ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(27 އޯގަސްޓް 2019 އާ ގުޅޭ)

"އޯއި!.... އާނ!... މިއަދު ހަމަ މިއައީ... ހިނގާ ދިމާވާން، މާދަމާ ރޭ އޯކޭވާނެ، ލިއަމް ވެސް އެގަޑިއަށް އޮފީހަށް ދާނެހެން ހީވަނީ" ހޭޒަލް އިނީ ފޯނުން ވާހަކަދައްކާށެވެ.

ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ ހޭޒަލްގެ ގާތް ރަޙުމަތްތެރީންގެ ތެރެއިން ނަޝާ އެވެ. އޭނާއަކީ ދެ ކުދީންގެ މަންމައެކެވެ. ޢާއިލާގެ ކަންތައްތައް ހުރި ގޮތުން ޢީދު ބަންދުގައި ރަށުން ބޭރަށް ނުދެވުނީތީ ނަޝާ ހުރީ ގެއިން ބޭރަށް ނުކުމެލަން ބޭނުންވެފައެވެ. ރަޙުމަތްތެރިއަކާ ވާހަކަދައްކާލަން ބޭނުންވެފައެވެ. ހޭޒަލް މާލެ އަތުވެއްޖެކަން އެނގުމާއެކު ނަޝާ ގުޅީ އެހެންވެއެވެ. ފޯނުކޯލު ނިންމާލީ ދެ މީހުން ބައްދަލުވާނެ ގަޑިއާއި ތަން ކަނޑައަޅާފައެވެ.

ފޯނުކޯލު ނިންމާލި ވަގުތު ހޭޒަލްގެ ޢާއިލާގެ މެދުގައި ހަދާފައިވާ ވައިބާ ގުރޫޕަށް މެސެޖު އައިސްފައި ހުރުމުން އެ މެސެޖުތައް ހުޅުވާލިއެވެ. ދެ ދުވަހެއްގެ ތެރޭ ސާއިރާއާއި ރިޒްވާން މާލެ އަންނަ ޚަބަރު ޖަހާފައި އޮތެވެ. އަދި އެ މީހުން ތިބޭ ހޮޓެލްގެ ކޮޓަރީގެ ބެލްކަނީގައި މަޑުކޮށްލައިގެން ތިބެ ނަގާފައިވާ ފޮޓޯއެއް ފޮނުވާފައި އޮތެވެ. މަންމަގެ އުފާވެރި ހިނިތުންވުން ފެނި ހޭޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެ މެސެޖަށް އާތިޝް އެއްޗެއް ބުނެލީ ހޭޒަލް ފޯނަށް ބަލަން އިންދައެވެ.

އެޕާޓްމެންޓުގެ ދޮރު ހުޅުވުނު އަޑަށް ހޭޒަލްގެ ނަޒަރު ފޯނުން ދޮރަށް ދަތުރުކޮށްލިއެވެ. ގޭތެރެއަށް ވަން ލިއަމްއަށް ހޭޒަލްގެ ތުންފަތުގައިވި ހިނިތުންވުން އަޅައިގަތެވެ. އެހާ ހިނިއައިސްފައި ހޭޒަލް އިން ސަބަބަކާ މެދު ލިއަމް ސުވާލުކޮށްލިއެވެ. އެއާއެކު ލިއަމް ގާތު އެހާ ލަސްވީ ކީއްވެތޯ އަހާލަން ހިތު އަޅައިގެން އިން ކަންތައް ހަނދާންނެތި ވަގުތުން ލިއަމްގެ ސުވާލަށް ހޭޒަލް ޖަވާބުދިނެވެ. ފޯނުގައިވާ ސާއިރާއާއި ރިޒްވާންގެ ފޮޓޯ ލިއަމްއަށް ދައްކާލަމުން ހޭޒަލް ވާހަކަދައްކަން ފެށިއެވެ.

ހޭޒަލްގެ ކުރިމަތީ ހުއްޓިލައި ލިއަމްގެ އަތުގައި އޮތް ކޮތަޅު ދިއްކޮށްލިއެވެ. އޭގައި އެ ހުރީ ހޭޒަލްއަށް ގެނައި އެއްޗެހި ކަމުގައި ލިއަމް ބުނެލިއެވެ. އަދި އޭނާ އެ އައީ ކައިގެން ކަމުގައި ބުނެލިއެވެ. ދެ މީހުން އެކުގައި ކާން ނިންމައިގެން ހުރި ހޭޒަލްގެ މޫނުގައިވި އުފާވެރިކަން ފަނޑުވިއެވެ. ލިއަމް ދިއްކޮށްލި ކޮތަޅު ހިފައިގެން ބަދިގެ ތެރެއަށް ހޭޒަލް އައެވެ. ބަނޑުހައިވެފައި ހުރުމުން އިތުރުކަމަކަށް ވިސްނުމުގެ ބަދަލުގައި ހޭޒަލް ކާން ތައްޔާރުވިއެވެ. ލިއަމް ފޯނު ހިފައިގެން އޮށޯތީ ސޯފާގައެވެ. ޓީވީގެ ރިމޯޓޫ ނަގައި ލަވަ ޗެނަލަކަށް ބަދަލުކޮށްލުމާއެކު އޭނާ އޮތީ ފޯނަށް ގެއްލިފައެވެ. ހޭޒަލް ކައިގެން އައިއިރު ވެސް އޭނާ އޮތީ އެހެންނެވެ.

ރޭގަނޑު އަވަހަށް ނިދާފައި ވަރަށް ފަތިހާ ހޭޒަލް ހޭލާނެއެވެ. ކައިވެންޏަށްފަހު ދިރިއުޅުންވަނީ ވަކިގޮތަކަށް ރޭވި އެގޮތަށް ހޭނިފައެވެ. ކޮންމެ ދުވަހަކު ވެސް މައިގަނޑު އޭނާ ކުރަން ހުންނަނީ އެއްކަންތައްތަކެވެ. ވަޒީފާއަށް ނުދާތީ ހުސްވަގުތު ވަރަށް ގިނައެވެ. އެހާ ބިޒީކޮށް އުޅޭ ފިރިއަކާއެކު އުޅެން ޖެހުމުން ވެސް އެކަނި އުޅޭން ޖެހޭ ވަގުތު އިތުރުވެފައި ވެއެވެ. އެޕާޓްމެންޓަކީ އިތުރު ބަޔަކު އުޅޭތަނެއްނޫނެވެ. ލިއަމްގެ ޢާއިލާ މީހުންގެ ގާތަށް ހޭޒަލް އެކަނި ގޮސް ނުހަދައެވެ. މުޅިން ވެސް ދާނީ ލިއަމްއާ އެކީގައެވެ. އެމީހުން ކިތަންމެ ރަނގަޅު ނަމަވެސް ހޭޒަލްއަށް އާދަވެފައި ހުރީ އެގޮތެވެ. ދޭތެރެއަކުން މުހުސިނާ ގުޅާ ހޭޒަލްއާއި ލިއަމްގެ ހާލު ބަލާނެއެވެ. އެގެއަށް އަންނަލެއް މަދުވެއްޖެނަމަ އެކަމާ ވެސް ޝަކުވާކުރާނެވެ. ހޭޒަލްއަށް ލިބުނު މައިދައިތައަކީ ޔަގީނުން ވެސް ނުބައި މީހެއް ނޫނެވެ. ދަރީންދެކެ ލޯބިވާ ފަދައިން އެ ދަރީން އިނދެގެން އުޅޭ ކުދީންނަށް ވެސް ހެޔޮ މައެކެވެ.

