ސައިންސް

ޖައްވީ އުދުހުމަށް ނިއުކްލިއާ އުޅަނދު!

މީގެ ކުރިން ޖައްވީ ހޯދުންތައް ހޯދަން ބޭނުންކުރާ ޓެކްނޮލޮޖީތަކުގެ ބަދަލުގައި މުޅިން އާ ޓެކްނޮޖީއެއް ބޭނުން ކޮށްގެން ޖައްވީ އުޅަނދުތައް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސައިންސްޓިސްޓުން ފަށައިފި އެވެ. ކުރިން އެއްވެސް އުނިކަމެއް ނެތް ކަމަށް ބުނަމުން ދިޔަ ޓެކްނެލޮޖީތައް ބީރައްޓެހިކޮށްލާ އާ ޓެކްނޮލޮޖީއެއް އުފައްދަން ނާސާއިން ނިންމީ ޖައްވީ އުޅަނދުތައް މަންޒިލަށް ފޮނުވާލުމަށް ހޭދަވާ މުއްދަތު ކުރުމުގެ ބޭނުމުގަ އެވެ.

ނާސާގެ އެޑްމިނިސްޓްރޭޓާ ޖިމް ބްރިޑެސްޓައިން ވިދާޅުވާ ގޮތުންނަމަ، ނާސާއިން ދެން ބޭނުންކުރާނެ ޓެކްނޮލޮޖީ ވެގެންދާނީ ޖައްވީ ހޯދުންތަކުގެ ހުރިހާ ރިމޯޓެއް ނާސާއަށް ލިބި އަދި "ގޭމް ޗޭންޖް" ވެގެންދާނެ ފަދަ ޓެކްނޮޖީއަކަށެވެ.

ހަ މަސް ދުވަސް ވަންދެން ނާސާގެ "ސިއްރު ކޮޓަރި" ތަކުގައި ކުރިއަށް ގެންދިޔަ މި ޓެކްނެލޮޖީގެ ވާހަކަތައް ނާސާގެ އިސްވެރިން މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ޓެކްނޮލޮޖީއަކީ ނިއުކްލިއާ އެވެ.

ޖައްވީ ހޯދުންތައް ދެނެ ގަތުމަށް ފޮނުވާ އުޅަނދުތައް މަންޒިލަށް ދާން ގިނަ މަސް ދުވަސްތައް ނަގާ ކަމުގެ ޝަކުވާ އަކީ އާންމު ޝަކުވާ އެކެވެ. މިކަމަށް ހައްލު ހޯދަން އެންމެ ފުރަތަމަ އަތުކުރި އޮޅާލީ ނާސާ އެވެ. އެގޮތުން ނާސާގެ އިންޖީނިއަރުން މިހާރު މަސައްކަތް ކުރަމުންދަނީ ނިއުކުލިއާ ހަކަތަ ބޭނުން ކޮށްގެން އުޅަނދުތައް އުފައްދާށެވެ.

އާންމު ގޮތެއްގައި ނާސާއިން މާސް އަށް ފޮނުވާ ޖައްވީ އުޅަނދުތަކަށް މާސްއަށް ދެވެނީ 150 ދުވަހާއި 300 އާއި ދެމެދުގެ ދުވަހައެއްގަ އެވެ. އެއީ 54.6 މިލިއަން ކިލޯ މީޓަރެވެ. އުޅަނދު ފޮނުވަން ޖެހެނީ ވެސް އަހަރުގެ ވަކި ދުވަސްތަކެއްގަ އެވެ.

ޖައްވީ އުޅަނދުގައި އެސްޓްރޮނޯޓުން ގިނަ ދުވަސް ވަންދެން ތިބެން ޖެހުމުގެ ސަބަބުން ފިޓްނެސް އަށް ބަދަލުތަކެއް އައިސް ޖައްވުގައި ހަރަކާތްތެރިވުމަށް ބަދަލުތަކެއް އާދެ އެވެ. އޭގެ ސަބަބުން ދިރާސާތަކަށް އަސަރުކުރެ އެވެ. މީގެ އިތުރުން ޖައްވީ އުޅަނދުގައި އެސްޓްރޮނޯޓުން ތިބި ނަމަވެސް ޖައްވުގައި ހުންނަ ރޭޑިއޭޝަންތަކުން ސަލާމަތެއް ނުވެ އެވެ.

