ހަބަރު

ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުންނާ، ޝާހިދު ބައްދަލުކޮށްފި

Aug 28, 2019

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުންނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ރާއްޖެ ވަޑައިގެންފައި މިވަނީ ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް ހުށަހަޅާފައިވާތީ، ރާއްޖޭގެ ހާލަތު ދިރާސާކުރުމަށް ކަމާއި ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ.

މިއަދު މެންދުރުފަހު މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން ކޮމަންވެލްތުގެ ހަމަތައް ގަބޫލުކޮށް، ކުރިއެރުވުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޑިމޮކްރަސީއާއި ހެޔޮވެރިކަން ގާއިމްކުރުމާއި، އިންސާނީ ހައްގުތަކާއި ޖަވާބުދާރީވުމުގެ ނިޒާމްތައް ހަރުދަނާކުރުން ހިމެނެއެވެ. މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި މިސަރުކާރު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް އައީއްސުރެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ އެސެސްމަންޓް މިޝަންއިން ރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ކުރާ މަސައްކަތަށް ބާރު ލިބޭނެ ރެކޮމެންޑޭޝަނެއް ސެކްރެޓަރީ ޖެނެރަލްއަށް އަރުވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހުށަހެޅުއްވުމާއި ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހު ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ރާއްޖެއަށް ވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން މިއަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް އެޕްރީލް މަހު އޮބްޒާވާ މިޝަންއަށްވެސް ވަޑައިގަތެވެ. މިނިސްޓަރު ޝާހިދު އެންމެ ފަހުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހު، ކަމްޕާލާ ކޮމިއުނިކޭގެ ދަށުން ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ލިޔެކިޔުންތައް ހުށަހެޅުއްވުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމަންވެލްތު އެސެސްމަންޓް ޓީމްގެ ފަރާތުން ވަނީ ރާއްޖެއިން ކޮމަންވެލްތާއި ގުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމާއި ބޭނުންވެފައިވާކަން ބައްދަލުކުރެވުނު ފަރާތްތަކުގެ ފަރާތުން އެނގިގެން ދިޔަކަން ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތާއި އަނބުރާ ގުޅުމަށް ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތުން ޑިއު ޕްރޮސެސް ފުރިހަމަކޮށް، އެޖަމްއިއްޔާގެ މެމްބަރުކަން ރާއްޖެއަށް އަނެއްކާވެސް ލިބޭނެކަމުގެ ޔަގީންކަން އެ ޓީމުން ދެއްވިއެވެ.

ކޮމަންވެލްތު އެސެސްމަންޓް ޓީމުގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއާ ޑިރެކްޓާ މިސް ކަޓަލައިނާ ސަޕްލޯ، ކޮމަންވެލްތު ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ އޭން ގެލެގާ، ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ އެޑްވައިޒާ ފޯ ޓްރޭޑް ކޮމްޕެޓެޓިވްނަސް މރ ސުޖީވަން ޕެރޭރާ، ސެކްރެޓޭރިއެޓްގެ ޕޮލިޓިކަލް އޮފިސަރު މރ ޖޮނަތަން ޗެންގް އެވެ.

މިނިސްޓަރު ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލް، އެމްބެސެޑާ އެޓް ލާޖް ޑރ. އާސިމް އަހުމަދު، އެޑިޝަނަލް ސެކްރެޓަރީ ޖާވިދް ފައިޒަލް އަދި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އަހުމަދު ސަލްމާން ޒަކީއެވެ. ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުން މިމަހުގެ 25 އިން 29 އަށް ރާއްޖޭގައި ހަރަކާތްތެރިވެވަޑައިގަންނަވާއިރު ކަމާއި ގުޅުން ހުރި އެކި ދާއިރާތަކުގެ ފަރާތްތަކާއި ބައްދަލުކުރައްވާފައިވެއެވެ.