ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އޭނާ މަގާމުން ވަކިކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވޯޓެއް ނުދެއްވި އެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުން ފާސްކުރީ 72 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އެ މެންބަރަކީ ގާސިމް އިބްރާހިމެވެ.
ފަނޑިޔާރު ދީދީ ވަކިކުރަން ގާސިމް ވޯޓު ނުދެއްވިއިރު، ދީދީ ވަކިކުރަން ނިންމި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް އޭނާ ބަހުސް ވެސް ނުކުރައްވަ އެވެ. ޖުމްހޫރީ ޕާޓީން ބަހުސް ކުރުމުގެ ފުރުސަތަށް އެދިގެން އެ ރިޕޯޓަށް ބަހުސް ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެކަންޏެވެ. އަލީ ވާހަކަ ދެއްކެވީ ފަނޑިޔާރުކަމުން ދީދީ ވަކިކުރުމަށް ތާއީދު ކުރައްވަ އެވެ.
ދީދީގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްނަގައިގެން ބަލަން ފެށީ ފުލުހުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ގޮތުން ފަނޑިޔާރެއްގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރާ މީހުން ދޫކޮށްލުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު ކުރެވެ އެވެ.
ދީދީއާ ގުޅޭ ގިނަ ތުހުމަތުތަކަކާއެކު އޭނާގެ މައްސަލަ ޖޭއެސްސީގެ ތަހުގީގީ ކޮމެޓީއިން ބަލާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެއީ ފަނޑިޔާރު ދީދީގެ ވެސް އެދިވަޑައިގެންނެވުމުގެ މަތިންނެވެ. ނަމަވެސް ހުޅުވާލައިގެން ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ދީދީ ތުހުމަތުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ޖަވާބު ދެއްވީ އޭގެ ފަހުން ލިޔުމުންނެވެ.
ލިޔުމުން ޖަވާބު ދެއްވުމަށްފަހު ފަނޑިޔާރު ދީދީ ވަނީ ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ މެލޭޝިއާއަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން އަދި ރާއްޖެ ވަޑައިނުގަންނަވަ އެވެ. އަދި އޭނާ ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލް ކުރުމަށް ވެސް އަމިއްލަފުޅަށް އެދިވަޑައިގެންފަ އެވެ.