އެއީ އެސްޓްރޮނޯޓުންގެ ފުރާނައަށް އޮންނަ ނުރައްކަލަކެވެ. ނަމަވެސް ނިއުކުލިއާ ބޭނުން ކޮށްގެން އުޅަނދު ތައްޔާރު ކުރުމުން މިހުރިހާ ކަމަކަށް ހައްލު ލިބޭނެ ކަމަށް ޖިމް ބްރިޑެސްޓައިން ދެކެ ވަޑައިގަންނަވަ އެވެ. އަދި ވީހާވެސް އަވަހަކަށް ޖައްވަށް ދެވުމަކީ ޖައްވީ ދިރާސާތައް ކުރުމުގައި އެހެން ގައުމުތަކަށް ފަހާ އަތު ނުލެވޭނެ ވަރުގެ ކާމިޔާބީއަކަށް ވާނެ ކަމަށް ވެސް ދެކެ ވަޑައިގަންނަވަ އެވެ.

"މުޅިން ގޭމް ބަދަލު ކޮށްލާނެ ކަމެއް، ނާސާއިން ކުރަން މިއުޅެނީ، މިކަމުގެ ސަބަބުން އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އެބަ ލިބޭ. އެއީ ދުނިޔެއިން މާސްއަށް ދަތުރު ކުރާއިރު ރޭޑިއޭޝަނުގެ އަސަރު ވަރަށް ބޮޑަށް ކުރޭ" އާ ޓެކްނެލޮޖީގެ މައުލޫމާތު އެމެރިކާގެ ނޭޝަނަލް ސްޕޭސް ކައުންސިލް އަށް ދެއްވަމުން ޖިމް ބްރިޑެސްޓައިން ވިދާޅުވި އެވެ.

އަދި އެއީ "ނިއުކުލިއާ" ކަމަށް ވެސް ސްޕޭސް ކައުންސިލާއެކު ދިޔަ ބައްދަލުވުމުގެ ތެރެއިން ޖިމް ބްރިޑެސްޓައިން ވަނީ ޔަގީންކޮށް ދެއްވާފަ އެވެ.

ޖިމް ބްރިޑެސްޓައިން ވިދާޅުވާ ގޮތުންނަމަ ނިއުކުލިއާ ހަކަތަ ބޭނުން ކޮށްގެން މާސްއަށް ދިޔުމަށް ހޭދަވަނީ ގިނަ ވެގެން ދުނިޔޭގެ ވަގުތުން ތިން މަސް ދުވަހެވެ. އެއީ ނިއުކުލިއާ ހަކަތަ ބޭނުން ކޮށްގެން އުޅަނދު އުފައްދާ، އަދި އުޅަނދުގެ އިންޖީނަކީ ތެލުގެ ބަދަލުގައި ނިއުކުލިއާ ހަކަތައިން މަސައްކަތް ކުރާ އެއްޗަކަށް ވާނަމަ، އޭގެ ދުވެލި އެހެން ޖައްވީ އުޅަނދުތަކަށްވުރެ ބާރު ވާނެ އެވެ. ކައިރިވެސް ނުކުރެވޭހާ ބާރު މިނުގައި އުޅަނދު ދުވާނެ އެވެ. އެ ބާރު މިނަށް ނާސާއިން މިހާރު ވަނީ ނަމެއް ކިޔަން ވެސް ތައްޔާރުވެފަ އެވެ.

އެމެރިކާގެ ސްޕޭސް ކައުންސިލުން ވަނީ އަންނަ މަހު ނާސާއަށް 22.3 ބިލިއަން ޑޮލަރުގެ ބަޖެޓެއް، ނިއުކުލިއާ ޖައްވީ އުޅަނދު އުފެއްދުމަށް ދޭން ނިންމައި ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފަ އެވެ. ނާސާއަށް ނިއުކުލިއާ ޖައްވީ އުޅަނދަކީ އާ ހޯދުމެއް ކަމަށް ބުނުމުން އެހެން ގައުމުތަކުގެ ސައިންސްވެރިން ވަނީ އެކަމަށް ހަޖޫ ޖަހާފަ އެވެ.

ސަބަބަކީ މިހާރުވެސް ޗައިނާއިން ނިއުކުލިއާ ޖައްވީ އުޅަނދު ތައްޔާރުކޮށްފައިވުމެވެ. ނިއުކުލިއާ އުޅަނދު ޖައްވަށް ނުފޮނުވާ ބަހައްޓާފައިވަނީ ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ކަމަށް ޗައިނާއިން ވަނީ މިހާރުވެސް ބުނެފަ އެވެ. އެމެރިކާ ކާމިޔާބު ހޯދުމުގެ އުއްމީދުގައި ދުނިޔެ ނުރައްކަލަކަށް ވައްޓާ ނުލާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ޗައިނާގެ ޖައްވީ ކަންތައް ބަލަހައްޓާ ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް ނާސާއިން އޭގެ ރައްދުގައި ބުނީ، ހަނދަށް ފުރަތަމަ އިންސާނާ ފޮނުވި ކަމުގެ ޝަރަފު ހޯދިގޮތަށް ނިއުކުލިއާ އުޅަނދުވެސް ފޮނުވުމުގެ ޝަރަފު ހޯދާނެ ކަމަށެވެ.