ނިދަން ދަމުން ހޭޒަލް ލިއަމްއަށް ގޮވާލިއެވެ. ކޮންއިރަކުންތޯ ނިދާނީ އަހާލިއެވެ. އެގާރަޖަހަން އުޅޭއިރު ހޭޒަލް ނިދިއައިސްގެން ތާއްޔާ ޖެހެނީއެވެ. ސޯފާއިން އޭނާ ތެދުވީ އެހެންވެއެވެ. ބޭނުންވަނީ ލިއަމްއާއެކު އެނދަށް އަރާ އޮށޯންނާށެވެ.

"ލޯބި ދާންވީނު... އަހަރެން ދެތިން އެޕިސޮޑް ބަލާލާފަ ދާނީ، އަދި ނިންޖެއްނެތް" ބަލަން އޮތް އިނގިރޭސި ސީރީޒްއަށް ގެއްލިފައި އޮވެ ލިއަމް ބުނެލިއެވެ. އެތަނުގައި އިންނަން ބޭނުންވިޔަސް ނިންޖާހެދި އެކަން ނުވާނޭކަން އެނގޭތީ ހޭޒަލް ހިނގައިގަތީ ކޮޓަރިއަށް ވަންނާށެވެ. އެހިނދު ލިއަމް ގޮވާލާފައި ސިޓިންރޫމުގެ ބޮކި ނިއްވާލަ ދިނުމަށް ބުންޏެވެ. އަދި "ލަވް ޔޫ... ގުޑްނައިޓް" އޭ ބުނެލިއެވެ.

* * * * *

ޖެހިގެން އައި ދުވަހުގެ މެންދުރުވީ ފަހުން ލިއަމް އެނދުން ހިއްލާލައި ހޭޒަލް ވީ ހިސާބެއް ބަލާލިއެވެ. ލައިގެން ހުރި ބޮކްސާ ކޮޅާއެކު ކޮޓަރިން ނުކުމެ ސިޓިންރޫމަށް ބޯއަރިކޮށް ބަލާލިއެވެ. ޓީވީ ހުޅުވާފައި ހުއްޓެއްކަމަކު އެތަނުގައި ހޭޒަލްއެއް ނެތެވެ. އެހެންވެ ބަދިގޭގައި ކަން ހޭޒަލް ހުންނާނީ ޔަގީންވިއެވެ. އެހިސާބަށް ނާދެވެނީސް ރޮށި ފިހާ ވަސް ލިއަމްގެ ނޭފަތުގައި ޖެހިއްޖެއެވެ. ބޭއިޚްތިޔާރުގައި ލިއަމްއަށް ހިނިތުންވެވުނެވެ.

"ހޭ ބޭބީ" ލިއަމް ގޮވާލިއެވެ.

"ހާއި... ތި ހޭލީތަ؟..." ތަވާމަތީ އޮތް ރޮށި ނަގައި ރޮށިއަޅާ ތަށީގެ ތެރެއަށް ލަމުން ހޭޒަލް ބުންޏެވެ. އޭނާގެ މަސައްކަތަށް ހުއްޓުމެއް ނުގެނެސް ލިއަމްއާ ވާހަކަދެއްކިއެވެ. ރޮށި ފިހާ ވަސް ދުވުމުން ކާހިތްވެއްޖެކަމުގައި ލިއަމް ބުނެލިއެވެ. ނިކަން އަވަހަށް ހޭޒަލް ރައްދުދިނެވެ. ފެންވަރައިގެން ނަމާދުކޮށްގެން އައިމަ ނޫނީ ކާކަށް ނުލިބޭނޭ އޭނާ ބުނެލީ ޒާތަކަށް ހިނިއައިސްފައި ހުރެއެވެ.

"ތީ މަންމަތަ؟" ލިއަމް ވެސް ހީނލާފައި ބުންޏެވެ.

"މަންމައަށް އެކަނިތަ އެހެން ބުނެވޭނީ" ހޭޒަލް ހަރުކަށި ގޮތް ދައްކާލަން އަޑަށް ބާރުލައި ބުނެލިއެވެ.

"ކަމޯން ބޭބީ... ތީ އަހަރެންގެ ވައިފްއޭ... އަހަރެންގެ މަންމައަށް ނުވެބަލަ... އަހަރެންގެ ވައިފް ވަރަށް ސުވީޓްވާނެ، ވަރަށް އަންޑަސްޓޭންޑިންވާނެ، އޭނަ ތިހެން އަމުރެއްނުކުރާނެ، ޝީ އިޒް ކޫލް ވިތް އެވްރިތިންގް، އަހަރެން އެހާ ލޯބިވަނީ ވެސް އެހެންވެ، މިއުޅޭ އެހެންމީހުން ގޮތަށް ކަންކަމާ ނުބެހޭނެ، ކޫސަނި ޝަކުވާއެއްނުކުރާނެ، މައި ވައިފް އިޒް ދި ބެސްޓް" ލިއަމް އައިސް އުނދުން ކައިރީ ހުރި ހޭޒަލްގެ ފުރަގަހުން ބައްދާލިއެވެ.

"އައްޗީ... ދަތްނޫގުޅާ ވަސް ދުވަނީ" ހޭޒަލް މޫނުކުނިކޮށްލިއެވެ. ބާރަށް ހޭންފެށި ލިއަމް އިހުނަށްވުރެ ހޭޒަލްއާ ގާތްވެލައި އޭނާގެ ކޮލުން ދޮންނަގަން ފެށިއެވެ. ފިރިމީހާގެ އެ ހަރަކާތުން ހޭޒަލްއަށް ވެސް ހެވުނެވެ. ހެނދުނު ހޭލައިގެން ލިއަމް އައިސް ގާތްވެލައިފިއްޔާ ހޭޒަލް އަބަދުވެސް އެފަދަ އެއްޗެއް ބުނެލާނެއެވެ.

