ކުޅިވަރު

ޔުނައިޓެޑުން ބާކީ ވެފައި ހުރި ސަންޗޭޒް އިންޓައަށް

މެންޗެސްޓާ ޔުނައިޓެޑުން އެކަށީގެންވާ މިންވަރަށް ފުރުސަތު ނުލިބި ހުރި، ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް، އިންޓަ މިލާނަށް ބަދަލުވުމަށް ދެ ކުލަބުން އެއްބަސް ވެއްޖެ އެވެ.

ދެ ކުލަބުގެ ދެމެދުގައި ރަސްމީ އެއްބަސްވުމެއް ހެދިފައި ނެތް ނަމަވެސް، ސަންޗޭޒް ވަނީ މިލާންއަށް ގޮސްފަ އެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު، އާސެނަލްއިން ޔުނައިޓަޑާ ގުޅުނު ފޯވަޑަށް ޔުނައިޓަޑްގައި ފުރުސަތު ލިބިފައި ވަނީ ވަރަށް މަދުންނެވެ.

ޔުނައިޓަޑްގައި އޭނާ ކުޅުނު 32 މެޗުގައި އޭނާ ޖެހީ ޕްރިމިއާ ލީގްގައި ކާމިޔާބު ކުރި ތިން ލަނޑެވެ. މި ސީޒަންގައި އަދި ޔުނައިޓަޑުން އޭނާ އޭނާއަށް އެންމެ ފުރުސަތެއް ވެސް ލިބިފައެއް ނުވެ އެވެ.

އިންޓައިން ވަނީ މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓަޑްގެ އެހެން ފޯވަޑެއްވެސް ސޮއި ކުރުވާފަ އެވެ. އެއީ 80 މިލިއަން ޔޫރޯ ޔުނައިޓަޑް ދިނުމަށް ފަހު ގެނައި ރޮމެލޫ ލުކާކޫ އެވެ.

އިންޓަގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ، ޗެލްސީއަށް ކޯޗް ކޮށްދިން އިރު އޭނާ ވަނީ ލުކާކޫ އާއި ސަންޗޭޒް ޗެލްސީ އަށް ގެންދިއުމަށް މަސައްކަތް ކޮށްފަ އެވެ. ސަންޗޭޒް ވަނީ މީގެ ކުރިންވެސް އިޓަލީއަން ލީގްގައި ކުޅެފަ އެވެ. އުޑިނޭޒީއަށް ތިން އަހަރު ވަންދެން އޭނާ ވަނީ ކުޅެފަ އެވެ.