ހަބަރު

ބޮޑެތި މައްސަލަތަކާ ހަވާލުވާން ވަކީލުން ފަސްޖެހޭތީ ފަނޑިޔާރުގެ ނުރުހުން

މަރުގެ ބޮޑެތި މައްސަލަތަކާ ދިފާއީ ވަކީލުން ހަވާލުވާން ފަސް ޖެހޭތީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފި އެވެ.

އެ ނުރުހުން ފަނޑިޔާރު ފާޅު ކުރެއްވީ ލޮރެންޒޯ ޕާކް ތެރޭގައި ހުއްޓާ 2012 ވަނަ އަހަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް 16، މަރާލި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލާގައިި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

އަރުހަމް މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާ ކުރި އެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ އެންމެ މީހަކަށެވެ. އެއީ ލ. މާވަށް އެވަބްލޫ މުހައްމަދު ވިސާމްގެ މައްޗަށެވެ. އޭނާ މަރަން ހުކުމްކުރި އިރު ދެން ތިބި ތިން މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކުރި އެވެ.

ކުށް ސާބިތު ނުވެ ސަލާމަތްވީ، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފިޔާން އާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އަދި ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފެވެ. ޕީޖީގެ ފަރާތުން އެ ތިން މީހުންގެ ބައި ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ޕީޖީއިން ގަބޫލު ކުރެ އެވެ.

އެގޮތުން ހުށަހެޅި މައްސަލާގައި މިއަދު ހެނދުނު ވަނީ މައްސަލާގެ އަޑުއެހުމެއް ހައިކޯޓުގައި ބާއްވާފަ އެވެ. ހައިކޯޓުގައި ބޭއްވި މިއީ މި މައްސަލާގެ ދެވަނަ އަޑުއެހުމެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމަށް ތިން މީހުން ވެސް ވަކީލުންނާއެކު ހާޒިރު ނުވާތީ ވަކީލަކު ހޯދަން ފުރުސަތު ދިނެވެ. މިއަދު ތިން މީހުން އައީ ވަކީލަކާއެކު އެވެ. ތިން މީހުންގެ ވެސް ވަކީލަކީ ވަކީލް އަލީ ޝާހެވެ.

މިއަދުގެ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް އަބްދުﷲ ރާބިއު ވަނީ ތިން މީހުންނަށް ވެސް އަރުހަމްގެ ކުށް ސާބިތުވާކަން މައްސަލާގެ ހެކިތަކާއި ގަރީނާތަކުން އެއްވެސް ޝައްކެއް ނެތް ކަމަށް ސާބިތުވާން އޮތްކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ނުކުތާތަކެއް ފާހަގަ ކުރައްވާފަ އެވެ. އެހެންވެ އެ ތިން މީހުން މަރަން ހުކުމްކޮށް ދޭން ހައިކޯޓުގައި އެދުނެވެ.

އެއާއެކު، ތިން މީހުންގެ ވަކީލް އަލީ ޝާހް ވަނީ މައްސަލާގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. މިއަދަށް އޭނާއަށް ޖަވާބު ތައްޔާރު ކުރެވިފައިނުވާ ކަމަށް ވިދާޅުވި އެވެ. އެއީ އޭނާއަށް މައްސަލާގެ ލިޔުންތައް ލިބުނީ އިއްޔެ ކަމަށާއި މައްސަލައާ ހަވާލުވެ ލިޔުން ކޯޓަށް ވެސް ހުށަހެޅީ މިއަދު ކަމަށް އަލީ ޝާހް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. ވަކީލުން ހޯދަން އެހާ ގިނަ ދުވަސް ނެގީ ކީއްވެތޯ އާއި އެންމެ ވަކީލަކު އައްޔަންކުރީ ކީއްވެގެންތޯ އެއްސެވި އެވެ.

އެއަށް އަލީ ޝާހް ޖަވާބު ދެއްވި އެވެ. އޭނާ ވިދާޅުވީ މައްސަލާގައި ތިން މީހުން ވެސް ވަކީލުން ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މައްސަލައިގެ ބާވަތުން އެއްވެސް ވަކީލަކު މައްސަލަ ނަގަން ބޭނުން ނުވުމުން އޭނާ މައްސަލައާ ހަވާލުވީ ކަމަށެވެ. އެއާއެކު، ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ވަކީލުން ނުވަނީ ކީއްތޯ އާއި މައްސަލައިގެ ބާވަތުން ވަކީލުން ނުވަނީ ކީއްވެތޯ އައްސަވާފަ އެވެ.