ކުރަން ހުރި މަސައްކަތް ހޭޒަލް ނިންމާލާފައި ކޮޓަރިއަށް އައިސް ވަންއިރު ލިއަމް އުޅެނީ ފާޚާނާގައެވެ. އޭނާ ނުކުންނަން ވާއިރަށް ކޮޓަރިތެރެ ހޭޒަލް ރީތިކުރިއެވެ. ނަޝާއާއެކު ބޭރަށްދާން ހަމަޖައްސާފައި އޮތްކަން ރޭގައި ނުބުނެވޭކަން ހޭޒަލް ހަނދާންވީ ފޯނުން ނަޝާގެ މެސެޖެއް އައިސްފައި އޮއްވާ ފެނުމުންނެވެ. އެހެންވެ ލިއަމް ފެންވަރައިގެން ނުކުތުމުން ހޭޒަލް ގޮވާލީ އެ ވާހަކަ ބުނުމަށެވެ.

"ކޮންއިރަކުން މިރޭ އޮފީހަށް ދާނީ؟" ހޭޒަލް އަހާލިއެވެ.

"ދިހައެއް ނޫނީ ދިހަގަޑި ބައިކަން ހާއިރު... ޒެއްލު ކަމެއް ބޭނުމީތަ؟" ލިއަމް ބުންޏެވެ.

"ނަޝާ ގުޅި، އަހަރެމެން ބޭރަށް ދާން މިރޭ މިއުޅެނީ" ހޭޒަލް ބުންޏެވެ.

"ލާރިއެއް ބޭނުމީތަ؟ ނަޝާމެންގެއަށް ގެންގޮސްދޭންވީ ދޯ" ހޭޒަލް ބޭނުންވަނީ ކޮންކަމެއްކަން ލަފާކޮށްލައި ލިއަމް ބުނެލިއެވެ.

"އާން، ތި ދެކަން ވެސް ބޭނުން، އަހަރެންގެ އަތުގައި އެންމެފަހުން ހުރި ކޭޝް ވެސް ލިއަމް ގެންދިޔައީ" ހޭޒަލް ބުންޏެވެ. އޭނާ މަސައްކަތް ނުކުރި ނަމަވެސް ލިއަމް އަބަދުވެސް ހޭޒަލް ބޭނުންވާ ވަރަށް ފައިސާ ދެއެވެ.

* * * * *

ނުވައެއް ޖަހަނިކޮށް ހ.ޓުވައިލައިޓް ގޭ ދޮށަށް ލިއަމްގެ ސައިކަލު މަޑުކޮށްލިއެވެ. އޭނާގެ ފަހަތުގައި އިން ހޭޒަލް ސައިކަލުން ފޭބިއެވެ. ކޮފީ ނިންމާފައި ހިނގާލާފައި ގެއަށް ދާނީ ކަމަށް ހޭޒަލް ބުނުމުން ލިއަމް އެކަމާ ދެކޮޅެއް ނުހަދައެވެ. ގޭގެ ދޮރޯށިން ހޭޒަލް ވަންނަން ދެން ލިއަމް އިނުމަށްފަހު ސައިކަލު ދުއްވާލީ އިރުކޮޅަކު މަޑުކޮށްލާފައެވެ.

"ޒެއްލު... އާދޭ އެތެރެއަށް" ސިޓިންރޫމުގައި އިން އައިމަންއަށް ހޭޒަލް ފެނުމުން ބުންޏެވެ. އައިމަންއަކީ ނަޝާގެ ފިރިމީހާއެވެ.

"ކޮބާ ނަޝާ" އެތެރެއަށް ވަންނަމުން ހޭޒަލް އަހާލިއެވެ.

"ކޮޓަރީގަ ތައްޔާރުވަނީ... މައްކު ނިދީ ތަންކޮޅެއް ލަހުން" އައިމަން އެ ބުނީ އެމީހުންގެ ހަގު ދަރިފުޅުގެ ވާހަކައެވެ. އޭނާ ހޭޒަލްގެ ގާތު ކޮޓަރިއަށް ދިއުމަށް ބުނެލިއެވެ. އެހެންވެ ސޯފާގައި އިށީނުމުގެ ބަދަލުގައި ހޭޒަލް އައިސް ނަޝާއާއި އައިމަންގެ ނިދާ ކޮޓަރިއަށް ވަނެވެ.

"ސޮރީ ޒެއްލު، އަހަރެން ލަސްވީ ދޯ... ކީއްކުރާނީ، މިރޭ އަހަރެން ބޭރަށްދާން އުޅޭކަން އެނގިގެންކަންނޭނގެ އެކުއްޖާ ވެސް ނުނިދަން އުޅުނީ" އަވަސްއަރުވާލާފައި ޝޯލް އަޅަމުން ނަޝާ ވާހަކަދެއްކިއެވެ.

"އައިމަން ބުނެފިއޭ... މިރޭ ނަޝާ ފޮނުވާފަ އޭނާ ގޭ ޓިއުޓީގަ ދޯ" ހިނިތުންވެލައިގެން ހުރެ ހޭޒަލް ބުންޏެވެ.

"މަށަށް ނުކުމެވޭނީ މިހެންނު، ދެން އެ އުޅެނީ ކާނޭ އަނގަތަކެއްވިއްޔަ" ނަޝާގެ ފަރާތުން ފެނުނީ ކަމަކާ ހިތްހަމަނުޖެހިފައި ހުރި އަސަރެވެ. ކިހިނެއްވީތޯ ހޭޒަލްއަށް އަހާލެވުނީ ނިކަން އަވަހަށެވެ.

"އިހަށް ހިނގާ މިގެއިން ނުކުމެވޭތޯ، ގޮސްފަ އެ ވާހަކަ ކިޔައިދޭނަން" ފޫހި ރާގެއްގައި ނަޝާ ބުންޏެވެ.

ދެ ރަޙުމަތްތެރިންނަށް ގެއިން ނުކުމެވުނު އިރު ނުވަގަޑި ބައިވަނީއެވެ. ދެމީހުން ވެސް ގެއާ މާދުރަށް ދާކަށް ގަސްދެއްނުކުރިއެވެ. އެރީ ކޮފީ ކުލަބަށެވެ. އެތަނުގައި ހަމަޖެހިލެވުމާއެކު ފުރަތަމަ ވެސް ވާހަކަދެއްކީ ނަޝާއެވެ. ޢީދު ދަތުރު ކިހިނެއްތޯ އޭނާ އެއްސެވެ. ދަތުރު ދިޔަ ގޮތް ކުރު ގޮތަކަށް ހޭޒަލް ކިޔައިދިނެވެ. ފޯނުގައި ހުރި ފޮޓޯތައް ވެސް ހޭޒަލް ދައްކާލިއެވެ.

