ހަބަރު

ވަގަށް ވެހިކަލްތައް އެތެރެކުރުމުގައި އެމްޕީއެލްގެ އިހުމާލެއް ނެތް

Aug 29, 2019

ދެ ކޮންޓެއިނަރެއްގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރި ގިނަ އަދަދެއްގެ ވަހިކަލްތަކެއް ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، އެކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިހުމާލެއްނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އިއްޔެ އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ކޮންޓެއިނަރަކީ ވެސް އޭގައިހުރި މުދަލާއެކު ކޮންޓެއިނަރުތައް ހުރި ގޮތަށް އެތެރެކުރި ފަރާތުން ބޭނުންވާ ތަނަކަށް ގެންގޮސްގެން މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ކޮންޓެއިނަރުތަކެއް ކަމަށެވެ.

އެގޮތުން، އެމްޕީއެލުން ބުނީ އެ ކޮންޓެއިނަރުތައް ދޫކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ މުދާ ދޫކުރުމުގައި އާންމުކޮށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން މި ކަމުގައި މި ކުންފުނީގެ އެއްވެސް އިހުމާލެއް ނެތްކަމުގައި އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޑިޔުޓީއެއް ނުދައްކާ އެ ވެހިކަލްތައް އެތެރުކުރި މައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ބަލަމުންދާއިރު، އެ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އެމްޕީއެލުން ބުންޏެވެ.