް ރިޝްވާން ސިފަކޮއްދިނީ މަންހާކަން އެނގުމުން އަވަހަށް ޖަވާބުދިނެވެ.
"މިދެން އޮފީސް ކަމަކު..........މިކަހަލަ ދަތުރުތައް ދުވަސް ދުވަސްކޮޅުން މިކޮޅަށް އަޅަންޖެހޭނެ، އެކަމަކު ދާއިން ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނު........." ރިޝްވާން ކޮންމެވެސް ކަމަކާ ވިސްނާލަމުން ބުނެލިއެވެ.
"ކޮންކަމެއްތަ.........." ދާއިންއަށް އަހާލެވުނެވެ.
"އަހަރެން ސިފަކޮއްދިން މަންހާއަކީ މޮޔައެއްނޫން، އެތަނުގައި އޭނަ އުޅެނީ އަހަރުމެންނާއިއެކު.........އެކަމަކު އެއީ ވަރަށް މަޑުމަޑުން ހުންނަ އަންހެން ކުއްޖެއް، އެތާ އެންމެނަށްވެސް އެނގޭކަމެއް އެއީ މަންހާއަކީ މޮޔައެއްނޫންކަން، ވަރަށް ހިތްހެޔޮވާނެ، ޕޭޝެންޓުންގެ ކަންތައްތަކުގައި ޑޮކްޓަރ ޝަފާއަށް ވަރަށް އެހީވާނެ، ޒައުލްވެސް ބުނި މަންހާއަކީ އޭނަގެ އެސިސްޓެންޓެކޭ.........އެތާކު އޭނައަކީ ބަލިމީހެއްކަން އެނގޭ އެއްވެސް ލިޔެކިޔުމެއްނެތް.........." ރިޝްވާން ވަރަށް ވިސްނަމުން ވާހަކަދެއްކިއެވެ. ކުއްލިއަކަށް ދާއިންއަށް ހުއްޓެވުނެވެ. އޭރު ބަލިމީހުން ތިބޭ މަރުކަޒާއި ތިރީހަކަށް ފިޔަވަޅު ދުރަށް އާދެވިއްޖެއެވެ.
"ޒައުލް ބުނިތަ އެހެން، ޒައުލްއަށް އެނގޭނެ މަންހާ، ވެދާނެ އެހެން މަންހާއެއްކަމަށްތީ" ދާއިން ޝައްކުވެފަހުރެވެސް ބުނެލިއެވެ.
"ނޫން، އެހެނެއްނުވާނެ، މަމިބުނާ އަންހެން ކުއްޖާ އެކަންޏޭ އެތަނުގަ މަންހާ ކިޔާ ކުއްޖަކަށް އުޅެނީ، ޒައުލް އާއި ވަރަށް ރައްޓެހިވާނެ...........އޭނަހެން ހީވަނީ މަންހާގެ ހުރިހާ ކަމެއް ބަލަހައްޓަނީ، އަހަރެން ހީކުރީ ޒައުލް އަނެއްކާވެސް އާއަންހެން ކުއްޖަކު ފަހަތުލައިގެން އުޅެނިއްޔޭ، އެކަމަކު އެއަށްވުރެ އޭނަ މިފަހަރު މާ ސީރިއަސް.........އަނެއްކާ ދާއިންގެ އަންހެނުންނަކީ އެއީތަ.............މަށަށް މިހާރު މުޅިން އޮޅިއްޖެ.............އެއްގޮތަކަށްވެސް މިވީ ކިހިނެއްކަމެއް ނޭގުނު........." ރިޝްވާން ތުނބުޅީގައި އަތްހާކާލަމުން ދާއިންއަށް ހިނިގަނޑެއްޖަހާލިއެވެ. އަދި އެކަން އޭނަ މާބޮޑު ކަމަކަށް ނަހަދާ ހިނގައިގަތެވެ.
"ނުވާނެ ތިހިނެއް، އެހެންވީރު ބުނެބަލަ، މަންހާ ލާފަހުރީ ކޮންކަހަލަ ހެދުމެއް" ދާއިން އަދިވެސް ޔަގީންކުރަން ބޭނުންވިއެވެ. މިހެން ބުނުމާއިއެކު ރިޝްވާން ހުއްޓުނެވެ.
"ހޫމް.......އަޅުގަނޑާ އަޅުގަނޑުމެންގެ ޓީމު މިކޮޅަށް އައިސްގެން އުޅޭތާ މިއަދަށް ހަފްތާއެއްވާނެ.............މިވީ ދުވަސްތަކުގައި މުޅިންވެސް ފެންނަނީ ދިގު ސްކާޓަކާ ޓޮޕުކޮޅެއް ލައިގެން އުޅޭތަން...........އާން..........އަބަދުވެސް ހުންނަނީ ދިގު ސްކާޓޭއްލާފަ.........ރަނގަޅަށްތަ މިބުނެވުނީ" ރިޝްވާންވެސް ޔަގީންކުރަން ބޭނުންވިއެވެ.
"ހެ ހެ ހެ........ނޫނޭ........" ދާއިންއަށް ރިޝްވާންއަށް ނޭގިނަމަވެސް އެދައްކަނީ އޭނަގެ މަންހާގެ ވާހަކަކަން އެނގިހުރެ އެއްބަހެއްނުވިއެވެ. ދާއިން ހީނލިއެއްކަމަކު ހީވީ މީހަކު ގަދަކަމުން ހީނލިހެންނެވެ.
"ހިނގާ ދަމާ.......ދެމީހެއްގެ ވާހަކަ އަހަރުމެން ދެމީހުންނަށްވެސް މިދެކެވުނީ........" ރިޝްވާން ހިނގައިގަތެވެ.
"އަޅުގަނޑު މިދަނީ މަރުކަޒަށް...........ހަނދާންނެތި އެއްޗެއް ބާއްވާފަ މިއާދެވުނީ" ދާޢިން ޖީބުގައި އަތްޖައްސާލަމުން ބުނެލިއެވެ.
"އެހެންތަ، އެހެންވީރު ދެން ގޮސްލީއޭ، ނޫނީ އަޅުގަނޑު ދާން ހަމަޖެހިފައޮތް ލޯންޗު ނައްޓާލަފާނެ" ރިޝްވާންވެސް ހީނލާފައި މިހެންބުނެ ކުރިއަށްދިޔައެވެ. ދާއިން ދެފަޔަށް ބާރުލާފައި ހިނގައިގަތީ މަންހާ އިން މަރުކަޒާއިދިމާލަށެވެ. ޒައުލް އޭނައަށް އޮޅުވާލީ ކީއްވެކަން އޮޅުންފިލުވަން ބޭނުންވެފައި ހުރެގެންނެވެ. އޭނަގެ ހިތަށް ވީ ތަދަށްވުރެ ޒައުލްދެކެ އައިރުޅިވަނީ ގަދަވެފައެވެ.
(ނުނިމޭ)