ޝާހް ވިދާޅުވީ މަރުގެ މައްސަލަތަކުގައި އުޅޭ ވަކީލުން ބޭނުން ނުވާ ކަމަށެވެ. އެއީ މުޖުތަމައުގެ ހާލަތު އޮތް ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ. އެ ވާހަކައާ ވަރަށް ބޮޑަށް ނުރުހުންވެ ފަނޑިޔާރު ނިޔާޒު ވިދާޅުވީ ވަކީލުންނަކީ ވަކި ޕްރޮފެޝަނަކަށްވާއިރު މައްސަލައިގެ ބާވަތުން ވަކިވަކި މައްސަލަ ހޮވައިގެން ވަކީލުން ހަވާލުވުމަކީ މައްސަލައެއް ކަމަށެވެ. ވަކީލުން ވާން ޖެހެނީ ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި މައްސަލަތަކާ ހަވާލުވެ އެމީހުންގެ ޒިންމާ އަދާ ކުރަން ޖެހޭނެ ބައެއް ކަމަށެވެ.

ފަނޑިޔާރުގެ އެ ވާހަކައަށް ޖަވާބު ދެއްވަމުން ވަކީލް ޝާހް ވިދާޅުވީ ކަމުގެ ހޫނުކަން އެނގޭނީ އެކަން ކުރާ ބަޔަކަށް ކަމަށެވެ. މުޖުތަމައުގެ ހާލަތު އޮތް ގޮތުން މިފަދަ މަރުގެ މައްސަލަތަކުގައި މީހުންގެ ދިފާއުުގައި ވަކާލާތު ކުރުމަކީ އޭގެ ސަބަބުން މީހުންގެ ނުރުހުމާއި އިންޒާރުތަކާއި ފުރައްސާރަތައް ވަކީލުންނަށް ލިބޭ ކަމެއް ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ދެން ސުވާލު ކުރެއްވީ ދައުލަތުން ވަކީލުން ހަމަޖައްސައިދިނުމުގެ އުސޫލާ ގުޅޭ ގޮތުންނެވެ. ބަންޑާރަ ނައިބުގެ ފަރާތުން ގެންގުޅޭ ވަކީލުން މީހުންނަށް ފޯރުކޮށްދެނީ ކިހިނެއްތޯ ފަނޑިޔާރު ނިޔާޒު، ޕީޖީއާ ސުވާލު ކުރެއްވި އެވެ. ވަކީލް ރާބިއު ވިދާޅުވީ ދައުލަތުން ވަކީލުން ފޯރުކޮށްދިނުމުގައި އުސޫލުތަކެއް ހުންނަ ކަމަށެވެ. އަދި ހާއްސަކޮށް މަރުގެ މައްސަލަތަކުގައި ދައުލަތުން ވަކީލުން ހަމަޖައްސައިދޭން އިސްކަން ދޭ ކަމަށެވެ. ނަމަވެސް މި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު ދައުވާ ލިބޭ މީހުން އަމިއްލަ ވަކީލުން ގެންގުޅުނު ކަމަށާއި އެހެންވެ އެމީހުންނަކީ ވަކީލުން އައްޔަން ކުރުމުގެ ތަނަވަސްކަން ހުރި ބައެއްކަން އެނގޭ ކަމަށެވެ. އަދި ފަހުން ދައުލަތުގެ ވަކީލަކު އައްޔަން ކޮށް ދިނުމަށް ދައުވާ ލިބޭ މީހުން އެދިފައި ނުވާކަން ވެސް ރާބިއު ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ވަނީ ދައުވާ ލިބޭ މީހުންނާ ސުވާލުކޮށްފަ އެވެ. އެމީހުން ވަކީލުން ހޯދަން ކުރި މަަސައްކަތާއި ދައުލަތުން ވަކީލުން ހަމަޖައްސައިދޭކަން އެނގޭތޯ ފަނޑިޔާރު އެއްސެވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ސުފްޔާން އާއި އާތިފް ބުނީ ވަރަށް ގިނަ ވަކީލުންނާ ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެއްވެސް ވަކީލަކު އެއްބަސްނުވި ކަމަށެވެ. އަދި ވަކީލުންގެ އަގާއި ޑިމާންޑް ވެސް ވަރަށް ބޮޑު ކަމަށް އެމީހުން ބުންޏެވެ.

އޭގެ އިތުރުން ވަކީލަކު ނުލިބިގެން ދައުލަތުގެ ވަކީލެއް ހަމަޖައްސައިދޭން އެދެވެން އޮންނަ ކަމުގެ މައުލޫމާތު އެމީހުންނަށް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ. އެ ދެ މީހުން އެހެން ބުނުމުން ފަނޑިޔާރު ނިޒާރު ވަނީ އެފަދަ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދީ ފަސޭހައިން ލިބެން ހުންނާނެ ގޮތަކަށް ޕީޖީއިން ހަދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.