ރިޕޯޓް

ވެހިކަލްތައް އަތުލައިގަތީ ގިނަ ކޮންޓެއިނަރުތަކެއް އެތެރެކުރި ފަހުން!

Aug 30, 2019
20

މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭން ވަގަށް އެތެރެކޮށްފައިވާ ވެހިކަލްތަކެއް ކަސްޓަމްސް އިން އަތުލައިގެންފައިވަނީ، މިއަހަރު ވެސް ގިނަ އަދަދެއްގެ ކޮންޓެއިނަރުތަކެއް އެތެރެކުރި ފަހުން ކަމަށް އަވަސް އަށް މައުލޫމާތު ލިބިއްޖެ އެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. މި ވެހިކަލްތަކުގެ ސީއެންޑްއެފް އަގު 586،000ރ. އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ކޮންޓެއިނަރު އެތެރެކުރި ފަރާތުން ވަނީ މިދިޔަ މާޗު މަހުން ފެށިގެން ޖުމްލަ ނުވަ ޝިޕްމަންޓެއްގެ ދަށުން މުދާ ހުޅުމާލޭ ބަނދަރުން އެތެރެކޮށްފަ އެވެ. އޭގެން ކޮންމެ ޝިޕްމަންޓެއްގައި ދެ ކޮންޓެއިނަރުގެ މުދާ ގެންނަ ކަމަށްވެސްވެ އެވެ. ނަމަވެސް، އެ މައްސަލާގައި އެއްވެސް އިދާރާއަކުން އަދި މިހާތަނަށް މާބޮޑު މައުލޫމާތެއް ހިއްސާކޮށްފައިނުވާތީ އެ ކޮންޓެއިނަރުތައް އެތެރެކުރީ ކޮން ބަޔެއް ކަމެއް ނޭނގެ އެވެ. އަދި ކުރިން އެތެރެކުރި ކޮންޓެއިނަރު ތަކުގައި ވެސް ވެހިކަލްތަކެއް ވަގަށް އެތެރެކޮށްފައިވެދާނެތޯ ސުވާލުކުރުމުން ކަސްޓަމްސް އަކުންވެސް ފުލުހުން ވެސް އެއްޗެއް ނުބުންޏެވެ.

ނަމަވެސް، އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ކޮންޓެއިނަރުތައް އަތުލައިގަތީ ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. އަދި މިއީ ވަގަށް ވެހިކަލް އެތެރެކުރަން ގެނައި ހަތަރު ވަނަ ޝިޕްމަންޓްކަމަށްވެސް ކަސްޓަމްސްއަށް އެނގިފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ވެހިކަލްތައް ހުރީ ލަކުޑިތަކުގެ ފަހަތުގައި

މައުލޫމާތު ލިބޭ ގޮތުގައި، އެ ވެހިކަލްތައް ފޮރުވާފައިހުރީ ލަކުޑިތަކުގެ ފަހަތުގަ އެވެ. ކޮންޓެއިނަރު ހުޅުވާލާއިރަށް ލަކުޑިތައް ފެންނަން ހުންނަ ގޮތަށެވެ.

"ހުޅުވާލާއިރު ލަކުޑިތައް ފެންނަ ގޮތަށް ހުރީ ލަކުޑިތައް ބަރިބަރިއަށް ޖަހާފައި. އޭގެ ފަހަތުގައި ވެހިކަލްތައް ހުރީ. އެހެންވީމާ އެމްޕީއެލުން ޗެކު ކުރާއިރު ނޭނގޭނެ އެންނުން،" މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުދާ ކްލިއާ ކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

އެމްޕީއެލުން ބުނެފައިވާ ގޮތުގައި އެ ކޮންޓެއިނަރުތައް ދޫކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ މުދާ ދޫކުރުމުގައި އާންމުކޮށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. އެ ބުނާ އުސޫލަށް ބަލާއިރު، އެއް ވައްތަރެއްގެ މުދާ ހުންނަ ކޮންޓެއިނަރުތައް ގިނަ ފަހަރު އެމްޕީއެލުން މާބޮޑަށް ޗެކެއް ނުކުރެ އެވެ. އަދި އެމްޕީއެލުން ބުނީ އެ ދެ ކޮންޓެއިނަރަކީ ވެސް އޭގައިހުރި މުދަލާއެކު ކޮންޓެއިނަރުތައް ހުރި ގޮތަށް އެތެރެކުރި ފަރާތުން ބޭނުންވާ ތަނަކަށް ގެންގޮސްގެން މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ކޮންޓެއިނަރުތަކެއް ކަމަށެވެ.

"އޭގައި ހުރީ ހުސް ލަކުޑި. އެ ނެރޭވޭނީ ފޯކު ލިފްޓަކުން. އަނެއްކާ ހުސް އެއް ވައްތަރެއްގެ މުދާ ހުންނަ ކޮންޓެއިނަރުތައް އެމްޕީއެލުން ގިނަ ފަހަރު ނުބަލާނެ. އެއީ އޭގައި ހުރި މުދާ ޓެލީ ކުރަން ނުޖެހޭތީ،" އެ މުވައްޒަފު ކިޔައިދިނެވެ. އޭނާ ބުނާ ގޮތުގައި ކޮންޓެއިނަރުތަކުގައި ގަވައިދާ ހިލާފު އެއްޗެއް ހުރިތޯ ބެލުމަކީ ކަސްޓަމްސްގެ ޒިންމާގެ ދަށުން ކުރާ ކަމެއް ކަމަށެވެ.

