ޗެމްޕިއަންސް ލީގް

ޗެމްޕިއަންސް ލީގް ގުރު ނަގައިފި

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި އިޓަލީގެ ދެ ވަނަ ނަޕޯލީއާ ވާދަ ކުރަން ޖެހިއްޖެ އެވެ.

އެންމެ ފަހުގެ ރަނަރަފް، ޓޮޓެންހަމްްހޮޓްސްޕާސް ވާދަ ކުރަން ޖެހެނީ، ޖަރުމަންގެ ބަޔާން މިޔުނިކާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގްގެ އެންމެ ފަހުގެ ސެމީ ފައިނަލިސްޓުންގެ ތެރެއިން އެފްސީ ބާސެލޯނާ އަށް ލައްވާލީ ޗެމްޕިއަންސް ލީގްގެ މަރުގެ ގުރޫޕާ އެވެ. ބާސާ ހިމެނޭ ގުރޫޕް އެފްގައި ހިމެނެނީ ޖަރުމަންގެ ވަރުގަދަ ބާރު ބުރޫޝިއާ ޑޯޓަމުންޑް އާއި އިޓަލީގެ ގަދަ ބާރު އިންޓަ މިލާން އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސްއަށް ވެސް ލައްވާލީ ވަރުގަދަ ގުރޫޕަކާ އެވެ. ޔުވެންޓަސް ހިމެނޭ ގުރޫޕް ޑީގައި ހިމެނެނީ، ސްޕެއިންގެ ވަރުގަދަ ބާރު އެތުލެޓިކޯ މެޑްރިޑާއި ޖަރުމަންގެ ވަރުގަދަ ބާރު ބަޔާން ލެވަކޫސަންގެ އިތުރުން ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އެވެ.

ޗެމްޕިއަންސް ލީގްގެ 13 ފަހަރު ކާމިޔާބު ކުރި، ރެއާލް މެޑްރިޑް ލައްވާލީ ފްރާންސްގެ ވަރުގަދަ ބާރު ޕީއެސްޖީއާ ދެކޮޅަށެވެ. އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ލައްވާލީ ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކް އާއި ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރާބްގެ އިތުރުން އިޓަލީގެ އެޓަލާންޓާ އާއެކު ގުރޫޕް ސީ ގަ އެވެ.

އެންމެ ފަހުގެ ސެމީ ފައިނަލިސްޓް ހޮލެންޑްގެ އަޔެކްސް ލައްވާލީ ޗެލްސީ އާއި ވެލެންސިއާ އާއި ލިއްލޭ އާއެކު ގުރޫޕް އެޗްގަ އެވެ. ޕޯޗްގަލްގެ ޗެމްޕިއަން ބެންފީކާ ލައްވާލީ ރަޝިއާގެ ޗެމްޕިއަން ޒެނިޓް ޕީޓާސްބާގް އާއި ފްރާންސްގެ ލިޔޯން އަދި ޖަރުމަންގެ ލެޕިޒިގް އާއެކު ގުރޫޕް ޖީ ގަ އެވެ.