މިނިމަމް ވޭޖް

އަވަހަށް މިނިމަމް ވޭޖް ކަނޑައަޅަން ގޮވާލާ ގަރާރެއް

ވަޒީފާ އަދާ ކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބެން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަނޑައެޅުން އަވަސް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅުއްވައިފި އެވެ.

ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވި ގަރާރުގައި ވަނީ، ގާނޫނަކުން އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާއިރު، އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ އުސޫލެއް އޮތުން މުހިއްމު ކަމަށާއި ވަޒީފާތަކުގެ އިތުރުން ވަގުތީ ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުނަށް ވެސް އެންމެ ކުޑަ އުޖޫރައެއް އޮންނަން ވާނެ ކަމަށެވެ.

އެ ގަރާރުގައިވާ ގޮތުން، އެކި ސިނާއަތްތަކަށް އެކި އަދަދު ކަނޑައެޅުމަކީ މުހިއްމު ކަމެކެވެ. އަދި ހުރިހާ ސިނާއަތަކަށް އެއް އަދަދެއް ކަނޑައެޅުމަކީ އޮތް ގޮތެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ކަނޑައަޅާ އުޖޫރަ ނުދޭ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ވެސް ހިމަނާފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުގެ އިންތިހާބަށް އެމްޑީޕީން އެކުލަވައިލި "އެޖެންޑާ 19" މެނިފެސްޓޯގައި ވެސް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ހިމެނެ އެވެ. އެ ގޮތުން ދުވާލެއްގެ މައްޗަށް އެންމެ ކުޑަވެގެން 200 ރުފިޔާގެ އުޖޫރައެއް ދިނުމަށް ލިޔެފައި ވެއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ވައުދެކެވެ.