ކޮންޓެއިނަރުތައް ނެރެނީ ދަންވަރު

އެނގިފައިވާ ގޮތުގައި ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވެހިކަލްތައް ހޯދީ، ހުޅުމާލޭގެ ގާކޮށި ސަރަހައްދުގައި ފޮރުވާފައި ހުއްޓަ އެވެ. އެ ކޮންޓެއިނަރުތައް ގެނައި މީހުން އެހެން ކޮންޓެއިނަރުތައް ވެސް ނެރެގެން ގެންދަނީ ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި ކަމަށްވެ އެވެ.

"މާލެއަށް ބާލައިގެން އެކަހަލަ ކަމެއް ނުކުރެވޭނެ. ހުޅުމާލޭން އެ ޝިޕްމަންޓުތައް ކްލިއާ ކުރަނީ ރޭގަނޑު ވަރަށް ލަސްވާފަހުން. އެންމެ ފަހުން ދޫކުރާ މުދާތަކުގެ ތެރޭގައި އެމީހުން އެ ކޮންޓެއިނަރުތައް ނެރެގެން ގެންގޮސްފައިހުރީ،" އެމްޕީއެލްގެ މުވައްޒަފަކު ނަން ނުޖަހާ ގޮތަށް އަވަސް އަށް ބުންޏެވެ.

ވެހިކަލްތައް އެތެރެކުރުމުގެ މަގްސަދާމެދު ގިނަ ސުވާލުތަކެއް

ޑިޔުޓީ ނުދައްކަންވެގެން ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ބޮޑެވެ. އެފަދަ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި އެބަހުއްޓެވެ. އަދި އެކަން ކުރެވޭނީ އެމްޕީއެލްގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުންނާ ގުޅިގެންކަމަށް ވެސް ވަނީ ތުހުމަތުކުރެވިފަ އެވެ.

ނަމަވެސް، އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ވެހިކަލް އެތެރެކުރުމުން ވަރަށް ބޮޑަށް ސުވާލު އުފައްދަންޖެހެ އެވެ. ސަބަބަކީ، ވަގަށް އެތެރެކުރާ ވެހިކަލްތަކަށް ފޭކު ރަޖިސްޓްރޭޝަން ހަދައިގެން ވިޔަސް، މަގުތަކަށް ނެރެ ދުއްވުމަކީ ހާއްސަކޮށް މިހާރު އެހާ ފަސޭހަކަމަކަށް ނުވާނެތީ އެވެ. ދެން އޮތީ އެ ވެހިކަލްތަކަކީ ސްޕެއާ ޕާޓްސްގެ ގޮތުގައި ބޭނުންކުރަން ގެނައި ވެހިކަލްތައްކަމަށް ބެލުމެވެ. ނަމަވެސް، އެ ގޮތަށް ބަލާއިރު، ވެހިކަލްތައް ހުރި ގޮތަށް ގެނެސްފައިހުރުމުން އެ ވިސްނުންވެސް ދެކޮޅެއް ނުޖެއްސެ އެވެ.

އެހެންކަމުން، އެ ވެހިކަލްތަކުގެ ތެރޭގައި ކޮންމެވެސް އެހެން އެއްޗެއް ފޮރުވާފައިހުރިކަމުގެ ކަންބޮޑުވުން އޮތީ އެހެންވީމަ އެވެ.

ކޮންމެ އެއްޗެއް ވެސް ގެނެވިދާނެ؟

ވެހިކަލްތައް އަތުލައިގެން ހަބަރު އާންމުންވުމާއެކު ގިނަ ބަޔެއްގެ މެދުގައި އުފެދުނީ މައިގަނޑު އެންމެ ސުވާލެކެވެ. ބޮޑެތި ވެހިކަލްތަކެއް އެ ގޮތަށް އެތެރެކުރެވޭނަމަ އެހެން އެއްޗެހި އެތެރެކުރަން މާ ފަސޭހަވާނެ ކަމެވެ. ކުޑަ ކުޑަ ރާއްޖެއަށް އެތެރެކުރާ ވެހިކަލްތަކުގެ އިތުރުން މަސްތުވާތަކެތިވެސް ކޮންޓްރޯލް ނުވެގެން އުޅޭ ސަބަބު ހާމަވެފައިވާކަމަށް ވެސް އަނެއް ބަޔަކު ދަނީ ބުނަމުންނެވެ.

ދެން އޮތީ އިހުމާލުގެ ވާހަކަ އެވެ. ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުގެ ހިޔަނި އެޅިފައިވާ އެމްޕީއެލްގެ އިތުރުން ކަސްޓަމްސްގެ ހިއްސާ މި ކަމުގައި ބޮޑު ކަމެވެ. އަދި މިކަމަކީ އާންމުންކޮށް ހިނގަމުންދާ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދައުލަތަށް ދައްކަންޖެހޭ ޑިޔުޓީން ސަލާމަތްވުމަށް އެ ދެ ތަނުގެ ކަމާ ގުޅޭ މުވައްޒަފުންނަށް ރިޝްވަތު ދިނުމުގެ ސަގާފަތެއް ޒަމާނުއްސުރެ އޮންނަ ކަމަށްވެސްވެ އެވެ. އެކަމުގެ ސަބަބުން އެފަދަ ކޮންމެ ޝިޕްމަންޓަކާއެކު ގެއްލިގެން ދަނީ ދައުލަތަށް ވަންނަންޖެހޭ އެތައް މިލިއަން ރުފިޔާ އެކެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހަމަ ރައްޔިތުންގެ ފައިސާ އެވެ.