ސައިންސް

މާސްއަށް ހެލިކޮޕްޓަރެއް ފޮނުވަނީ!

ރެޑް ޕްލެނެޓް ނުވަތަ މާސްގައި އިންސާނުން އާބާދު ކުރަން ސައިންސްވެރިން ކުރާ މަސައްކަތަށް އެއްވެސް މަޑު ޖެހުމެއް ނެތެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އިންސާނުން ޖައްވުގައި އާބާދު ކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު ފަށައިފި އެވެ. އިންސާނުން އާބާދު ކުރެވިފައި އަދި ނުވިނަމަވެސް، މާސްއާ ބެހޭ ދިރާސާތައް ކޮށް، މާސް އަކީ އިންސާނުންނަށް އެކަށީގެންވާ ވެއްޓަކަށް ހެދުމަށްޓަކައި ނާސާއިން ދަނީ ބުރަ މަސައްކަތެއް ކުރަމުންނެވެ. އިންސާނުން އާބާދު ކުރަން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަސައްކަތް ކުރުމަށް ނާސާއިން ތަފާތު އުކުޅުތައް ވެސް ބޭނުން ކުރެ އެވެ.

ނާސާއިން މިހާރު މަސައްކަތް ކުރަމުންދަނީ، ދުނިޔޭގައި ބޭނުންކުރާ ކަހަލަ ހެލިކޮޕްޓަރެއް މާސް އަށް ފޮނުވާށެވެ. ނާސާގެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ހެލިކޮޕްޓަރު މެދުވެރިކޮށް މާ ފަސޭހައިން މާސްގެ މައުލޫމާތު ލިބިދާނެ އެވެ. ސަބަބަކީ މާސްގައި ގްރެވިޓީ ދުނިޔޭގައި ހުންނަ ވަރަށް ދަށްވުމެވެ. މިކަމުގެ ސަބަބުން ނާސާގެ ބޮޑެތި އަދި ބަރު އުޅަނދުތަކަށް މާސްގައި ހަރަކާތްތެރިވުމަށް އުނދަގޫތަކާ ދިމާވެ އެވެ. ނާސާއިން ބޭނުންވަނީ ވީހާވެސް އަގު ހެޔޮކޮށް މާސްގެ ދިރާސާތައް ކުރިއަށް ގެންދާށެވެ.

ނާސާގެ ޖެޓް ޕްރޯޕިއުލަޝަން ލެބޯޓަރީ (ޖޭޕީއެލް) ގެ އިންޖީނިއަރުންގެ ޓީމުން ބުނީ، މާސްއަށް ފޮނުވާ ހެލިކޮޕްޓަރު ސައިޒުން ބޮޑުވި ނަމަވެސް ބަރުދަން ވާނީ އާދައިގެ ހެލިކޮޕްޓަރެއްގެ ބަރުދަނާ އެއްވަރު ކަމަށެވެ.

އެ ހެލިކެޕްޓަރުގެ އިންޖީނު މަސައްކަތް ކުރާނީ ތެލުގެ ބަދަލުގައި ސޯލާ އެނާޖީންނެވެ. އެ ޓީމުން ބުނި ގޮތުގައި ހެލިކެޕްޓަރު އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓު މަހަށް ނިންމާލާނެ އެވެ. އަދި ހެލިކޮޕްޓަރު މާސްއަށް ފޮނުވަނީ 2021 ވަނަ އަހަރު އޮގަސްޓު މަހު އެވެ. ހެލިކޮޕްޓަރު ބޭނުން ކުރަން ހަމަޖެހިފައިވަނީ ޑްރޯން އެއްގެ ގޮތުގަ އެވެ.

އިންޖީނިއަރުންގެ ޓީމުން ބުނި ގޮތުގައި، ނާސާގެ ބޭނުމަކީ، މާސްގައި ގްރެވިޓީ ހުންނަ މިންވަރު ދަށްވި ނަމަވެސް، މާސް އަކީ ވެސް ދުނިޔެ ކަހަލަ ތަނަކަށް ހެދުމެވެ. މީގެ އެތަކެއް މިލިއަން އަހަރު ކުރިން މާސްގައި ބޮޑު ފެންކޯރެއް އޮތް ކަމުގެ ނިޝާންތަކެއް ވެސް ވަނީ ފެނިފަ އެވެ. އަދި ގަހެއް ކަމަށް ބެލެވޭ އެއްޗެއް ވެސް ވަނީ ފެނިފަ އެވެ.

ޕްލެނެޓުތަކުގެ ތެރެއިން ދުނިޔެއާ އެންމެ އެއްގޮތް ކަންތައްތަކެއް ލިބިފައިވަނީ މާސްއަށެވެ. ފެން ކޯރު ދެމިފައިވާ ގޮތުން، މާސްގައި ގްރެވިޓީގެ މިންވަރު ދަށްވި ނަމަވެސް އިންސާނުން އާބާދު ކުރެވޭނެ ކަމަށް ނާސާއިން ގަބޫލު ކުރެ އެވެ.