"ތި ދެ މީހުން އަނެއްކާ ވެސް ހަނީމޫނެއް ދޯ ތި ހަދާލީ" ނަޝާ ލާނެތް ރާގެއްގައި ބުންޏެވެ.

"ލިއަމް މަންމަ އަބަދު ފޫބުޑުގަ ޖައްސާފަ ހުންނަނީ، ދެމީހުން އެކަނި ދިމާއަކަށް ދާނޭ ފުރުޞަތެއް ނުލިބުނު، ލިއަމް ވެސް ނޫޅޭ މިފަހަރު އެހެންނެއް، ހީވަނީ މަންމަމެންނާއެކު ދިޔައީމަހެން" ހޭޒަލް ރަކި ގޮތަކަށް ބުނެލިއެވެ. އަދި ނަޝާ ހިތްހަމަނުޖެހިގެން އުޅެނީ ކޮންކަމަކާތޯ އެއްސެވެ.

"ރުޅި އާދެވޭނެ ދޯ ޒެއްލު، އަހަރެންނަށް ވެސް ހަމަޖެހިލާނޭ ފުރުޞަތެއް މިލިބެނީ މިހެން އަންނަ ޗުއްޓީއެއްގަ، ދެރަވޭ އައިމަންއާ ދިމާއަށް އަބަދު އެއްޗެހި ކިޔޭތީ، އެކަމަކު އޭނާގެ ވެސް ސަބަބުންނޭ މިހެންމިވަނީ" ނަޝާގެ ނިތަށް ރޫއަރާލިއެވެ.

"ވީގޮތެއް ބުނެބަލަ..." ނަޝާގެ ވާހަކަތައް މާދުރުދުރުން ހުރުމުން ހޭޒަލް ބުންޏެވެ.

"އަނެއްކާ ވެސް އެ ރަށުން ބަޔަކު އައީ، އެހެންނުވާނީ އަހަރެން މިއުޅެނީ މާލޭގެ ގަނޑުވަރެއްގަވިއްޔާ" ނަޝާ ލޮލަށް ހަދާލި ގޮތުން އޭނާ ފޫހިވެފައި ހުރި ވަރު ހޭޒަލްއަށް އިތުރަށް ބުނެދޭކަށް ނުޖެހުނެވެ. ހަމައެއާއެކު ނަޝާއަށް ވެގެން އުޅޭ ގޮތެއް ވެސް ހޭޒަލްއަށް ދެނެގަނެވުނެވެ. ނަޝާއާ ދިމާވެއްޖެނަމަ އެންމެ ގިނައިން ދެކޭ މަޢުލޫއަކީ އެއީ ވިއްޔާއެވެ.

ނަޝާއަކީ މާލޭ މީހެކެވެ. އައިމަން އަކީ މިލަދުންމަޑުލު ދެކުނިބުރިއަށް ނިސްބަތްވާ މީހެކެވެ. އެ ދެމެދުގައި އޮތް ގުޅުން ހީނަރުވަނީ އައިމަންގެ ޢާއިލާގެ ސަބަބުންނެވެ. އެމީހުންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ.

"މިފަހަރު ކާކުއައީ؟" ހޭޒަލްއަށް އަހާލެވުނެވެ.

