ހަބަރު

ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް އެޗްއާރުސީއެމްއިން ޒިޔާރަތްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކޮށްފި އެވެ.

އެޗްއާރުސީއެމްއިން ބުނީ އިއްޔެއާއި މިއަދު އެ ކޮމިޝަނުން ކުރި އެ ޒިޔާރަތުގެ މަގްސަދަކީ ރިހެބިލިޓޭޝަން ސެންޓަރަށް ފަރުވާއަށް އަންނަ ފަރާތްތަކާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ އަމަލެއް އެ ސެންޓަރުން ފަރުވާ ނަގަމުންދާ ފަރާތްތަކާ މެދު ހިނގާތޯ ބެލުމެވެ. އަދި މި ފަރާތްތަކުގެ އާންމު ހާލަތު ދެނެގަތުމާއި މި ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާންމު ހާލަތު ދެނެގަތުމަކީ ވެސް އެ ޒިޔާރަތުގެ މަގްސަދެއް ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

އެ ޒިޔާރަތުގައި ހިންމަފުށީ ރީހެބިލިޓޭޝަން ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން މައުލޫމާތު ސެޝަނެއް ނަގާދީފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ. އެ ސެޝަންގައި އެންޓި ޓޯޗާ ގާނޫނާއި، އދ. ގެ ސްޓޭންޑަޑް މިނިމަމް ރޫލްސް ފޮ ދަ ޓްރީޓްމަންޓް އޮފް ޕްރިސަނާސްގެ އުސޫލުތަކުގެ މައުލޫމާތު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމްގެ އެ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ކަރުދާހެއް އެ ސެންޓަރުގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީއާއި، ޖެންޑާ މިނިސްޓްރީއަށް ހިއްސާކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ފާހަގަކުރެވުނު ކަންތައްތަކުގެ ތަފުސީލީ ރިޕޯޓެއް އެކުލަވައިލާ ފަހުން ސެންޓަރާއި ޑްރަގް އޭޖެންސީއާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

އޭގެ އިތުރުން އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި އިސްލާހު ކުރަން ހުށަހަޅާނެ ކަންކަމާ ގުޅޭ ގޮތުން ހިންމަފުށީ ސެންޓަރާއި ނޭޝަނަލް ޑްރަގް އޭޖެންސީއާއި ޖެންޑާ މިނިސްޓްރީގެ އިސްވެރިންނާއެކު ބައްދަލު ކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެ ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ފޮލޯއަޕް ހެދުމަށް ވެސް އެޗްއާރުސީއެމުން ވަނީ ނިންމައިފަ އެވެ.