ހަބަރު

ސަމިޓަށް ގައުމުތަކުގެ މަޖިލިސް ރައީސުން ވަޑައިގަންނަވަން ފަށައިފި

މާދަމާ ފަށާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅުންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސަރަހައްދުގެ ގައުމުތަކުގެ މަޖިލީހުގެ ރައީސުންނާއި އިސް ބޭފުޅުުން ރާއްޖެ ވަޑައިގަންނަވަން ފަށްޓަވައިފި އެވެ.

ސައުތް އޭޝިއަން ސްޕީކާސް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަން އަފްޣާނިސްތާނުގެ މަޖިލީހުގެ ރައީސް ރަހްމާން ރަހްމީ އާއި އިންޑިއާގެ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް އޯމް ބިރްލާ އާއި، އެ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަން ހަރިވާންޝް ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފަ އެވެ.

އޭގެ އިތުރުން ބަންގްލަދޭޝްގެ މަޖިލީހުގެ ރައީސް ޑރ. ޝިރިން ޝަރްމިން ޗޯންދަރީ އާއި، ބޫޓާންގެ މަޖިލީހުގެ ރައީސް ވަންގްޗުކް ނަމަގްޔާލްއާއި، ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ގާސިމް ހާން ސުރީގެ އިތުރުން ސްރީލަންކާގެ މަޖިލީހުގެ ރައީސް ކަރުނަރަތްނެ ޖަޔަސުރީ އެ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ބޭފުޅުން ވެސް މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ ސްޕީކާސް ސަމިޓަކީ ސާކްގެ ހަތަރުވަނަ ސްޕީކާސް ސަމިޓެވެ. މިއީ ރާއްޖޭގައި މި ސަމިޓް ބާއްވާ ފުރަތަމަ ފަހަރެވެ. މި ސަމިޓްގައި ރާއްޖޭގެ މަޖިލީހުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.