"މަންމަ ނޫނީ ބައްޕަނަމަ އޯކޭ، ކުރިން ވެސް މަންމަ އައިސް މަސްދުވަހަށްވުރެ ވެސް ގިނަދުވަހު ހުރެފަ އެ ދިޔައީ، އެކަމަކު ދެން މިހާރު ހައްދުފަހަނައަޅައިގެން މިދަނީ، އަހަރެން މާލޭ މީހަކަށްވީ އަހަރެންގެ މަންމަ މާލޭ މީހަކަށްވީމަ ދޯ، އަހަރެން ދެ ދަރިން ގޮވައިގެން މިއުޅެނީ، ގޭގަ އެވަރަށް ތަންއޮތީކީ ނޫން، ދޮންބެއާއި ނާނަގެ އިތުރުން މަންމައާއި ބައްޕަ ވެސް އެ އުޅެނީ ގޭގަ، އެމީހުން އެއްޗެކޭ ނުބުންޏަސް އަހަރެންނަށް އެނގޭ އުނދަގޫވާކަން، އެ ޢާއިލާގަ އެންމެން ވެސް މަސައްކަތްކުރޭ، މާލެ އައިސް ގެސްޓުހައިސްއެއްގަ ހުރެވޭނެ ދޯ، ޢާއިލާގެ އެންމެނާ ތިމާގެ މީހުނަށް ދަންދެން އައިސް އަހަރެން އޮންނަ ތަންކޮޅަށް ނުވަނަސް، އަތުން ފައިން ކަމެއްނުކޮށް އަހަރެން ދަރީން ގޮވައިގެން ސުކޫލު ދޮށަށާ ތަންތަނަށް ދުވަމުން ހުރިހާ އިރަކަށް ކައްކަމުން، ފިރިމީހާގެ ކަންތައްތައް ކުރަމުން، ދެން ވެސް ކުރަން ހުންނަ ކަމެއް ކުރަން މިޖެނީ، އެހެން އައިސް ތިބޭއިރު އަހަރެންނަށް ވެސް ފަސޭހައެއްވާނޭ ހިތާ ކުޑަކުޑަކަމެއް ވެސް ކޮއްލަދިނިއްޔާ އަޅެ ފާފަވެރިވާނެތަ... ހުވާ!... އަހަރެންގެ ބޯ ފަޅައިގެންދާވަރުވޭ... ދަރީންނާ ފިރިމީހާއާއެކު އެކަނިވެލާނޭ ވަގުތުނުވޭ، ހުރިހާ ރުޅިއެއް ބަލާލެވެނީ އައިމަނަށް، އޭނާއަށް ބުނެވެންވާނެއެއްނު، އަހަރެން އުޅޭ ހާލު އެނގޭނެވިއްޔަ، ބަންދެއްވާއިރަށް އަވަހަށް ދަތުރު ހަދާނެ މާލެ އަންނަން... އެހާ ދެން އަމިއްލަ އެދުން ބޮޑުނުވިޔަސް ވެދާނެ ދޯ، އަނެއްކާ މޮޅުކަމަކީ ގޮންމެ ގޮތަކުން ވެސް ކޮންމެވެސް މީހަކު ބަލިވާނެ ޗުއްޓީއާ ދިމާކޮށް، އެ ވަރިހަމަ އަހަރެމެން ދެމަފިރިން ކިތަންމެ މުހިންމު ކަމެއް ރާވާފައި އޮތަސް، އައިމަން މަންމަގެ ނުފޫޒު އެންމެ ބޮޑީ، އެއްފަހަރު ވެސް މިފަހަރު ނެތޭ ވާހަކަށް ބުނާނޭ ހިތްވަރެއް އޭނާގެ ނުހުރޭ، އައިމަން ނޫނަސް ކިތަށް އަންހެން ދަރީންނާއި ފިރިހެން ދަރީން އެތިބީ، އެކަމަކު ކަމެއް ޖެހުނީމަ އެއްކަލަ އައިމަން، ޒެއްލުއަށް އެނގޭނެ، މިހާރު އަހަރެން ވެސް ޖޮބަށް ނުދާތީ އެއްޗެއް ނުލިބޭކަން، ހަމައެކަނި އައިމަންއަށް ލިބޭ އެއްޗަކުން އުޅެން މިޖެހެނީ، މި މީހުންނަށް ހީވަނީ މާލޭގަ އަމިއްލަ ތަންކޮޅެއް އޮތީމަ އަހަރެމެން އުޅެނީ ވަރަށް ތަނަވަހުގައޭ" ދެފަރާތަށް ބޯހޫރުވާލުމާއެކު ނަޝާ އޭނާގެ ނިތްކުރީގައި ފިރުމާލިއެވެ. ހޭޒަލްއަށް ނަޝާގެ މައްސަލަތަކަށް ހައްލުލިބޭނޭ ޚިޔާލެއް ވިސްނުމަކަށް ނައެވެ. އެހެންނަމަވެސް ނަޝާގެ ވާހަކަތަކުން އަމިއްލަ ދިރިއުޅުމުގައި އެފަދަކަމަކާ ކުރިމަތިލާން ނުޖެހުނީތީ ޝުކުރުވެރިވިއެވެ. އަނެއްކޮޅުން ހިތާއި ސިކުނޑީގައިވި އުދާސްކަން ހޭޒަލްގެ ކުރިމައްޗަށް ބަންޑުންކޮށްލެވުނީތީ ނަޝާއަށް ވަގުތީ ހިތްހަމަޖެހުމެއް ލިބުނެވެ. އެނބުރި ގެއަށް ދިއުމުން އަނެއްކާ ވެސް ކުރިމަތިލާން ޖެހޭނީ ފޫހިކަމާކަން ނަޝާއަށް އެނގެއެވެ. ދިރިއުޅުމުގެ ކަންކަމުގައި އެކުވެރިޔަކާ ޚިއްޞާކޮށް މަޝްވަރާކޮށްލުމަކީ ނަފްސަށް ލުއި ލިބޭކަމެވެ. ހާސްކަން ވަގުތީ ގޮތުން ވިޔަސް ފިލައިގެން ދާކަމެވެ. ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގި ކޮޅު ބެދިފައި ހުންނަ ދަނޑިވަޅެއްގައި ރާސްތާ ފަހިވެ ސާފުވެގެންދާ ކަމެއް ވެސް މެއެވެ.

"އޭތް!... ޢީދަށް ފުރަން އުޅެނިކޮށް ސައިފް ދުށީން" ހޭޒަލް އިނދެފައި މައުޟޫޢު ބަދަލުކޮށްލިއެވެ. ފިކުރުގެ ތެރެއަށް ރަޙުމަތްތެރިޔާ ގެއްލިފައި އިންތަން ދުށުމަށް ހޭޒަލް ނޭދޭތީއެވެ. އަނެއްކޮޅުން ނަޝާ ވެސް ޝައުގުވެރިވާނެ މައުޟޫޢުއަކަށް ވާނޭކަން ހޭޒަލްއަށް ޔަގީންވާތީއެވެ.

"ތީނަ އޭނައާ މީޓުކުރީތަ؟" ދެ ލޯ ބޮޑުކޮށްލަމުން ނަޝާ އަހާލީ އަންތަރީސްވެފައިވާ މީހަކު ފަދައިންނެވެ.

"ނޯވޭ... އޭނައަކަށް ނުފެނޭ ނަސީބަކުން، އަހަރެން ލިއަމްއާއެކު ސައިކުގަ ދަނިކޮށް، މާފަންނުކޮޅުން.... މިހާރު ކުރިއާ ތަފާތު، ތުނބުޅި ވެސް ބަހައްޓާފަ ހުރީ، އެކަމަކު ބޮލުގެ އިސްކޮޅު މަދުވެލާފަ ހުރީ، އޭރަށްވުރެ ހިކިއްޖެ، ހީވަނީ ޖިމް ޖައްސަނީހެން، އޭރު ވެސް އޭނާ ހުންނަނީ ނިކަން ބިޔަކޮށްނު" ހޭޒަލް އެ ބުނި ސައިފެއް ހުރި ގޮތް ސިފަކޮށްދޭން މަސައްކަތް ކުރިއެވެ.

"ހޫމް!... ހޫމް!... އަދިވެސް ހިތް ކިޔަނީތަ؟" ނަޝާ ދިމާކޮށްލިއެވެ.

"ދެން ނޫން..." ރަކި ގޮތަކަށް ހޭޒަލް ރާގެއްލާފައި ބުނެލަމުން މޭޒަމަތީ ބާއްވާލާފައި އޮތް ނަޝާގެ އަތުގައި ޖަހާލިއެވެ. އަދި ދެ މީހުން އެކުގައި ހީނގަނެއްޖެއެވެ.

"އަލުން ދިމާވީމަ ނޭނގެއެއްނު ވާނެގޮތެއް، އަސަރާއި ކުލުނު ހުރިވަރެއް އެނގޭނީ ސައިފުއަށް ވެސް ޒެއްލު ފެނުނު ނަމަ" ނަޝާ މިފަހަރު ވެސް ދިމާކޮށްލީއެވެ.

