އަބްދުﷲ ދީދީ

ޑީޑީ ވަކިކުރަން ކޮމިޓީން ނިންމައި ތަޅުމަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފި އެވެ.

ފަނޑިޔާރު ޑީޑީ ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާގައި، ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވަނީ ފަނޑިޔާރު ޑީޑީ ވަކިކުރަން ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފަ އެވެ. އަދި މިއަދުގެ ޖަލްސާގައި ފަނޑިޔާރު ޑީޑީ ވަކިކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ގާނޫނު އަސާސީގައި، ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް އޮންނަ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު ވަކި ކުރަން ފެންނަ ނަމަ އެ މައްސަލައެއް މަޖިލީހަށް ފޮނުވުމެވެ. ފަނޑިޔާރަކު މަގާމުން ވަކި ވާނީ އެކަމެއް މަޖިލީހުން ފާސްކޮށްފިނަމަ އެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން، ފަނޑިޔާރުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާގައި އެ ކަމަށް ނަގާ ވޯޓުގައި ބައިވެރިވެވަޑައިގެންނަވާ މެންބަރުންގެ ތިން ބައި ކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އެހެންވީއިރު، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް އެކަނި މަޖިލީހުގައި 65 މެންބަރުން ތިއްބަވަ އެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް ފުލުހުން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނަތްތެރިވި ފައިސާ ލޯންޑަކުރި މައްސަލާގައި މިހާތަނަށް ހޯދިފައިވާ ހެކީގައި ފަނޑިޔާރެއްގެ މަގާމެއްގައި ހުންނަވައި އެކި ފަހަރު މަތިން ޑީޑީ ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރެ އެވެ. އަދި ފަނޑިޔާރު ދީދީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރާ މީހުން ދޫކޮށްލުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރެވެ އެވެ.

ފަނޑިޔާރު ދީދީއާ ގުޅޭ ގިނަ ތުހުމަތުތަކަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގީ ކޮމެޓީއިން ބަލާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެއީ ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތިންނެވެ. ނަމަވެސް ހުޅުވާލައިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ދީދީ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ޖަވާބު ދެއްވީ އޭގެ ފަހުން ލިޔުމުންނެވެ.

ލިޔުމުން ޖަވާބު ދެއްވުމަށްފަހު ފަނޑިޔާރު ދީދީ، ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ މެލޭޝިއާއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައިނުގަންނަވަ އެވެ. އަދި އޭނާ ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކުރުމަށް ވެސް އަމިއްލަފުޅަށް އެދިވަޑައިގެންފަ އެވެ.