ހަބަރު

ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމްގެ ނަން ރައީސް ފޮނުވައިފި

Aug 28, 2019
4

ހުސްވެފައިވާ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އަލީ ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.

އޭނާގެ ނަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާއިރު އޭނާ މަގާމަށް އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިނަމަ އެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް މަޖިލީހުން އެކަމުގައި ގޮތް ނިންމާނެ އެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސީރު ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނި ކޮށެވެ.

އެގޮތުން، މަނީ ލޯންޑަރިންގް މައްސަލަތައް ބަލަން ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުގެ މަސައްކަތަށް ނަސީރު ނުފޫޒުފޯރުވަން އުޅުއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތުހުމަތުކޮށްފަ އެވެ.