"ހީ ވިލް އޯލްވޭޒް ބީ މައި އެކްސް، އޭނާ ހުއްޓާ ދޯ އަހަރެން ލިއަމް ޚިޔާރުކުރީ... ހުރިހާ ގޮތަކަށް ވިސްނާފަ އަހަރެން އެ ނިންމުން ނިންމީ، އޭނާއަށް ވުރެ ހާސްބައި ލިއަމް ރަނގަޅު، އަހަރެންނަށް ނޭނގި ވަގުވަގަށް ކަންތަކެއް ލިއަމް ނުކުރޭ، އަނެއްކާ އިވޭ ކޮންމެ އަޑެއް ލިއަމް ޤަބޫލެއްނުކުރާނެ، ލިއަމްއާއެކު އަހަރެންނަށް އިޙްސާސެއް ނުކުރެވޭ ބަންދުވެފައި އިން ކޮށްޓެއްގައި ހަޔަރުވެފައި އިނދެވޭހެން، އަހަރެން ހީނުކުރާ ވަރަށް ލިއަމް އަހަރެންނަށް އިތުބާރުކުރޭ، ޓޯޓަލީ ސައިފްއާ އޮޕަސިޓް، އަހަރެން ސައިފްއާ މެރީކުރިނަމަ މިހާރު މިއުޅޭ ކަހަލަ ހެޕީ ލައިފެއް ނުލިބޭނެޔޭ އަހަރެންގެ ހިތްބުނޭ، އޭރުވެސް ނަޝާއަށް އެނގެއެއްނު، އޭނާއާއެކު އަހަރެން އުޅުން އިރު ދެ ހަފްތާ ހަމަޖެހިލައިގެން ނޫޅެވޭނެ، އަހަރެން ކިހާ ވަރަކަށް ރޮނީ އޭނާ ކަންތައްކުރާ ގޮތުން، މީހަކު ހަމަ އެއްޗެއް ބުނެލާއިރަށް ޤަބޫލުކޮށްލާނެ، އެކަމުގެ ވަރު އަހަރެންނަށް ބަލާލާނެ" ހޭޒަލްގެ މާޒީއިން ސޮފުހާތަކެއް އޭނާ ނިއުޅާލިއެވެ.

"އާން! އަހަރެން ވެސް ބުނާނީ ލިއަމް ވަރެއް ހަމަނުވާނޭ، އޭނާ އެއީ ޑްރީމް ހަސްބަންޑެއް، ޕާފެކްޓް ލައިފް ޕާޓްނަރެއް، ޒެއްލުގެ ނަސީބު ހަމަ އެއީ... ދެން ތި ދެމީހުން ވެސް އަވަހަށް ދަރިއަކު ހޯދަން އުޅެބަލަ، އަހަރެމެންގެ ތެރޭ ދަރިއަކުނެތީ މިހާރު ޒެއްލުގެ އެކަނި" ނަޝާގެ ހިތުގައި އޮތް އެއްޗެއް ހާމަކޮށްލީ ހޭޒަލްއާ އޮންނަ ގާތްކަމެއްގެ ސަބަބުންނެވެ.

"މަވެސް ވަރަށް ބޭނުން، އެކަމަކު އަދިވެސް ލިއަމް އުޅޭ ގޮތުން ހީވަނީ ބޮޑުނުވާހެން، ހަރުދަނާ މީހަކަށްނުވާހެން، ދަރިއަކު ހޯދާ ވާހަކައެއް ލިއަމް ނުދައްކާ، އަހަރެން އިސްނަގާ އެ ވާހަކަ ދައްކައިފިއްޔާ ބުނާނެ، މިހެން އުޅެނިކޮށް ލިބުނިއްޔާ ލިބުނިއްޔާ، އެގޮތް އަހަރެންނަށް އެހާ ކަމަކުނުދޭ، އެންމެންނަކަށް މިހެން އުޅެނިކޮށް ދަރީންނެއް ނުލިބޭނެ ދޯ.... ބައެއްފަހަރު ދަރިއަކު ހޯދަން އެކަމަށް ރެޑީ ވެސް ވާންޖެހޭ، އަހަރެންނަށް ވެސް އެކަމާ ނޫޅެވިގެން މިއުޅެނީ އެހެންވެ، ބައެއްފަހަރު ހިތަށް އަރާ އަހަރެން އެބޯޓްވީމަ އެކަމާ ލިއަމް ވިސްނަނީ ބާއޭ، ދެވަނަ ފަހަރަށް ވެސް އެބޯތް ވެދާނޭތީކަމަށް ވެދާނޭ، ނޫނީ އަހަރެން އޭރު އަންސްޓޭބަލް ވިގޮތަށް ދެވަނަ ފަހަރަށް ބޭބީ ލޮސްޓްވެއްޖެއްޔާ މާގޯސްވެދާނޭ، އޭނާ ވޮރީވާކަމެއް އަހަރެންނަކަށް ނުވެސްދައްކާނެ، ވޮރީވާކަމެއް އޮތްނަމަ އަހަރެންނާ ވެސް ޝެއާކުރީމަ ދޯ އެނގޭނީ، އަބަދުވެސް ހުންނާނީ ވަރަށް ހަމަޖެހިފަ... ފެށުނީއްސުރެން ވެސް އެއީ އޭނާގެ ގޮތް" ހޭޒަލްގެ މޫނުން ނުތަނަވަސްކަން ފާޅުވެލިއެވެ.

"އޭނާ އަދިވެސް މާ ސަކަރާތްބޮޑީ ދޯ، އެކަމަކު އަހަރެންނަށް ހީވަނީ ލިއަމް ވެސް ވަރަށް ވިސްނާނެހެން، އޭނާ އަސްލު ޒެއްލުއަށް ކިހާ ކެއާކުރޭ، ތިވާނީ ޒެއްލު އިމޯޝަނަލް ވެދާނެތީ އޭނާ އެކަންކަން ޝެއާ ނުކުރަނީ ކަމަށް" ނަޝާ ބުންޏެވެ.

"މިހާރު ޓުވެންޓީ ސިކްސް މިވީ، މިހާރު ދެން ކުއްޖަކު ހޯދަން ވަރަށް ބޮޑަށް ޓްރައިކުރަންވެއްޖެ، ތާޓީއަށްވުރެ މައްޗަށް ދިޔައީމަ ކޮމްޕްލިކޭޝަންތައް އިތުރުވާނެ، އޭރުން ޕްރެގްވާން ވެސް އުނދަގޫވާނެ، އަނެއްކާ ދެމީހުން ކުރެ މީހެއްގެ މައްސަލައެއް ހުރިއްޔާ ވެސް ޓްރީޓްމެންޓެއް ފެށޭނީ ވެސް މިހާރު އެކަމާ އުޅެގެން... ނޫންތަ ނަޝް" ހޭޒަލް ކަންބޮޑުވާ ކަންތައް ބުނެލިއެވެ.

"ތީ ވެސް ތެދެއް، ޒެއްލު ތި ވާހަކަތައް ލިއަމް ގާތުގައި ބުނެބަލަ، އޭނާއާ ނިކަން ސީރިއަސްކޮށް ތި ވާހަކަދައްކަބަލަ، އޭނާ ޒެއްލު ދައްކާ ވާހަކަ ވަރަށް ޤަބޫލުކުރެއެއްނު" ނަޝާ ޚިޔާލު ދިނެވެ. ހޭޒަލް އެކަމާ ބޯޖަހާލީއެވެ.