ޖޭޕީއެލްގެ އިންޖީނިއަރުން އިތުރަށް ބުނި ގޮތުގައި ހެލިކޮޕްޓަރުގައި އެއްވެސް އެއްޗެއް ނުގެންދާނެ އެވެ. އަދި ހެލިކޮޕްޓަރުގައި ހަރުކޮށްފައިވާ ޑްރޯންގެ އެހީގައި މާސްގައި ހުންނަ ހިލަތަކުގެ މޫވްމެންޓް ރިކޯޑް ކުރެވި، މާސް ގްރެވިޓީއަށް އިންސާނުން ހާނާލަން ފަސޭހަވާނެ އެވެ. އަދި ހެލިކޮޕްޓަރެއް ފޮނުވަން ނިންމީ، މަތިންދާބޯޓުތަކުގެ ތެރެއިން އެންމެ ލުއި އެއްޗަކީ ހެލިކޮޕްޓަރު ކަމަށްވެފައި އަދި ސޯލާ ޕެނަލް ބޭނުން ކޮށްގެން އިންޖީނު ހިންގޭނެ އެއްޗަކީ ހެލިކޮޕްޓަރަށް ވުމުންނެވެ. ހެލިކޮޕްޓަރު ކޮންޓްރޯލް ކުރުމުގެ އެއްވެސް މަސައްކަތެއް ނާސާގެ ޓީމަކުން ނުކުރާނެ އެވެ.

"ހެލިކޮޕްޓަރެއް ފޮނުވާލައިގެން ގްރެވިޓީއާ ދެކޮޅަށް ކަމެއް ކުރެވޭނޭތޯ މީހުން ސުވާލު އުފައްދާނެ، އެކަމަކު މީގެ ބޭނުމަކީ ހެލިކޮޕްޓަރުގައިވާ ޑްރޯން ބޭނުން ކޮށްގެން ރިކޯޑް ކުރެވޭ މަންޒަރުތަކަށް ބަލައިގެން، އެ ގްރެވިޓީއަށް އެސްޓްރޮނޯޓުން ހޭނުން، މިއީ މާސްގެ ގްރެވިޓީއާ ދެކޮޅަށް ކުރެވޭ ކަމެއް، މަންޒަރުތައް ބަލައިގެން ފަސޭހަވާނެ މާސްގެ ގްރެވިޓީއަށް އިންސާނުން ހާނަން، މާސްގެ ގްރެވިޓީއަށް އިންސާނުން ހޭނިފައި ތިބުމަކީ މާސްގައި އިންސާނުން އާބާދު ކުރުމަށް ކުރަން ޖެހޭ މުހިންމު މަސައްކަތެއް" އިންޖީނިއަރުންގެ ޓީމުން ބުންޏެވެ.

ހެލިކޮޕްޓަރުގެ މައިގަނޑު މަސައްކަތަކީ މާސްގެ މަންޒަރުތަކުގެ ފޮޓޯ އަދި ވީޑިއޯކޮށް ނާސާއަށް ފޮނުވުމެވެ. މާސްގައި ގްރެވިޓީ ހުންނަ މިންވަރު ދަށްވުމާއި، މިހާރު ބޭނުން ކުރަމުންދާ ޖައްވީ އުޅަނދުތަކުން ފޮނުވާ ފޮޓޯ ތަކާއި ވީޑިއާތަކުގެ ކޮލިޓީ ދަށްވުމުން، ރަނގަޅަށް ދިރާސާ ކުރެވޭގޮތެއް ނުވެ އެވެ. ނާސާއިން އާންމުކުރާ މާސްގެ ފޮޓޯ ތަކަކީ، ގިނި ހިލަތަކުގެ ފޮޓޯ ނެގުމަށް ބޭނުންކުރާ ސެޓްލައިޓުތަކުން ނަގާފައިވާ ފޮޓޯ ތަކެވެ.

މާސްގެ ގްރެވިޓީ އިންސާނުން ހޭނުމުގެ އިތުރުން މާސްގައި ހުންނަ ވިހަ ގޭސްތައް ނައްތާލުމުގެ މަސައްކަތް ވެސް ސައިންސްވެރިން ކުރަން ޖެހޭނެ އެވެ. ސަބަބަކީ މާސްގައި ގްރެވިޓީގެ މިންވަރު ދަށްވުމުންނާއި، ވި ގޭސްތަކުގެ ސަބަބުން، މާސްއަށް ފައިބާ އެސްޓްރޯނޮޓުން ތިބެނީ މުޅިން އަވަދިވެފަ އެވެ. އަދި މާސްގައި ހުންނަ ވިހަ ގޭސްތަކުގެ ތެރޭގައި ހުންނަ ސާފު ވައިގެ އަދަދަކީ އެންމެ ޕަސަންޓަކެވެ.

ވިހަ ގޭސްތައް މާސްއިން ނައްތާލުމަށް ނާސާގެ ސައިންސްވެރިން ދެ ގޮތަށް ގެންގުޅެ އެވެ. އެއްގޮތަކީ މާސްގައި ގަސް އިންދައި އޮކްސިޖަން ލެވެލް މަތި ކުރުމެވެ. އަނެއް ގޮތަކީ ވިހަ ގޭސްތައް އާޓިފިޝަލް ވައިގެ އެހީގައި ބޭރު ކޮށްލުމެވެ.