އެކުވެރިޔާއާ ބައްދަލުވުމުން ދެމެދުގައި އެތައް ވާހަކައެއް ދެކެވި އެތައް ޚިޔާލެއް ބަދަލުކުރެވުނެވެ. އަމިއްލަ ފިރިމީހާ ގާތު ނުދައްކާނޭ ކަހަލަ ވާހަކަތައް ވެސް ދެކެވުނެވެ. ހޭޒަލްއާއި ނަޝާ ގެއާ ދިމާއަށް މިސްރާބު ޖެހީ ނިކަން ހަމަޖެހިފައި ތިބެއެވެ. ވަކި ހިސާބަކުން މަގުމަތިން ނަޝާއާ ވަކިވެ ހޭޒަލް އޭނާގެ ގެއާ ދިމާއަށް އައެވެ. ބާރަޖަހަން ކައިރިވެފައި ހުރިއިރު ވެސް މަގުތައް މަތިން މީހުންނާއި ދުއްވާ އުޅަނދުތައް މަދެއް ނުވިއެވެ. ފޭރޭ މީހުންނާއި މަގުމަތިން ދާއިރު ފޮށޭ މީހުން ގިނަވެފައިވާ ދުވަސްވަރެއްގައި ހޭޒަލް ހިނގަމުން އައީ ވަރަށް ވިސްނައިގެން ސަމާލުވެ ހުރެއެވެ. ހަށިގަނޑުގެ ހުރަހަށް އަޅާލެވިފައި އޮތް އަތްދަބުގައި ބާރަށް ހިފަހައްޓާލައިގެން ހުރެއެވެ.

އެޕާޓްމެންޓަށް ވަދެވުމާއެކު ދޮރުލައްޕާލައި ފުރަތަމަ ވެސް ހޭޒަލް ބެލީ ބޮކިތައް ދިއްލާލެވޭތޯއެވެ. އަނދިރިވެފައި އޮތުމުން ލިއަމް ގެއަށް ނާދޭކަން އެނގުނެވެ. ސިޓިންރޫމު ދިއްލާލައި ހޭޒަލް ކޮޓަރިއަށް ވަދެފައި ނުކުތީ ހެދުން ބަދަލުކޮށްލައިގެންނެވެ. ފޯނުން ލިއަމްގެ ނަންބަރަށް އޭނާ ގުޅާލިއެވެ. ނިކަން އަވަހަށް ލިއަމް ފޯނު ނެގިއެވެ. އޮފީސް ކަންކަން ނިންމާލައި ރައްޓެހިންނާއެކު ކޮފީއަކަށް އަރާ އިންކަމުގައި ބުންޏެވެ. ގެއަށް އިރުކޮޅަކުން ދާނަން ކަމަށް ބުނެ ކޯލު ކުރުކޮށްލީއެވެ.

ސޯފާގައި އޮތް ހޭޒަލްއަށް ހިލަމެއްވީ މީހަކު އޭނާ ހިއްލާލިހެން ހީވެގެންނެވެ. ސިހިފައި ލޯ ހުޅުވާލެވި މީހާއަށް ތެޅިގަނެވުނު ވަގުތު ލިއަމް ގޮވާލިއެވެ.

"ސޮރީ ބޭބް... ތަންކޮޅެއް ލަސްވީ ދޯ، ކީއްވެތަ ނިދިއައިމަ އެނދަށް ނުދިޔައީ" ލިއަމްގެ އަތްދަނޑިމަތީ އޮތް ހޭޒަލްއަށް ބުނެލިއެވެ.

"ލިއަމް އިރުކޮޅަކުން މިއަންނަނީއޭ ބުނީމަ، ނިދާކަށްނޫނޭ އޮތީ" ލިއަމްގެ ކަނދުރާގައި މޫނު ފޮރުވާލަމުން ހޭޒަލް ބުންޏެވެ.

ތަންމަތީގައި ހޭޒަލް ބައްވާލުމާއެކު އޭނާގެ ގައިގާ ލިއަމް ރަޖާ އަޅާލިއެވެ. އަދި އޭނާ ވެސް ފާޚާނާއަށް ވަދެލާފައި މިއަންނަނީ ނިދަން ކަމުގައި ބުނުމުން ހޭޒަލް ބޯޖަހާލައި ކައިރީގަ އޮތް ކަންނެޔޮގަ ބައްދާލައިފިއެވެ. އަނެއްކާ ވެސް ނިދީގެ ތެރެއަށް ހޭޒަލް ގެނބުނީއެވެ. ލިއަމް އައިސް އެނދަށް އެރިކަމެއް އޭނާ ނުދެނަހުއްޓެވެ.

* * * * *

ރިންގުވަމުން ދިޔަ ފޯނު ޗާޖަރުން ނައްޓާލައި ހޭޒަލް ބަލާލިއެވެ. އާތިޝް ގުޅާތީ ފެނުމުން އަވަސް އަވަހަށް ކޯލަށް ޖަވާބުދިނުމަށް ކަންފަތާ ކައިރިކޮށްލިއެވެ.

"މަންމާ..." އިވުނު އަޑުން ހޭޒަލްއަށް ލިބުނީ ހައިރާންކަމެވެ. އޭނާ ހުރީ ސައިރާ މާލެ އަންނަ ދުވަސް މަތިން ހަނދާންނެތިފައެވެ. އާތިޝްގެ ފޯނުން ސާއިރާ ގުޅީތީ އޭނާ ވެސް އެ ހުރީ މަންމަ ގާތުގައިކަން ހޭޒަލްއަށް އެނގުނެވެ. އެހެންވެ ހޭޒަލް ވެސް މަންމަ ދުށުމަށް ވަކިން ބޮޑަށް ބޭނުންވިއެވެ.

"ބިޒީ ނޫނިއްޔާ ލިއަމްއާއި ޒެއްލު އާދެބަލަ" ސާއިރާ އެދުނެވެ.

"ހަމަމިހާރު މި ލިއަމްއަށް ގުޅަނީ... މަންމަ ރަނގަޅުތަ؟" ހޭޒަލް އުފާވެފައި ހުރިވަރު އޭނާ ނުފެނުނަސް އެ އަޑުން އެކަނި ވެސް ސާއިރާއަށް އެނގޭނެކަން ޔަގީނެވެ.

"މަންމަގެ ހާލު ބަލަން ދެ ކުދީން އަވަހަށް އާދެބަލަ... ދޮންބެއާއި ކީރާ ވެސް އެބަތިބި، ލިއަމް ބިޒީއާ ދޮންބެ ފޮނުވަންތަ ޒެއްލު ބަލާ" ސާއިރާ އެދުނެވެ.

"ލިއަމް މިހާރު އަންނަން އުޅޭނެ، ފަސްގަޑި ބައިވަންވާއިރަށް އޭނާ އާންމުކޮށް ހުންނާނީ ގޭގަ، އޭނާއާއެކު މިދަނީ އިނގޭ މަންމާ" ހޭޒަލް ބުންޏެވެ. ސާއިރާ ކޯލު ކަނޑާލުމުން ހޭޒަލް އަވަސްވެލީ ލިއަމް ގެއަށް އަންނަންވާއިރަށް ތައްޔާރުވާށެވެ. އޭގެ ކުރީން އޭނާ ލިއަމްއަށް ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނެގިއެވެ. އެހެންވެ ފޯނަށް މެސެޖެއް ކުރިއެވެ. ޔަގީނުން ވެސް ލިއަމް ވަޓްސްއެޕް މެސެޖުތައް ބަލާނެކަން ޔަގީންވެއެވެ.

ގޭތެރެއަށް ވަދެގެން އައި ލިއަމްއަށް ހޭޒަލް ފެނުމުން ބޭރަށް ދަނީތޯ އަހާލިއެވެ. އެއާއެކު ހޭޒަލްއަށް ވެސް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އިރުކޮޅަކު ހުރެފައި މަންމަ މާލެ އަތުވެއްޖެކަމާއި ގެއަށް އައުމަށް މަންމަ ބުނެފިކަން ހޭޒަލް ބުންޏެވެ. އަދި ލިއަމްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދިނީތީ މެސެޖު ވެސް ކުރިކަން ހޭޒަލް ހާމަކުރިއެވެ.

"ވަރަށް ބިޒީކޮށް މިއަދު އުޅުނީ... ވަރަށް ހޫނުވެފަ މިހުރީ، އަހަރެން ފެންވަރާލައިގެން އެބަނުކުންނަން، ނުކުމެފަ ވާހަކަ ދައްކަމާ" ލިއަމް ބުނެލިއެވެ. ހޭޒަލްއަށް އޯކޭއޭ ބުނެވުނީ ފާޑަކަށެވެ. ލިއަމް ފެންނަނީ ކޮންމެވެސް ކަމަކާ ބޮލުގައި ރިއްސައިގަނެފައި ހުރިހެންނެވެ. އެކަމުގެ ސަބަބުން ހޭޒަލްއާ ވެސް ވާހަކަދައްކަން އޭނާއަށް އުނދަގޫވެފައި ވާ ކަހަލައެވެ. ހޭޒަލްއަށް ބަލާލުމެއްނެތި އަވަސް އަރުވާލާފައި އޮފީސް ހެދުންތައް ބާލައި ދާވަށިގަނޑަށް ލާފައި ފާޚާނާއަށް ވަދެ ލިއަމް ދޮރު ލައްޕާލައިފިއެވެ. އެ ހުރިހާއިރު ލިއަމްގެ ހަރަކާތްތަކަށް ބަލަން ހޭޒަލްއަށް ހުރެވުނީއެވެ. މަޑުމަޑުން އައިސް އެނދުގެ ފައިލާ ކޮޅުގައި ހޭޒަލް އިށީނެވެ. އޭނާ އެ އިނީ ލިއަމް ފާޚާނާއިން ނުކުންނާނޭ އިރަކަށެވެ.

"ލޯބީ... ކަމެއް ގޯސްވީތަ؟" ފާޚާނާއިން ލިއަމް ނުކުތުމާއެކު ހޭޒަލް އަހާލިއެވެ.

"ކަމެއްނުވޭ، ޒެއްލު އޭރުކީ ކީކޭތަ؟ މަންމަ އައިއޭ" މިފަހަރު ލިއަމްގެ ފުށުން ފެނުނު އަސަރުތައް ތަފާތެވެ. ހޭޒަލްގެ ލިއަމް އަނބުރާ އަތުވެއްޖެއެވެ. އޭނާގެ ސަމާލުކަން ހޭޒަލްއަށް ހުއްޓިފައި ވިއެވެ. ލިއަމްގެ ޢަމަލުތައް ހޭޒަލް ދެނަގަތެވެ. އޭނާ ދުލުން ނުބުނި ކަމުގައި ވިޔަސް އެ އިޝާރަތްކުރަނީ އިތުރު ސުވާލުތަކެއް ނުކުރުމަށްކަން އޭނާއަށް އެނގެއެވެ. އެފަދަ ސުވާލުތަކަށް ލިއަމް ޖަވާބުދޭން ބޭނުންނުވަނީ ކީއްވެކަމެއް ހޭޒަލްއަކަށް ނުވިސްނެއެވެ.

"އަހަރެންގެ މަންމަ ގުޅިއޭ، މާލެ އަތުވެއްޖޭ... ލިއަމްއާއެކު އަންނާށޭ މަންމަ ބުންޏޭ... އަބަދު މާލެއަކު މަންމަ ނުހުރެއެއްނު، އެހެންވެ އަހަރެން ވެސް ހިތަށް އެރީ މަންމަ ގާތަށް އަހަރެމެން ދެ މީހުން އެކީއޭ ދާނީ" ފަރުވާތެރިކަމާއެކު ކަމެއް އޮޅުން ފިލުވައި ދޭ ފަދައަކުން ހޭޒަލް ބުންޏެވެ.

"ހިނގާ ދާން، ދެ މިނެޓް ތެރޭ އަހަރެން ރެޑީވާނެ، ޒެއްލު ނިމިފަ ދޯ ތިހުރީ... އެކަމަކު ބުނަން، އަހަރެންނަށް ވަރަށް ބަނޑުހައިވެފަ މިހުރީ އިނގޭ" ރީތިވާ މޭޒުކައިރީ ހުރެ ލިއަމް ވާހަކަދެއްކިއެވެ. އޭނާ ހަމަޖެހިފައި ހުރުމުން ހޭޒަލް ދުށް ކަންތައްތަކަށް ޖަވާބެއް ނުލިބުނަސް އެކަން މަތިން ހަނދާންނައްތާލިއެވެ. އަދި މަންމައާ ބައްދަލުވާން އުޅޭތީ ގެއަށް ދާއިރު އެއްޗެއް ހިފައިގެން ދިއުމާމެދު ލިއަމްއާ ޚިޔާލު ބަދަލުކުރިއެވެ.

(ނުނިމޭ)